ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު، ފާތިމަތު ސައުދާ މިއަދު ދާއިރާގެ ދެ ރަށަށް ވަޑައިގަންނަވައިފިއެވެ. މިގޮތުން މިއަދުގެ ހެނދުނު ނިލަންދޫއަށް ވަޑައިގެން ސިޔާސީ އިސް ފަރާތްތަކާއެކުވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ ފަރާތުން ހުރި ކަންބޮޑުވުންތައް އޮޅުންފިލުންވައި މިވަގުތު ރައްޔިތުންނަށް އެންމެ ދަތިވާ ކަންކަމާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވިއެވެ. މީގެ އިތުރުން މިހާރު ރަށުގައި ކުރިއަށްދާ އެކިއެކި މަޝްރޫއުތަކާގުޅޭ މައުލޫމާތުތައް އޮޅުންފިލުއްވައި، މަޑުޖެހިފައިވާ ބައެއް މަސައްކަތްތަކުގެ މައުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރެއްވިއެވެ.
ފ.އަތޮޅު ސްޓޭޓް ހައުސްގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، މިއަދުވެސް ނިލަންދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށުގެ ނަރުދަމާ ނިޒާމްގެ މައްސަލަކަން ކައުންސިލްގެ ރައީސް އަލީ އަހުމަދު ފާހަގަކުރެއްވިއެވެ. މިގޮތުން ނިމިދިޔަ ވިއްސާރައިގެތެރޭގައި އެއުނދަގޫ އިތުރުވެގެންދިޔަ ކަމަށާއި، ނަރުދަމާ ނިޒާމްގެ ހާލަތު ރަނގަޅުވެ، އޭގެ ލުއިފަސޭހަކަން ރައްޔިތުންނަށް ލިބޭނެ ދުވަހަކަށް މުޅި ރައްޔިތުންވެސް އިންތިޒާރު ކުރައްވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި، ރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރަންޖެހިފައިވާކަމަށާއި، މަގުތައް ހެދުމުގެ މަޝްރޫވެސް ވީހާވެސް އަވަހަކަށް ފައްޓަވައިދެއްވުމަށް އެދޭކަމުގައި ވިދާޅުވިއެވެ. އަދި މީގެ އިތުރުން ރަށުގައި މިހާރު ކުރިއަށްދާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ވީހާވެސް އަވަހަށް ނިމި، އެކަމުގެ ފޮނިމީރުކަން ދެކެން ރައްޔިތުން ބޭނުންވާކަމުގައި ވިދާޅުވިއެވެ.

މެމްބަރު ސައުދާގެ މިދަތުރުފުޅުގައި، ނިލަންދޫގައި ގާއިމްކުރުމަށް ނިންމާފައިވާ މަސްފެކްޓްރީ އާއި ނިލަންދޫ އެއަރޕޯޓުގެ މަޝްރޫއާ ގުޅޭ ފަހުގެ މައުލޫމާތުތައްވެސް އޮޅުންފިލުއްވިއެވެ. އަދި ސަރުކާރުގައި ދަންނަވައިގެން ރަށުގައި ކުރިއަށްދާ ހުރިހައި މަޝްރޫތަކެއްވެސް މަޑުނުޖެހި ކުރިއަށްގެންގޮސް ނިންމަވާދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.






