ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ނިލަންދޫ ރައްޔިތުންގެ މަސައްކަތް – މޫދަށް އެރޭ ސަރަހައްދުގައި ވެލި ފެތުރުން

ރަށުގައި އަލަށް ތަރައްގީ ކުރަމުންދާ މުދަށް އެރޭ ސަރަހައްދަށް ވެލި ފެތުރުމުގެ މަސައްކަތް ނިލަންދޫ ކައުންސިލުން އިސްނަގައިގެން ރަށުގެ މުވައްސަސާތަކާއި އާންމު ރައްޔިތުންގެ އެއްބާލުމާއިއެކު މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ކުރިއަށް ގެންގޮއްސިއެވެ. ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޢަމަލީ ގޮތުން ބައިވެރިވެފައެވެ.

މި ހަރަކާތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރަށު ކައުންސިލުގެ ރައީސް، ޢަލީ އަޙްމަދު، ވިދާޅުވީ މިއަދު ފެނިގެން މިދިޔައީ ރައްޔިތުންގެ މެދުގައި އޮތް ޒަމާނުއްސުރެއްއޮތް އެއްބައިވަންތަކަމުގެ ހަޤީޤީ މަންޒަރު ކަމަށެވެ. ނިލަންދޫއަކީ ޒަމާނުއްސުރެ ތަރައްޤީގެ މަސައްކަތްތަކާއި އިޖުތިމާޢީ ކަންކަމުގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް، އެހެން ރަށްރަށަށް ނަމޫނާ ދެއްކި ބައެއްކަން ފާހަގަކުރައްވަމުން، ފަހަކަށް އައިސް މިމަންޒަރު ކޮންމެވެސް ވަރަކަށް ފަނޑުވެފައި އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް، މިއަދުގެ  މިހަރަކާތުން އަނެއްކާވެސް ރައްޔިތުން އެކުވެރިކަމާއެކު ރަށުގެ މަސްލަހަތަށްޓަކައި މަސައްކަތްކުރާ މަންޒަރު ފެނިގެން ދިއުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަސައްކަތް މިހާ ފުރިހަމައަށް ކުރިއަށްގެންދިއުމުގެ ފަހަތުގައި ތިބި ހުރިހާ ފަރާތްތަކަށް ކައުންސިލުން ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. ވަކިން ޚާއްޞަކޮށް، މި މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި އެހީތެރިވެދިން ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށާއި، ކައުންސިލުގެ ގޮވާލުމަށް އިޖާބަދެއްވާ ހެނދުނުގެ ވަގުތު ހުސްކޮށް މި މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވި ރަށުގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ކައުންސިލުން ފަށްފަށުން ޝުކުރު ދަންނަވައެވެ.

ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ މި ފުރިހަމަ އެއްބާރުލުމާއެކު ރަށުގެ ތަރައްޤީއަށް އިތުރު މަސައްކަތްތަކެއް ކުރެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ކައުންސިލުން ހާމަކުރެއެވެ.

 

 

 

ރައްޔިތުންގެ ބައްދަލުވުމުގެ މަޢުލޫމާތު

ރަށުގެ ރައްޔިތުންނާއެކު ބޭއްވުނު ބައްދަލުވުމުގައި، ރަށުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ކައުންސިލުން ފަށަން ނިންމާފައިވާ ބައެއް މަސައްކަތްތަކާއި، ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވުނެވެ.

 

މަޝްވަރާކުރެވުނު ކަންކަން

 

  1. އަލަށް ތަރައްގީކުރާ މޫދަށް އެރޭ ސަރަހައްދުގައި ވެލި ފެތުރުމުގެ މަސައްކަތް

އަލަށް ތަރައްގީކުރާ މޫދަށް އެރޭ ސަރަހައްދުގައި ވެލިފެތުރުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް އޮތް ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

  • ދުވަސް: އަންނަ ހޮނިހިރު ދުވަހު
  • ގަޑި: ހެނދުނު 7:00 އިން 9:00 އަށް

މި މަސައްކަތަކީ މުޅި ރަށުގެ ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާ މަސައްކަތެއް ކަމުން، ވީހާވެސް ގިނަ ފަރާތްތަކުން މި ހަރަކާތުގައި ބައިވެރިވެދެއްވުމަށް ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އެދުނެވެ.

 

  1. ކައުންސިލްގެ ހަދަމުންގެންދާ އުސޫލުތަކަށް ރައްޔިތުންގެ ޚިޔާލު ހޯދުން

ކައުންސިލުން އެކުލަވާލަމުންދާ އާ އުސޫލުތަކާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް މިހާރު ކައުންސިލްގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ރައްޔިތުންނަށް ހުޅުވާލައެވެ. ވީމާ، މި ގޮތައް ޚިޔާލު ހޯދުމަށް ހުޅުވާލެވޭ އުޞޫލުތަކާއި ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޚިޔާލުތައް ކައުންސިލްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށް ހިއްސާކުރުވެން ހުންނާނެކަމަށާއި މި ކަމުގައި ރައްޔިތުންގެ ބައިވެރިވުން ބޭނުންވާކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

 

  1. ހިނަވުމާއި ކަފުން ކުރުމުގެ ޚިދުމަތަށް ބޭނުންވާ ސާމާނު ކައުންސިލްގެ ފަރާތުން ފޯރުކޮށްދިނުން

ރަށުގައި ވަޅުލާ ހުރިހާ ފަރާތްތަކުގެ ޖަނާޒާގެ ކަންކަން ފަސޭހަކުރުމުގެ ގޮތުން، ހިނަވުމާއި ކަފުން ކުރުމުގެ ޚިދުމަތަށް ބޭނުންވާ ހުރިހާ ސާމާނެއް ކައުންސިލްގެ ފަރާތުން ހިލޭ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައިވާކަމާއި މި ޚިދުމަތް މި ރަށުގައި ވަޅުލެވޭ ކޮންމެ ފަރާތަކަށްވެސް ލިބިގެންދާނެ ކަމުގެ މަޢުލޫމާތު ކައުންސިގެ ރައީސް ރައްޔިތުނާއި ހިއްސާކުރެއްވިއެވެ.

 

  1. ކުރިއަށް އޮތް 5 އަހަރުގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުން

ރަށުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ކުރިއަށް އޮތް 5 އަހަރުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކައުންސިލުން ފަށައިގެން ކުރިއަށް ގެންދާކަމާއި މި ޕްލޭނަކީ ރައްޔިތުންގެ ޚިޔާލާއި ބޭނުންތަކުގެ މައްޗަށް ބިނާވެފައިވާ ޕްލޭނަކަށް ހެދުމަށްޓަކައި، ރައްޔިތުންގެ ފަރާތުން ލިބޭ ޚިޔާލުތަކަށް ކައުންސިލުން މަރުހަބާ ކިޔާނެވާހަކަ ރައީސް ހިއްސާކުރެއްވިއެވެ.

 

ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކު، އަޅުގަނޑުމެންގެ ރަށް އިތުރަށް ތަރައްޤީކޮށް ހިތްފަސޭހަ ތަނަކަށް ހެދުމަކީ ކައުންސިލުގެ އަމާޒެވެ.

އަލަށް ހަމަޖެހުނު އިމާމު ޢަބްދުލްޤާދިރު މޫސާއަށް މަރުޙަބާ ދެންނެވުން.

މިސްކިތުގެ މުދިމުގެ މަޤާމަށް އަލަށް ހަމަޖެހުނު ފ.ނިލަންދޫ ހަނދު، ޢަބްދުލްޤާދިރު މޫސާއަށް ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއްކިޔައިފިއެވެ.

ޢަބްދުލްޤާދިރު މޫސާ އަކީ ނިލަންދޫގެ ތަޢުލީމީ ދާއިރާގައި ވަރަށް ފާހަގަކޮށްލެވޭ، އަދި ރަށުގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ޤުރުއާން އަދި އިސްލާމް މުދައްރިސެއްގެ ގޮތުގައި 28 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

މި ދިގު މުއްދަތުގެ ތެރޭގައި ރަށުގެ އެތައް ޖީލެއް ބިނާކުރުމަށް އޭނާ ކޮށްދެއްވި ބުރަ މަސައްކަތްތަކަށްޓަކައި، ނިލަންދޫ ކައުންސިލުން ޚާއްޞަ ޝުކުރެއް ދަންނަވަމެވެ.

ތަޢުލީމީ ދާއިރާގެ އިތުރުން، ޢަބްދުލްޤާދިރު މޫސާ އަކީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ވަގުތީ އިމާމެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

މިސްކިތްތަކުގެ މުދިމުންނަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯމެންޓްގެ މުވައްޒަފުންނެވެ. ނަމަވެސް މުދިމުންގެ އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަން މިނިސްޓްރީގެ ފަރާތުން އޮންނަނީ ރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކޮށްފައެވެ.

ފ. ނިލަންދޫ ކައުންސިލްގެ މިސްކިތުގެ މުދިމުކަމަށް އަލަށް ޖެހުުނު އިމާމަށް ނިލަންދޫ ކައުންސިލާއި ރަށުގެ ރައްޔިތުންގެ ނަމުގައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ.

ވޯލްޑްކަޕް ފޯރި: އިދާރީ މުވައްޒަފުން އޮފީހަށް ނުކުތީ ސަޕޯޓުކުރާ ޓީމުތަކުގެ ޖާޒީގައި

ފ. ނިލަންދޫ ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މެދުގައި އޮތް އެކުވެރިކަމާއި، ކުޅިވަރުގެ ރޫޙު އާލާކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު މުވައްޒަފުން އޮފީހަށް ހާޒިރުވީ، އެ މުވައްޒަފަކު އެންމެ ސަޕޯޓުކުރާ ޤައުމެއް ތަމްސީލުކުރާ ޖާޒީގައެވެ. މިއީ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، މަސައްކަތުގެ މާޙައުލަކީ ހިތްހަމަޖެހޭ އަދި އުފާވެރި މާޙައުލަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ޚާއްޞަ ހަރަކާތެކެވެ.

އިންޑިޔާގެ ހައިކޮމިޝަނުން ކައުންސިލަށް އަދި ހޮސްޕިޓަލްއަށް ލެޕްޓޮޕް ހަދިޔާކުރުން

ދިވެހިރާއްޖޭގެ ”މޯލްޑިވްސް 2.0“ ޑިޖިޓަލް ޓްރާންސްފޯމޭޝަން ވިޝަންގެ ދަށުން، އިންޑިއާ ހައި ކޮމިޝަނުން ރާއްޖޭގެ 6 ދާއިރާއަކަށް  ހަދިޔާކުރި ލެޕްޓޮޕްތަކުގެ ތެރެއިން، ފ. ނިލަންދޫ ދާއިރާއަށް ލިބުނު ލެޕްޓޮޕްތައް ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ކައުންސިލަށާއި ފ. އަތޮޅު ހޮސްޕިޓަލަށް ހަވާލުކުރައްވައިފިއެވެ.

މި އެހީއަކީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ދާއިރާގެ އިދާރީ ހިންގުމާއި ސިއްހީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެކެވެ.

މިއީ އިންޑިއާގެ ”ނެއިބަހުޑް ފަސްޓް“ ސިޔާސަތުގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ދެމުން އަންނަ އެހީތެރިކަމުގެ ތެރެއިން ދެވުނު މުހިންމު ހަދިޔާއެކެވެ.

މި ފުރުސަތުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ނިލަންދޫ ދާއިރާގެ ކުރިއެރުމަށް މިފަދަ އަގުހުރި އެހީތެރިކަން ފޯރުކޮށްދެއްވިކަމަށްޓަކައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަށް ނިލަންދޫ ކައުންސިލްގެ ފަރާތުން ހާއްސަ ޝުކުރު ދަންނަވަމެވެ . އަދި މިކަމުގައި އިސް ދައުރެއް އަދާކުރެއްވިކަމަށްޓަކައި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއަށްވެސް ހާއްސަ ޝުކުރު ދަންނަވަމެވެ.

ކުޑަކުދިންގެ ޕާކު ސަރަހައްދުގައި ގަސްއިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުން

ފ. ނިލަންދޫ ކައުންސިލުން އިސްނަގައިގެން، މިހާރު ތަރައްގީކުރަމުންދާ  ކުޑަކުދިންގެ ޕާކު ސަރަހައްދު ފެހިކުރުމުގެ ގޮތުން ޚާއްސަ ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 29 ގަސް މިއަދު ވަނީ އިންދާފައެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ނިލަންދޫ ކައުންސިލުގެ މުވައްޒަފުންނެވެ.

މި ޕްރޮގްރާމުގައި އިންދި ގަސްތަކުގެ ތަފުސީލު:

– ދަނބު -24 ގަސް

– މަދޮށި – 3 ގަސް

– ހިތި – 2 ގަސް

ރަށުގެ ޕާކުތަކާއި އާންމު ސަރަހައްދުތައް ފެހިކޮށް، ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަކީ ކައުންސިލުގެ މުހިންމު އަމާޒެކެވެ. މިފަދަ ޕްރޮގްރާމްތައް މުސްތަގުބަލުގައި ވެސް ރަށުގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ކައުންސިލުން ރާވާފައިވެއެވެ.

ފ. ޖުޑީޝަލް ދާއިރާގެ އިދާރީ މުވައްޒަފުންނަށް ބާއްވާ ތަމްރީނު ޕްރޮގްރާމަށް ކައުންސިލްގެ އެއްބާރުލުން ހޯދުމަށް ބޭއްވުނު ބައްދަލުވުން

ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓާި ޖުޑީޝަލް އެކަޑަމީއާއި ގުޅިގެން އަންނަ ހަފްތާގައި ޖުޑީޝަލް ދާއިރާގެ އިދާރީ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ފ. ނިލަންދޫ ކައުންސިލާއި މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ފ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުއްލަތީފް ޙަމީދު ވަނީ ނިލަންދޫ ކައުންސިލާ ބައްދަލުކުރައްވައި، ޕްރޮގްރާމުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. މި ޕްރޮގްރާމު ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ކޯޓުން ވަނީ ކައުންސިލްގެ ފަރާތުން އެދިފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނިލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތައް ފުރިހަމަ ކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކަކީ ނިލަންދޫގެ ރައްޔިތުންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށެވެ. އެހެންކަމުން، މިފަދަ ކަންކަމަށް ކައުންސިލުން ދުވަހަކުވެސް ފަސްނުޖެހޭނެ ކަމަށާއި، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކައުންސިލުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

ފ. ނިލަންދޫ ކައުންސިލަކީ އަބަދުވެސް ރަށުގެ އިދާރާތަކާއި ގުޅިގެން ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތައް ކުރުމުގައި ދެމިއޮންނަ މުއައްސަސާއެކެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ފ. ނިލަންދޫ ކައުންސިލުން އިސްނަގައިގެން، ރަށުގެ އަލަށް ތަރައްޤީ ކުރަމުންދާ މޫދަށް އެރޭ ސަރަޙައްދު ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް މިއަދު ހެނދުނު ކުރިއަށް ގެންގޮސްފިއެވެ.

މި މަސައްކަތުގެ ތެރެއިން، އެސަރަޙައްދުގެ ގޮނޑުދޮށުގައި ހުރި މުރަކަ އާއި ގާތައް ނަގައި، އެ ސަރަޙައްދު ވަނީ މޫދަށް އެރޭ މީހުންނަށް ފަސޭހަވާނެހެން ސާފުކޮށްފައެވެ.

ނަރުދަމާ އައުޓްފޯލް ހޮޅި 120 ފޫޓަށް ދިގު ކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުން

ފ. ނިލަންދޫގެ ނަރުދަމާ ނިޒާމުން ބޭރުކުރާ ފެން ރަށުގެ ގޮނޑުދޮށްތަކަށް ޖަމާވުން ކުޑަކުރުމަށްޓަކައި، އައުޓްފޯލް ހޮޅި 120 ފޫޓަށް ދިގުކޮށްފިއެވެ.
މި މަސައްކަތަކީ ފ. ނިލަންދޫ ކައުންސިލާއި ފެނަކަ ނިލަންދޫ ބްރާންޗް ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމުމުގައި އެމްޓީސީސީ (MTCC) އިން ދެއްވި ފަންނީ އަދި އަމަލީ އެހީތެރިކަމަށްޓަކައި އެ ފަރާތަށް ކައުންސިލުން ޝުކުރު އަދާކުރަމެވެ.
މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރަށުގެ ގޮނޑުދޮށްތަކަށް ނަރުދަމާގެ ފެން އަދި ނަޖިސް ޖަމާވުން ހުއްޓުވައި، ތިމާވެށީގެ ސާފުތާހިރުކަން ކަށަވަރުކުރުމެވެ.

ސަލާމު މިސްކިތުގެ ތަޅުން އާ ކުރުމުގެ މަސައްކަތް ނިމިއްޖެ

15 ޖޫން 2026

ފ. ނިލަންދޫ ’މަސްޖިދުއްސަލާމް‘ މިސްކިތުގެ ތަޅުންގަނޑު އެއްވަރުކޮށް، އަލުން ތަޅުން އެޅުމުގެ މަރާމާތު މަސައްކަތްތައް ކުރިއަށް ގެންގޮއްސިއެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ މިސްކިތުގެ ތަޅުންގަނޑު އެއްވަރުނުވުމުގެ ސަބަބުން، ނަމާދަށް އަންނަ އުމުރުން ދުވަސްވީފަރާތްތަކާއި އަދި  ޚާއްޞަކޮށް ގޮނޑީގައި އިށީނދެގެން ނަމާދުކުރާ ފަރާތްތަކަށް ދިމާވަމުންދިޔަ ދަތިތަކަށް ޙައްލެއް ހޯދައިދިނުމެވެ.

މިސްކިތުގެ މަރާމާތް ކުރުމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ ކޮންޓްރެކްޓް އުޞޫލުން  އައި.ބީ ބިލްޑާރސް ގެ ފަރާތުންނެވެ. މި މަސައްކަތަކީ އިސްލާމިކް މިނިސްޓްރީގެ ކޮންޑިޝަނަލް ގްރާންޓެއްގެ ދަށުގން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

މި މަރާމާތާއެކު ދުވަސްވީ ބޭފުޅުންނަށް މިސްކިތަށް އަރައި ފޭބުމުގައްޔާއި ނަމާދުކުރުމުގައި ދިމާވި އުނދަގޫތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016