ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

މަގުތަކަށް ވެލިއަޅައި ފެތުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށް ދިޔަ!

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރަށުގެ ގިނަ މަގުތަކެއްގައި ބޯކޮށް ފެންހެދި އެކަމުގެ ދަތި އުނދަގޫ ރައްޔިތުންނަށް ފޯރަމުންދާތީ، އެކަން ކުޑަކުރުމަށް ރަށުގެ މަގުތަކުގައި ވެލި ފެތުރުމުގެ މަސައްކަތް ފަށިފިއެވެ. ރައްޔިތުން ދިރިއުޅޭ ހިސާބުތަކުގައި ހުރި މަގުތަކުގެ ތެރެއިން، އެންމެ ފުރަތަމަ ވެލި ފަތުރާފައިވަނީ މަގުތަކުގައި ފެންހެދި އެކަމުގެ ސަބަބުން ޗަކަ ހެދި، ފެހި ޖަހާފައި ހުރި ސަރަހައްދުތަކުގައި ކަމަށް ކައުންސިލް މެމްބަރު އަޙްމަދު ސިޔާމް ވިދާޅުވިއެވެ. ވެލި ފެތުރުމުގައި ބޮޑަށް ސަމާލުކަން ދެނީ އާންމުންނަށް އެންމެ ދަތިވާގޮތަށް ހުރި ސަރަހައްދުތަކަށް ކަމަށާއި، މަގުތަކުގައި ފެންހެދުމުގެ ސަބަބުން އެކަމުގެ ދަތި އުނދަގޫ ފޯރާގޮތަށް ހުރި ހުރިހައި ސަރަހައްދެއްގައި ވެލި ފެތުރުމަށް މަސައްކަތް ކުރައްވާނެކަމަށް މެމްބަރު ސިޔާމް ވިދާޅުވިއެވެ.

”މިހާރުވެސް އާންމުންގެ ބައެއް ފަރާތްތަކުން އެބަ ޝަކުވާ ކުރޭ ދަތިވާތީ. ކައުންސިލުން މި މަސައްކަތް ކުރަނީ ރައްޔިތުންނަށް ހިނގާބިނގާވެ އުޅެލެވޭވަރަށް ނަމަވެސް މަގުތަކުގައި ވެލި ފަތުރާލެވޭތޯ.“ މެމްބަރު ސިޔާމް ވިދާޅުވިއެވެ.

ދިރާސީ އާއަހަރު ފެށުމާއެކު ސްކޫލު ސަރަހައްދަށް ގިނަ ބަޔަކު އެއްވެ މަޑުކުރާނެތީ، އިއްޔެ އެސަރަހައްދުގެ ބައެއް މަގުތަކުގައި ވެލި ފަތުރާފައިވާއިރު، މިއަދުވެސް ސްކޫލް ސަރަހައްދުގެ ބައެއް އެހެން މަގުތަކުގައި ވަލިފަތުރާފައިވެއެވެ.

މަގުތަކުގައި ވެލި ފެތުރުމުގެ މަސައްކަތްތަކުގެ ތެރެއިން މި ހަފްތާގެ އަންގާރަ ދުވަހު ކައުންސިލްގެ ގިނަ އިދާރީ މުވައްޒަފުންވެސް  މި މަސައްކަތުގައި ބައިވެރިވެގެން މަސައްކަތް ކުރިއަށްދާގޮތަށް މިހާރުވަނީ ނިންމާފައެވެ.

މޫސުން ގޮސްވުމުގެ ސަބަބުން ރަށުގެ ބޮޑު ބަނދަރު ސަރަހައްދުން އުދަ އަރައި އާންމުން ދިރިއުޅޭ ސަރަހައްދާ ހަމައަށް ލޮނުގެ އަސަރުކޮށް، ފެންބޮޑު ވުމުގެ ސަބަބުން ކޯރު ކަނޑައިގެން އެސަހަރައްދުގައި ފެންބޮޑުވުން ހުއްޓުވުމަށްވެސް މީގެ ދެދުވަހެއްކުރިން ވަނީ މަސައްކަތް ކޮށްފައެވެ.

ރަށުގައި ހައުސިންގ މަޝްރޫއެއް ކުރިއަށް ގެންގޮސްދެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި.

މިހާރު ރަށުގައި ކުރިއަށްދާ ތަރައްޤީގެ އެކިއެކި މަޝްރޫތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކައުންސިލްގެ ފަރާތުން ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ނިލަންދޫގެ އާބާދީއަށް އަންނަމުންދާ ބަދަލާއި، އެކަމުގެ ސަބަބުން ހައުސިން މަޝްރޫޢެއް ނިލަންދޫގައި ކުރިއަށް ގެންދިޔުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައިވައި ކައުންސިލްގެ ރައީސް ވާހަކަދައްކަވާފައިއެވެ. އަދި ނިލަންދޫއަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރައްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާތީ، އެކަމުގެ ސަބަބުންވެސް އެކި ސަބަބުތަކާހުރެ ރަށަށް ހިޖުރަކުރަންބޭނުންވާ ފަރާތްތައް ގިނަވާނެކަން ފާހަގަކުރެއްވިއެވެ.

ނިލަންދޫއަކީ ފ.އަތޮޅުގެ ރަށްތަކުގެ އިތުރުން ދ.އަތޮޅުގެ ގިނަ ރަށްތަކަކާއި ދ.އަތޮޅުގައި ހުރި ގިނަ ރިސޯޓު ތަކަކުން ގިނަ ޚިދުމަތްތަކެއް ހޯދުމަށް އަންނަ ރަށެއްކަން ފާހަގަކުރައްވަމުން ކައުްނސިލްގެ ރައީސް ވިދާޅުވީ، މިހާރު ކުރިއަށްދާ އެއަރޕޯޓުގެ މަޝްރޫ ނިމުމާއެކު ގިނަބަޔަކު އިތުރު ޚިދުމަތްތައް ހޯދުމަށް ނިލަންދޫއަށް އަންނާނެކަމަށެވެ.

”މިހާރުވެސް ތައުލީމު ހޯދުމަށާއި، ރަށުގައި ވަޒީފާ އަދާކުރުމަށް އެކި ރަށްރަށުން މީހުން އައިސް ނިލަންދޫގައި ދިރިއުޅޭ“ ކައުންސިލްގެ ރައީސް އަލީ އަޙްމަދު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އާބަން ސެންޓަރެއްގެ ގޮތުގައި ނިލަންދޫ ތަރައްޤީ ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމާފައިވާތީ، ހައުސިން މިނިސްޓްރީން ވެސް، އެކި މަޝްރޫތައް ކުރިއަށް ގެންދިޔުގައި އެމަގުން މަސައްކަތްތައް ރާވަމުންދާނެކަން ހާމަކުރެއްވިއެވެ. އަދި ނިލަންދޫގައި ހައުސިން މަޝްރޫއެއް ކުރިއަށް ގެންގޮސްދެއްވާނެކަމަށާއި ކައިރި މުސްތަޤުބަލެއްގައި އެކަމުގެ އަމަލީ މަސައްތައް ފެށިގެންދާނެ ކަމުގެ ފެހި ސިގްނަލެއް މިނިސްޓަރ ވަނީ ދެއްވާފައެވެ.

ނިލަންދޫއިން ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމަށްޓަކައި އިޢުލާނު ކޮށްފައިވާއިރު، ހައުސިންގ މަޝްރޫއެއްގެ ދަށުން، ރޯ ހައުސް ނުވަތަ ފްލެއްޓެއް ލިބުމަކީ ޒުވާނުންގެ ތެރެއިން ގިނަ ފަރާތްތަކެއްގެ އުއްމީދެކެވެ.

މިފަހަރުގެ ތަޖުރިބާ ދަތުރު ބޮޑުތިލަދުންމައްޗަށް

އިދާރީ ހިންގުން ހަރުދަނާ ކުރުމަށާއި މުވައްޒަފުންގެ ގުޅުން ބަދަހިކުރުމަށް މިއަހަރު ކުރި ތަޖުރިބާ ދަތުރު ކުރެވުނީ ބޮޑުތިލަދުންމައްޗަށެވެ. މިގޮތުން ހއ ، ހދ ގެ 05 ރަށެއްގެ ކައުންސިލާ ބައްދަލުކޮށް ތަޖުރިބާ ހިއްސާކުރެވިފައިވާއިރު މީގެތެރޭގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް ވެސް ހިމެނެއެވެ.

ފ.ނިލަންދޫ ކައުންސިލްގެ 19 މުވައްޒަފުން ހިމެނޭހެން ކުރި މިދަތުރުގައި އެންމެ ފުރަތަމަ ދިޔައީ ހދ.ހަނިމާދޫއަށެވެ. ހަނިމާދޫކައުންސިލާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި ކައުންސިލުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުންނާއި އާމްދަނީ އިތުރުކުރުމަށް ކައުންސިލުން ރާވާ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ބަދަލުކުރެވުނެވެ. އަދި ހަމައެހެންމެ ދިރިއުޅުމަށްޓައި ބަންޑާރަ ގޯތި ދޫކުރުމުގައި ހަނިމާދޫ ކައުންސިލުން އަމަލު ކޮށްފައިވާ ގޮތްތަކާއި ދިމާވި ކަންކަމުގައި ހައްލަކާހަމައަށް އާދެވުނު ގޮތާ ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

ހއ.ބާރަށު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

 

ހަނިމާދޫއަށްފަހު މި ދަތުރުގައި ހއ.އުތީމާއި، ބާރަށާއި ދިއްދޫއަށް ގޮސްފައިވެއެވެ. މިއިން ކޮންމެ ރަށެއްގެ ކައުންސިލާއެކުވެސް ބައްދަލުކޮށް، އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރިއަށް ގެންދާ ކަންކަމާއި، ކުނި މެނޭޖްކުރުމާ ގުޅޭގޮތުންނާއި، އާމްދަނީ އިތުރުކުރުމަށް ކައުންސިލުން ކުރިއަށްގެންދާ ކަންކަމާ ގުޅޭގޮތުންނާއި، ވަލުރުއްގަހަށް ބަދަލުދިނުމުގައި އަމަލުކުރާ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދެވުނެވެ. އުތީމަށް ކުރި ދަތުރުގައި، އުތީމުގައި ހުންނަ މުހައްމަދު ތަކުރުފާނުގެ ގަނޑުވަރުކޮޅު ބަލާލަން ދެވުނެވެ. ގައުމައްޓަކައި ބަޔަކު ވެފައިވާ މި މަތިވެރި ގުރުބާނީއަކީ އަގު ނުކުރެވޭނެ ގުރުބާނީއެއްކަމަށާއި، އެކަން މިއަދުވެސް ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް ކައުންސިލްގެ ރައީސް އަލީ އަޙްމަދު ވިދާޅުވިއެވެ. ގައުމަށް ޚިދުމަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، ކައުންސިލްގެ މުވައްޒަފުންނަކީވެސް ރައްޔިތުންނަށް ޚިދުމަތްތަކެއް ފޯރުކޮށްދޭ ބަޔަކަށްވީހިނދު، އެކަމުގައި ވަރަށް ޒިންމާދާރު ވާނެޖެހޭނެކަމަށާއި، ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުން ވަރަށް މުހިއްމުކަމަށެވެ.

މި ތަޖުރިބާދަތުރުގެ އެންމެ ފަހު މަންޒިލަކަށްވީ، ހދ.ކުޅުދުއްފުއްޓެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި ވެސް ގިނަ ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވުނެވެ. އަދި ނިލަންދޫ ކައުންސިލަށް އެންމެ ފުރަތަމަ ބައްދަލުވީ ސިޓީ ކައުންސިލަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްކަން ފާހަގަކުރައްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ކުޅުދުއްފުއްޓާ އަޅާބަލާއިރު ނިލަންދޫގެ އާބާދީ ކުޑަ ނަމަވެސް، ސިޓީ ކައުންސިލާ ބައްދަލުވެ ހިއްސާކުރެވުނު މައުލޫމާތުތަކުން، ނިލަންދޫގެ ތަރައްޤީއާއި ކުރިމަގު ބައްޓަން ކުރުމުގައި ގިނަ ތަޖުރިބާތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

މިދަތުރު ނިންމަވާލެއްވުމަށްފަހު މުވައްޒަފުން އެނބުރި މާލެއައިސްފައިވަނީ މޭ 18ވީ ހޮނިހިރު ދުވަހުއެވެ.

މަސްފެކްޓަރީ އެޅުމަށް ނިންމި ބިމުގައިހުރި މަސްކައްކާ ބިންތައް އެހެން ސަރަހައްދަކަށް

ފ.ނިލަންދޫގައި އެޅުމަށް ސަރުކާރުން ނިންމާފައިވާ މަސް ފެކްޓަރީއާ ގުޅިގެން މިނިސްޓްރީގެ ޓީމަކުން ނިލަންދޫއަށް ވަޑައިގެން އެމަޝްރޫޢު ކުރިއަށް ގެންދާނެ ސަރަހައްދެއް ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ”ކުޑަރަށް“ ހިމެނޭހެން މަސްކައްކާ ސަރަހައްދުން 7 ހެކްޓަރުގެ ބިނ، މަސްފެކްޓަރީ އެޅުމަށްވަނީ ފާހަގަކުރައްވާފައެވެ. އަދި އެސަރަހައްދުގައި ހުރި އާންމު ފަރާތްތަކުގެ ގުދަންތަކާއި މަސްކައްކާ ބިންތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމަށް މިނިސްޓްރީއިން ވަނީ އެދިލައްވާފައެވެ.

މި މަސައްކަތުގެ ތެރެއިން ރަށުގައި މަސްކެއްކުމުގެ މަސައްކަތް ކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވައި މި މައުލޫމާތު ވަނީ ހިއްސާ ކުރެވިފައެވެ. މި ބައްދަލުކުރެއްވުމުގައި މަސްކެއްކުމުގެ މަސައްކަތުގައި އުޅުއްވާ 05 ފަރާތުންވެސް ވަނީ ބައިވެރިވެލައްވާފައެވެ. ބައިވެރިންނާ ވާހަކަދައްކަވަމުން މަސް ފެކްޓްރީގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަށް ފެށޭނެހެން ކަންކަން ތަރުތީބު ކުރެއްވުމުގެ ވިސްނުން ހުރި ކަމަށާއި އެމަސައްކަތް ފަށާނީ މަސްކެއްކުމުގައި މަސައްކަތް މިހާރު ކުރައްވަމުންދާ ފަރާތްތަކަށް އަދުލުވެރި ބަދަލެއް ދެއްވާފައިކަމަށް ކައުންސިލް މެމްބަރ އަޙްމަދު ސިޔާމް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި މެމްބަރު އިތުރަށް ވިދާޅުވީ، ބަދަލު ދިނުމުގައި ދެވިސްނުމެއް ގެންގުޅުއްވާ ކަމަށާއި، އެއްގޮތަކީ މިހާރު މަސްކެއްކުމަށް ބޭނުންކުރަމުންދާ ތަންތަން އަގުމަގު ކުރުމަށްފަހު ފައިސާއިން ބަދަލުދިނުން ކަމަށެވެ. އަނެއް ގޮތަކީ، އަލަށް މަސްކެއްކުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ބިމުގައި އެމަސައްކަތް ކުރެވޭނެ ފެންވަރަށް، ރަނގަޅު ބަދިގެއާއި، ދަރު ރައްކާކުރާނެ ތަނަކާއެކު  ވަށާ އިންފާރު ލެވިގެން މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރާނެ ތަނެއް ކައުންސިލުން ތައްޔާރު ކުރުމަށްފަހު މަސްކައްކާ ފަރާތްތަކާ ހާވާލުކުރުން ކަމަށެވެ. މިދެގޮތުން، މަސައްކަތް އަވަސްވެފައި، ދައުލަތަށާއި މަސްކައްކާ ފަރާތްތަކަށްވެސް އެންމެ ރަނގަޅު ގޮތަކީ ދެވަނަ ގޮތްކަން ފާހަގަކުރައްވައި ސިޔާމް އިތުރަށް ވިދާޅުވީ އެންމެ ރަނގަޅު ގޮތުގައި މިކަން ކުރިއަށް ގެންދެވޭނީ ދެފަރާތްވެސް ގުޅިގެން ކަމަށެވެ.

ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން ވާހަކަ ދައްކަވަމުން، ކައުންސިލްގެ ފަރާތުން މިހާތަނަށްވެސް މަސްކެއްކުމުގެ މަސައްކަތް ކުރައްވާ ފަރާތްތަކާމެދު ކަންކަން ކުރައްވާފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ކައުންސިލުން ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި ދެރަގޮތެއް ނަހައްދާވާނެކަމުގެ ޔަގީންކަން އޮތްކަމަށް އެބޭފުޅުން ވިދާޅުވިއެވެ. މަސްކައްކާ ސަރަހައްދު ބަދަލު ކުރުމާގުޅޭގޮތުން ހުށައެޅުނު ދެ ޚިޔާލުގެ ތެރެއިން ތާޢީދު ކުރައްވަނީ ކޮންގޮތަކަށްތޯ ސުވާލުކުރެއްވުމުން 02 ގޮތުން ކުރެއް ކޮންމެ ގޮތެއްވެސް ރަނގަޅު ކަމަށާއި ކައުންސިލުން ނިންމާ ގޮތަކަށް އެބޭފުޅުން ތާޢީދު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މަސްފެކްޓަރީގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަށް ފެށޭނެ ދުވަހެއް ދެކެން ބޭނުންވާކަމަށް އެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

ފ.ނިލަންދޫގެ ޓީމެއް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރާ ބައްދަލުކުރައްވައިފި

 

ފ.ނިލަންދޫ ކައުންސިލްގެ ރައީސާއި އެރަށުގެ ބޭފުޅުންނާ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އެ ރަށުގައި ޤާއިމުކުރުމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ މަސްފެކްޓަރީގެ އެންމެ ފަހުގެ މަޢުލޫމާތު މިނިސްޓްރީގެ ފަރާތުންވަނީ ޙިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މި މަޝްރޫއުގެ ސަބަބުން މި ސަަރަޙައްދަށް އިޤްތިޞާދީ ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ކައުންސިލްގެ ރައީސް އަލީ އަޙްމަދު ވިދާޅުވިއެވެ. އަދި މި މަޝްރޫޢަކީ ރަށާއި ދާއިރާއާއި މުޅި ސަރަޙައްދުގެ ތަރައްޤީއަށް ވަރަށް މުހިންމު މަޝްރޫއެއްކަމަށާއި މިކަމަށް ނިލަންދޫ ކައުންސިލާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފ. ނިލަންދޫގައި މަސް ޕްރޮސެސްކުރާ ފެކްޓަރީ އާއި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމަށް ނިންމައި، ސަރުކާރުން އެކަން ނިލަންދޫ ކައުންސިލަށް ރަސްމީކޮށް އަންގާފައިވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދާނެ ސަރަޙައްދަކާ ގުޅޭގޮތުންނާއި މަޝްރޫޢާ ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ހިއްސާކުރެއްވުމަށް ނިމިދިޔަ ހަފްތާގައި މިނިސްޓްރީގެ ޓީމެއް ނިލަންދޫއަށް ވަޑައިގަންނަވާފައިވެއެވެ. އަދި މަސްފެކްޓަރީ ގާއިމްކުރުުމަށް ގާތްގަނޑަކަށް 7 ހެކްޓަރުގެ ސަރަހައްދެއްވަނީ ފާހަގަކުރައްވާފައެވެ.

މިހާރުވެސް މި ސަރަހައްދުގައި މަސް ކިރާ ނިސްބަތަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް މަސް ކިރަމުންދަނީ ފ.ނިލަންދޫއަށްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

 

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016