ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

އިންޑިޔާގެ ހައިކޮމިޝަނުން ކައުންސިލަށް އަދި ހޮސްޕިޓަލްއަށް ލެޕްޓޮޕް ހަދިޔާކުރުން

ދިވެހިރާއްޖޭގެ ”މޯލްޑިވްސް 2.0“ ޑިޖިޓަލް ޓްރާންސްފޯމޭޝަން ވިޝަންގެ ދަށުން، އިންޑިއާ ހައި ކޮމިޝަނުން ރާއްޖޭގެ 6 ދާއިރާއަކަށް  ހަދިޔާކުރި ލެޕްޓޮޕްތަކުގެ ތެރެއިން، ފ. ނިލަންދޫ ދާއިރާއަށް ލިބުނު ލެޕްޓޮޕްތައް ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ކައުންސިލަށާއި ފ. އަތޮޅު ހޮސްޕިޓަލަށް ހަވާލުކުރައްވައިފިއެވެ.

މި އެހީއަކީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ދާއިރާގެ އިދާރީ ހިންގުމާއި ސިއްހީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެކެވެ.

މިއީ އިންޑިއާގެ ”ނެއިބަހުޑް ފަސްޓް“ ސިޔާސަތުގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ދެމުން އަންނަ އެހީތެރިކަމުގެ ތެރެއިން ދެވުނު މުހިންމު ހަދިޔާއެކެވެ.

މި ފުރުސަތުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ނިލަންދޫ ދާއިރާގެ ކުރިއެރުމަށް މިފަދަ އަގުހުރި އެހީތެރިކަން ފޯރުކޮށްދެއްވިކަމަށްޓަކައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަށް ނިލަންދޫ ކައުންސިލްގެ ފަރާތުން ހާއްސަ ޝުކުރު ދަންނަވަމެވެ . އަދި މިކަމުގައި އިސް ދައުރެއް އަދާކުރެއްވިކަމަށްޓަކައި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއަށްވެސް ހާއްސަ ޝުކުރު ދަންނަވަމެވެ.

ކުޑަކުދިންގެ ޕާކު ސަރަހައްދުގައި ގަސްއިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުން

ފ. ނިލަންދޫ ކައުންސިލުން އިސްނަގައިގެން، މިހާރު ތަރައްގީކުރަމުންދާ  ކުޑަކުދިންގެ ޕާކު ސަރަހައްދު ފެހިކުރުމުގެ ގޮތުން ޚާއްސަ ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 29 ގަސް މިއަދު ވަނީ އިންދާފައެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ނިލަންދޫ ކައުންސިލުގެ މުވައްޒަފުންނެވެ.

މި ޕްރޮގްރާމުގައި އިންދި ގަސްތަކުގެ ތަފުސީލު:

– ދަނބު -24 ގަސް

– މަދޮށި – 3 ގަސް

– ހިތި – 2 ގަސް

ރަށުގެ ޕާކުތަކާއި އާންމު ސަރަހައްދުތައް ފެހިކޮށް، ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަކީ ކައުންސިލުގެ މުހިންމު އަމާޒެކެވެ. މިފަދަ ޕްރޮގްރާމްތައް މުސްތަގުބަލުގައި ވެސް ރަށުގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ކައުންސިލުން ރާވާފައިވެއެވެ.

ފ. ޖުޑީޝަލް ދާއިރާގެ އިދާރީ މުވައްޒަފުންނަށް ބާއްވާ ތަމްރީނު ޕްރޮގްރާމަށް ކައުންސިލްގެ އެއްބާރުލުން ހޯދުމަށް ބޭއްވުނު ބައްދަލުވުން

ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓާި ޖުޑީޝަލް އެކަޑަމީއާއި ގުޅިގެން އަންނަ ހަފްތާގައި ޖުޑީޝަލް ދާއިރާގެ އިދާރީ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ފ. ނިލަންދޫ ކައުންސިލާއި މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ފ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުއްލަތީފް ޙަމީދު ވަނީ ނިލަންދޫ ކައުންސިލާ ބައްދަލުކުރައްވައި، ޕްރޮގްރާމުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. މި ޕްރޮގްރާމު ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ކޯޓުން ވަނީ ކައުންސިލްގެ ފަރާތުން އެދިފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނިލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތައް ފުރިހަމަ ކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކަކީ ނިލަންދޫގެ ރައްޔިތުންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށެވެ. އެހެންކަމުން، މިފަދަ ކަންކަމަށް ކައުންސިލުން ދުވަހަކުވެސް ފަސްނުޖެހޭނެ ކަމަށާއި، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކައުންސިލުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

ފ. ނިލަންދޫ ކައުންސިލަކީ އަބަދުވެސް ރަށުގެ އިދާރާތަކާއި ގުޅިގެން ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތައް ކުރުމުގައި ދެމިއޮންނަ މުއައްސަސާއެކެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ފ. ނިލަންދޫ ކައުންސިލުން އިސްނަގައިގެން، ރަށުގެ އަލަށް ތަރައްޤީ ކުރަމުންދާ މޫދަށް އެރޭ ސަރަޙައްދު ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް މިއަދު ހެނދުނު ކުރިއަށް ގެންގޮސްފިއެވެ.

މި މަސައްކަތުގެ ތެރެއިން، އެސަރަޙައްދުގެ ގޮނޑުދޮށުގައި ހުރި މުރަކަ އާއި ގާތައް ނަގައި، އެ ސަރަޙައްދު ވަނީ މޫދަށް އެރޭ މީހުންނަށް ފަސޭހަވާނެހެން ސާފުކޮށްފައެވެ.

ނަރުދަމާ އައުޓްފޯލް ހޮޅި 120 ފޫޓަށް ދިގު ކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުން

ފ. ނިލަންދޫގެ ނަރުދަމާ ނިޒާމުން ބޭރުކުރާ ފެން ރަށުގެ ގޮނޑުދޮށްތަކަށް ޖަމާވުން ކުޑަކުރުމަށްޓަކައި، އައުޓްފޯލް ހޮޅި 120 ފޫޓަށް ދިގުކޮށްފިއެވެ.
މި މަސައްކަތަކީ ފ. ނިލަންދޫ ކައުންސިލާއި ފެނަކަ ނިލަންދޫ ބްރާންޗް ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމުމުގައި އެމްޓީސީސީ (MTCC) އިން ދެއްވި ފަންނީ އަދި އަމަލީ އެހީތެރިކަމަށްޓަކައި އެ ފަރާތަށް ކައުންސިލުން ޝުކުރު އަދާކުރަމެވެ.
މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރަށުގެ ގޮނޑުދޮށްތަކަށް ނަރުދަމާގެ ފެން އަދި ނަޖިސް ޖަމާވުން ހުއްޓުވައި، ތިމާވެށީގެ ސާފުތާހިރުކަން ކަށަވަރުކުރުމެވެ.

ސަލާމު މިސްކިތުގެ ތަޅުން އާ ކުރުމުގެ މަސައްކަތް ނިމިއްޖެ

15 ޖޫން 2026

ފ. ނިލަންދޫ ’މަސްޖިދުއްސަލާމް‘ މިސްކިތުގެ ތަޅުންގަނޑު އެއްވަރުކޮށް، އަލުން ތަޅުން އެޅުމުގެ މަރާމާތު މަސައްކަތްތައް ކުރިއަށް ގެންގޮއްސިއެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ މިސްކިތުގެ ތަޅުންގަނޑު އެއްވަރުނުވުމުގެ ސަބަބުން، ނަމާދަށް އަންނަ އުމުރުން ދުވަސްވީފަރާތްތަކާއި އަދި  ޚާއްޞަކޮށް ގޮނޑީގައި އިށީނދެގެން ނަމާދުކުރާ ފަރާތްތަކަށް ދިމާވަމުންދިޔަ ދަތިތަކަށް ޙައްލެއް ހޯދައިދިނުމެވެ.

މިސްކިތުގެ މަރާމާތް ކުރުމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ ކޮންޓްރެކްޓް އުޞޫލުން  އައި.ބީ ބިލްޑާރސް ގެ ފަރާތުންނެވެ. މި މަސައްކަތަކީ އިސްލާމިކް މިނިސްޓްރީގެ ކޮންޑިޝަނަލް ގްރާންޓެއްގެ ދަށުގން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

މި މަރާމާތާއެކު ދުވަސްވީ ބޭފުޅުންނަށް މިސްކިތަށް އަރައި ފޭބުމުގައްޔާއި ނަމާދުކުރުމުގައި ދިމާވި އުނދަގޫތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ރަށުގައި ފެތުރެމުންދާ ވައިރަލް ރޯގާއާއި ގުޅިގެން ކައުންސިލާއި، ސްކޫލް އަދި ހޮސްޕިޓަލް ބައްދަލުކޮށްފި

މިދުވަސްވަރު ރަށުގައި ހަލުވިކަމާއެކު ފެތުރެމުންދާ ވައިރަލް ހުމުގެ ރޯގާ ކޮންޓްރޯލް ކުރުމަށްޓަކައި އެންމެން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ފ.ނިލަންދޫ ކައުންސިލްގެ އިސްނެގުމުގެ މަތިން ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ. ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ކައުންސިލްގެ އިތުރުން ރަށު ސްކޫލާއި ފ. އަތޮޅު ހޮސްޕިޓަލުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުން ފައްޓަވައިދެއްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ރޯގާ ކޮންޓްރޯލް ކުރުމަށްޓަކައި ހުރިހާ މުއައްސަސާތަކެއް ގުޅިގެން އެކުގައި ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ބެލުން ކަމަށެވެ. އަދި ބަލިން ރައްކާތެރިވުމުގެ މެސެޖުތައް އާންމުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، ކައުންސިލްގެ ކުނި މެނޭޖުކުރާ ވެހިކަލްތަކުގައި ލައުޑްސްޕީކަރުތައް ބޭނުންކޮށްގެން ރަށުތެރޭގައި އަޑުގަދަކޮށް ހޭލުންތެރިކަމުގެ މެސެޖުތައް ދިނުމުގެ އިންތިޒާމު ކައުންސިލުން ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސްކޫލްގެ ފަރާތުން ބައިވެރިވެވަޑައިގަތް ޑެޕިއުޓީ ޕްރިންސިޕަލް ޢަބްދުއްރަޝީދު އަޙްމަދު ވިދާޅުވީ، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ގިނަ މީހުން އެއްވެއުޅޭ ހަރަކާތްތަކާއި އެއްވުންތަކާ ދުރުހެލިވުން މިވަގުތަށް ވަރަށް މުހިންމު ކަމަށެވެ. އަދި މިކަމަށް ސަމާލުކަން ދިނުމަށް ރަށުގެ ހުރިހާ ރައްޔިތުންގެ ކިބައިން އެދުމަށް އެދުނެވެ.

މި ބައްދަލުވުމުގައި ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސަރވިސަސް ޢަބްދުލްޖަލީލް އަޙްމަދު ވިދާޅުވީ، މިދުވަސްވަރަކީ ސްކޫލްގެ ކިޔެވުން ކުރިއަށްދާ ދުވަސްވަރަކަށް ވާތީ، ދަރިވަރުން ކްލާސްތަކަށް ވަނުމުގެ ކުރިން ހުން ބެލުން ފަދަ (ޕްރިލިމިނަރީ) ޗެކަޕްތައް ހެދުމުގައި ހޮސްޕިޓަލުގެ ފަރާތުން ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ސްކޫލަށް ފޯރުކޮށްދޭނެ ކަމަށެވެ. މިއީ ސްކޫލް މާހައުލުން ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މި ރޯގާއާ ގުޅޭގޮތުން ފާފު އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުގެ ފަރާތުން ޝުޢައިބު އިސްމާޢީލް ވިދާޅުވީ، މިއީ ހަމައެކަނި މި ރަށުގައި އޮތް ހާލަތެއް ނޫން ކަމަށާއި، މުޅި ރާއްޖޭގައިވެސް މިދުވަސްވަރު ރޯގާ ފެތުރެމުންދާ ކަމަށެވެ. އެހެންކަމުން، ކޮންމެހެން ކުރަންޖެހޭ ކަންކަމުގައި މެނުވީ ގިނަ މީހުން އެއްވާ އެއްވުންތަކާއި އާންމު ހަރަކާތްތައް އެއްކޮށް ހުއްޓާލުމަށް އޭނާ ވަރަށް ބޮޑަށް ބާރުއެޅުއްވުމަށް އެދުނެވެ.

މީގެ އިތުރުން ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުން ވަނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ސަމާލުކަން ދިނުމަށް އަންނަނިވި އިރުޝާދުތައް ދެއްވާފައެވެ:

  • މާސްކު އެޅުމާއި އަތްދޮވުން: ބަލިން ރައްކާތެރިވުމަށް އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަށާއި، ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމަށް ސަމާލުކަން ދިނުން.
  • ކުރީކޮޅު ޑޮކްޓަރަށް ދެއްކުން: ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ރައްޔިތުން ބަލީގެ ކުރީކޮޅު ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަށް ހިތްވަރުދިނުން.
  • ގޭގައި މަޑުކުރުން: އެއްވެސް ކަހަލަ ބަލީގެ އަލާމާތެއް ހުރިނަމަ ބޭރަށް ނިކުމެ އުޅުން ހުއްޓާލައި ގޭގައި މަޑުކުރުން.
  • ބަލިމީހުންނަށް ޒިޔާރަތް ނުކުރުން: ހޮސްޕިޓަލަށާއި ގޭގޭގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރުން މިދުވަސްވަރު އެއްކޮށް ހުއްޓާލުން.

މި ބައްދަލުވުން ނިންމާލާފައިވަނީ ރަށުގެ އެންމެހާ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން، ފަރުދީ ޒިންމާ އަދާކޮށްގެން މި ރޯގާއިން ރަށާއި ރައްޔިތުން ސަލާމަތްކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އިލްތިމާސްކުރަމުންނެވެ.

 

ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން މެޑަމް ސާޖިދާ ފ.ނިލަންދޫއަށް ވަޑައިގެންފި

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު މިރަށަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ.

 ނިލަންދޫއަށް ވަޑައިގަތުމުން، އެ ރަށު ކައުންސިލާއި، މުއައްސަސާތަކުގެ ވެރިންނާއި، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަޙައްދަށް ޖަމާވެ، އެކަމަނާއަށް ވަރަށް އިޚްލާޞްތެރި އަދި ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެކަމަނާއަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ރަށުގެ ބަނދަރުމަތި ވަނީ ވަރަށް ކުލަގަދަކޮށް ދިދަތަކުން ޒީނަތްތެރިކޮށްފައެވެ. އަދި ރަށުގެ އެކި އުމުރުފުރާގެ ރައްޔިތުން ވަނީ މަރުހަބާ ކިޔުމަށް ނުކުމެ އެކަމަނާއަށް އޮތް ލޯތްބާއި އިޙްތިރާމް ހާމަކޮށްދޭ ފަދަ ބޮޑު ތަރުޙީބެއް ދީފައެވެ.

މި ދަތުރުފުޅަކީ ނިލަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެކަމަނާ ކުރައްވާ ޚާއްޞަ ދަތުރުފުޅެކެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ހެލްތު މިނިސްޓަރު ގީލާ ނިލަންދޫއަށް ވަޑައިގެންފި، ރަސްމީ ޖަލްސާގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަންނަވަނީ

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް (ވޯލްޑް ފުޑް ސެކިއުރިޓީ ޑޭ) ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ފާފު އަތޮޅު ނިލަންދޫއަށް ވަޑައިގެންފިއެވެ.

މިނިސްޓަރު ގީލާ ނިލަންދޫއަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނު 10:45 އެހާކަންހާއިރުއެވެ. ރަށަށް ވަޑައިގަތުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުންގެ ފަރާތުން މިނިސްޓަރަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މުދުރުފަހު 13:00 ގައެވެ. މި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މިއަހަރު ގައުމީ ފެންވަރުގައި ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ތެރެއިން، ނިލަންދޫގައި ތަފާތު ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްދާނެއެވެ.

 

ވަންގަވް ޕްލެޓްފޯމަށް ކައުންސިލްގެ ޚިދުމަތްތައް ބަދަލުކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ”ވަންގަވް“ (OneGov) ޕްލެޓްފޯމާ ގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މި ކައުންސިލްގެ މުވައްޒަފުންނަށް ބާއްވައިފިއެވެ.
މި ކައުންސިލް އިދާރާގައި ކުރިއަށްދިޔަ މި ތަމްރީނު ސެޝަނުގައި ކައުންސިލްގެ އެކި ދާއިރާތަކުން ޖުމްލަ 15 މުވައްޒަފުން ބައިވެރިވެ، މައުލޫމާތު އޮޅުންފިލުވާފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ އެކި އެކި ޚިދުމަތްތައް، އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ފަސޭހަކަމާއެކު ދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މިގޮތުން، ވަންގަވް ޕްލެޓްފޯމް ބޭނުންކޮށްގެން ކައުންސިލްގެ ޚިދުމަތްތައް ބައްޓަންކުރާނެ ގޮތްތަކާއި، އެ ޚިދުމަތްތަކަށް އާންމު ރައްޔިތުން ކުރިމަތިލާނެ (އެޕްލައި ކުރާނެ) ގޮތުގެ ފުރިހަމަ މައުލޫމާތު މުވައްޒަފުންނަށް ވަނީ ދަސްކޮށްދީފައެވެ.
ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުންނާއި ސަރުކާރުގެ އޮފީސްތަކުން ދޭ ހުރިހާ ޚިދުމަތްތަކެއް އެއްކޮށް ޑިޖިޓަލްކޮށް، ވަންގަވް ޕްލެޓްފޯމް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
މި ހިދުމަތުން، ކައުންސިލުންދޭ ޚިދުމަތްތައް އަވަސްވެ، ކަރުދާސް ބޭނުންކުރާ މިންވަރު މަދުވެ، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ގޭގައި ތިބެގެން ޚިދުމަތްތަކަށް އެދުމުގެ މަގު ފަހިވެގެންދާނެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016