ފ. އަތޮޅު ކައުންސިލް އިދާރާއިން ފ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފ. ވޮލީ މުބާރާތުގައި ފ. ނިލަންދޫ ކައުންސިލް އިދާރާ ތަމްސީލުކުރާ 02 ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މެންދުރު ޚާއްޞަ ފަރިއްކޮޅެއް ދީފިއެވެ. މި ފަރިއްކޮޅު އޮތީ މިއަދުގެ މެންދުރު 11:50 ގައި ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގައެވެ. މިއަދުގައި ބޭއްވި މި ފަރިއްކޮޅުގައި ނިލަންދޫގެ ޓީމުތައް ކުޅޭ ގުރޫޕް ސްޓޭޖްގެ މެޗްތަކުގައި ބޭނުންކުރުމަށް 08 ކޭސް ފެންވެސް ވަނީ ޓީމުތަކަށް ހަދިޔާކޮށްފައެވެ. މިޙަފްލާގައި ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ފ. އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޔައުޤޫބު ވިދާޅުވީ ނިލަންދޫއަށް ރީތިނަން ހޯދައި ދިނުމަށް އަބަދުވެސް ވޮލީޓީމުގެ ފަރާތުން ހިތްވަރާއެކު މަސައްކަތްކުރުމަށް އެދޭކަމުގައެވެ. އަދި މިޙަފްލާގައި ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ނިލަންދޫ ޕޮލިސް ސްޓޭޝަނަކީ މުޅިއަތޮޅުގެ މަސްލަޙަތާ ގުޅިފައިވާ ތަނެއްކަމަށާއި އެހެންނަމަވެސް މިއަދުގައި އޮންނަ ވޮލީ މެޗްތަކުގައި ނިލަންދޫ ވޮލީ ޓީމަށް ހިތްވަރު ދިނުމަށް އަމިއްލަ އިސްނެންގެވުމާ އެކު ކުރިއަށް ގެންދިޔަ މި ޙަރަކާތް ކުޅުންތެރިން ޝުކުރުވެރިކަމާއެކު ބަލައިގަންނަން ޖެހޭކަމުގައެވެ. އަދި މިފަދަ ކަންކަމުގައި ޕޮލިސް ސްޓޭޝަންގެ ފަރާތުން ދައްކަމުންގެންދާ ރިވެތި ނަމޫނާއަށްޓަކައި، ޕޮލިސް ސްޓޭޝަންގެ ވެރީންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.