ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ފ. ވޮލީ މުބާރާތުގައި ނިލަންދޫ ތަމްސީލުކުރާ 02 ޓީމަށް ފ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ޚާއްޞަ ފަރިއްކޮޅެއް ދީފި

ފ. އަތޮޅު ކައުންސިލް އިދާރާއިން ފ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފ. ވޮލީ މުބާރާތުގައި ފ. ނިލަންދޫ ކައުންސިލް އިދާރާ ތަމްސީލުކުރާ 02 ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ފ. އަތޮޅު ހޮސޕިޓަލްގެ ފަރާތުން މެންދުރު ޚާއްޞަ ފަރިއްކޮޅެއް ދީފިއެވެ. މި ފަރިއްކޮޅު އޮތީ 18 އޮގަސްޓު ވީ އާދީއްތަ ދުވަހު މެންދުރު 11:50 ގައި ފ. އަތޮޅު ހޮސްޕިޓަލްގައެވެ.

މިޙަފްލާގައި ޓީމުގެ ކުޅުންތެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ފ. އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަޙްމަދު އަރީފް ވިދާޅުވީ ނިލަންދޫ ކައުންސިލުން ކުރިޔަށްގެންދާ ކުޅިވަރުގެ ހަރަކާތްތަކުގައާއި އިޖްތިމާއީ ހަރަކާތްތަކުގައި ހޮސްޕިޓަލްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދިހަމައެހެންމެ މިޙަފްލާގައި ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ޒުވާނުންނަށް އިސްނަގައިގެން ކުރިޔަށް ގެންދެވޭ މިފަދަ ހަރަކާތްތަކުގައި ހޮސްޕިޓަލްގެ ވެރިންނާއި އިދާރީ މުވައްޒަފުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ކުރިޔަށް އޮތްތާގައިވެސް މި ނަމޫނާ ފެނިގެންދާނެ ކަމަށް އުއްމީދުކުރާކަމަށެވެ.

ފ. ވޮލީ މުބާރާތުގައި ނިލަންދޫ ތަމްސީލުކުރާ 02 ޓީމަށް ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން ޚާއްޞަ ފަރިއްކޮޅެއް ދެއްވައިފި

ފ. އަތޮޅު ކައުންސިލް އިދާރާއިން ފ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފ. ވޮލީ މުބާރާތުގައި ފ. ނިލަންދޫ ކައުންސިލް އިދާރާ ތަމްސީލުކުރާ 02 ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ފެނަކަ ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން މެންދުރު ޚާއްޞަ ފަރިއްކޮޅެއް ދީފިއެވެ. މި ފަރިއްކޮޅު އޮތީ 2024 އޮގަސްޓު 15 ވީ ބުރާސްފަތި ދުވަހު މެންދުރު 11:50 ގައިފ.ނިލަންދޫކައުންސިލްގައެވެ. މިޙަފްލާގައި ޓީމުގެ ކުޅުންތެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ  02 ޓީމް ގެ ކުޅުންތެރިން ދައްކަމުންދާ ހިތްވަރަށް ތައުރީފު ކުރައްވައި ކުރިޔަށް އޮތް މެޗްތަކުގައިވެސްކުޅިނިލަންދޫފަޚުރުވެރިކޮށްދިނުމަށެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ 20 އަހަރުން ދަށުގެ ދިވެހިރާއްޖޭގެ ޤައުމީ ޓީމުގައި ނިލަންދޫގެ ދަރިއެއް.

2024 އޮގަސްޓް 18 އިން 28 އަށް ނޭޕާލްގައި ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ ސާފް ޗެމްޕިއަންޝިޕްގެ 20 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގައި ފ. ނިލަންދޫ މޯނިންގްސަން ޙަސަން ރާއިދު ހިމެނިއްޖެއެވެ. ފ. އަތޮޅު ތަޢުލީމީ މަރުކަޒުން އޯލެވެލް ނިންމުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޤައުމީ ޚިދުމަތާ ގުޅިވަޑައިގެން އުޅުއްވާ ޙަސަން ރާއިދަކީ ފ. ނިލަންދޫ މޯނިންގސަން އަޙްމަދު ޢަލީއާއި ޝަމްސުންނިސާ މުޙައްމަދުގެ އެންމެ ހަގު ދަރިފުޅެވެ. އެންމެ ތުއްތު އިރުއްސުރެވެސް ފުޓްބޯޅަ ކުޅުމަށް ޝަޢުޤުވެރިކަން ހުންނަ ޙަސަން ރާއިދު ފުޓްބޯޅަ ދަނޑުތަކުގައި އަންނަނީ ޑިފެންޑަރެއްގެ މަޤާމް އަދާކުރަމުންނެވެ. ޙަސަން ރާއިދުގެ ތަޢުލީމީ ޙަޔާތް ކުރިއަށްގެންދިޔައިރުގައި ނިލަންދޫ ތަމްސީލުކުރުމަށް ބޭއްވި އެކި މުބާރާތްތަކުގައި ބައިވެރިވެފައިވާއިރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅުމަށްފަހުގައި ޕޮލިސް ތަމްސީލުކުރާ އެކި މުބާރާތްތަކުގައިވެސް ގެންދަނީ ބައިވެރިވަމުންނެވެ. އަދި މީގެ ކުރިންވެސް ޙަސަން ރާއިދުވަނީ 17 އަހަރުން ދަށުގެ ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގައި ހިމެނި ރަގަޅު ކުޅުމެއް ދައްކާފައެވެ.

ހައުސްތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގެ ޗެންޕިއަން ތަައްޓާއި ޚަސަން ރާއިދުޙަވާލުވަނީ – ފޮޓޯ ފޭސްބުކް

 

ފ. ވޮލީ މުބާރާތުގައި ނިލަންދޫ ތަމްސީލުކުރާ 02 ޓީމަށް ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ޚާއްޞަ ފަރިއްކޮޅެއް ދީފި

ފ. އަތޮޅު ކައުންސިލް އިދާރާއިން ފ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފ. ވޮލީ މުބާރާތުގައި ފ. ނިލަންދޫ ކައުންސިލް އިދާރާ ތަމްސީލުކުރާ 02 ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މެންދުރު ޚާއްޞަ ފަރިއްކޮޅެއް ދީފިއެވެ. މި ފަރިއްކޮޅު އޮތީ މިއަދުގެ މެންދުރު 11:50 ގައި ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގައެވެ. މިއަދުގައި ބޭއްވި މި ފަރިއްކޮޅުގައި ނިލަންދޫގެ ޓީމުތައް ކުޅޭ ގުރޫޕް ސްޓޭޖްގެ މެޗްތަކުގައި ބޭނުންކުރުމަށް 08 ކޭސް ފެންވެސް ވަނީ ޓީމުތަކަށް ހަދިޔާކޮށްފައެވެ. މިޙަފްލާގައި ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ފ. އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޔައުޤޫބު ވިދާޅުވީ ނިލަންދޫއަށް ރީތިނަން ހޯދައި ދިނުމަށް އަބަދުވެސް ވޮލީޓީމުގެ ފަރާތުން ހިތްވަރާއެކު މަސައްކަތްކުރުމަށް އެދޭކަމުގައެވެ. އަދި މިޙަފްލާގައި ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ނިލަންދޫ ޕޮލިސް ސްޓޭޝަނަކީ މުޅިއަތޮޅުގެ މަސްލަޙަތާ ގުޅިފައިވާ ތަނެއްކަމަށާއި އެހެންނަމަވެސް މިއަދުގައި އޮންނަ ވޮލީ މެޗްތަކުގައި ނިލަންދޫ ވޮލީ ޓީމަށް ހިތްވަރު ދިނުމަށް އަމިއްލަ އިސްނެންގެވުމާ އެކު ކުރިއަށް ގެންދިޔަ މި ޙަރަކާތް ކުޅުންތެރިން ޝުކުރުވެރިކަމާއެކު ބަލައިގަންނަން ޖެހޭކަމުގައެވެ. އަދި މިފަދަ ކަންކަމުގައި ޕޮލިސް ސްޓޭޝަންގެ ފަރާތުން ދައްކަމުންގެންދާ ރިވެތި ނަމޫނާއަށްޓަކައި، ޕޮލިސް ސްޓޭޝަންގެ ވެރީންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ފ. ނިލަންދޫގެ ނަރުދަމާ ނިޒާމަށް އަވަސް ޙައްލެއް ހޯދުމަށް މަޝްވަރާކޮށްފި

ފ. ނިލަންދޫ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައާއި ގުޅޭގޮތުން މަޝްވަރާކޮށް ޙައްލެއްހޯދުމަށް، މާލޭގަ ދިރިއުޅޭ ފ.ނިލަންދޫއަށް ނިސްބަތްވާ ގިނަ ފަރާތްތަކެއް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޛު މުޙައްމަދު ރަޝީދާ ބައްދަލުކޮށްފިއެވެ. މިބައްދުވުން އޮތީ 2024 އޮގަސްޓް 12 ވަނަ ދުވަހު ފެނަކައިގެ މެއިން ބްރާންޗް ގައެވެ. މިބައްދަލުވުމުގައި ރަށަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލައާއި، މިކަމުގެ ސަބަބުން ރައްޔިތުން ތަޙައްމަލުކުރަމުންދާ ދަތި އުނދަގޫތަކަށް އަވަސް ޙައްލެއް ހޯދާދިނުމަށް އެދިފައިވެއެވެ.

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. ޢާއިޝަތު ރަމީލާ ނިލަންދޫއަށް ވަޑައިގެންފި

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. ޢާއިޝަތު ރަމީލާ ފ. އަތޮޅުގެ ދަނޑުވެރި ރަށްރަކަށް ކުރައްވާ ޒިޔާރާތުގެ ތެރެއިން އިއްޔަގެ ވަގުތެއްގައި ފ. ނިލަންދޫއަށް ވަޑައިގެންފިއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި  މިއަދުގެ ވަގުތެއްގައި ފ. ނިލަންދޫ ކައުންސިލާއި ބައްދަލުކުރުމާއި، ފ. ނިލަންދޫގައި ދަނޑުވެރިކަންކުރާ ދަނޑުބިންތައްކަށް ޒިޔާރަތްކުރުމާއި އަދި ސަރުކާރުން ފަށާގައިވާ 5 މިލިއަން ގަސްއިންދުމުގެ ޕްރޮގުރާމުގެ ދަށުން ރަށުގެ ހުޅަނގުފަރާތު ހިސްކި ބިމުގައި ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

ދިފާއީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މަޢުމޫން ނިލަންދޫއަށް ވަޑައިގެންފި

ދިފާއީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މަޢުމޫން މިއަދުގެ ވަގުތެއްގައި ފ. ނިލަންދޫއަށް ވަޑައިގެން، ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ. މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އިބްރާހިމް ހިލްމީ ގެ އިތުރުން ދިފާއީ ވުޒާރާގެ ބައެއް އިސްބާފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. ވަޒީރު އޮނަރަބަލް ޣައްސާން މަޢުމޫން ނިލަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ދާއިރާތަކުގެ ވެރިންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި ނިލަންދޫގައި ޤައުމީ ދިފާއީބާރުގެ ޚިދުމަތް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާތައްކުރައްވާފައިވެއެެވެ. މީގެއިތުރުން، މިވަގުތު ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށްވާ ނަރުދަމާ ނިޒާމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި މުވައްސަސާތަކުގައި ދަންނަވައި ޙައްލެއް ހޯދައިދިނުމަށް މިނިސްޓަރގެ އަރިހުން އެދިފައިވެއެވެ. އަދި ރަށުގައި ކުރިޔަށްދާ ތަރައްޤީގެ އެހެނިހެން މަޝްރޫއުތައް މެދުކެނޑުމެއްނެތި ކުރިޔަށް ގެންދިޔުމުގައި އެހީތެރިވެދިނުމަށް މިނިސްޓަރގެ އަރިހުގައި ދެންނެވިފައިވެއެވެ.

މިބައްދަލުވުމުގައި ދިފާއީ ވަޒީރު ރައްޔިތުންނަށް މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ ނަރުދަމާގެ ތަކުލީފު ފިލުވާދެއްވުމަށް، ކަމާއި ގުޅުންހުރި ދާއިރާތަކުގައި ދަންނަވައި ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ނިލަންދޫއަކީ ސަރަޙައްދުގެ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކޮށްދެއްވުމަށް ނިންމާފައިވާ ނިންމުމާއި އެއްގޮތަށް އެމަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައިވެއެވެ.

 

ކައުންސިލް އޮފިސަރ މަޤާމަށް ކުރިމަތިލީ ފަރާތްތަކަށް ފޮއިންޓް ލިބުނުގޮތުގެ ޝީޓް

މި އިދާރާގެ ނަމްބަރު: (ILU)374-A/374/2024/45އިޢުލާނާއި ގުޅިގެން ކައުންސިލް އޮފިސަރ މަޤާމަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ A2 ޝީޓް އާންމުކޮށް އިޢުލާނު ކުރީމެވެ

މި A2 ޝީޓާއި ގުޅިގެން ޝަކުވާއެއް އޮތްނަމަ މިއަދުންފެށިގެން ރަސްމީބަންދުނޫން 03 ދުވަސްތެރޭގައި އެޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

ޝަކުވާ ހުށަހެޅުމަށް އީ- މެއިލް ކުރާނީ [email protected] އަށެވެ.

އޭ2 ޝީޓް

04 އޮގަސްޓް 2024

ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާބެހޭ ވަޒީރާ ބައްދަލުކޮށްފި

ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާބެހޭ  ވަޒީރު އާދަމް ޝަރީފް ޢުމަރާ ބައްދަލުކޮށްފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު އެމިނިސްޓްރީގައެވެ. މިއަދުގެ ބައްދަލުވުމުގައި ނިލަންދޫގައި ހުންނަ ފ. އަތޮޅު ސްޓޭޓް ހައުސް ގޯތިން، ސްޓޭޓްހައުސްއަށް ބޭނުންވާ ބިން ވަކިކުރުމަށްފަހު ބާކީ އޮތް ބައިގާ ގެސްޓްހައުސް ވިޔަފާރިކުރުމަށް ފ. އަތޮޅު ކައުންސިލް އިދާރާއިން ވިޔަފާރި އުޞޫލުން ކުއްޔަށް ދޫކޮށްފައިވާ ބިން ނިލަންދޫ ރައްޔިތުންނަށް މާލީ މަންފާ ލިބޭގޮތަށް އެބިން ހޯދުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކާބެހޭގޮތުންނާއި ނިލަންދޫ ކައުންސިލް މިހާރު ހިންގަމުން ގެންދާ ޢިމާރާތުގެ ޖާގައިގެ ދަތިކަންހުރިގޮތުންނާއި ޢިމާރާތް މަރާމާތު ކުރެވޭ ވަރަށްވުރެ ޙާލަތު ދަށްވެފައިވާތީ، މިއަހަރުގެ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްގައި ހިމެނޭ ނިލަންދޫ ކައުންސިލްގެ އާ ޢިމާރާތުގެ މަސައްކަތް ފެއްޓުމާބެހޭ ގޮތުން މަޝްވަރާކޮށްފައި ވެއެވެ. މިބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފް ޢުމަރުގެ އިތުރުން އެމިނިސްޓްރީގެ ބައެއް އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިކައުންސިލްގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެރިވެ ލެއްވީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި ނައިބުރައީސް އިބްރާހީމް މުޙައްމަދާއި ކައުންސިލް މެމްބަރ އަޙްމަދު ސިޔާމްގެ އިތުރުން ކައުންސިލް އަންހެން މެމްބަރ ސަމީރާ އިބްރާހީމެވެ.

ފ. ނިލަންދޫ ނަރުދަމާ ނިޒާމަށް އަވަސް ހައްލެއް ގެނެސްދިނުމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރާއެކު މަޝްވަރާކޮށްފި

ފ. ނިލަންދޫ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޛު މުޙައްމަދު ރަޝީދާ ބައްދަލުކޮށްފިއެވެ. މިބައްދުވުން އޮތީ 2024 ޖުލައި 28 ވަނަ ދުވަހު ފެނަކައިގެ މެއިން ބްރާންޗް ގައެވެ. މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވެފައިވަނީ ނިލަންދޫގެ ނަރުދަމާ ނިޒާމްގެ މިހާރުގެ ޙާލަތުއޮތްގޮތުން އެކަމަށް އަވަސް ހައްލެއް ހޯދައި ނުދެވިއްޖެނަމަ ނިލަންދޫގައި ރޯގާ ބަލިމަޑުކަމެއް ފެތުރި މިހާރު އޮތް ފެންވަރަށްވުރެ އިތުރަށް ނިލަންދޫގެ ފެންފަށަލަ ގޯސްވެގެން ހިނގައިދާނެކަމަށް ފެންނާތީ، މިކަމަށް ފެނަކައިގެ ފަރާތުން ވަގުތީގޮތުން ނަމަވެސް އަވަސް ހައްލެއް ގެނެސްދިނުމަށް ބޭނުންވާކަމުގައެވެ. އަދި ނިލަންދޫގެ ކަރަންޓްގެ ޙާލަތު އެއްދުވަހުން އަނެއް ދުވަހަށް ދަށަށްގޮސް އާއްމު ރައްޔިތުންނަށް އެކަމުގެ ސަބަބުން އުފުލަން ނުޖެހޭފަދަ ތަކުލީފްތަކެއް އުފުލަންޖެހިފައިވާތީ، މިކަމަށްވެސް ފެނައިގެ ފަރާތުން އިތުރަށް ވިސްނުމަށް ނިލަންދޫ ކައުންސިލުން އެދިލެއްވިއެވެ.  މިބައްދަލުވުމުގައި މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން އެކުންފުނީގެ ބައެއް އިސްވެރީންނާއި ފެނަކަ ނިލަންދޫ ބްރާންޗްގެ އިސްވެރީންވަނީ ބައިވެލައްވާފައެވެ.  މިކައުންސިލްގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެރިވެ ލެއްވީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި ނައިބުރައީސް އިބްރާހީމް މުޙައްމަދާއި ކައުންސިލް މެމްބަރ އަޙްމަދު ސިޔާމްގެ އިތުރުން ކައުންސިލް އަންހެން މެމްބަރ ސަމީރާ އިބްރާހީމެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016