ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ގޭތެރޭގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުން

ގޭތެރޭގައި އާންމުކޮށް ދިމާވާ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން، ފ.އަތޮޅު ޕޮލިހާއި، އެމް.އެން.ޑީ.އެފް ފ. ނިލަންދޫ ފަޔަރ ސްޓޭޝަން އަދި ފ. ނިލަންދޫ ކައުންސިލް ގުޅިގެން ފަޔަރ ފައިޓިން ސެޝަނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

2026 ޖުލައި 21 ވަނަ ދުވަހު ފ. ނިލަންދޫ ގޮމަވަތީގައި ކުރިއަށް ގެންދިޔަ މި ސެޝަން އަމާޒުކޮށްފައިވަނީ ރަށުގެ މުވައްސަސާތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުންނަށެވެ. މި ހަރަކާތުގައި ރަށުގެ އެކި މުވައްސަސާތަކުންނާއި އާންމުންގެ ތެރެއިން ޖުމްލަ 37 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

މި ސެޝަންގައި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތްތަކާއި، ގޭތެރޭގައި އަލިފާނުގެ ނުރައްކާތަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލައި މަޢުލޫމާތު ދީފައިވެއެވެ. އަދި އަމަލީގޮތުން އަލިފާން ނިއްވާނެ ގޮތްތަކާއި، އަލިފާން ނިއްވާ ނިޒާމުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ބައިވެރިވެރިންނަށް ވަނީ ދައްކާލައިދީފައެވެ.

ކައުންސިލާއި ފުލުހުން ގުޅިގެން ހުވަނި ކޮންޓްރޯލް ކުރުމަށް ހާއްސަ ހަރަކާތެއް ފަށައިފި

ފ. ނިލަންދޫގައި ފަހަކަށް އައިސް ހުވަނި އާންމުވެ، އޭގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ނިލަންދޫ ކައުންސިލާއި ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ރަށުގެ އާންމު ސަރަހައްދުގެ ގަސްތަކާއި ވަލުތެރޭގައި ހުރި ގަސްތަކަށް ބޭސްޖެހުމުގެ ހާއްސަ ހަރަކާތެއް ފަށައިފިއެވެ.

މިކަމާ ގުޅިގެން ނިލަންދޫ ކައުންސިލުން ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި މައްސަލައަށް އަވަސް ހައްލެއް ހޯދުން މުހިންމު ކަމަށެވެ. އެގޮތުން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމާއެކު، ކައުންސިލްގެ މުވައްޒަފުންނާއި ފުލުހުން ގުޅިގެން ރަށުގެ އެކި ސަރަހައްދުތަކުގައި ބޭސްޖެހުމުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

”ރައްޔިތުންނަށް ދިމާވެފައިވާ މި ދަތިކަމުން އަވަސް ލުޔެއް ހޯދައިދިނުމަށް ކައުންސިލުން ވަނީ ހާއްސަ އިސްކަމެއްދީގެން މި ހަރަކާތް ފަށާފަ. މި މަސައްކަތުގައި ފުލުހުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވަން،“ ކައުންސިލް މެންބަރު ނަސީބާ ޢަލީ

 

މި މަސައްކަތުގެ ތެރެއިން، ހުވަނި ގިނައިން އުފެދޭ މިދިލި ގަސްތަކާއި ބޭސްޖެހުމުގެ މަސައްކަތް ކައުންސިލުންވަނީ ކުރިއަށް ގެންގޮއްސައެވެ. އަދި މި އުނދަގޫ މުޅިން ކޮންޓްރޯލް ކުރެވެންދެން މި ހަރަކާތް ކުރިއަށްދާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ނިލަންދޫ ރައްޔިތުންގެ މަސައްކަތް – މޫދަށް އެރޭ ސަރަހައްދުގައި ވެލި ފެތުރުން

ރަށުގައި އަލަށް ތަރައްގީ ކުރަމުންދާ މުދަށް އެރޭ ސަރަހައްދަށް ވެލި ފެތުރުމުގެ މަސައްކަތް ނިލަންދޫ ކައުންސިލުން އިސްނަގައިގެން ރަށުގެ މުވައްސަސާތަކާއި އާންމު ރައްޔިތުންގެ އެއްބާލުމާއިއެކު މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ކުރިއަށް ގެންގޮއްސިއެވެ. ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޢަމަލީ ގޮތުން ބައިވެރިވެފައެވެ.

މި ހަރަކާތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރަށު ކައުންސިލުގެ ރައީސް، ޢަލީ އަޙްމަދު، ވިދާޅުވީ މިއަދު ފެނިގެން މިދިޔައީ ރައްޔިތުންގެ މެދުގައި އޮތް ޒަމާނުއްސުރެއްއޮތް އެއްބައިވަންތަކަމުގެ ހަޤީޤީ މަންޒަރު ކަމަށެވެ. ނިލަންދޫއަކީ ޒަމާނުއްސުރެ ތަރައްޤީގެ މަސައްކަތްތަކާއި އިޖުތިމާޢީ ކަންކަމުގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް، އެހެން ރަށްރަށަށް ނަމޫނާ ދެއްކި ބައެއްކަން ފާހަގަކުރައްވަމުން، ފަހަކަށް އައިސް މިމަންޒަރު ކޮންމެވެސް ވަރަކަށް ފަނޑުވެފައި އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް، މިއަދުގެ  މިހަރަކާތުން އަނެއްކާވެސް ރައްޔިތުން އެކުވެރިކަމާއެކު ރަށުގެ މަސްލަހަތަށްޓަކައި މަސައްކަތްކުރާ މަންޒަރު ފެނިގެން ދިއުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަސައްކަތް މިހާ ފުރިހަމައަށް ކުރިއަށްގެންދިއުމުގެ ފަހަތުގައި ތިބި ހުރިހާ ފަރާތްތަކަށް ކައުންސިލުން ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. ވަކިން ޚާއްޞަކޮށް، މި މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި އެހީތެރިވެދިން ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށާއި، ކައުންސިލުގެ ގޮވާލުމަށް އިޖާބަދެއްވާ ހެނދުނުގެ ވަގުތު ހުސްކޮށް މި މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވި ރަށުގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ކައުންސިލުން ފަށްފަށުން ޝުކުރު ދަންނަވައެވެ.

ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ މި ފުރިހަމަ އެއްބާރުލުމާއެކު ރަށުގެ ތަރައްޤީއަށް އިތުރު މަސައްކަތްތަކެއް ކުރެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ކައުންސިލުން ހާމަކުރެއެވެ.

 

 

 

ރައްޔިތުންގެ ބައްދަލުވުމުގެ މަޢުލޫމާތު

ރަށުގެ ރައްޔިތުންނާއެކު ބޭއްވުނު ބައްދަލުވުމުގައި، ރަށުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ކައުންސިލުން ފަށަން ނިންމާފައިވާ ބައެއް މަސައްކަތްތަކާއި، ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވުނެވެ.

 

މަޝްވަރާކުރެވުނު ކަންކަން

 

  1. އަލަށް ތަރައްގީކުރާ މޫދަށް އެރޭ ސަރަހައްދުގައި ވެލި ފެތުރުމުގެ މަސައްކަތް

އަލަށް ތަރައްގީކުރާ މޫދަށް އެރޭ ސަރަހައްދުގައި ވެލިފެތުރުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް އޮތް ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

  • ދުވަސް: އަންނަ ހޮނިހިރު ދުވަހު
  • ގަޑި: ހެނދުނު 7:00 އިން 9:00 އަށް

މި މަސައްކަތަކީ މުޅި ރަށުގެ ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާ މަސައްކަތެއް ކަމުން، ވީހާވެސް ގިނަ ފަރާތްތަކުން މި ހަރަކާތުގައި ބައިވެރިވެދެއްވުމަށް ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އެދުނެވެ.

 

  1. ކައުންސިލްގެ ހަދަމުންގެންދާ އުސޫލުތަކަށް ރައްޔިތުންގެ ޚިޔާލު ހޯދުން

ކައުންސިލުން އެކުލަވާލަމުންދާ އާ އުސޫލުތަކާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް މިހާރު ކައުންސިލްގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ރައްޔިތުންނަށް ހުޅުވާލައެވެ. ވީމާ، މި ގޮތައް ޚިޔާލު ހޯދުމަށް ހުޅުވާލެވޭ އުޞޫލުތަކާއި ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޚިޔާލުތައް ކައުންސިލްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށް ހިއްސާކުރުވެން ހުންނާނެކަމަށާއި މި ކަމުގައި ރައްޔިތުންގެ ބައިވެރިވުން ބޭނުންވާކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

 

  1. ހިނަވުމާއި ކަފުން ކުރުމުގެ ޚިދުމަތަށް ބޭނުންވާ ސާމާނު ކައުންސިލްގެ ފަރާތުން ފޯރުކޮށްދިނުން

ރަށުގައި ވަޅުލާ ހުރިހާ ފަރާތްތަކުގެ ޖަނާޒާގެ ކަންކަން ފަސޭހަކުރުމުގެ ގޮތުން، ހިނަވުމާއި ކަފުން ކުރުމުގެ ޚިދުމަތަށް ބޭނުންވާ ހުރިހާ ސާމާނެއް ކައުންސިލްގެ ފަރާތުން ހިލޭ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައިވާކަމާއި މި ޚިދުމަތް މި ރަށުގައި ވަޅުލެވޭ ކޮންމެ ފަރާތަކަށްވެސް ލިބިގެންދާނެ ކަމުގެ މަޢުލޫމާތު ކައުންސިގެ ރައީސް ރައްޔިތުނާއި ހިއްސާކުރެއްވިއެވެ.

 

  1. ކުރިއަށް އޮތް 5 އަހަރުގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުން

ރަށުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ކުރިއަށް އޮތް 5 އަހަރުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކައުންސިލުން ފަށައިގެން ކުރިއަށް ގެންދާކަމާއި މި ޕްލޭނަކީ ރައްޔިތުންގެ ޚިޔާލާއި ބޭނުންތަކުގެ މައްޗަށް ބިނާވެފައިވާ ޕްލޭނަކަށް ހެދުމަށްޓަކައި، ރައްޔިތުންގެ ފަރާތުން ލިބޭ ޚިޔާލުތަކަށް ކައުންސިލުން މަރުހަބާ ކިޔާނެވާހަކަ ރައީސް ހިއްސާކުރެއްވިއެވެ.

 

ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކު، އަޅުގަނޑުމެންގެ ރަށް އިތުރަށް ތަރައްޤީކޮށް ހިތްފަސޭހަ ތަނަކަށް ހެދުމަކީ ކައުންސިލުގެ އަމާޒެވެ.

އަލަށް ހަމަޖެހުނު އިމާމު ޢަބްދުލްޤާދިރު މޫސާއަށް މަރުޙަބާ ދެންނެވުން.

މިސްކިތުގެ މުދިމުގެ މަޤާމަށް އަލަށް ހަމަޖެހުނު ފ.ނިލަންދޫ ހަނދު، ޢަބްދުލްޤާދިރު މޫސާއަށް ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއްކިޔައިފިއެވެ.

ޢަބްދުލްޤާދިރު މޫސާ އަކީ ނިލަންދޫގެ ތަޢުލީމީ ދާއިރާގައި ވަރަށް ފާހަގަކޮށްލެވޭ، އަދި ރަށުގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ޤުރުއާން އަދި އިސްލާމް މުދައްރިސެއްގެ ގޮތުގައި 28 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

މި ދިގު މުއްދަތުގެ ތެރޭގައި ރަށުގެ އެތައް ޖީލެއް ބިނާކުރުމަށް އޭނާ ކޮށްދެއްވި ބުރަ މަސައްކަތްތަކަށްޓަކައި، ނިލަންދޫ ކައުންސިލުން ޚާއްޞަ ޝުކުރެއް ދަންނަވަމެވެ.

ތަޢުލީމީ ދާއިރާގެ އިތުރުން، ޢަބްދުލްޤާދިރު މޫސާ އަކީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ވަގުތީ އިމާމެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

މިސްކިތްތަކުގެ މުދިމުންނަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯމެންޓްގެ މުވައްޒަފުންނެވެ. ނަމަވެސް މުދިމުންގެ އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަން މިނިސްޓްރީގެ ފަރާތުން އޮންނަނީ ރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކޮށްފައެވެ.

ފ. ނިލަންދޫ ކައުންސިލްގެ މިސްކިތުގެ މުދިމުކަމަށް އަލަށް ޖެހުުނު އިމާމަށް ނިލަންދޫ ކައުންސިލާއި ރަށުގެ ރައްޔިތުންގެ ނަމުގައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ.

ވޯލްޑްކަޕް ފޯރި: އިދާރީ މުވައްޒަފުން އޮފީހަށް ނުކުތީ ސަޕޯޓުކުރާ ޓީމުތަކުގެ ޖާޒީގައި

ފ. ނިލަންދޫ ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މެދުގައި އޮތް އެކުވެރިކަމާއި، ކުޅިވަރުގެ ރޫޙު އާލާކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު މުވައްޒަފުން އޮފީހަށް ހާޒިރުވީ، އެ މުވައްޒަފަކު އެންމެ ސަޕޯޓުކުރާ ޤައުމެއް ތަމްސީލުކުރާ ޖާޒީގައެވެ. މިއީ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، މަސައްކަތުގެ މާޙައުލަކީ ހިތްހަމަޖެހޭ އަދި އުފާވެރި މާޙައުލަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ޚާއްޞަ ހަރަކާތެކެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016