ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

އެމް.ޓީ.ސީ.ސީގެ ޑީ.އެމް.ޑީ އަޙްމަދު މުބީން ނިލަންދޫއަށް ވަޑައިގެން ކައުންސިލާއި ބައްދަލުކުރަށްވައިފި

ނިލަންދޫއަށް ވަޑައިގެން، ނިލަންދޫގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން އެމް.ޓީ.ސީ.ސީގެ ޑީ.އެމް.ޑީ އަޙްމަދު މުބީން ކައުންސިލާއިއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފި އެވެ. އެމް.ޓީ.ސީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ދާލު އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ނިލަންދޫގައި ހިނގަމުންދާ މަޝްރޫޢުތައް ބައްލަވާލައްވައި، ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ޙައްލެއް ހޯދުމާ ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި ވާހަކަދެކެވިފަ އެވެ.

ކައުންސިލް ރައީސްގެ ކަންބޮޑުވުންތައް: އާރް.ޓީ.އެލް ފެރީގެ ރޫޓުތަކާއި މަޝްރޫޢުތަކުގެ ދުވެލި

މި ބައްދަލުވުމުގައި ނިލަންދޫ ކައުންސިލްގެ ރައީސް ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ހިނގަމުންދާ އަދި ފެށުމަށް ތައްޔާރުވަމުންދާ މަޝްރޫޢުތަކާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ޚިއްސާކުރައްވާފަ އެވެ.

  • އާރް.ޓީ.އެލް ފެރީގެ ރޫޓުތައް މުރާޖަޢާކުރުން: ދާލު އަތޮޅުގެ ކައިރި ރަށްރަށުގެ ރައްޔިތުންނަށް މިހާރުގެ ރޫޓުތައް ހުރިގޮތުން ދަތުރުފަތުރަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ، ރައްޔިތުންގެ އެދުމުގެ މަތިން އާރް.ޓީ.އެލް ފެރީގެ ރޫޓުތައް އަލުން މުރާޖަޢާކޮށްދިނުމަށް ރައީސް އެދިލެއްވި އެވެ.

  • މަޝްރޫޢުތައް އަވަސްކުރުން: އެމް.ޓީ.ސީ.ސީން ހިންގާ މަޝްރޫޢުތަކުގެ ދުވެލި މިހާރަށްވުރެ ހަލުވިކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވި އެވެ. ޚާއްޞަކޮށް، އާ ފުލުހުންގެ އިދާރާ ޢިމާރާތްކުރުމުގެ މަސައްކަތް ވަރަށް ލަސްކޮށްދާ ދިއުމާއި، ރަށުގެ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫޢު ވީހާވެސް އަވަހަކަށް ފެށުން މުހިންމުކަމަށް ވިދާޅުވި އެވެ.

  • އެއާޕޯޓް ހިއްކި ބިމުގެ ހިމާޔަތް: އެއާޕޯޓަށް ހިއްކާފައިވާ ބިން ހިމާޔަތްކުރުމުގެ (ގޮނޑުދޮށް ހިމާޔަތްކުރުން) މަސައްކަތް ކުރިއަށްދާއިރު، ބޮޑު ހިލަ ހުސްވަމުންދާތީ އެކަމަށް އަވަސް ޙައްލެއް ބޭނުންވާކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، އެމް.ޓީ.ސީ.ސީގެ އިޖުތިމާޢީ ޒިންމާގެ (CSR) ދަށުން ނިލަންދޫގައި ފަތާ ސަރަޙައްދެއް ތަރައްޤީކޮށްދީފައިވާތީ، ކައުންސިލް ރައީސް ވަނީ އެމް.ޓީ.ސީ.ސީގެ މެނޭޖްމަންޓަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފަ އެވެ.

ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް ނައިބު ރައީސްގެ އިލްތިމާސެއް

ކައުންސިލްގެ ނައިބު ރައީސް ވަނީ ރަށުގެ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން، ނިލަންދޫއަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލައާއި ކަރަންޓުގެ ޚިދުމަތަށް ދިމާވާ ބުރޫއެރުންތަކަށް ދާއިމީ ޙައްލެއް ހޯދުމަށް އެމް.ޓީ.ސީ.ސީގެ ޑީ.އެމް.ޑީ އަޙްމަދު މުބީންގެ ދާއިރާގެ ތެރެއިން ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ.

ގޮންޖެހުންތަކާއެކުވެސް ސަރުކާރުން މަސައްކަތްކުރަނީ މަޝްރޫޢުތައް ނިންމަން: މުބީން

ޒޯން 1، 2 އަދި 6 ގެ މަޝްރޫޢުތަކާ ހަވާލުވެވަޑައިގެން ހުންނެވި އެމް.ޓީ.ސީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވަނީ، ކައުންސިލުން ފާހަގަކުރި ކަންބޮޑުވުންތަކަށް އިޖާބަދެއްވާފަ އެވެ.

”ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ބޭނުންވާ މުހިންމު ސާމާނުތައް ލިބުމުގައި ލަސްތަކެއް ވަމުންދޭ. އަދި ތެލުގެ އަގު އުފުލުމުގެ ސަބަބުން ކުންފުންޏަށް މާލީގޮތުން ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި،“ މުބީން ވިދާޅުވި އެވެ.

މުބީން އިތުރަށް ވިދާޅުވީ، މިފަދަ މާލީ އަދި ލޮޖިސްޓިކަލް ދަތިތަކެއް ހުރިނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތްގޮތެއްގައި ކުރިއަށްގެންގޮސް، ވީހާވެސް އަވަހަކަށް ނިންމުމަށް ސަރުކާރާއި އެމް.ޓީ.ސީ.ސީން މެދުކެނޑުމެއްނެތްގޮތެއްގައި ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ނިލަންދޫގެ މަޝްރޫޢުތަކަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ފުޓްސަލް ޓީމް ނިލަންދޫ ކައުންސިލާއި ބައްދަލުކުރެއްވުން.

ކުރިއަށް އޮތް އަތޮޅު ފުޓްސަލް ލީގުގައި ބައިވެރިވާ ނިލަންދޫ ފުޓްސަލް ޓީމާއެކު، ފ. ނިލަންދޫ ރަށު ކައުންސިލުން މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، މުބާރާތަށް ތައްޔާރުވުމާއި ޓީމަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ވާހަކަދެކެވިފައެވެ.

ބައްދަލުވުން ފަށްޓަވައިދެއްވަމުން ކައުންސިލްގެ ނައިބު ރައީސް ވަނީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި، ކުޅިވަރުގެ އިތުރުން ރަށުގެ އިޖުތިމާޢީ އެކިއެކި ހަރަކާތްތަކުގައި ޒުވާނުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ކައުންސިލުން ނުހަނު ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކައުންސިލް މެންބަރު ޝާދިޔާ ޢަބްދުލްޙަކީމް، ރަށުގެ ޒުވާނުންނާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ ގުޅޭ ކަންކަމުގައި ކައުންސިލްގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވާން ކައުންސިލުން ކަނޑައަޅާފައިވާ ކައުންސިލަރަކީ ޝާދިޔާކަން ފާހަގަ ކުރެއްވިއެވެ. އަދި ޒުވާނުންގެ ކަންކަމުގައި ކައުންސިލުން އަބަދުވެސް ގާތުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ޓީމުގެ ފަރާތުން ވާހަކަދައްކަމުން ޢަބްދުލް މުޙްސިން ޙަމީދު ވަނީ ކުރިއަށް އޮތް ފުޓްސަލް ލީގާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ކައުންސިލާ ހިއްސާކޮށްފައެވެ. އެގޮތުން މި މުބާރާތް ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ އަތޮޅު ބުރެއްގެ ގޮތުގައިކަމާއި އަދި އަތޮޅު ބުރަށްފަހު ދެން އޮންނާނީ ޒޯން ބުރުކަމަށް ވިދާޅުވިއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފީ ދެއްކުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ މަހުގެ 14 ވަނަ ދުވަސްކަމާއި އަދި މުބާރާތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 27 ގައި ކަން ފާހަގަކުރެއްވިއެވެ. މި އަތޮޅު މުބާރާތް ކުރިއަށްދާނީ ’ހޯމް އެންޑް އަވޭ‘ އުޞޫލުންކަމަށް ލަފާކުރާކަމަށާއި އަދި ކަނޑައެޅިގެން ވަކިގޮތެއް އަންގާފައިނުވާ ކަމަށް ދެންނެވިއެވެ. ޢަބްދުލް މުޙްސިން ފާހަގަކުރެއްވި ގޮތުގައި، ޓީމުން މިހާރު ވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފަށާފައެވެ. އަދި މުބާރާތުގެ އަތޮޅު ބުރުގައި ކޮންމެ ޓީމަކަށްވެސް ބޭރު ގައުމެއްގެ އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުޞަތު އޮތުމުން، އެކަމާ ގުޅޭގޮތުންވެސް ކައުންސިލާއެކު ވަނީ މަޝްވަރާކޮށްފައެވެ.

މުބާރާތުގައި ވާދަކުރުމަށް ބޭނުންވާ ބަޖެޓާއި ހިންގުމުގެ ޕްރޮޕޯޒަލް ޓީމުގެ ފަރާތުން ވަނީ ކައުންސިލަށް ހުށަހަޅާފައެވެ. މިގޮތުން ދަތުރުފަތުރުގެ ޚަރަދާއި، ޖާޒީ އަދި ކުޅިވަރު ސާމާނު ހޯދުމާއި، މުބާރާތުގައި ބައިވެރިވުމުގެ ފީގެ އިތުރުން ޕްރެކްޓިސް ޚަރަދުތަކާއި އެހެނިހެން ބޭނުންވާ ތަކެތި ހޯދުމުގައި ކައުންސިލްގެ އެހީތެރިކަމަށް ޓީމުން ވަނީ އެދިފައެވެ. މީގެއިތުރުން، ޒޯން ބުރު ނިލަންދޫގައި ހޯސްޓްކުރުމަށް ޓީމުން ޝައުޤުވެރިކަން ފާޅުކޮށްފައިވާތީ، އެ މުބާރާތް ރަށުގައި އިންތިޒާމުކޮށް ހަމަޖެއްސުމުގައި ކައުންސިލްގެ އެއްބާރުލުމަށް ވަނީ އެދިފައެވެ.

ނިލަންދޫ ކައުންސިލުން، ރަށުގެ ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި ކައުންސިލުން ކުރެވެން ހުރި ހުރިހާ އެހީތެރިކަމެއް ވެދޭނެ ކަމަށާއި، ޓީމުން ހުށަހެޅި ޕްރޮޕޯޒަލް ދިރާސާކޮށް، އެކަންކަމުގައި އެދެވޭ ޖަވާބެއް ދެއްވާނޭކަމުގެ ޔަގީންކަން ދެއްވިއެވެ.

ފެނަކަ ނިލަންދޫ ބްރާންޗާއެކު އައު ކައުންސިލުން މުހިންމު ބައްދަލުވުމެއް ބާއްވައިފި: ފޯކަލް ޕޮއިންޓަކަށް ކައުންސިލް މެންބަރު ޝަފީޤް ހަމަޖައްސައިފި

ފ. ނިލަންދޫގެ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި، އަލަށް އިންތިޚާބުވި ނިލަންދޫ ކައުންސިލުން ފެނަކަ ކޯޕަރޭޝަންގެ ނިލަންދޫ ބްރާންޗުގެ އިސްވެރިންނާ އެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ރަށުގެ އަސާސީ ޚިދުމަތްތަކާ ގުޅޭގޮތުންނާއި، ކުރިއަށް ހުރި މަޝްރޫޢުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ވާހަކަދެކެވިފައެވެ.

ކައުންސިލްގެ ފަރާތުން ފެނަކައަށް ކަނޑައެޅި ފޯކަލް ޕޮއިންޓް

ބައްދަލުވުން ފައްޓަވައިދެއްވަމުން ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވީ، ކައުންސިލާއި ފެނަކައާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކަންކަން މުޢާމަލާތައް ފަސޭހަ ކުރުމަށްޓަކައި ކައުންސިލްގެ ފަރާތުން ފެނަކައަށް ކަނޑައަޅާ ފޯކަލް ޕޮއިންޓަކަށް ކައުންސިލް މެންބަރު އަޙްމަދު ޝަފީޤް ޢަލީ ހަމަޖައްސަވާފައިވާ އަންގާފައެވެ.

މީގެ އިތުރުން ރައީސް ޢަލީ އަޙްމަދު ފާހަގަކުރެއްވި ގޮތުގައި، މިވަގުތު ރަށަށް ދިމާވެފައިވާ އެންމެ ނާޒުކު އަދި ބޮޑެތި މައްސަލަތައް ގުޅިފައިވަނީ ފެނަކައިގެ ޚިދުމަތްތަކާއެވެ. އަދި މިހާތަނަށް ފެނަކައިގެ މުވައްޒަފުންގެ ފަރާތުން ފެންނަނީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ބަދަލުގައި، ވަގުތީ ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރާ މަންޒަރު ކަމަށް ވިދާޅުވެ، ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

 

ކަންބޮޑުވުންތަކާއި އަވަސް ހައްލުތައް: މެންބަރު ޝަފީޤްގެ ވާހަކަފުޅު

ފެނަކައިގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ހަމަޖެއްސެވި ކައުންސިލް މެންބަރު އަޙްމަދު ޝަފީޤް ޢަލީ ވަނީ ރަށުގެ ފެނާއި، ކަރަންޓު އަދި ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ ދަތި ހާލަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ފާހަގަކުރެއްވި މުހިންމު ނުކުތާތަކުގެ ތެރޭގައި ހިމެނެނީ:

  • ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން: ރަށުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ހުރިއިރު، ފެނަކައިގެ މުވައްޒަފުން މިހާރަށްވުރެ ބޮޑަށް އެއްބައިވަންތަކަމާއެކު ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހެއެވެ.
  • ޚިދުމަތްތަކުގެ އަޕްޑޭޓް ބޭނުންވުން: މިވަގުތު ރަށުގެ ފެނާއި ނަރުދަމާގެ ހާލަތު ހުރިގޮތުގެ ތަފްޞީލީ އަޕްޑޭޓެއް ބޭނުންވާ ކަމަށާއި، ޚިދުމަތްތައް ތަރައްޤީކުރުމަށް ކައުންސިލްގެ ފަރާތުން ކޮށްދެވެން ހުރީ ކޮން ކަންތައްތަކެއްތޯ ބެއްލެވިއެވެ.
  • ނަރުދަމާ ހޮޅި ދިގުކުރުން: ރަށުގައި އެކި ކަހަލަ ބަލިތައް ފެތުރެމުންދާތީ، ނަރުދަމާ ނިޒާމުގެ ކަނޑަށް ހުޅުވާލެވިފައިވާ އައުޓްފޯލް ހޮޅި (sewage outfall pipe) ބޭރަށް ދިގުކުރުމަކީ މިވަގުތަށް އެންމެ ދިމާވެފައިވާ އެންމެ ބޮޑު އަދި އަވަސް ހައްލެއް ބޭނުންވާ މައްސަލަކަން ފާހަގަކުރެއްވިއެވެ.
  • މަގުތަކުގެ ސަލާމަތްތެރިކަން: ރަށުގެ ބައެއް މަގުތަކުގައި ހުރި ނަރުދަމާ ޖަންކްޝަންތައް މަގުގެ ބިމަށްވުރެ 4 އިންޗިއަށްވުރެ މައްޗަށް އުފުލިފައި ހުރުމުގެ ސަބަބުން، މަގު ބޭނުންކުރާ ދަތުރުވެރިންނަށާއި އުޅަނދުތަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފެނަކަ މެނޭޖްމަންޓްގެ ފަރާތުން މަޝްރޫޢުތަކުގެ ފަހުގެ މައުލޫމާތު

ކައުންސިލްގެ ކަންބޮޑުވުންތަކާ ގުޅިގެން ފެނަކަ ނިލަންދޫ ބްރާންޗުގެ ސްޓޭޝަން މެނޭޖަރު ރަނިއްޔާ ނަސީރު ވަނީ މިވަގުތު ކުރިއަށްދާ މަސައްކަތްތަކުގެ ތަފްޞީލް ހިއްސާކުރައްވާފައެވެ.

ރަނިއްޔާ ވިދާޅުވީ، ރަށުގެ ކަރަންޓުގެ ޚިދުމަތް އަޕްގްރޭޑް ކުރުމަށްޓަކައި ގާއިމުކުރާ ޓްރާންސްފޯމަރު ހަޓް ނިންމުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި އިންޖީނުގޭ ޚިދުމަތް އާ ލޮކޭޝަންނަށް ބަދަލުކުރުމަށް ބޭނުންވާ ސާމާނު މިހާރު ރާއްޖެ ގެނެވި، ކަސްޓަމްސް އިން ކްލިއާކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ނަރުދަމާގެ މަސައްކަތްތައް އެމް.ޑަބްލިއު.އެސް.ސީ (MWSC) އާ ގުޅިގެން ކުރިއަށްދާކަން ފާހަގަކުރައްވަމުން ރަނިއްޔާ ވިދާޅުވީ، އެހެން ރަށްރަށާ އަޅާބަލާއިރު ނިލަންދޫ ބްރާންޗުގައި މުވައްޒަފުންގެ އަދަދު މަދުވުމުގެ ސަބަބުން ދަތިތަކެއް ހުރި ނަމަވެސް، ރަށުގެ އިޖުތިމާއީ އެކި ހަރަކާތްތަކަށާއި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ފެނަކައިގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށެވެ.

މި ބައްދަލުވުން ނިންމާލާފައިވަނީ ކައުންސިލުން ފާހަގަކުރި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދުމަށާއި، ރަށުގެ ތަރައްޤީއަށް ދެ މުއައްސަސާ ގުޅިގެން ގާތުން މަސައްކަތް ކުރުމުގެ އަޒުމާއެކުގައެވެ.

 

ރަށުގެ ބޮޑު ހަރަކާތަކަށް ތައްޔާރުވަނީ: ފަސްޓް ލޭޑީއާއި ވަފުދަށް ހޫނު މަރުހަބާއެއް ކިޔުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފި

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ރަސްމިއްޔާތާއި ހަރަކާތްތަކާ ގުޅޭގޮތުން ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް މުހިންމު މަޢުލޫމާތުތަކެއް ހިއްސާކޮށްފިއެވެ.

މި ބައްދަލުވުމުގައި ހޮސްޕިޓަލުގެ ޑިރެކްޓަރ ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އަޙްމަދު އަރީފް އަދި ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވަނީ ވާހަކަދައްކަވާފައެވެ.

ހޮސްޕިޓަލުގެ ޑިރެކްޓަރ އަޙްމަދު އަރީފްގެ ވާހަކަފުޅު:

މި ދުވަހާ ގުޅިގެން ރަށުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެކަން ފާހަގަކުރައްވައި އަޙްމަދު އަރީފް ވަނީ ހަރަކާތްތަކުގެ ތާވަލު ހިއްސާކުރައްވާފައެވެ.

  • ހުކުރު ދުވަސް (ޑޯރ-ޓު-ޑޯރ ސެޝަން): ރަށުގެ 50 ގެއަކަށް ހެލްތު މިނިސްޓްރީގެ މުވައްޒަފުން ޒިޔާރަތްކޮށް، ގޭގޭގައި ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުގެ ސާފުތާހިރުކަން ހުރިގޮތް ބަލައި، ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.
  • ހޮނިހިރު ދުވަސް (ކުޑަކުދިންގެ ހަވީރު): ރަށުގެ ސްޓޭޖް ސަރަހައްދުގައި ކުޑަކުދިންނަށް ހާއްސަ ހަވީރެއް މާލޭއިން ރަށަށް އަންނަ ޓީމްގެ ފަރާތުން ބޭއްވުމަށް ވަނީ ހަމަޖެހިފައިވާކަން ފާހަގަ ކުރެއްވިއެވެ.
  • އާދިއްތަ ދުވަސް (ރަސްމީ އިއްޒަތްތެރިންގެ ޒިޔާރަތް): ދިވެހިރާއްޖޭގެ ފަސްޓް ލޭޑީ (ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން) ގެ އިތުރުން، މިނިސްޓަރ އޮފް ހެލްތާއި ޑަބްލިއު.އެޗް.އޯ (WHO) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ރަށަށް ވަޑައިގެން ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ހުރިހާ ރައްޔިތުން ނިކުމެ އެބޭފުޅުންނަށް ފުރިހަމަ މަރުހަބާއެއް ދެންނެވުމަށް އެދިވަޑައިގަތެވެ.
  • 8 އާއި 9 ޖޫން : މި ދުވަސްތަކުގައި ”ސަމާވަރު“ ނަމުގައި ހާއްސަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަން ފާހަގަ ކުރެއްވިއެވެ.

ކައުންސިލް ރައީސް ޢަލީ އަޙްމަދު ދެއްވި މެސެޖު:

ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވަނީ ރަށަށް އަންނަ މެހެމާނުންނަށް މަރުހަބާ ކިޔުމުގައި މިރަށަކީ އަބަދުވެސް ނަމޫނާ ރަށެއްކަން ފާހަގަކުރައްވައި، މިފަހަރުވެސް ފަސްޓް ލޭޑީ މެޑަމް ސާޖިދާއާއި ވަފުދަށް އެ ނަމޫނާ ދެއްކުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން ރަށުގެ ސާފުތާހިރުކަމާ ގުޅޭގޮތުން ތިން މުހިންމު ކަމަކަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ. އެގޮތުން މުޅި ރަށުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަ ކުރެއްވިއެވެ. އަދި ގާނޫނުން މިހާރު ކުނި ވަކިކުރުން މަޖުބޫރުކޮށްފައިވާއިރު، ގޭގޭގައި ކުނި ވަކިކުރުމަށް ސަމާލުކަން ދެއްވުމަށް އެދުނެވެ. މީގެ ސަބަބުން ކުނި މެނޭޖްކުރާ މުވައްޒަފުންގެ މަސައްކަތުގެ ބުރަ ވަރަށް ބޮޑަށް ލުއިވެގެންދާނެކަން ފާހަގަ ކުރެއްވިއެވެ.

ރަށުގެ ކުރިއެރުމަށާއި، ރަށަށް ލިބޭ މިފަދަ ބޮޑެތި ފުރުސަތުތަކުގައި ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް ކައުންސިލާއި ހޮސްޕިޓަލުގެ ފަރާތުން ނިންމާލަމުން އިލްތިމާސްކުރެއްވިއެވެ.

ފ.ނިލަންދޫ ކައުނސިލްގެ 5 ވަނަ ދައުރުގެ ނައިބްރައީސް އަކަށް މުޙައްމަދު ނަސީމް.

ފ.ނިލަންދޫ ކައުންސިލަށް 5 ވަނަދައުރުގެ ފުރަމަ ޖަލްސާ ބާއްވާފައިވަނީ، 2026 މޭ 17 ވަނަ ދުވައެވެ. ފ.ނިލަންދޫ ކައުންސިލް ކޮންފަރެސް ހޯލުގައި ބޭއްވުނު މިޖަލްސާގައި، 05 ވަނަ ދައުރަށް ނައިބްރައީސް އެއް އައްޔަންކުރުމުގެ ސިއްރުވޯޓް ނަގާފައި ވެއެވެ. ކައުންސިލް ނައިބުރައީސްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެމަޤާމަށް ޝައުޤުވެރިކަން ފާޅުކޮށް ސިޓީ ހުށަހަޅާފައިވަނީ ކައުންސިލް މެމްބަރު ފ. ނިލަންދޫ ނަޒުމް މުޙައްމަދު ނަސީމްއާއި ކައުންސިލް މެމްބަރު ފ. ނިލަންދޫ ދަގަނޑުގޭ ނަޞީބާ ޢަލީއެވެ.

ކައުންސިލްގެ ނައިބުރައީސްގެ މަޤާމަށް މެމްބަރަކު ހޮވުމަށް ނެގި ސިއްރުވޯޓުން 03 ވޯޓް 02 ވޯޓްގެ އަގުލަބިއްޔަތުން ކައުންސިލްގެ 05 ވަނަ ދައުރުގެ ނައިބުރައީސްގެ ގޮތުގައި އިންތިޚާބުކުރީ ކައުންސިލް މެމްބަރު ފ. ނިލަންދޫ ނަޒުމް މުޙައްމަދު ނަސީމެވެ.

މީގެ އިތުރުން މި ޖަލްސާގައި، ކައުންސިލުގެ ނިމިދިޔަ ދައުރުގެ އިންތިގާލީ ހުލާސާ ބަޔާން އިއްވާފައިވާއިރު ކައުންސިލަރުންގެ ޕްރޮފައިލް ފޯމްތަށްވެސް ވަނީ ފުރިހަމަކޮށްފައެވެ.

ފ.ނިލަންދޫ ކައުންސިލަށް 5 ވަނަދައުރަށް އަލަށް އިންތިޚާބުވި، ކައުންސިލަރުންނާއި، އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފި

ފ.ނިލަންދޫ ކައުންސިލަށް 5 ވަނަދައުރަށް އަލަށް އިންތިޚާބުވި، ކައުންސިލަރުންނާއި، އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ.

ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕާރޕަސް ހޯލުގައި، 2026 މޭ 17 ވަނަ ދުވަހުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ދާއިރާތަކުގެ ވެރިންނާއި، މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ.

މިރަސްމިއްޔާތުގައި ކައުންސިލަށް އިންތިޚާބުވެވަޑައިގެންނެވި، ކައުންސިލަރުންނަށް ހުވާލާދެއްވީ، ފ.ނިލަންދޫ ކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލްޢަޒީޒް މޫސާއެވެ.

މިރަސްމިއްޔާތުގައި ކައުނސިލަރުންގެ އިތުރުން އ.ތ.މ.ކޮމެޓީގެ މެމްބަރުން އިޤްރާރުގައި ސޮއިކުރުންވެސް ކުރިއަށްދިޔައެވެ.

އެލް.ޖީ.އޭގެ ލަފާފުޅާއި އެއްގޮތަށް ކައުންސިލްގެ ސެކްރެޓަރީޖެނެރަލްގެ ބެލުމުގެ ދަށުން ބޭއްވުނު މިހަފްލާ މިހާ ފުރިހަމަކޮށް ނިންމާލެވިފައިވަނީ ކައުންސިލްގެ ހުރިހައި މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތުންނެވެ.

”ނިލަންދޫ ކައުންސިލް އޯޕަން ޕެރަ ބެޑްމިންޓަން ޗެމްޕިއަންޝިޕް“ގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ބާއްވަނީ

މޯލްޑިވްސް ޕެރަ އޮލިމްޕިކް ކޮމިޓީގެ ފަރާތުން ފ.ނިލަންދޫ ކައުންސިލާއި ބައްދަލުކޮށް 2026 ވަނަ އަހަރު ނިލަންދޫގައި ”ނިލަންދޫ ކައުންސިލް އޯޕަން ޕެރަ ބެޑްމިންޓަން ޗެމްޕިއަންޝިޕް“ ގެ ނަމުގައި މުބާރާތެއް ކުރިއަށް ގެންދިޔުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މިބައްދަލުވުމުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން އެކިއެކި ފިޒިކަލް ޑިސްއެބިލިޓީސްތައް ހުންނަ ފަރާތަކަށް ބައިވެރިވެވޭގޮތަށް ޔުނިފައިޑް ޑަބަލްސް ބެޑްމިންޓަން މުބާރާތެއް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރެވުނެވެ. މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޕެރަ އޮލިމްޕިކް ކޮމިޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު މުޙައްމަދު ބައިވެރިވިއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅޭ އިންޓަނޭޝަލަން ލެވެލްގެ ޕެރަ ބެޑްމިންޓަން މުބާރާތްތަކުގައި ވާދަކުރާ ކުޅުންތެރިން މި މުބާރާތުގައިވެސް ވާދަކުރާނެކަމުގެ މަޢުލޫމާތު ދެއްވިއެވެ.
މިފަދަ މުބާރާތެއް މިރަށުގައި ކުރިއަށް ގެންދަން ހަމަޖައްސާފައިވާއިރު، މިހާރުވެސް މިރަށުގެ ދަރިއެއް ކަމަށްވާ ފ. ނިލަންދޫ ވައިލެޓްމާގެ، ޢަބްދުއްލަޠީފް މުޙައްމަދަކީ އިންޓަނޭޝަނަލް ލެވެލްގައި ރާއްޖެ ތަމްސީލުކޮށް ކާމިޔާބީތައް ހޯދަމުން އަންނަ ފަރާތެކެވެ. އެގޮތުން 2019 ވަނަ އަހަރު ތައިލޭންޑުގެ ބެންކޮކުގައި ކުރިއަށްދިޔަ ސްޕެޝިއަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކްގެ، ޔުނިފައިޑް ބެޑްމިންޓަން ޗެމްޕިއަންޝިޕުގައި ވާދަކޮށް ދިވެހިރާއްޖެއަށް ލޯ މެޑަލް އެއް ހާސިލްކޮށް ދީފައިވާކަން ފާހަގަ ކުރެވެއެވެ. އަދި މީގެ އިތުރުން ޕެރަ އޮލިމްޕިކްސްގައިވެސް ލަޠީފްވަނީ ވާދަކޮށްފައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016