ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ފ. ނިލަންދޫ ކައުންސިލްގެ 1448 ވަނަ އަހަރުގެ މުވައްޒަފުންގެ މަދަހަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

ފ. ނިލަންދޫ ކައުންސިލް އިދާރާގެ ފަރާތުން ބޭއްވި 1448 ވަނަ އަހަރުގެ މުވައްޒަފުންގެ މަދަހަ މުބާރާތް ވަރަށް ފޯރިއާއި އެކު ރޭ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

 

މީގެ ކުރީ އަހަރުތަކާ ޚިލާފަށް މިއަހަރުގެ މުބާރާތް ރާވާލައިފައިވަނީ އޮފީހުގެ ވަކިވަކި ސެކުޝަންތަކުގެ ބަދަލުގައި، ކައުންސިލް މެންބަރުން، އިދާރީ މުވައްޒަފުން، ވޭސްޓް މެނޭމަންޓްގައި މަސައްކަތްކުރާ މުވައްޒަފުން، އ.ތ.މ.ކ ގެ މެންބަރުން އަދި މިސްކިތްތަކުގެ މުވައްޒަފުން އެކުލެވޭ ގޮތަށް 5 ގްރޫޕަކަށް ބަހާލައިގެންނެވެ. ވާދަވެރިކަމާއެކު އެކުވެރިކަން ބޮޑުކުރުމަށްޓަކައި، ކޮންމެ ޓީމަކަށްވެސް އެ ޓީމަށް ނިސްބަތްވާ ކައުންސިލް މުވައްޒަފުންގެ އާއިލާގެ މެންބަރަކަށް ވުމުގެ ޝަރުޠާއެކު 1 ފަރާތް ހިމެނުމުގެ ފުރުސަތު ދެވުނުއެވެ. ރޭގެ މުބާރާތުގައި ޖުމްލަ 5 ގްރޫޕް މަދަހަ އަދި ފަރުދީ ބައިގައި ޖުމްލަ 20 މަދަހަ ހުށަހަޅާފައިވެއެވެ.

 

މުބާރާތުގެ އެންމެ މޮޅު ގްރޫޕާއި އެންމެ މޮޅު ގްރޫޕް މަދަހައިގެ ޝަރަފު ހޯދީ ޓީމު ގަގުނަސް ތަރާނާއެވެ. ފަރުދީ ބައިން އެއްވަނަ ހޯދީ ޓީމު ހިއްވަރުގެ ޢަބްދުލްޖަލީލު އަޙްމަދު، ދެވަނަ ހޯދީ ޓީމު ގަގުނަސް ތަރާނާގެ ޔާޝާ ޢަބްދުއްރައްޒާޤު، އަދި ތިންވަނަ ހޯދީ ޓީމު ގުލިސްތާންގެ ޢަލީ އަޙްމަދެވެ.

 

ރޭ ކުރިއަށްދިޔަ މި މުބާރާތުގެ ޝަރަފުވެރި މެޙެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ ފާފު އަމާންވެހީގެ ޕޮލިޓިކަލް ޑިރެކްޓަރ އަޒްމީރާ އިބްރާހީމެވެ. މެޙެމާނުގެ ވާހަކަފުޅުގައި، މިފަދަ ހަރަކާތްތަކަކީ މުވައްޒަފުންގެ ހުނަރުވެރިކަން ފާޅުކޮށް، މަސައްކަތުގެ މާހައުލުން ބޭރުން އެކުވެރިކަން އާލާކޮށްދޭ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، 20 ފަރުދީ ހުށަހެޅުމާއި 5 ގްރޫޕް ހުށަހެޅުން ތަރުތީބުވެގެންދިޔަ ގޮތަށް ތަޢުރީފުކުރެއްވިއެވެ.

 

މުބާރާތް ކާމިޔާބުކަމާއެކު ނިންމާލުމަށް އެހީތެރިވެދިން ޖަޖުން، ވޮލަންޓިއަރުން، އަދި ހުރިހާ ބައިވެރިންނަށް ކައުންސިލުން ޚާއްޞަ ޝުކުރެއް ދަންނަވާފައިވާއިރު، ކުރިމަގުގައިވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ކައުންސިލް އިދާރާއިން ހާމަކުރެއެވެ.

މުބާރާތުގެ އެންމެ މޮޅު ގްރޫޕާއި އެންމެ މޮޅު ގްރޫޕް މަދަހައިގެ ޝަރަފު ހޯދީ ޓީމު ގަގުނަސް ތަރާނާޓީމް

ަ

ފަރުދީ ބައިން އެއްވަނަ ހޯދި ޓީމު ހިއްވަރުގެ ޢަބްދުލްޖަލީލު އަޙްމަދު

 

ފަރުދީ ބައިން  ދެވަނަ ހޯދީ ޓީމު ގަގުނަސް ތަރާނާގެ ޔާޝާ ޢަބްދުއްރައްޒާޤު

 

ފަރުދީ ބައިން ތިންވަނަ ހޯދީ ޓީމު ގުލިސްތާންގެ ޢަލީ އަޙްމަދު

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – ފާފު 2026: ތަފާތު ބޮޑު ނަތީޖާއަކުން އެސްޖީސީ އިން ޗެމްޕިއަންކަން ހޯދައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މާލްޑިވްސް (އެފްއޭއެމް) އާއި ކްލަބް މާލްޑިވްސް ގުޅިގެން ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަމާޒުކޮށްގެން ބާއްވާ ”އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026“ ގެ ފާފަ އަތޮޅު ބުރުގެ ކުޅުން ނިންމާލައި، ފ. ނިލަންދޫގެ އެސްޖީސީ ސްޕޯޓްސް ކްލަބުން މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

ފާފު އަތޮޅުގެ 5 ރަށުންވެސް ވާދަވެރި ޓީމުތަކެއް ބައިވެރިވި މި މުބާރާތް ހޯސްޓްކޮށް، އިންތިޒާމްތައް ކުރިއަށްގެންގޮސްފައިވަނީ ފ. ނިލަންދޫ ކައުންސިލްގެ ފަރާތުންނެވެ. އޮގަސްޓް 22 ވަނަ ދުވަހު ފެށުނު މި މުބާރާތުގެ މެޗުތައް SSTV ގެ އެސްއެސް ޕްލޭ އަދި ޔެސް ޓީވީ (YES TV) މެދުވެރިކޮށް ޓީވީން ވަގުތުން ދެއްކިއިރު، ކްލަބް މާލްޑިވްސްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށްވެސް މެޗުތައް ވަނީ ލައިވްސްޓްރީމްކޮށްފައެވެ.

މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކުޅެވިފައިވަނީ އޮގަސްޓް 30 ވަނަ ދުވަހުގެ ރޭ 21:00 ގައެވެ. ނިލަންދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގައި ބައްދަލުކުރީ ނިލަންދޫގެ އެސްޖީސީ ސްޕޯޓްސް  ކްލަބާއި ފ. ދަރަނބޫދޫ ފުއްޓަރު ސްޕޯޓްސް ކްލަބެވެ. މި މެޗް އަދި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރެވެ.

މެޗުގެ ފެށުނީއްސުރެ އެސްޖީސީ އިން ވަނީ ތަފާތު ބޮޑު ކުޅުމެއް ދައްކައި 12 ލަނޑު ޖަހައިގެން ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކުރިއެވެ. ފުއްޓަރު ސްޕޯޓްސް ކްލަބަށް ކާމިޔާބު ކުރެވުނީ 02 ގޯލެވެ.

 

މުބާރާތުގެ އެކި ވަނަތަކާއި އެވޯޑުތައް

އެވޯޑު / ވަނަލިބުނު ފަރާތް / ޓީމު
ޗެމްޕިއަން ޓީމުއެސްޖީސީ ސްޕޯޓްސް ކްލަބް (ނިލަންދޫ)
ރަނަރއަޕް ޓީމުފުއްޓަރު ސްޕޯޓްސް ކްލަބް (ދަރަނބޫދޫ)
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާމޫސާ ޖަމާލް (އެސްޖީސީ)
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާމޫސާ ޖަމާލް (އެސްޖީސީ)
އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާމޫސާ ޖަމާލް (އެސްޖީސީ)
އެންމެ މޮޅު ކޯޗުފަރްހާދު އިސްމާއީލް (އެސްޖީސީ)
ފެއަރ ޕްލޭ ކުޅުންތެރިޔާއިކްރާމް އަޙްމަދު – މަގޫދޫ ޒުވާނުންގެ ކްލަބް (މަގޫދޫ)
ފެއަރ ޕްލޭ ޓީމުމަގޫދޫ ޒުވާނުންގެ ކްލަބް (މަގޫދޫ)

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން (Top 5)

  • މޫސާ ޖަމާލް – އެސްޖީސީ ސްޕޯޓްސް ކްލަބް (ފ. ނިލަންދޫ)
  • އުލާން – އެސްޖީސީ ސްޕޯޓްސް ކްލަބް (ފ. ނިލަންދޫ)
  • މާހިލް މިޤްދާދު – މަގޫދޫ ޒުވާނުންގެ ކްލަބް (ފ. މަގޫދޫ)
  • އިކްރާމް އަޙްމަދު – މަގޫދޫ ޒުވާނުންގެ ކްލަބް (ފ. މަގޫދޫ)
  • ޢަލީ ނަޞީރު – ފުއްޓަރު ސްޕޯޓްސް ކްލަބް (ފ. ދަރަނބޫދޫ)

މުބާރާތް ނިންމާލުމަށްފަހު ނިލަންދޫ ކައުންސިލުން ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވަނީ މުބާރާތް އިންތިޒާމްކުރުމުގައި އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށާއި، SSTV އަދި ކްލަބް މާލްޑިވްސްއަށް، އަދި ސަޕޯޓަރުންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. މިއީ ފާފު އަތޮޅުގެ އިޖުތިމާއީ ރޫޙާއި ކުޅިވަރުގެ އެކުވެރިކަން އާލާވެގެންދިޔަ ތާރީޚީ މުބާރާތެކެވެ.

ފ. ނިލަންދޫ ކައުންސިލާއި ފުލުހުން ގުޅިގެން ހުވަނި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއް އަނެއްކާވެސް ފަށައިފި

 

ހުވަނީގެ އުނދަގުލަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުވަނި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއް ނިލަންދޫ ކައުންސިލާއި ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން އަނެއްކާވެސް ފަށައިފިއެވެ.

މި ޕްރޮގްރާމުގެ ދަށުން ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި މިދިލިގަސްތަކަށް ހުވަނި ބޭސް ޖެހުމުގެ އިތުރުން އާންމު ރައްޔިތުން ދިރިއުޅޭ ގޯތިގެދޮރުގައި ހުރި ހުވަނި އަޅާފައިވާ ގަސްތަކަށް ބޭސް ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

މި މަސައްކަތާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ކައުންސިލްގެ ނައިބުރައީސް މުޙައްމަދު ނަޞީމު ވިދާޅުވީ ހުވަނީގެ ސަބަބުން ކުޑަކުދިންނާއި އާންމުންގެ ހަންގަނޑު ހިރުވުމާއި ގައި ކެއުން އަދި އެލާޖިކްވުމުގެ މައްސަލަތައް ދިމާވަމުންދާތީ، މިކަމަށް ވަރަށް ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރަށުގެ މާހައުލު ސާފުކޮށް ބޭއްވުމަށާއި، ހުވަނީގެ ސަބަބުން ދިމަވާ  އުނދަގޫތައް އެއްކޮށް ކަނޑުވާލުމަށް މި ހަރަކާތް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

”ރައްޔިތުންގެ ސަލާމަތާއި ފަސޭހައަށްޓަކައި، ފުލުހުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއެކު ރަށުގެ ހުރިހާ މިދިލިގަހަކަށް ބޭސްޖެހުމުގެ މަސައްކަތް މިދަނީ ކުރަމުން. މި މަސައްކަތުގެ ސަބަބުން ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ހުވަނީގެ އުނދަގުލަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވޭ،“ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

ޖަނާޒާ ކޯސް ސެޓްފިކެޓް ލެވެލް 1 ، 24 ބައިވެރިންނާއި އެކު ކާމިޔާބުކަމާއެކު ނިންމާލައިފި

މިކައުންސިލާއި ދާރުލް ޤުރުއާން ވައްސުންނާއި ގުޅިގެން ކުރިއަށް ގެންދެވުނު ”ޖަނާޒާ ކޯސް ސެޓްފިކެޓް ލެވެލް 1 – އިން ރޫލްސް އޮފް ޖަނާޒާ ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު 15 އޯގަސްޓް 2026 ވަނަ ދުވަހު ބާއްވައިފިއެވެ. މި ކޯހުގައި ޖުމްލަ 24 ބައިވެރިން ވަނީ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާޞިލުކޮށްފައެވެ.

 

މި ކޯހަކީ ރަށުގެ ރައްޔިތުންނަށް ޖަނާޒާގެ ކަންކަން އިސްލާމީ ޝަރީޢަތާ އެއްގޮތަށް، ރަނގަޅަށް ދަސްކޮށްދިނުމުގެ މަޤުޞަދުގައި ހިންގުނު ވަރަށް މުހިންމު ކޯހެކެވެ. މި ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ޙަވާލުކޮށްދީފައެވެ.

ކޯސް ނިންމުމުގެ މި ޚާއްޞަ ޖަލްސާގައި،ދާރުލް ޤުރުއާނ ވައްސުންނާގެ މަސްއޫލުވެރިޔާ ފ.ނިލަންދޫ އަތިރީގެ އަލްއުޘްތާޒު ޢަބްދުއްލަޠީފު އަޙްމަދު ވަނީ މިފަދަ ކަމެއް ރަށުގައި ކުރިއަށް ގެންދިއުމަށް އިސްނަންގަވައި، ފުރިހަމަ އެއްބާރުލުން ދެއްވިކަމައްޓަކައި ކައުންސިލްގެ ރައީސަށާއި ކައުންސިލް މެންބަރަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައިވެއެވެ.

ހަމައެއާއެކު، މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނިލަންދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ނަޞީމްވަނީ މި ކޯސް ކާމިޔާބުކަމާއިކު ކުރިއަށް ގެންދިއުމުގައި ދެއްވި އެހީތެރިކަމަށާއި ދާރުލް ޤުރުއާން ވައްސުންނާ ގެ ފަރާތުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށް އެފަރާތައް ޝުކުރު އަދާކޮށްފައިވެއެވެ. މީގެ އިތުރުން، މި ކޯހުގައި ބައިވެރިވެ، ބޮޑު ޝައުޤުވެރިކަމަކާއެކު ކިޔަވައިވިދާޅުވި  24 ބައިވެރިންގެ މަސައްކަތް ފާހަގަކޮށް، ނިލަންދޫގައި މިފަދަ ޚިދުމަތެއް ދިނުމަށް އެ ބޭފުޅުން ދެއްކެވި ޚާއްޞަ ޝައުޤުވެރިކަމަށް ތަޢުރީފުކޮށްފައިވެއެވެ.

ފ. ނިލަންދޫގައި ކެންސަރު ބައްޔައަށް ސްކްރީން ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފި

ފ. ނިލަންދޫ ކައުންސިލާއި، ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަނާއި، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ނިލަންދޫގައި ކުރިއަށްގެންދިޔަ ކެންސަރު ބަލިއަށް ސްކްރީން ކުރުމުގެ ޚާއްޞަ ޕްރޮގްރާމް ބޮޑު ތަރުޙީބަކާއެކު ނިންމާލައިފިއެވެ. މި އޮގަސްޓު މަހުގެ 19 އިން 22 އަށް ކުރިއަށްދިޔަ މި އިވެންޓުގެ ދަށުން ނިލަންދޫގެ ޖުމްލަ 350 މީހުން ވަނީ ކެންސަރު ބައްޔަށް ސްކްރީން ކުރެވިފައެވެ

މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާކިސްތާނުގެ ހައިކޮމިޝަނަރު، ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިސަލް ރަސޫލް ލޯދީ އެވެ.

ޕާކިސްތާނު ހައިކޮމިޝަނުން މި ޕްރޮގްރާމް ރޭވުމާއި އިންތިޒާމުކުރުމުގައި ވަރަށް އިސްރޯލެއް އަދާކުރައްވާފައިވާއިރު، އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު ވަނީ ދިވެހިރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ޕާކިސްތާނު ސަރުކާރުން އަބަދުވެސް ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ރަޙުމަތްތެރި ގުޅުމުގެ ތެރެއިން މިފަދަ އިޖުތިމާއީ އަދި ސިއްޙީ ހަރަކާތްތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު އަރުވައެވެ.

މި ޕްރޮގްރާމުގެ ތެރެއިން ބަލިން ރައްކާތެރިވުމާއި އަވަހަށް ބަލި ދެނެގަތުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ދެ ސެޝަނެއް އޮގަސްޓު 20 ވަނަ ދުވަހު ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން އާންމު ރައްޔިތުންނަށް ޚާއްޞަ ސެޝަން ”ގޮމަވަތި ހޯލް“ ގައި ބޭއްވުނުއިރު، ދަރިވަރުންނަށް ޚާއްޞަ ސެޝަން ކުރިއަށްދިޔައީ ނިލަންދޫ މަލްޓިޕާޕަސް ހޯލްގައެވެ.

އޮގަސްޓު 20 އިން 22 އަށް ފާފު އަތޮޅު ހޮސްޕިޓަލުގައި ކުރިއަށްދިޔަ މި ސްކްރީން ކުރުމުގެ ހަރަކާތުގައި މައިގަނޑު 5 ބާވަތެއްގެ ކެންސަރަށް ސާމްޕަލްތަކާއި ބަލިތައް ދެނެގަތުމުގެ އިންތިޒާމު ހަމަޖެއްސެވިއެވެ. އެއީ:

  • އުރަމަތީގެ ކެންސަރު
  • އަނގަޔާއި ކަރުތެރޭގެ ކެންސަރ
  • ރަހިމުގެ ކެންސަރ
  • ޕްރޮސްޓޭޓް ކެންސަރ
  • ކޮލޮރެކްޓަލް ކެންސަރު

ނިލަންދޫ ކައުންސިލުން މައުލޫމާތު ދެއްވާގޮތުގައި، ޕާކިސްތާނު ހައިކޮމިޝަނާއި ކެންސަރ ސޮސައިޓީގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަކީ މި ޕްރޮގްރާމް މިހާ ކާމިޔާބުކަމާއެކު ނިންމާލެވުނު މައިގަނޑު ސަބަބެވެ. އަދި ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭރުގެ އިދާރާތަކާ ގުޅިގެން މިފަދަ މުހިންމު ހަރަކާތްތައް ކުރިއަށްއޮތް ތަނުގައިވެސް ރޭވުމަށް ކައުންސިލުން ވަނީ އަމާޒުހިފާފައެވެ.

މ.މުލީ ކައުންސިލުން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ނިލަންދޫއަށް ޒިޔާރަތްކޮށްފި

15 އޮގަސްޓް 2026 ވީ ހޮނިހިރު ދުވަހު މިރަށަށް ކުރި މި ތަޖުރިބާ ހޯދުމުގެ ދަތުރުގައި މުލީ ކައުންސިލްގެ ރައީސާއި، ކައުންސިލް މެންބަރުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގެ މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 21 ބޭފުޅުންގެ ޓީމަކުން ބައިވެރިވިއެވެ.

 

މުލީ ކައުންސިލްގެ ޓީމަށް ނިލަންދޫ ކައުންސިލްގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އަދި ދެ ކައުންސިލްގެ ދެމެދުގައި ބޭއްވުނު ޚާއްޞަ ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ނިލަންދޫ ގޮމަވާތީ ހޯލް ގައެވެ.

 

މި ބައްދަލުވުމުގައި ދެ ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާކުރުމާ ބެހޭގޮތުންނާއި، ރަށު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ ގޮތްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށް، މަޢުލޫމާތާއި ތަޖުރިބާ ހިއްސާކޮށްފައެވެ.

 

މިފަދަ ދަތުރުތަކުގެ ސަބަބުން އިދާރީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ދެ ރަށުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ކައުންސިލްތަކުގެ ގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ފަހި ފުރުސަތުތަކެއް ހުޅުވިގެން ދެއެވެ.

ފ. ނިލަންދޫގައި 130 އަށްވުރެ ގިނަ ބައިވެރިންނާއެކު 45 ދުވަހުގެ ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ފ. ނިލަންދޫގައި ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށާއި، ކަސްރަތު ކުރުމުގެ ރަނގަޅު އާދަތައް މުޖުތަމައުގައި އަށަގަންނުވައި އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި 45 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހާއްސަ ކަސްރަތު ޕްރޮގްރާމެއް ވަނީ ފަށާފައެވެ. ނިލަންދޫ ކައުންސިލާއި، ފ. ނިލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ފ. ނިލަންދޫ ޕޮލިސްގެ އިތުރުން ފާފު އަތޮޅު ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި މި ރަށުގެ 130 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ އެކި އުމުރުފުރާގެ މީހުންނާ ގުޅޭގޮތަށް، ތަފާތު ތިން ބާވަތެއްގެ ކަސްރަތު ހިމެނޭ ގޮތަކަށެވެ. އެގޮތުން މޫދު ކަސްރަތުތަކާއި، ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ފޯރިގަދަ ޒުމްބާ ސެޝަންތަކުގެ އިތުރުން ހަށިގަނޑުގެ ވަރުގަދަކަން އިތުރުކުރުމަށް ދަނޑުމަތީގައި ކުރިއަށްގެންދާ އަމަލީ ކަސްރަތުތައް މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން އިތުރުން ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ތިއަރީ ކްލާސްތަކެއްވެސް މުޅި ޕްރޮގްރާމުގެ ތެރޭގައި ކުރިއަށްދާނެއެވެ.

ގަވާއިދުން ކަސްރަތު ކުރުމަކީ ދުޅަހެޔޮ، އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި ކޮންމެ އިންސާނަކަށްވެސް ނުހަނު ބޭނުންތެރި ކަމެކެވެ. ދިގު މުއްދަތަކަށް ދެމިގެންދާ ބޮޑެތި ބަލިތައް ކަމުގައިވާ ހަކުރުބައްޔާއި، ލޭގެޕްރެޝަރާއި، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ގަވާއިދުން ކަސްރަތު ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.

ދީނީ ދަރުސް ”ޙަސަދަވެރިކަމުގެ ނުބައިކަން“

ފ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާއި ނިލަންދޫ ކައުންސިލް އަދި ޖަމްޢިއްޔަތުއްސަލަފް ގުޅިގެން 8  އޮގަސްޓް 2026 ވީ ހޮނިހިރު ދުވަހުގެ ރޭ  ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލުގައި ޚާއްޞަ ދީނީ ދަރުސެއް ބާއްވައިފިއެވެ. ”ޙަސަދަވެރިކަމުގެ ނުބައިކަން“ މައުޟޫޢަށކުރިއަށްގެންދިޔަ މި ދަރުސް ނަގައިދެއްވީ އައްޝައިޚް މުޖުތަބާ ޙަމީދެވެ.

 

މި ދަރުސަކީ އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށާއި، ހިތްތައް ތާހިރުކޮށް އިސްލާމީ ރީތި އަޚުލާޤީ އުޞޫލުތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި އިންތިޒާމުކުރެވުނު ޕްރޮގްރާމެކެވެ. މި ހަރަކާތުގައި ނިލަންދޫގެ ގިނަ އަދަދެއްގެ އާންމު ރައްޔިތު އަންހެނުންނާއި ފިރިހެނުން ބައިވެރިވެފައިވެއެވެ.

 

ދަރުސުގެ ތެރެއިން ޝައިޚް މުޖުތަބާ ޙަމީދު ވަނީ ޙަސަދަވެރިކަމުގެ ސަބަބުން އިންސާނާގެ ހެޔޮޢަމަލުތައް ބާތިލުވެގެންދާ ގޮތާއި، އެކަމުގެ ސަބަބުން މުޖްތަމަޢުގައި ކުރިމަތިވާ ނުރައްކާތެރި ނަތީޖާތަކަށް އަލިއަޅުވާލައްވާފައެވެ. އަދި ހިތްތައް ޙަސަދައިން ތާހިރުކޮށް، އެކަކު އަނެކަކަށް ހެޔޮއެދުމާއި އެކުވެރިކަން އާލާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

 

ދަރުސް ނިންމާލުމަށްފަހު، ބައިވެރިންގެ ހިތުގައި އުފެދުނު ދީނީ ތަފާތު ސުވާލުތަކަށް ޖަވާބު ދިނުމުގެ ސުވާލާއި ޖަވާބު ސެޝަނެއްވެސް ޝައިޚް މުޖުތަބާ ޙަމީދު ކުރިއަށްގެންދެވިއެވެ.

 

ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން މައުލޫމާތު ދެއްވި ގޮތުގައި، ރައްޔިތުންގެ ފަރާތުން މި ދަރުސަށް ބޮޑު ތަރުޙީބެއް ލިބިގެންގޮސްފައިވާތީ، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ދީނީ އަދި އިޖުތިމާޢީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރޭވުމަށް ވަނީ ހަމަޖެހިފައެވެ.

ގޭތެރޭގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުން

ގޭތެރޭގައި އާންމުކޮށް ދިމާވާ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން، ފ.އަތޮޅު ޕޮލިހާއި، އެމް.އެން.ޑީ.އެފް ފ. ނިލަންދޫ ފަޔަރ ސްޓޭޝަން އަދި ފ. ނިލަންދޫ ކައުންސިލް ގުޅިގެން ފަޔަރ ފައިޓިން ސެޝަނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

2026 ޖުލައި 21 ވަނަ ދުވަހު ފ. ނިލަންދޫ ގޮމަވަތީގައި ކުރިއަށް ގެންދިޔަ މި ސެޝަން އަމާޒުކޮށްފައިވަނީ ރަށުގެ މުވައްސަސާތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުންނަށެވެ. މި ހަރަކާތުގައި ރަށުގެ އެކި މުވައްސަސާތަކުންނާއި އާންމުންގެ ތެރެއިން ޖުމްލަ 37 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

މި ސެޝަންގައި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތްތަކާއި، ގޭތެރޭގައި އަލިފާނުގެ ނުރައްކާތަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލައި މަޢުލޫމާތު ދީފައިވެއެވެ. އަދި އަމަލީގޮތުން އަލިފާން ނިއްވާނެ ގޮތްތަކާއި، އަލިފާން ނިއްވާ ނިޒާމުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ބައިވެރިވެރިންނަށް ވަނީ ދައްކާލައިދީފައެވެ.

ކައުންސިލާއި ފުލުހުން ގުޅިގެން ހުވަނި ކޮންޓްރޯލް ކުރުމަށް ހާއްސަ ހަރަކާތެއް ފަށައިފި

ފ. ނިލަންދޫގައި ފަހަކަށް އައިސް ހުވަނި އާންމުވެ، އޭގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ނިލަންދޫ ކައުންސިލާއި ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ރަށުގެ އާންމު ސަރަހައްދުގެ ގަސްތަކާއި ވަލުތެރޭގައި ހުރި ގަސްތަކަށް ބޭސްޖެހުމުގެ ހާއްސަ ހަރަކާތެއް ފަށައިފިއެވެ.

މިކަމާ ގުޅިގެން ނިލަންދޫ ކައުންސިލުން ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި މައްސަލައަށް އަވަސް ހައްލެއް ހޯދުން މުހިންމު ކަމަށެވެ. އެގޮތުން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމާއެކު، ކައުންސިލްގެ މުވައްޒަފުންނާއި ފުލުހުން ގުޅިގެން ރަށުގެ އެކި ސަރަހައްދުތަކުގައި ބޭސްޖެހުމުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

”ރައްޔިތުންނަށް ދިމާވެފައިވާ މި ދަތިކަމުން އަވަސް ލުޔެއް ހޯދައިދިނުމަށް ކައުންސިލުން ވަނީ ހާއްސަ އިސްކަމެއްދީގެން މި ހަރަކާތް ފަށާފަ. މި މަސައްކަތުގައި ފުލުހުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވަން،“ ކައުންސިލް މެންބަރު ނަސީބާ ޢަލީ

 

މި މަސައްކަތުގެ ތެރެއިން، ހުވަނި ގިނައިން އުފެދޭ މިދިލި ގަސްތަކާއި ބޭސްޖެހުމުގެ މަސައްކަތް ކައުންސިލުންވަނީ ކުރިއަށް ގެންގޮއްސައެވެ. އަދި މި އުނދަގޫ މުޅިން ކޮންޓްރޯލް ކުރެވެންދެން މި ހަރަކާތް ކުރިއަށްދާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016