ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ނިލަންދޫގައި އަޅާ މަސްފެކްޓްރީއާބެހޭ މަޝްވަރާތައް މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރާއެކު ކޮށްފި.

ފ. ނިލަންދޫގައި އަޅާ މަސްފެކްޓްރީއާބެހޭ މަޝްވަރާތައް މަސްވެރިކަމާ ކަނޑުތަކުގެ ވަޞީލަތްތަކާބެހޭ ވަޒީރާ އަޙްމަދު ޝިޔާމާއެކު ކޮށްފިއެވެ. މިމަޝްވަރާތައް ކޮށްފައިވަނީ 2024 ޖުލައި 29 ވަނަ ދުވަހު އެމިނިސްޓްރީގައެވެ.  މިއަދުގެ ބައްދަލުވުމުގައި ނިލަންދޫގައި އަޅާ މަސްފެކްޓްރީގެ އެންމެފަހުގެ މަޢުލޫމާތު އޮޅުން ފިލުވުމުގެ އިތުރުން ނިލަންދޫގައި ޤާއިމުކޮށްފައިވާ އައިސް ޕްލާންޓު އޮޕަރޭޝަނަށް ގެނެސް ދާއިމީކޮށް ފަސޭހަކަމާއެކު މަސްވެރީންނަށް އައިސްލިބޭނޭ އިންތިޒާމްތައް ހަމަޖައްސަވައި ދެއްވުމާބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މިބައްދަލުވުމުގައި މިނިސްޓަރ އަޙްމަދު ޝިޔާމާއި ޑެޕިއުޓީ މިނިސްޓަރ ޝަފީޤާ ނަޢީމާއި އެމިނިސްޓްރީގެ ބައެއް އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިކައުންސިލްގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެރިވެ ލެއްވީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި ނައިބުރައީސް އިބްރާހީމް މުޙައްމަދާއި ކައުންސިލް މެމްބަރ އަޙްމަދު ސިޔާމްގެ އިތުރުން ކައުންސިލް އަންހެން މެމްބަރ ސަމީރާ އިބްރާހީމެވެ.

ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރާ ބައްދަލުކޮށްފި.

ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނާ މިއަދު ބައްދަލުކޮށްފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު އެމިނިސްޓްރީގައެވެ. މިއަދުގެ ބައްދަލުވުމުގައި ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފ. ނިލަންދޫގައި ތަރައްޤީކުރާ ހޮސްޕިޓަލްގެ އާ ޢިމާރާތް އެޅުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފ. ނިލަންދޫއިން ދޫކޮށްފައިވާ ބިން ހޮސްޕިޓަލްގެ އާޢިމާރާތް އެޅުމަށް ހޯދުމަށާއި، ނިލަންދޫއަކީ ކުށްމަދު އަމާން ވެއްޓެއްގެ ގޮތުގައި ހެދުމަށްޓަކައި ފުލުހުންގެ ދައުރު މިހާރަށްވުރެ ފުޅާކުރުމާ އަދި ފުލުހުންގެ މަރުކަޒުގެ އާޢިމާރާތެއް ނިލަންދޫގައި ޤާއިމުކުރުމަށް ބޭނުންވާ މަޝްވަރާތައް ކޮށްފައިވެއެވެ.  މިބައްދަލުވުމުގައި ރައްޔިތުންގެ މަޖްލީހުގެ ޢިއްޒަތްތެރި މެމްބަރު ފާޠިމަތު ސަޢުދާއާއި ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމްގެ އިތުރުން ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާބެހޭ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުޙައްމަދު މުފީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މިކައުންސިލްގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެރިވެ ލެއްވީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި ނައިބުރައީސް އިބްރާހީމް މުޙައްމަދާއި ކައުންސިލް މެމްބަރ އަޙްމަދު ސިޔާމްގެ އިތުރުން ކައުންސިލް އަންހެން މެމްބަރ ސަމީރާ އިބްރާހީމެވެ.

ގޯތި ދޫކުުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް….

ފ. ނިލަންދޫން ދިރިއުޅުމަށް ދޫކުރުމަށް ނިންމާފައިވާ 129 ގޯއްޗަށްއެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ، ފޯމްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް 2024 ޖުލައި 24 ވަނަ ދުވަހު ފަށައިފިއެވެ. ގޯތި ދޫކުރުމާބެހޭ އުޞޫލުގެ 09 ވަނަ މާއްދާއާއި 10 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާފައިވާ 11 މީހުންގެ މައްޗަށް އެކުލެވޭ ކޮމެޓީން ކުރިއަށް ގެންދާ މިމަސައްކަތް ނިމެންދެން ރަސްމީ ކޮންމެ ދުވަހެއްގެ ރޭގަނޑު 08:30 ން 10:30 އަށް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖައްސާފައެވެ. މިފަހަރު ގޯއްޗަށްއެދި 412 ފަރާތަކުން ފޯމު ހުށަހަޅާފައިވެއެވެ. މީގެތެރޭގައި އޮންލައިން ޕްލެޓް ފޯމް މެދުވެރިކޮށް 27 ފަރާތަކުން ފޯމު ހުށަހަޅާފައިވެއެވެ. ގޯތި ދޫކުރުކުރުމުގެ އުޞޫލުގެ 10 ވަނަ މާއްދާގެ ހ ގެ ދަށުން އެކުލަވާލި ގޯތި ކޮމެޓީގައި ހިމެނި ވަޑައިގަންނަވަނީ ކައުންސިލްގެ ރައީސް ނުވަތަ ރައީސްގެ މަސްޢޫލިއްޔަތާ އެވަގުތު ޙަވާލުވެ ހުންނެވި ކައުންސިލް މެމްބަރެއްގެ އިތުރުން ކައުންސިލްގެ އިތުރު މެމްބަރެއްގެ ގޮތުގައި ފ. ނިލަންދޫ ސާދީވިލާ އަޙްމަދު ސިޔާމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ފ. ނިލަންދޫ ބަގީޗާ ޢަޒީޒާ ޢަލީއާއި، ނިލަންދޫ ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ތެރެއިން ކައުންސިލް އެގްޒެކެޓިވް ފ. ނިލަންދޫ ޗާންދަނީގޭ މުނީރާ އިބްރާހިމާއި އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ފ. ނިލަންދޫ ކަރަންކާގޭ ޢަލީ އަޙްމަދެވެ. ރަށުގައި ހުރި ސަރުކާރުގެ މުވައްސަސާތަކުން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ 04 މުވައްޒަފުންނަކީ ފ. އަތޮޅުކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ފ. ނިލަންދޫ ބީޗްހައުސް އިބްރާހީމް މޫސާއާއި، ފ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް ފ. ނިލަންދޫ އޯކިޑުވިލާ ޢަބްދުލްޖަލީލު އަޙްމަދާއި، ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ ފ. ނިލަންދޫ މިނާ ޝިރުމީނާ އިސްމާޢީލްގެ އިތުރުން އާއްމު ރައްޔިތުންގެ ތެރެއިން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ 02 ބޭފުޅުންނަކީ ފ. ނިލަންދޫ މާވިނާ ޢަބްދުﷲ ޢަލީއާއި ފ. ނިލަންދޫ ހަތިކޮޅު ޢަބްދުއްރަޝީދު މުޙައްމަދެވެ. ކޮމެޓީގެ ސެކްރެޓޭރިއޭޓް ބަލަހައްޓަވަމުންގެންދަވަނީ ނިލަންދޫ ކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ ފ. ނިލަންދޫ ކިނާރާ އަޙްމަދު ޝަރީފެވެ. މިފަހަރުގައި ދޫކުރުމަށް ހަމަޖައްސާފައިވަނީ 2000 އަކަފޫޓްގެ 96 ގޯއްޗާއި 2800 އަކަފޫޓްގެ 33 ގޯއްޗެވެ. އެންމެފަހުން ނިލަންދޫއިން ދިރިއުޅުމަށް ގޯތި ދޫކޮށްފައިވަނީ 2012 ވަނަ އަހަރުގައެވެ.

 

 

ނިލަންދޫ ކައުންސިލުން އައި.ޑީ.ކާޑު ޕްރިންޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަޝްވަރާތައް ފަށައިފި.

ފ. ނިލަންދޫ ކައުންސިލް އިދާރާއިން އާއްމު ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ގާތުން ޚިދުމަތް ދިނުމަށް ގެންގުޅެމުންދާ ސިޔާސަތުގެ ދަށުން އާއްމު ރައްޔިތުންނަށް ހައްދައިދެމުންގެންދާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުތައް ކައުންސިލުން ޕްރިންޓްކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަޝްވަރާތައް ފަށައިފިއެވެ. 2024 ޖުލައި 28 ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވެފައިވަނީ ނިލަންދޫގައި އައިޑީކާޑު ޕްރިންޓް ކުރެވޭނެ ނިޒާމެއް ޤާއިމްކުރެވިއްޖެނަމަ ނިލަންދޫގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން ފ. އަތޮޅާއި ދ. އަތޮޅުގެ ގިނަ ރައްޔިތުންތަކަކާއި އދ. އަތޮޅުގެ ގިނަ ރައްޔިތަކަށް މިކަމުގެ ލުއިފަސޭހަކަން ލިބިގެންދާނެއެވެ. އަދި މިކަމުގައި ކައުންސިލުން ދޭންޖެހޭ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެކަމުގައިވެސް ވަނީ ވިދާޅުވެފައެވެ. މިބައްދަލުވުމުގައި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ފަރާތުން ބައިވެރިވެލެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ޢާލިމް އެވެ. މިކައުންސިލްގެ ފަރާތުން އެބައްދަލުވުމުގައި ބައިވެރިވެރިވެ ލެއްވީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި ނައިބުރައީސް އިބްރާހީމް މުޙައްމަދާއި ކައުންސިލް މެމްބަރ އަޙްމަދު ސިޔާމްގެ އިތުރުން ކައުންސިލް އަންހެން މެމްބަރ ސަމީރާ އިބްރާހީމެވެ.

2026ވަނަ އަހަރު ނިމެންވާއިރަށް އާއްމު ބަލިތަކަށް ބޭނުންވާ ހުރިހާ ބޭހެއް ރާއްޖެއިން ލިބޭނޭ އިންތިޒާމް ހަމަޖައްސައިދޭނަން – ހީނާ

2026 ވަނަ އަހަރު ނިމެންވާއިރަށް އާއްމު ބަލިތަކަށް ބޭނުންވާ ހުރިހާ ބޭހެއް ބަލްކު ޕްރޮކިއުމަންޓް ސިޔާސަތުގެ ދަށުން ރާއްޖެއިން ހެޔޮއަގުގައި ލިބޭނޭގޮތް ހަދައިދޭނެކަމަށް އެންސްޕާގެ ސީއީއޯ އަދި ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ ވަލީދު މިހެން ވިދާޅުވެފައިވަނީ އެންސްޕާއިން ދެމުން ގެންދާ ޚިދުމަތްތަކަށް ދިވެހީން އަހުލުވެރި ކުރުވުމަށް ފައްޓަވާފައިވާ މަސައްކަތުގެ ދަށުން ފ. ނިލަންދޫ ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. 2024 ޖުލައި 27 ވަނަ ދުވަހުގެ ހެނދުނު 09:00 ގައި ފ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮމަވަތި ހޯލުގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި އެންސްޕާއިން ފޯރުކޮށްދެމުންގެންދާ ޚިދުމަތްތަކާބެހޭ ގޮތުން މަޢުލޫމާތު ދެއްވީ އެސިސްޓެންޓް ޑިރެކްޓަރ ނަފްހާއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޤައުމީ ދަފްތަރާބެހޭ ގޮތުން މަޢުލޫމާތު ދެއްވީ އެސިސްޓެންޓް ޑިރެކްޓަރ ސުފްނާއެވެ.

2025 ވަނަ އަހަރަށް ލަފާކުރާ ނިލަންދޫ ކައުންސިލްގެ ބަޖެޓާއި މަސައްކަތު ތާވަލަށް ރައްޔިތުންގެ ޚިޔާލު ހޯދައިފި.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ ޖުލައި މަހު ބާއްވަންޖެހޭ ބައްދަލުވުން 2024 ޖުލައި 26 ވީ ހުކުރު ދުވަހުގެ ރޭ 08:30ގައި ގޮމަވަތި ހޯލުގައި ބާއްވައިފިއެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން ފ. ނިލަންދޫ ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ  ޔާޝާ ޢަބްދުއްރައްޒާޤް ފައްޓަވައި ދެއްވި މިބައްދަލުވުން ހުށަހަޅައިދެއްވީ ފ. ނިލަންދޫ ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ޢަލީ އަޙްމަދެވެ. މިބައްދަލުވުމުގައި 2024 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހު ކައުންސިލް ހިނގާދިޔަގޮތުގެ ތަފްޞީލް ރިޕޯޓް ހުށަހަޅައި ދެއްވީ ކައުންސިލް އޮފިސަރ ޢަބްދުއްލަޠީފް އިބްރާހީމެވެ. 2025 ވަނަ އަހަރަށް އެކުލަވާލާފައިވާ މަސައްކަތު ތާވަލް ރައްޔިތުންނަށް ހުށަހަޅައި ދެއްވީ ކައުންސިލް އޮފިސަރ ވަޖީޙާ ޢަބްދުއްނާޞިރެވެ. 2025 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓް ހުށަހަޅައި ދެއްވީ ކައުންސިލް އޮފިސަރ މުޙައްމަދު މައުޞޫމެވެ. ބަޖެޓާއި މަސައްކަތު ތާވަލް ހުށަހެޅުމަށްފަހު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ރައްޔިތުންގެ ތެރެއިން 03 ފަރާތަކުންވަނީ ޚިޔާލު ހުށަހަޅާފައެވެ. މިބައްދަލުވުމުގައި ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ރައްޔިތުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކައިގައި ކައުންސިލުން ލަފާކުރާ ބަޖެޓާއި މަސައްކަތު ތާވަލަކީ ރައްޔިތުންގެ ޚިޔާލާއެކު އެކުލަވާލާ ތަކެތި ކަމަށްވުމާއެކު، ރައްޔިތުންގެ ޚިޔާލު އަބަދުވެސް ވަރަށް މުހިންމުކަމަށް ދެކޭކަމުގައި ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުގެ ސިޔާސަތު ކަނޑައަޅާފައި އޮތްގޮތުން އެ ޒޯނެއްގައި އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުގެ އަހަރީފީ އަކީ އެރަށެއްގެ އާމްދަނީއަށް ލިބޭ އެއްޗެއްކަމަށްވުމާއެކު، ކައުންސިލްގެ ވިސްނުންހުރީ ނިލަންދޫގައި ދުއްވާ ހުރިހާ އުޅަނދުތަކަކީ ޒޯން ސީއަށް ރަޖިސްޓްރީކޮށްގެން ދުއްވާ އުޅަނދުތަކަށް ހެދުންކަމަށާއި އެހެން ޒޯންއެއްގެ އުޅަނދެއް ނިލަންދޫގައި ދުއްވޭނެ އެންމެ ދިގު މުއްދަތަކީ 03 މަސްދުވަސް ކަމަށްހެދުންކަމަށާއި އެއަށްފަހު އެފަދަ އުޅަނދުތައް ދުއްވާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ ވިސްނުން ގެންގުޅޭކަމަށެވެ. ރައީސްގެ ވާހަކައިގާ އިތުރަށް ވިދާޅުވީ ނިލަންދޫ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ޤާނޫނީ އިމުގެ ތެރެއިން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށާއި އެގޮތުން މިހާރުވެސް ފ. އަތޮޅު ސްޓޭޓްހައުސް ހިމެނޭ ގޯތިން ގެސްޓްހައުސް ހިންގުމަށް އަމިއްލަ ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިން ނިލަންދޫ ރައްޔިތުންނަށް ލިބޭގޮތް ހެދުމަށްޓަކައި ކުރަންހުރި މަސައްކަތްތައް ކުރަމުންގެންދާކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ދެއްވިއެވެ.

ނިލަންދޫގައި ކުރިޔަށް ގެންދަމުންދާ ޕްރޮޖެކްޓުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ނިލަންދޫ ކައުންސިލުން އެމް ޓީ ސީ ސީއާއި ބައްދަލުކުރައްވައިފި.

ފ. ނިލަންދޫގައި ކުރިޔަށްދާ ޕްރޮޖެކްޓުތައް މިހާރަށްވުރެ އަވަސްކުރުމާއި ގުޅޭ ގޮތުން އެމް ޓީ ސީ ސީ އާއެކު މަޝްވަރާ ބައްދަލުވުމެއް 2024 ޖުލައި 19 ވަނަ ދުވަހު ވަނީ  ކުރިޔަށް ގެންދެވިފައެވެ. މި ބައްދަލުވުމުގައި ފ.ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙްމަދު އަދި ނިލަންދޫ ދާއިރާގެ ޢިތްޒަޔްތެރި މެންބަރު ފާތުމަތު ސައުދާ ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ބައްބަލުވުމުގެ ތެރެއިން

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ނިލަންދޫއަށް ކުރި ރަސްމީ ދަތުރުފުޅުގައި ފ.ނިލަންދޫގައި އެއާޕޯޓެއް ތަރައްޤީކުރުމަށްވަނީ ވައުދުވެވަޑައިގެންފައެވެ. އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ ނިލަންދޫގެ ރައްޔިތުންނާއި ގުޅިފައިވާ މުހިންމު ކަމެއް ކަމެއްކަމުގައިވާތީ އެމަސައްކަތް ހަލުވި ދުވެލީގައި ނިންމާ ދެއްވުމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އެދިލައްވާފައިވެއެވެ. އެގޮތުން އެއާޕޯޓު ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް އެމް ޓީ ސީ ސީ އާއި ހަވާލު ކުރެވި އެމަސައްކަތް ބާރު ދުވެލީގައި މިއަދާއި ހަމައަށް ކުރިޔަށްދާކަން އެބައްދަލުވުމުގައި ވަނީ ފާހަގަ ކޮއްފަވެއެވެ. އަދި ހަމަ އެހެންމެ މިބައްދަލުވުމުގައި ފާފު އަތޮޅުގައި އެންމެ ފުރަތަމަ ހުޅުވޭނެ އެއާޕޯޓަކީ ފ. ނިލަންދޫ އެއާޕޯޓުކަމަށް އެމް ޓީ ސީ ސީގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ޔަޤީންކަން ދެއްވާފައެވެ.

އެއާޕޯޓު އެޅުމަށް ބިން ހިއްކާ ސަަރަަހައްދު

 

މީގެ އިތުރުން ޓީ-ޖެޓީ ހެދުމުގެ މަސައްކަތްވެސް އެމް ޓީ ސީ ސީއާއި ހަވާލު ކުރެވި މި މަސައްކަތްވެސް ބާރު ދުވެލީގައި ކުރިޔަށްދާކަން ފާހަގަ ކުރެއްވިއެވެ. ބައްދަލުވުން ނިންމާލަމުން، އެމް ޓީ ސީ ސީގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، މުސްތަގުބަލުގައި ނިލަންދޫއަކީ ތަރައްޤީގެ ރޮނގުން ކުރިއަރައިދާނެ ރަށެއްކަމުގައި ނިލަންދޫ ކައުންސިލްގެ ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

”ނާރެސް“ ޕޯޓަލް އިފްތިތާހުކުރުމުގެ ރަސްމިއްޔާތާއި، ތަމްރީން ޕްރޮގުރާމުގައި މިކައުންސިލުން ބައިވެރިވެއްޖެ

ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ ”ނާރެސް“ ޕޯޓަލް އިފްތިތާހުކޮށްފިއެވެ.

 

މިޕޯޓަލް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދުމުޢިއްޒެވެ. ނާރެސްޕޯޓަލަކީ އެޕޯޓަލް މެދުވެރިކޮށް އައިޑީކާޑް ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެ އެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުންވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ޕޯޓަލެކެވެ. މިރަސްމިއްޔާތުގައި ”އޮޕަރޭޝަން ކުރަނގި“ ފޭސް2 ވެސް ތަޢާރުފުކުރެވިގެން ދިޔައެވެ.“އޮޕަރޭޝަން ކުރަނގި“ ފޭސް 2 އެއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ޙައްލުކުރުމަށް ފެށުނު މަސައްކަތެކެވެ.

 

މިހާރުއައިޑީ ކާޑު ހެދުމަށް އެދި ހުށަހެޅެނީ އޮންލައިން ކޮށެވެ. އެހެންނަމަވެސް އެބަދަލާ އެކު އުމުރުން ދުވަސްވީ ފަރާތްތަކަށް ކާޑު ހެއްދުމުގައި ވަނީއުދަނގޫތަކާ ކުރިމަތިވެފައެވެ. އެފަރާތްތަކަށް ދިމާވެފައިވާ ދަތިކަންފިލުވުމުގެ ގޮތުން މިނިސްޓްރީން ކައުންސިލްތަކާ އެކު ފެށި މަސައްކަތަކީ ނާރެސް ޕޯޓަލް ތައާރަފު ކުރުމެވެ.

 

ނާރެސް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީކާޑުތަކުގެ ސްޓޭޓަސް ބަލާލެވޭނެއެވެ. މާލެ އެކޭ އެއްފަދައިން އައިޑީކާޑު ދޫކުރުމާއި އެޕްލިކޭޝަންތައް ބަލައިގަތުމުގެ ހިދުމަތް ޕޯޓަލްގެ ތެރެއިން ލިބޭނެއެވެ. މީގެ އިތުރުން ކޮންމެ ކައުންސިލަކަށް ދިހަ އިނގިލީގެ ނިޝާން ނަގައި ފިންގަ ޕްރިންޓް ޑިވައިސްތަކެއް ހަވާލު ކުރުމަށް ވަނީ ނިންމާފައެވެ.

 

މީގެއިތުރުން މިނިސްޓްރީން ވަނީ ގާނޫނުތައް ތަންފީޒު ކުރުމަށާއި ކުށްކުރުން މަދުކުރުމުގެ ގޮތުން ރަށްރަށުގައި ހާއްސަ ހަރަކާތްތަކެއް ކައުންސިލުތަކާ ގުޅިގެން ރާވާ ހިންގުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގެ ގޮތުން ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މިނިސްޓްރީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރު އަލީއިހުސާނެވެ. ލޯކަލް ގަވަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީމިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

އާބަން ޕްލޭނިންގް އެންޑް ލޭންޑް ޔޫސް ޕްލޭނިންގެ ތަމްރީނު ޕްރޮގްރާމެއްގައި ކައުންސިލުން ބައިވެރިވެއްޖެ

ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ރޫރަލް ޑިވެލޮޕްމަންޓް އެންޑް ޕަންޗަޔާތީ ރާޖްއާ ގުޅިގެން އިންތިޒާމްކޮށްފައިވާ އާބަން ޕްލޭނިންގް އެންޑް ލޭންޑް ޔޫސް ޕްލޭނިންގ ތަމްރީނު ޕްރޮގްރާމެއްގައި މި ކައުންސިލުން ބައިވެރިވެއްޖެއެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ 21 ޖުލައި 2024 އިން 3 އޮގަސްޓް 2024 އަށް އިންޑިއާގެ ހައިދަރއާބާދުގައެވެ. މި ތަމްރީނު ޕްރޮގްރާމުގައި މި ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ސީނިއަރ ކައުންސިލް އޮފިސަރ އަޙްމަދު ޝަރީފެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ކައުންސިލްތަކުގެ މުވައްޒަފުންނަށް އާބަން ޕްލޭނިންގ އަދި ބިން ބޭނުންކުރުމުގެ ރޭވުންތެރިކަމާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ބޭއްވޭ ޕްރޮގްރާމެކެވެ. މި ތަމްރީނުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންނަށް އެ ދާއިރާއިން އިތުރު ހުނަރާއި ތަޖުރިބާ ލިބި، ރަށްރަށުގެ ތަރައްޤީއަށް މުހިންމު ބިންގަލެއް އެޅިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ކުނިކޮށި ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ނިންމާލައިފި

2024 ޖުލައި 16 ވީ އަންގާރަ ދުވަހު، އަލަށް ހަދައިފައިވާ ކުނިކޮށި ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންގޮސް، ވަނީ ނިންމާލައިފައެވެ. މި މަސައްކަތްކުރުމުގައި އެމް.ޓީ.ސީ.ސީގެ ވަރަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވެއެވެ.

ކުނިކޮށީގައި ބޭނުންކުރާ މެޝިނަރީތައް ސަރުކާރުން ވަނީ  ފޯރުކޮށްދީފައެވެ. މިއީ ސަރުކާރުން ރަށްރަށުގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އަލަށް ހަދައިފައިވާ ކުނިކޮށި އަވަސް މުސްތަޤުބަލެއްގައި ބޭނުންކުރެވިގެންދާނެ ކަމަށް ލަފާކުރެވެއެވެ. ކައުންސިލުން މި މަސައްކަތް ނިންމާލުމަކީ ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކުނިކޮށި ސާފުކޮށް، މީގެ އިތުރުން ކުރަންހުރި ބައެއް ކުދި ކުދި މަސަކަތް ނިމުމާއިއެކު، ރައްޔިތުންނަށް އެ ތަން ބޭނުންކުރެވޭނެ ގޮތް ހަމަޖެހި، ރަށުގެ ކުނި ނައްތާލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ. މި މަސައްކަތުގެ ސަބަބުން ރަށުގެ ވެށި ސާފުތާހިރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016