ފ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިސްނަގައިގެން ފ. ނިލަންދޫ ކައުންސިލާއި ގުޅިގެން ދުނިޔޭގެ ލިޔަންކިޔަން ދަތުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ތާނަ އަތުލިޔުން ރީތިކޮށް ލިޔުމަށް ބާރު އެޅުމުގެ ގޮތުން ފ. ނިލަންދޫ ކައުންސިލް މުވައްޒަފުންނަށް އަމާޒުކޮށްގެން 2024 ސެޕްޓެންބަރު 10 ވަނަ ދުވަހު ބޭއްވި އަތުލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.
މި މުބާރާތަކީ ދިވެހިބަހަށާއި ތާނަ އަކުރަށް ކައުންސިލް އިދާރާގެ މުވައްޒަފުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުޤުވެރިކަން އިތުރުކުރުމާށާއި، ތާނަ ރީތިކޮށް ލިޔާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަޤުޞަދުގައި ބޭއްވި މުބާރާތެކެވެ. މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ދީފައިވާ ލިޔުމެއް ނަކަލު ކުރުމާއި، ޢަރަބި/ތާނަ ލަފުޒުތަކެއް ކިޔުމުން އެލަފުޒުތައް ނޯޓުކުރުމާއި އަދި ދިވެހިބަހުން ވާހަކަދައްކާ އޯޑިއޯ ވާހަކަކޮޅެއް އިއްވުމުން އިވެމުންދާވަރަކަށް ލިޔުން މިތިން ބައިގެ ހިމަނައިގެންނެވެ. ތަފާތު 3 ބައެއް ހިމަނައިގެން ކުރިޔަށް ގެންދިޔަ މިމުބާރާތުގައި ކައުންސިލް މެމްބަރުން ހިމެނޭގޮތަށް ޖުމުލަ 10 މީހުން ވަނީ ބައިވެރިވެފައެވެ. 2024 ސެޕްޓެންބަރު 20 ވަނަ ދުވަހު ކައުންސިލުން ކުރިޔަށްގެންދިޔަ ފާންކުރި މަދަޙަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި އަތުލިޔުމުގެ މުބާރާތުގެ އެކިއެކި ވަނަ ވަނަ އަށް އައި ފަރާތްތަކާއި އިނާމު ޙަވާލުކޮށްފައިވަނީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު އަދި ކައުންސިލްގެ ނައިބްރައީސް އިބްރާހީމް މުޙައްމަދުއެވެ. މުބާރާތުގެ 3 ވަނަ ހޮވިފައިވަނީ ފ. މަގޫދޫ ފެންފިޔާޒުގޭ ޚަދީޖާ ފާއިޤާއެވެ. މުބާރާތުގެ 2 އަށް ހޮވިފައިވަނީ ފ. ނިލަންދޫ ދޫގަސް ސަމީރާ އިބްރާހީމްއެވެ. އަދި މުބާރާތުގެ 1 ވަނަ ޙާޞިލްކޮށްފައިވަނީ ފ. ނިލަންދޫ ރަތްފުސްގެ ޢަބްދުއްލަޠީފް އިބްރާހީމްއެވެ. މުޅި މުބާރާތުން އެންމެ ރީތި ލިޔުމެއް ހުށަހަޅާދިން ފަރާތަކަށް ހޮވިފައިވަނީ ފ. ނިލަންދޫ ދޫގަސް ސަމީރާ އިބްރާހީމްއެވެ.