ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ސްޕޯޓްސް ފިޝިންގ ކަނދުފަތީގެ ބޮއިފައްޗާއި ދާގަނޑު އެޅުމުގެ މަސައްކަތް ކޮށްފި.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން ފ. ނިލަންދޫގެ 07 މޭލު ބޭރުގައި އަޅާފައިވާ ސްޕޯޓްސް ފިޝިންގ ކަނދުފަތީގެ ދާގަނޑު ކަނޑައިގެން ގޮސްފައިވާތީ ކަނދުފަތީގެ ބޮއިފައްޗާއި ދާގަނޑު އަލުން ހަރުކުރުމުގެ މަސައްކަތް ފ. ނިލަންދޫ ކައުންސިލް އިދާރާއިން ކޮށްފިއެވެ. ފ. ނިލަންދޫ މިޔަވާލި ދޯނީގެ އެހީތެރިކަމާއެކު 2024 ޑިސެންބަރު 24 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި  ފެއްޓި މިމަސައްކަތުގައި އިސްވެ ޙަރަކާތެރިވީ ފ. ނިލަންދޫ ކައުންސިލްގެ ނައިބުރައީސާއި ކައުންސިލް މެމްބަރު އަޙްމަދު ސިޔާމެވެ.

ނިލަންދޫ ކައުންސިލުން އިސްނަގައިގެން އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކޮއްފި.

2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގައި ދިވެހިރާއްޖެއަށް ދިމާވި ސުނާމީގެ ކާރިސާއާ ގުޅިގެން ދިވެހީންގެ ފަރާތުން ފެނިގެންދިޔަ އެއްބައިވަންތަކަމާއި، އެހީތެރިކަން ފާހަގަކުރުމަށްޓަކައި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް މިއަހަރުވެސްވަނީ ކުލަގަދަކޮށް ފާހަގަ ކޮއްފައެވެ. މި ދުވަސް ފާހަގަ ކޮއްފައިވަނީވަނީ ނިލަންދޫ ކައުންސިލުން އިސްނަގައިގެން ނިލަންދޫގައި ޤާއިމްވެފައިވާ ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކާއި ގުޅިގެންނެވެ. މިދުވަހުގެ ހަރަކާތް ފެށިފައިވަނީ 8:50 ގައި އޮތް ހިންގައިލުމުންނެވެ. މީގެ އިތުރުން ސުނާމީގެ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުންވި މީހުންގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއްވެސްވަނީ ކުރިޔަށް ގެންދެވިފައެވެ. މި ދުވަސް ފާހަގަކުރުމަށް ސަރުކާރުގެ އެހެން އިދާރާތަކުންނާއި ކުންފުނިތަކުން ލިބުނު އެއްބާރުލުން ފާހަގަކޮށް ބައިވެރިވީ ފަރާތަތަކަށް ނިލަންދޫ ކައުންސިލްގެ ނަމުގައި ނިލަންދޫ ކައުންސިލްގެ ނައިބް ރައީސްވަނީ ޝުކުރު އަދާކޮށްފައެވެ.

 

ފ.ނިލަންދޫ ކައުންސިލް މުވައްޒަފުންގެ ކުލަބު ”ފާންކުރި ކުލަބު“ ގެ ފަރާތުން ކައުންސިލްއިދާރާއަށް މައިކު ސިސްޓަމަކާއި ސައުންޑް ސިސްޓަމެއް ހަދިޔާކޮށްފި.

ފ.ނިލަންދޫ ކައުންސިލް މުވައްޒަފުންގެ ކުލަބު ”ފާންކުރި ކުލަބު“ ގެ ފަރާތުން، މައިކު ސިސްޓަމަކާއި ސައުންޑް ސިސްޓަމެއް ފ.ނިލަންދޫ ކައުންސިލަށް ހަދިޔާކޮށްފިއެވެ. މި ތަކެތި ހަވާލުކުރުމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު އޮތީ 1 ޑިސެންބަރު 2024 ވީ އާދިއްތަ ދުވަހު މެންދުރުފަހު  ފ.ނިލަންދޫ ކައުންސިލްގެ ކޮންފަރެންސް ހޯލުގައެވެ.

ކައުންސިލަރުންނާއި، އިދާރީ އިސްވެރިންގެ އިތުރުން ކުލަބުގެ ހިންގާކޮމިޓީ ބައިވެރިވެ ވަޑައިގަތް މި ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެ ވަޑައިގަތީ ކައުންސިލްގެ ރައީސް އަލީ އަޙްމަދެވެ. އަލީ އަޙްމަދު ވިދާޅުވީ މިއީ ކައުންސިލަށް ވަރަށް ބޭނުންތެރި އަދި އަގުހުރި ތަކެތި ކަމަށެވެ. އަދި ފާންކުރި ކުލަބުގެ މި މަސައްކަތަށް ޝުކުރު އަދާކުރައްވާ މިފަދަ ދެމެހެއްޓެނިވި ކަންކަމަށް ކުލަބުގެ ވިސްނުންދިޔުމަކީ އުފާކުރާ ކަމެއްކަމުގައިވެސް ވިދާޅުވިއެވެ.

ފާންކުރި ކުލަބުގެ ރައީސާ މުނީރާ އިބްރާހިމް ވިދާޅުވީ މި ހަވާލުކުރެވުނު ތަކެއްޗަކީ ކައުންސިލްގެ ހިންގުން ރަނގަޅުކޮށް ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވުމުގެ ގޮތުން ކުލަބުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ކަންކަމުގައި ކުލަބުގެ ފަރާތުން ކައުންސިލަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.

ނިލަންދޫ ކައުންސިލްގެ އިދާރާއިން ކޮންމެ އަހަރަކުވެސް ރަމަޟާން މަހު ކުރިއަށް ގެންދާ ނިލަންދޫ ތަރި ޤުރުޢާން މުބާރާތް 1446 މިއަހަރުވެސް ބޭއްވުމަށް ނިންމައިފި .

ނިލަންދޫ ކައުންސިލްގެ އިދާރާއިން ކޮންމެ އަހަރަކުވެސް ރަމަޟާން މަހު ކުރިއަށް ގެންދާ  ”ނިލަންދޫ ތަރި ޤުރުޢާން މުބާރާތް 1446“ މިއަހަރުވެސް ބޭއްވުމަށް ނިންމައިފިއެވެ. މި މުބާރާތުގެ މައިގަނޑު މަޤުޞަދަކީ ނިލަންދޫގެ ދަރީންގެ ހިތްތަކުގައި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުޢާން ކިޔެވުމަށް ލޯބިޖެއްސުމާއި، ކީރިތި ޤުރުޢާން ހިތުދަސް ކުރުމަށް ހިތްވަރުދީ، އިސްލާމީ ވަޙްދަތު ޤާއިމްކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވޭނީ 2024 ޑިސެންބަރު 1 ވަނަ ދުވަހުއެވެ. 2025 ޖަނަވަރީ 01 ގެ ނިޔަލަށް މީލާދީގޮތުން ޢުމުރުން 12 އަހަރު ފުރިފައިވާ ނިލަންދޫގެ ކޮންމެ ރައްވެއްސަކަށްވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ. ނަމަވެސް، މުބާރާތުގައި ވާދަކުރެވޭނީ އޮޑިޝަނަން އެންމެ މަތިން މާކްސް ލިބޭ 15 ބައިވެރިންނަށެވެ.

މި މުބާރާތުގައި އެކި އެކި ވަނަ ހޯދާ ފަރާތްތަކަށް އަގުބޮޑު އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، 1 ވަނަ އަށް ދާ ބައިވެރިޔަކަށް 18,000 ރުފިޔާ، 2 ވަނަ އަށް 10,000 ރުފިޔާ އަދި 3 ވަނަ އަށް 8,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން، އޮޑިޝަނުން ހޮވޭ 15 ބައިވެރިންގެ ތެރެއިން ވަނަ ހޯދާ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ލިބޭ ބައިވެރިން ފިޔަވައި އެހެން ކޮންމެ ބައިވެރިއަކަށް 1,500 ރުފިޔާގެ ފައިސާގެ އިނާމަކާއި ހަނދާނީ ފިލައެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

މި މުބާރާތަކީ ނިލަންދޫގެ ދަރީންގެ މެދުގައި ޤުރުޢާން ކިޔެވުމުގެ ޝައުޤުވެރިކަން އިތުރުކޮށް، އިސްލާމީ ތަޢުލީމު ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާނެ ހަރަކާތެކެވެ.

ނިލަންދޫގެ ކައުންސިލްގެ ރައީސް ރަސްމީ ދަތުރެއްގައި މާލެއަށް ވަޑައިގެންފި.

ރަށުގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާއި ގުޅުންހުރި މިނިސްޓްރީތަކުގެ ވެރިންނާއި ބައްދަލުކޮށް، ޕްރޮޖެކްޓްތަށް ކުރިއަށްދާ މިންވަރާއި ، ތަރައްޤީއާއި ގުޅުންހުރި މުޙިންމު ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް 2024 ނޮވެންބަރ 14 ވަނަ ދުވަހު ކައުންސިލްގެ ރައީސް މާލެ ވަޑައިގެންފިއެވެ.

މިދަތުރުގައި ކައުންސިލުން އެންމެ އިސްކަމެއްގެ ގޮތުގައި މަޝްވަރާ ކުރައްވާފައިވަނީ ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދުމަށެވެ. މިކަމާ ގުޅޭގޮތުން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ، އެމް.ޑަބްލިއު.އެސް.ސީ އަދި ފެނަކަ ކޯޕަރޭޝަންއާއި  ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުންތަކުގައި ނަރުދަމާގެ މައްސަލައަށް ކައިރި މުސްތަޤުބަލެއްގައި ޙައްލެއް ލިބިގެނަދާނެކަމުގެ ފެހި ސިގްނަލް ދެއްވައިފައިވެއެވެ.

މީގެއިތުރުން، ނިލަންދޫގެ ބަނދަރު އަޕްގްރޭޑްކުރުމާއި ބަދަރާއި ގުޅިގެން އިރަށް އޮތް ސަރަޙައްދު މޫދަށް އެރި އުޅުމަށް ޚާއްސަ ސަރަޙައްދެއްގެ ގޮތުގައި ހައްދަވައިދެއްވުމުގައި އެހީތެރިކަން ދިނުމާއި، ބަނދަރު މަސައްކަތް އަވަސް ކުރުމަށްޓަކައި އެމް.ޓީ.ސީ.ސީއާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ. އަދި ރަށުގެ ކުޅިވަރު ދަނޑުތައް މަރާމާތުކޮށް، އިތުރު ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢުއާ ބައްދަލުކުރައްވައި މަޝްވަރާކުރަށްވާފައިވެއެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙްމަދު ވިދާޅުވި ގޮތުގައި މި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއްކަމާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކަކަށް ހައްލު ލިބޭނެކަމުގެ އުންމީދު މިދަތުރުގައި ލިބިފައިވެއެވެ. ޚާއްޞަކޮށް ނަރުދަމާގެ މައްސަލައަށް އަވަސް ހައްލެއް ލިބޭނެކަމަށް އުންމީދުކުރާ ކަމުގައި ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން ނިލަންދޫގެ ތަރައްޤީގެ މަޝްރޫޢުތައް އަވަސްވެ، ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ކައުންސިލުން އުންމީދުކުރެއެވެ.

ފ. ނިލަންދޫގެ ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީއާ ޙަވާލުކޮށްފި.

2024 ނޮވެންބަރު 16 ވަނަ ދުވަހު އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި ފ. ނިލަންދޫގެ ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާ ޙަވާލުކޮށްފިއެވެ.

ނިލަންދޫގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ ދުވަސްވީ މައްސަލައަށް ޙައްލެއް ހޯދުމަށް ނިލަންދޫ ކައުންސިލުން ކެނޑިނޭޅި ކުރަމުން އައި މަސައްކަތަށް ލުޔެއް ލިބުނު މި އެއްބަސްވުމުގެ ދަށުން، 540 ދުވަހުގެ ތެރޭގައި މަޝްރޫޢު ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ސަބަބުން ސަރުކާރުން ނިލަންދޫގެ ތަރައްޤީއަށް އަހައްމިއްޔަތުކަން ދޭ މިންވަރު ވަރަށް ރަނގަޅަށް ފެނިގެންދިޔައެވެ. ނިލަންދޫގެ ރައްޔިތުންގެ އެތައް ކަންބޮޑުވުމެއް ގުޅިފައިވާ ނަރުދަމާގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ރައްޔިތުންގެ އުންމީދުގެ ހުޅުކޮޅު ރޯވި ކަމެއް ކަމުގައި ވެސް ފާހަގަކުރެވެއެވެ.

މި މަޝްރޫޢު ފެށުމާއެކު، ނިލަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލަތަކަށް ޙައްލު ލިބި، ރަށުގެ ތިމާވެށި ރައްކާތެރިކަން ލިބިގެންދާނެއެވެ.

  ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެވޭލާ ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފި.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފ. ނިލަންދޫ ކައުންސިލުން އިސްނަގައިގެން، ރަށުގައި ހުރި ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކާއި ގުޅިގެން އެވޭލާ ކާބޯތަކެތީގެ މައުރަޒެއް 2024 ނޮވެމްބަރު 11 ވަނަ ދުވަހުގެ ހަވީރު ބާއްވައިފިއެވެ.

މުބާރާތެއްގެ ގޮތުގައި ކުރިއަށްގެންދެވުނު މި މައުރަޒުގައި ތިން ދާއިރާއަކުން ވަނަ ހޮވާފައިވެއެވެ. އެއީ އެންމެ މީރު ރަހައިގެ ބައިން 1ވަނަ، އެންމެ ގިނަ އައިޓަމް އުފެއްދިބައިން 1ވަނަ، އަދި އެންމެ ދިވެހިވަންތަ ހުށަހެޅުމެވެ. އެންމެ މީރު ރަހަ އަދި އެންމެ ދިވެހިވަންތަ ހުށަހެޅުމުގެ ބައިން 1ވަނަ އިދާރާއަކަށް ހޮވިފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. އެންމެ ގިނަ އައިޓަމް ހުށަހަޅައިގެން 1ވަނަ ލިބިފައިވަނީ ފ. ނިލަންދޫ ކައުންސިލް އިދާރާއަށެވެ. މި މައުރަޒުގައި ތައްޔާރުކުރި ތަކެތި ވިއްކައިގެން ފައިސާ ހޯދުމުގެ ފުރުޞަތު ހުޅުވާލެވިފައިވާއިރު ކައިރީގައި ހުރި ރިސޯޓުތަކުން މި މައުރަޒު ބަލާލުމަށް ޒިޔާރަތްކޮށްފައިވާއިރު މިކަމަކީ މިމައުރަޒަށް ލިބުނު އިތުރު ފުރިހަމަކަމެއްކަމަށް ފާހަގަކުރެވެއެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މިފަދަ ހަރަކާތްތައް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ކައުންސިލްގެ ވިސްނުން ހުރި ކަމަށެވެ. އަދި މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ދާއިރާތަކުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވެ، އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

މި މައުރަޒުގައި އެވޭލާ ދިވެހި ކާބޯތަކެތީގެ އުފެއްދުންތަކުގެ މުއްސަނދިކަން ދައްކުވައިދިނުމުގެ އިތުރުން، ރަށުގެ އެކި ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް މަގުފަހިވި ހަރަކާތެއް ކަމުގައި ބައިވެރިން ފާހަގަކޮށްފައިވެއެވެ.

ނިލަންދޫ ކައުންސިލުން އިސްނަގައިގެން ޓީޗަރުންގެ ދުވަސް ފާހަގަ ކޮށްފި.

ފ.ނިލަންދޫ ކައުންސިލުން އިސްނަގައިގެން ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފ.އ.ތ.މ ގެ ޓީޗަރުން އަދި ހުރިހާ މުވައްޒަފުން ޝާމިލްވާގޮތަށް 2024 އޮކްޓޫބަރު 9 ވަނަ ދުވަހުގެ ރޭ ވަރަށް ޚާއްސަ ޙަފްލާއެއް ވަނީ ބާއްވައިފިއެވެ. މި ޙަފްލާގައި ކައުންސިލް މުވައްޒަފުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިންވެސް ބައިވެރިވެލައްވާފައިވެއެވެ.

ދިވެހި މުދައްރިސުން ނުވަތަ އެދުރުން އަދާކުރައްވާ ޚިދުމަތުގެ އަގު ވަޒަންކުރުމަކީ ކުރަން ފަސޭހަކަމެއް ނޫނެވެ. އެހެން ޤައުމުތަކުގެ އެދުރުންނާއި ޚިލާފަށް ދިވެހި އެދުރުންނަކީ ހަފްތާގެ ހުރިހައި ދުވަހު، ދުވަހުގެ ހުރިހައި ވަގުތެއްހެން އުނގަންނައި ދިނުމުގެ ތަފާތު ކަންކަމުގައި ހޭދަކުރާ ބައަކަށްވުމަކީ ދިވެހި އެދުރުންގެ ޚިދުމަތުގެ އަގު އިތުރަށް ވަޒަންކުރަންޖެހޭނެ ކަމެކެވެ.

މި ހަފްޟާ ނިންމާލަމުން ކައުންސިލްގެ ނައިބް ރައީސް ޓީޗަރުން ކުރައްވާ ބުރަ މަސައްކަތް ފާހަގަ ކޮށް ޓީޗަރުންނަކީ ރަނގަޅު މުޖުތަމައެއް ބިނާ ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރައްވާ ބައެއްކަން ފާހަގަކޮށް އެކަމަށްޓަކައި ޝުކުރު ދަންނަވާފައިވެއެވެ.

ސައިބަރ ކްރައިމްއަށް މުވައްޒަފުން ހޭލުންތެރިކުރުވުމަށް ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ޚާއްޞަ ޕްރޮގްރާމެއް ހިންގައިފި.

ސައިބަރ ކްރައިމްއަށް ނިލަންދޫ ކައުންސިލްގައި މަސައްކަތްކުރާ މުވައްޒަފުން ހޭލުންތެރިކުރުވުމަށް ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ޚާއްޞަ ޕްރޮގްރާމެއް 2024 އޮކްޓޫބަރު 22 ގައި ކުރިއަށް ގެންގޮސްފިއެވެ. ނިލަންދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމްގައި ކުރިއަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ މިބައްދަލުވުމުގައި ނިލަންދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް މުޙައްމަދު ފިކުރީ ވިދާޅުވީ މިހާރަކަށް އެކިއެކި ނަންނަމުގައި ފޮނުވަމުންގެންދާ މެސެޖްތަކާއި ލިންކްތަކުގެ ބޭނުން މުވައްޒަފުންނަށް ނޭނގިނަމަވެސް ކުރެވި އޭގެ ގެއްލުން އެމީހަކަށް ކުރަމުންދާކަން ކަންބޮޑުވާ މިންވަރަށް ފާހަގަކުރެވެމުންދާ ކަމަށާއި އަދި ފްރޯޑްކޯލްތަކުގައިވެސް ޖެހޭ މިންވަރު އިތުރުވަމުންދާތީ އެކަމަށް ޚާއްޞަ ޔުނިޓެއް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އުފައްދާފައިވާކަމަށާއި، އެފަދަ ކަމެއް މެދުވެރި ވެއްޖެނަމަ ލަސްނުކުރައްވައި އެމަޢުލޫމާތު ޙިއްސާކުރަމުން ގެންދިޔުމަށް އެދިލެއްވިއެވެ.

ސަރޖަންޓް މުޙައްމަދު ފިކުރީ ބައްދަލުވުމުގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވަނީ

މިމޭރުމުން ވާހަކަ ދައްކަވަމުން މުޙައްމަދު ފިކުރީ އިތުރަށް ވިދާޅުވީ، މުވައްޒަފުން ބޭނުންކުރަމުންގެންދާ އެކިއެކި ޕްލެޓްފޯމްތަކުގައި ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށާއި، ފޯނަށް ފޮނުވަމުންގެންދާ އޯޓީޕީތަކުގެ މަޢުލޫމާތު އިތުރު އެއްވެސް ފަރާތަކާ ޙިއްސާ ނުކުރުމަށާއި، އޮތެންޓިކޭޓަރގެ އެޕްލިކޭޝަންތަކާއި ފިޝިން ލިންކް ތަކާމެދު އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރެއްވިއެވެ.

ޢިމާރާތްކުރުމާ ބިނާރާއާބެހޭ ވުޒާރާގެ ފަރާތުން ނިލަންދޫއަށް ވަޑައިގެންއުޅުއްވާ ޓީމާ ނިލަންދޫ ކައުންސިލުން ބައްދަލުކޮށްފި.

ޢިމާރާތްކުރުމާ ބިނާރާއާބެހޭ ވުޒާރާގެ ފަރާތުން 2024 އޮކްޓޫބަރު 23 ގައި ނިލަންދޫއަށް ވަޑައިގެންނެވި ޓީމާ ނިލަންދޫ ކައުންސިލުން ބައްދަލުކޮށްފިއެވެ. މިބައްދަލުކުރެއްވުން އޮތީ 2024 އޮކްޓޫބަރު 24 ވަނަ ދުވަހުގެ ހެނދުނު 10:15 ގައި ނިލަންދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމްގައެވެ. މިބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ނިލަންދޫގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެމިނިސްޓްރީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް އެކަށީގެންވާ ހަލުވި ސްޕީޑުގައި ކުރިއަށް ނުދާތީ އެކަމުގެ މަޢުލޫމާތު އޮޅުން ފިލުވުމެވެ. މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވީ، ނިލަންދޫ ނަރުދަމާ ނިޒާމުގެ މައްސަލައަކީ އޭގެ ޚިދުމަތް ނިލަންދޫ ރައްޔިތުންނަށް ދޭންފެށި ހިސާބުން މިއަދާހަމައަށްވެސް ބޮޑު ތަކުލީފެއްގެ ތެރެއިން ލިބެމުންދާ ޚިދުމަތެއްކަމަށާއި، މިކަމަށް ޙައްލެއް ހޯދުމަށްޓަކައި އެކިފިކުރުތަކުގެ ސަރުކާރާއެކު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް މިއަދާހަމައަށް އައިއިރުވެސް އެކަމަށް އެއްވެސް ވަރަކަށް ޙައްލެއް ނުލިބި އެކަމުގެ ސަބަބުން ރަށުގެ މީރު ފެންފަށަލަ ހަލާކުވެ، ރަށުގައި ރޯގާބަލިމަޑުކަން އިތުރުވަމުންދާކަމަށެވެ. އަދި ހަމައެއާއެކު އާއްމުންނަށް މަގުމައްޗަށް ނުކުމެ ނޫޅެވޭވަރަށް މަގުތައްމަތިން ނަޖިސްއަރަމުންދާކަމަށެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު އިތުރަށް ވިދާޅުވީ ނިލަންދޫގައި ފެނުގެ ނެޓްވޯކުގެ ޚިދުމަތް ދިނުމަށް 2017 ވަނަ އަހަރު ބަޔަކާ ޙަވާލުކޮށްފައިވާކަމަށާއި ފ. އަތޮޅުގެ ބާކީއޮތް 04 ރަށުގައި އެޚިދުމަތް ދެމުންގެންދާއިރު ނިލަންދޫއާމެދު އަޅާނުލެވި ދޫކޮށްލާފައި އޮތް އޮތުމަކީ މިނިސްޓްރީން ވަރަށްބޮޑަށް އިހުމާލުވެފައިވާ ކަމެއްކަމަށް ދެކޭކަމުގައެވެ. އަދި ހަމައެއާއެކު ނިލަންދޫއަކީ ޕެރަލައިޒް މީހުންނަށް ދިވެހި ފަރުވާދެމުންގެންދާ ރަށެއްކަން ފާހަގަކުރައްވައި، އެފަރާތްތަކުން ފަރުވާ ހޯދުމަށްޓަކައި މޫދަށް އެރޭނޭ ރަގަޅު ސަރަހައްދެއް މިދުވަސްވަރު ނެތުމާއެކު ނިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން އަރޓިފިޝަލް ބީޗެއް ތަރައްޤީކޮށްދެއްވުމަށް އެދިފައިވީނަމަވެސް އެކަންވެސް ކޮށްދެވެން ނެތްކަމަށް ވިދާޅުވެފައިވާ ވިދާޅުވުން އިތުރަށް ހަމަލޮލުން ބައްލަވައި އިތުރަށް ވިސްނާވަޑައިގެން އަރޓިފިޝަލް ބީޗެއް ތަރައްޤީ ކޮށްދެއްވުމަށް މިނިސްޓްރީގައި ޓީމުގެ ފަރާތުން ދެންނެވުމަށް އެދިލެއްވިއެވެ. ރައީސްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި ނިލަންދޫގައި 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ޖެޓްޖެއްސޭ ފެންވަރަށް އެއަރޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށާއި، ޤައުމުގެ ވަލިއްޔުލްއަމުރު ވިދާޅުވެފައިވާ ވިދާޅުވުން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިނުވާކަމަށްޓަކައި ހިތާމަކުރާކަމުގައެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިލަންދޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ފަރާތެއްކަމުގައިވާ ޢަބްދުއްރައްޒާޤް ޙުސައިން ވިދާޅުވީ ނިލަންދޫގެ ނަރުދަމާ ނިޒާމުގެ މައްސަލައަށް އަވަސް ޙައްލެއްގެންނަން ބޭނުންވާކަމަށާއި، އެހެންނަމަވެސް ފެނިގެންދާ މަންޒަރަކީ އަބަދުވެސް ސަރުކާރުގެ ފަރާތުން އެކިއެކި ނަންނަމުގައި ސަރވޭތައް ހަދާ މަންޒަރުކަމަށާއި އެކަންކަމަށް އެއްވެސް ޢަމަލީ މަސައްކަތެއް ފެންނަމުން ނުދާކަމަށެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ރައްޒާޤު އިތުރަށް ވިދާޅުވީ ނިލަންދޫ ބަނދަރު އަޕްގްރޭޑްގެ މަސައްކަތަކީ 01 އަހަރު ދުވަހުގެ މަސައްކަތަށް އެގްރިމެންޓްކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް ނަމަވެސް ބަނދަރުގެ މަސައްކަތް ނުނިމި ދިގުލާ މަންޒަރު ފެންނަމުންދާކަމަށާއި، ބަނދަރު ކޮންނަމުންދާއިރުވެސް، ކޮންނަންޖެހޭ ފުންމިނުގައި ކޮންނަމުން ނުދާކަން ފާހަގަކުރައްވައި އެކަންކަންވެސް މިނިސްޓްރީގެ ފަރާތުން ބަލައި ސްޕަވައިޒް ކުރުމަށް އެދިލެއްވިއެވެ. ރައްޒާޤުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ނިލަންދޫގައި ތަރައްޤީ ކުރަމުންގެންދާ އެއަރޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތަކީވެސް 01 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކޮށްފައިވާ މަސައްކަތެއްކަމަށާއި އެހެންނަމަވެސް މަސައްކަތްކުރަމުންދާ ސްޕީޑަށް ބަލާއިރު 07 މަސްދުވަސް ފާއިތުވެގެންދިޔައިރު މަސައްކަތުގެ %40 ނިމިފައިވާކަމަށް ޤަބޫލުނުކުރެވޭތީ، މަސައްކަތުގެ ކޮންޓްރެކްޓަރާ އިތުރަށް ވާހަކަ ދައްކައި މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށް މިނިސްޓްރީގެ ތެރެއިން މަސައްކަތްކުރުމަށް އެދިލެއްވިއެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ޢަބްދުލްޖަލީލު އަޙްމަދު ވިދާޅުވީ ނިލަންދޫގެ ނަރުދަމާގެ ޙާލަތު ރަގަޅުނުވެ އެއްދުވަހުން އަނެއްދުވަހަށް ގޯސްވަމުންދިއުމުގެ ނަތީޖާއަކީ ހަމުގެ އެކިއެކި ބަލިތަކުގައި ނިލަންދޫއިން ޑޮކްޓަރަށް ދައްކާ މީހުންގެ އާބާދީ އިތުރުވެ އެކިއެކި ރޯގާޖެހިގެން ދައްކާ މީހުންގެ މިންވަރުވެސް އިތުރުވެގެންދާތީ އެކަމާ ވަރަށްބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ނިލަންދޫގެ ފެންފަށަލަ އެއްކޮށް ހަލާކުވެފައިވާ ދަނޑިވަޅެއްގައި، ނަރުދަމާ ނިޒާމުގެ މަގުމަތީ ޔުނިޓްތަކުން ނަގާ ނަޖިސްތައް ރަށުގެ ތެރެއަށް ހިނދި އިތުރަށް ފެންފަށަލަ ތަޣައްޔަރުވަމުންދާތީ މިކަމާމެދު މިނިސްޓްރީ ފުންކޮށް ވިސްނާވަޑައިގެން އަވަސް ޙައްލެއް ނަރުދަމާ ނިޒާމަށް ގެނެސްދިނުމަށް މަސައްކަތްކުރުމަށް އެދިލެއްވިއެވެ.

ކައުންސިލް މެމްބަރު ނަޝީދާ ޢަބްދުއްރަޙީމް ވިދާޅުވިގޮތުގައި ދިރިއުޅުމަށް އަލަށް ދޫކޮށްފައިވާ 65 ގޯއްޗަށް ޔުނިޓްތައް އަޅައިނުދިނުމުގެ ސަބަބުން ވަކިދިރިއުޅުމަކަށް ނުދެވިފައިވާ އެތައް ބަޔަކު ނިލަންދޫގައި ތިބިކަމަށެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޢަބްދުﷲ އަޙްމަދު ވިދާޅުވީ ނިލަންދޫގެ ނަރުދަމާގެ ޙާލަތު ގޯސްވެ ރަށުގެ މައިމަގުގައި އަބަދުވެސް ނަޖިސް އަރާފައި އޮންނަތާ އެތަކެއް އަހަރުތަކެއް ވެފައިވާކަމަށާއި މިކަމުގެ ސަބަބުން ރަށުގައި ރޯގާ ބަލިމަޑުކަން ފެތުރެމުން އަބަދުވެސް ދާކަމަށެވެ. އަދި މިކަމުގައި ކައުންސިލް އިސްވެ އޮވެ ގިނަގުނަ މަސައްކަތްތަކެއް ކުރާކަން އުފަލާއެކު ފާހަގަކުރާކަމަށާއި އެހެންނަމަވެސް އެކުރާ މަސައްކަތައް ރަގަޅު ޙައްލެއްލިބޭނީ މިނިސްޓްރީގެ ތެރެއިންވެސް ރަގަޅު މަސައްކަތެއް ކޮށްދެވިގެންކަމަށް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ޢިމާރާތްކުރުމާ ބިނާރާއާބެހޭ ވުޒާރާގެ ފަރާތުން  ޑެޕިއުޓީ މިނިސްޓަރ ޢަލީ ސަލީމާއި، ޕްރޮޖެކްޓް ކޯޑިނޭޓަރ މުޙައްމަދު މުޞްލިޙާއި، އިންޖިނިއަރ ހަސްމާ ސަޢީދުގެ އިތުރުން އިބްރާހީމް ޖަލީލު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016