ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ޖަނާޒާ ކޯސް ސެޓްފިކެޓް ލެވެލް 1 ، 24 ބައިވެރިންނާއި އެކު ކާމިޔާބުކަމާއެކު ނިންމާލައިފި

މިކައުންސިލާއި ދާރުލް ޤުރުއާން ވައްސުންނާއި ގުޅިގެން ކުރިއަށް ގެންދެވުނު ”ޖަނާޒާ ކޯސް ސެޓްފިކެޓް ލެވެލް 1 – އިން ރޫލްސް އޮފް ޖަނާޒާ ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު 15 އޯގަސްޓް 2026 ވަނަ ދުވަހު ބާއްވައިފިއެވެ. މި ކޯހުގައި ޖުމްލަ 24 ބައިވެރިން ވަނީ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާޞިލުކޮށްފައެވެ.

 

މި ކޯހަކީ ރަށުގެ ރައްޔިތުންނަށް ޖަނާޒާގެ ކަންކަން އިސްލާމީ ޝަރީޢަތާ އެއްގޮތަށް، ރަނގަޅަށް ދަސްކޮށްދިނުމުގެ މަޤުޞަދުގައި ހިންގުނު ވަރަށް މުހިންމު ކޯހެކެވެ. މި ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ޙަވާލުކޮށްދީފައެވެ.

ކޯސް ނިންމުމުގެ މި ޚާއްޞަ ޖަލްސާގައި،ދާރުލް ޤުރުއާނ ވައްސުންނާގެ މަސްއޫލުވެރިޔާ ފ.ނިލަންދޫ އަތިރީގެ އަލްއުޘްތާޒު ޢަބްދުއްލަޠީފު އަޙްމަދު ވަނީ މިފަދަ ކަމެއް ރަށުގައި ކުރިއަށް ގެންދިއުމަށް އިސްނަންގަވައި، ފުރިހަމަ އެއްބާރުލުން ދެއްވިކަމައްޓަކައި ކައުންސިލްގެ ރައީސަށާއި ކައުންސިލް މެންބަރަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައިވެއެވެ.

ހަމައެއާއެކު، މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނިލަންދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ނަޞީމްވަނީ މި ކޯސް ކާމިޔާބުކަމާއިކު ކުރިއަށް ގެންދިއުމުގައި ދެއްވި އެހީތެރިކަމަށާއި ދާރުލް ޤުރުއާން ވައްސުންނާ ގެ ފަރާތުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށް އެފަރާތައް ޝުކުރު އަދާކޮށްފައިވެއެވެ. މީގެ އިތުރުން، މި ކޯހުގައި ބައިވެރިވެ، ބޮޑު ޝައުޤުވެރިކަމަކާއެކު ކިޔަވައިވިދާޅުވި  24 ބައިވެރިންގެ މަސައްކަތް ފާހަގަކޮށް، ނިލަންދޫގައި މިފަދަ ޚިދުމަތެއް ދިނުމަށް އެ ބޭފުޅުން ދެއްކެވި ޚާއްޞަ ޝައުޤުވެރިކަމަށް ތަޢުރީފުކޮށްފައިވެއެވެ.

ފ. ނިލަންދޫގައި ކެންސަރު ބައްޔައަށް ސްކްރީން ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފި

ފ. ނިލަންދޫ ކައުންސިލާއި، ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަނާއި، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ނިލަންދޫގައި ކުރިއަށްގެންދިޔަ ކެންސަރު ބަލިއަށް ސްކްރީން ކުރުމުގެ ޚާއްޞަ ޕްރޮގްރާމް ބޮޑު ތަރުޙީބަކާއެކު ނިންމާލައިފިއެވެ. މި އޮގަސްޓު މަހުގެ 19 އިން 22 އަށް ކުރިއަށްދިޔަ މި އިވެންޓުގެ ދަށުން ނިލަންދޫގެ ޖުމްލަ 350 މީހުން ވަނީ ކެންސަރު ބައްޔަށް ސްކްރީން ކުރެވިފައެވެ

މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާކިސްތާނުގެ ހައިކޮމިޝަނަރު، ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިސަލް ރަސޫލް ލޯދީ އެވެ.

ޕާކިސްތާނު ހައިކޮމިޝަނުން މި ޕްރޮގްރާމް ރޭވުމާއި އިންތިޒާމުކުރުމުގައި ވަރަށް އިސްރޯލެއް އަދާކުރައްވާފައިވާއިރު، އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު ވަނީ ދިވެހިރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ޕާކިސްތާނު ސަރުކާރުން އަބަދުވެސް ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ރަޙުމަތްތެރި ގުޅުމުގެ ތެރެއިން މިފަދަ އިޖުތިމާއީ އަދި ސިއްޙީ ހަރަކާތްތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު އަރުވައެވެ.

މި ޕްރޮގްރާމުގެ ތެރެއިން ބަލިން ރައްކާތެރިވުމާއި އަވަހަށް ބަލި ދެނެގަތުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ދެ ސެޝަނެއް އޮގަސްޓު 20 ވަނަ ދުވަހު ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން އާންމު ރައްޔިތުންނަށް ޚާއްޞަ ސެޝަން ”ގޮމަވަތި ހޯލް“ ގައި ބޭއްވުނުއިރު، ދަރިވަރުންނަށް ޚާއްޞަ ސެޝަން ކުރިއަށްދިޔައީ ނިލަންދޫ މަލްޓިޕާޕަސް ހޯލްގައެވެ.

އޮގަސްޓު 20 އިން 22 އަށް ފާފު އަތޮޅު ހޮސްޕިޓަލުގައި ކުރިއަށްދިޔަ މި ސްކްރީން ކުރުމުގެ ހަރަކާތުގައި މައިގަނޑު 5 ބާވަތެއްގެ ކެންސަރަށް ސާމްޕަލްތަކާއި ބަލިތައް ދެނެގަތުމުގެ އިންތިޒާމު ހަމަޖެއްސެވިއެވެ. އެއީ:

  • އުރަމަތީގެ ކެންސަރު
  • އަނގަޔާއި ކަރުތެރޭގެ ކެންސަރ
  • ރަހިމުގެ ކެންސަރ
  • ޕްރޮސްޓޭޓް ކެންސަރ
  • ކޮލޮރެކްޓަލް ކެންސަރު

ނިލަންދޫ ކައުންސިލުން މައުލޫމާތު ދެއްވާގޮތުގައި، ޕާކިސްތާނު ހައިކޮމިޝަނާއި ކެންސަރ ސޮސައިޓީގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަކީ މި ޕްރޮގްރާމް މިހާ ކާމިޔާބުކަމާއެކު ނިންމާލެވުނު މައިގަނޑު ސަބަބެވެ. އަދި ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭރުގެ އިދާރާތަކާ ގުޅިގެން މިފަދަ މުހިންމު ހަރަކާތްތައް ކުރިއަށްއޮތް ތަނުގައިވެސް ރޭވުމަށް ކައުންސިލުން ވަނީ އަމާޒުހިފާފައެވެ.

މ.މުލީ ކައުންސިލުން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ނިލަންދޫއަށް ޒިޔާރަތްކޮށްފި

15 އޮގަސްޓް 2026 ވީ ހޮނިހިރު ދުވަހު މިރަށަށް ކުރި މި ތަޖުރިބާ ހޯދުމުގެ ދަތުރުގައި މުލީ ކައުންސިލްގެ ރައީސާއި، ކައުންސިލް މެންބަރުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގެ މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 21 ބޭފުޅުންގެ ޓީމަކުން ބައިވެރިވިއެވެ.

 

މުލީ ކައުންސިލްގެ ޓީމަށް ނިލަންދޫ ކައުންސިލްގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އަދި ދެ ކައުންސިލްގެ ދެމެދުގައި ބޭއްވުނު ޚާއްޞަ ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ނިލަންދޫ ގޮމަވާތީ ހޯލް ގައެވެ.

 

މި ބައްދަލުވުމުގައި ދެ ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާކުރުމާ ބެހޭގޮތުންނާއި، ރަށު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ ގޮތްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށް، މަޢުލޫމާތާއި ތަޖުރިބާ ހިއްސާކޮށްފައެވެ.

 

މިފަދަ ދަތުރުތަކުގެ ސަބަބުން އިދާރީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ދެ ރަށުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ކައުންސިލްތަކުގެ ގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ފަހި ފުރުސަތުތަކެއް ހުޅުވިގެން ދެއެވެ.

ފ. ނިލަންދޫގައި 130 އަށްވުރެ ގިނަ ބައިވެރިންނާއެކު 45 ދުވަހުގެ ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ފ. ނިލަންދޫގައި ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށާއި، ކަސްރަތު ކުރުމުގެ ރަނގަޅު އާދަތައް މުޖުތަމައުގައި އަށަގަންނުވައި އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި 45 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހާއްސަ ކަސްރަތު ޕްރޮގްރާމެއް ވަނީ ފަށާފައެވެ. ނިލަންދޫ ކައުންސިލާއި، ފ. ނިލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ފ. ނިލަންދޫ ޕޮލިސްގެ އިތުރުން ފާފު އަތޮޅު ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި މި ރަށުގެ 130 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ އެކި އުމުރުފުރާގެ މީހުންނާ ގުޅޭގޮތަށް، ތަފާތު ތިން ބާވަތެއްގެ ކަސްރަތު ހިމެނޭ ގޮތަކަށެވެ. އެގޮތުން މޫދު ކަސްރަތުތަކާއި، ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ފޯރިގަދަ ޒުމްބާ ސެޝަންތަކުގެ އިތުރުން ހަށިގަނޑުގެ ވަރުގަދަކަން އިތުރުކުރުމަށް ދަނޑުމަތީގައި ކުރިއަށްގެންދާ އަމަލީ ކަސްރަތުތައް މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން އިތުރުން ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ތިއަރީ ކްލާސްތަކެއްވެސް މުޅި ޕްރޮގްރާމުގެ ތެރޭގައި ކުރިއަށްދާނެއެވެ.

ގަވާއިދުން ކަސްރަތު ކުރުމަކީ ދުޅަހެޔޮ، އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި ކޮންމެ އިންސާނަކަށްވެސް ނުހަނު ބޭނުންތެރި ކަމެކެވެ. ދިގު މުއްދަތަކަށް ދެމިގެންދާ ބޮޑެތި ބަލިތައް ކަމުގައިވާ ހަކުރުބައްޔާއި، ލޭގެޕްރެޝަރާއި، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ގަވާއިދުން ކަސްރަތު ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.

ދީނީ ދަރުސް ”ޙަސަދަވެރިކަމުގެ ނުބައިކަން“

ފ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާއި ނިލަންދޫ ކައުންސިލް އަދި ޖަމްޢިއްޔަތުއްސަލަފް ގުޅިގެން 8  އޮގަސްޓް 2026 ވީ ހޮނިހިރު ދުވަހުގެ ރޭ  ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލުގައި ޚާއްޞަ ދީނީ ދަރުސެއް ބާއްވައިފިއެވެ. ”ޙަސަދަވެރިކަމުގެ ނުބައިކަން“ މައުޟޫޢަށކުރިއަށްގެންދިޔަ މި ދަރުސް ނަގައިދެއްވީ އައްޝައިޚް މުޖުތަބާ ޙަމީދެވެ.

 

މި ދަރުސަކީ އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށާއި، ހިތްތައް ތާހިރުކޮށް އިސްލާމީ ރީތި އަޚުލާޤީ އުޞޫލުތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި އިންތިޒާމުކުރެވުނު ޕްރޮގްރާމެކެވެ. މި ހަރަކާތުގައި ނިލަންދޫގެ ގިނަ އަދަދެއްގެ އާންމު ރައްޔިތު އަންހެނުންނާއި ފިރިހެނުން ބައިވެރިވެފައިވެއެވެ.

 

ދަރުސުގެ ތެރެއިން ޝައިޚް މުޖުތަބާ ޙަމީދު ވަނީ ޙަސަދަވެރިކަމުގެ ސަބަބުން އިންސާނާގެ ހެޔޮޢަމަލުތައް ބާތިލުވެގެންދާ ގޮތާއި، އެކަމުގެ ސަބަބުން މުޖްތަމަޢުގައި ކުރިމަތިވާ ނުރައްކާތެރި ނަތީޖާތަކަށް އަލިއަޅުވާލައްވާފައެވެ. އަދި ހިތްތައް ޙަސަދައިން ތާހިރުކޮށް، އެކަކު އަނެކަކަށް ހެޔޮއެދުމާއި އެކުވެރިކަން އާލާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

 

ދަރުސް ނިންމާލުމަށްފަހު، ބައިވެރިންގެ ހިތުގައި އުފެދުނު ދީނީ ތަފާތު ސުވާލުތަކަށް ޖަވާބު ދިނުމުގެ ސުވާލާއި ޖަވާބު ސެޝަނެއްވެސް ޝައިޚް މުޖުތަބާ ޙަމީދު ކުރިއަށްގެންދެވިއެވެ.

 

ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން މައުލޫމާތު ދެއްވި ގޮތުގައި، ރައްޔިތުންގެ ފަރާތުން މި ދަރުސަށް ބޮޑު ތަރުޙީބެއް ލިބިގެންގޮސްފައިވާތީ، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ދީނީ އަދި އިޖުތިމާޢީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރޭވުމަށް ވަނީ ހަމަޖެހިފައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016