ނިލަންދޫ އަކީ މިހާރު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުވެރިކަން ކުރާ ރަށެވެ. މިއީ އަތޮޅުގެ އެންމެދެކުނަށް އޮންނަ އަތޮޅުގެ އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން އެންމެބޮޑު ރަށެވެ. މިރަށަކީ ތާރީޚީގޮތުން ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށެކެވެ. މިރަށުގައި އޮންނަ “ ފޯއްމަތި “ ނަމަކަށް ކިޔާ އާޘާރީ ސަރަޙައްދަކީ މީލާދީ ސަނަތުގެ 06 ވަނަ ޤަރުނުގެ ތަނެއްކަން ސައިންޓިފިކް ހޯދުންތަކުން އެނގިފައިވެއެވެ. އެތަނުން ފެނިފައިވާ ބައެއް ތަކެއްޗަކީ އެދުވަސްވަރު އިންޑިޔާއާއި ސިލޯނުގެ މިފަދަ ތަންތަނުން ފެނިފައިވާ ތަކެއްޗާއި އެއްފެންވަރުގެ ދާދި އެއްވައްތަރެއްގެ ތަކެއްޗެވެ.ނިލަންދޫ އާޘާރީ ސަރަހައްދުގައި މިހާރުވެސް ފެންނަންއޮތް ވެލި ފުންޏަކީ އެދުވަސްވަރުގެ ބިނާތައް ހަދާފައިހުރި ތަނެވެ. ކުރީގައި އެ ވެލިފުނި ވަރަށް އުސްކޮށް އޮވެއެވެ. އެ ތަނަކީ އާޘާރީ ތަނެއްކަން ކުރިން އެނގިފައި ނުވާތީ އެތަނުން ގަލާއި ވެލި ނެގުމުގެ ސަބަބުން ވެލިފުނި މިހާރު އޮތީ ވަރަށް ތިރިކޮށެވެ. ވަރަށްގިނަ ގާތައްވެސް މަދުވެފައިވެއެވެ. މި ސަރަހައްދުގައި ކުރީގެ މީހުން ފެންވެރުމަށް ބޭނުންކުރާ ވެވެއް އޮންނަކަމުގައި ނިލަންދޫގެ ދުވަސްވީ މީހުން ބުނެއެވެ. ވެވުގެ ދޫނިފަތް ގާގަނޑު މިހާރުވެސް ފެންނަން އެބަހުއްޓެވެ. މިހާރުވެސް އެ ސަރަހައްދާ ކައިރީ ބައެއް ގޯތިގޯތި ކޮންނައިރު ހިރިގަލުން ހަދާފައި ހުންނަ ބައެއް ތަކެތި ފެންނަމުން ދެއެވެ.މީލާދީގެ 06 ވަނަ ޤަރުނަކީ ދުނިޔެއަށް އިސްލާމްދީން އައުމުގެ ކުރީގެ ތާރީޚެކެވެ. މީލާދީ ސަނަތުން 1153 ވަނަ އަހަރު ދިވެހި ރާއްޖެ އިސްލާމް ވުމަށް ފަހުގައި އެންމެ ފުރަތަމަ މިސްކިތްތައް ބިނާކުރި ރަށްރަށުގެ ތެރޭގައިވެސް ނިލަންދޫ ހިމެނެއެވެ. ނިލަންދޫގައިހުރި އާޘާރީ މިސްކިތަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ރަސްކަލުން ކަމުގައިވާ ދަރުމަވަންތަ މަހާރަދުން ބިނާކުރެއްވި މިސްކިތެއްކަމުގައި ބުނެވެއެވެ.