ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

މުވައްޒަފުންގެ މެދުގައި އެކުވެރިކަމުގެ 2 ވަނަ މެޗު ކުޅެފި

ފ. ނިލަންދޫ ކައުންސިލްގެ ވޭސްޓްމެނޭޖުމަންޓް މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުން އިސްނަގައިގެން ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ދަޢުވަތުދީގެން 2024 ސެޕްޓެންބަރު 22 ވަނަ ދުވަހު އެކުވެރިކަމުގެ ވޮލީމެޗެއް ކުޅެފިއެވެ.  ފ. ނިލަންދޫ ވޮލީ ކޯޓުގައި ކުޅެވުނު އެކުވެރިކަމުގެ ވޮލީ މެޗް ޝަރަފްވެރިކޮށްދެއްވީ ފ. ނިލަންދޫ އިޖުތިމާޢީ އެކިއެކި ކަންކަމުގައި ޙަރަކާތްތެރިވާ އިސްރަށްވެއްސެއްކަމުގައިވާ ފ. ނިލަންދޫ އެސްޖެހިގޭ ޢަބްދުއްރައްޒާޤް ޙުސައިންއެވެ. 2 ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ކުޅެވިގެންދިޔަ މި މެޗު 5 ސެޓަށް ގޮސްގެން 5 ސެޓް 3 ސެޓުން ކާމިޔާބުކޮށްފައިވަނީ ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ޓީމެވެ.

ފާންކުރި މަދަޙަ މުބާރާތް ކާމިޔާބުކަމާއެކީ ނިންމާލައިފި

ފ. ނިލަންދޫ ކައުންސިލް ރެކްރިއޭޝަން ކުލަބު (ފާންކުރި) ގެ ފަރާތުން ކައުންސިލްގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ފާންކުރި މަދަޙަ މުބާރާތް މިނަމުގައި މަދަޙަ މުބާރާތެއް ބާއްވާއިފިއެވެ. މިމަދަޙަ މުބާރާތަކީ މުވައްޒަފުންގެ ހިތްތަކުގައި އިސްލާމީ ވަޙްދަތު ޤާއިމުކޮށް މަދަޙަ ކިޔުމުގެ ފަންނު ދިރުވައި އާލާކުރުމާއި، މަދަޙަ ކިޔުމުގެ ހުނަރުވެރިކަން އިތުރުކޮށް މުވައްޒަފުންގެ މެދުގައި އެކުވެރި ގުޅުމެއް ޤާއިމުކުރުމުގެ އިތުރުން ދިވެހި ޅެންވެރިކަމުގެ ދާއިރާއިން ހުނަރުވެރި ބަޔަކު އުފައްދައި އަމިއްލަވަންތަ ރާގުތަކެއް މުޖުތަމަޢަށް އުފަންކުރުމުގެ މަޤްޞަދުގައި ބޭއްވުނު މުބާރާތެކެވެ. 2024 ސެޕްޓެންބަރު 20 ވީ ހުކުރު ދުވަހުގެރޭ ކުރިޔަށްގެންދިޔަ މިމުބާރާތުގެ ޝަރަފްވެރި މެހެމާނަކީ ފ. އަތޮޅު ކައުންސިލްގެ ލީގަލް އޮފިސަރ ޙައްވާ އަނޫޝާއެވެ. ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޙައްވާ އަނޫޝާ ވިދާޅުވެފައިވަނީ ތަނެއް ކުރިއަރައިދާނީ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގުޅުން ރަނގަޅުވުމާއި ތަނައި ދޭތެރޭގައި މުވައްޒަފުންގެ ހިތުގައި އޮންނަ ލޯބި އިތުވެގެން ކަމުގައެވެ. އަދި ނިލަންދޫ ކައުންސިލް އިސްނަގައިގެން ރަށުތެރޭގައި ކޮންމެ އިވެންޓެއް ބޭއްވިކަމުގައިވީނަމަވެސް ވަރަށް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު އަބަދުވެސް މަސައްކަތްކުރާތަން ފެންނަކަމަށާއި، އެގޮތުން ފާންކުރި މަދަޙަ މުބާރާތަކީވެސް މިއަށް އިތުރުވެގެން ދިޔަ ބޮޅެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

2024 އޮގަސްޓް 28 ވަނަ ދުވަހު އިޢުލާނުކުރެވުނު މިމުބާރާތައް 6 ޑިޕާޓުމަންޓަކުން ވަނީ ބައިވެރިވެފައެވެ. ބައިވެރިވެފައިވާ ޓީމުތަކުގެ ތެރޭގައި ކައުންސިލް މެމްބަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ މެމްބަރުންގެ ޓީމާއި، މުނިސިޕަލް ސަރވިސް އެންޑް އިންފްރާސްޓްރަކްޗަރ މެނޭޖުމަންޓް ޓީމާއި، އިކޮނޮމިކް އެންޑް ސޯޝަލް ޑިވިލޮޕްމަންޓް ޓީމާއި، ކޯޕަރޭޓް އެފެއާޒު ޓީމާއި، މިސްކިތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޓީމު އަދި ވޭސްޓް މެނޭޖުމަންޓް މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންގެ ޓީމު ހިމެނެއެވެ. ވަކި ވަކި މަދަޙަ އަދި ގުރޫޕު މަދަޙަ މި 2 ބައި ހިމެނޭގޮތަށް
2024 ސެޕްޓެންބަރު 20 ވީ ހުކުރު ދުވަހުގެރޭ ކުރިޔަށް ގެންދިޔަ މިމުބާރާތުގައި ހިތްގައިމު މަދަޙަތަކެއް އަޑުއިވިގެންދިޔައިރު މުބާރާތުގެ 1 ވަނަ މަދަޙަ ކިޔުންތެރިއަކީ، ކޯޕަރޭޓް އެފެއާޒު ސެކްޝަން ޓީމުގެ ޔާޝާ ޢަބްދުއްރައްޒާޤުއެވެ. އަދި މުބާރާތުގެ 2 ވަނަ މަދަޙަ ކިޔުންތެރިއަކީ ހަމަ އެ ޓީމުގެ ޙުސައިން ޝާރިފުއެވެ. 3 ވަނަ މަދަޙަ ކިޔުންތެރިއަކަށް ހޮވިފައިވަނީ އިކޮނޮމިކް އެންޑް ސޯޝަލް ޔުނިޓުގެ ޝާބިން އިބްރާހިމްއެވެ. 1 ވަނަ ގުރޫޕް މަދަޙައަކަށް ހޮވިފައިވަނީ ކޯޕަރޭޓް އެފެއާޒު ސެކްޝަނުން ހުށަހަޅައިދިން މަދަޙައަށެވެ. އަދި މުޅިމުބާރާތުން 1 ވަނަ ގުރޫޕަކަށްވެސް ހޮވިފައިވަނީ ކޯޕަރޭޓް އެފެއާޒު ސެކްޝަނެވެ. މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ މިރޭގައި ދައްކުވައިދިން މަންޒަރުން ޤާނޫނާއި ޤަވާއިދާ ހެދިފައިވާ އުޞޫލުތަކުގެ ތެރެއިން އަޅުގަނޑުމެންގެ ސްޓާފުންނަށް ނުކުރެވޭނެ އެއްވެސް ކަމެއް ނެތްކަމަށް ކަށަވަރުވެއްޖެކަމަށެވެ.

ލިޔަންކިޔަން ދަތުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އަތުލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ފ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިސްނަގައިގެން ފ. ނިލަންދޫ ކައުންސިލާއި ގުޅިގެން ދުނިޔޭގެ ލިޔަންކިޔަން ދަތުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ތާނަ އަތުލިޔުން ރީތިކޮށް ލިޔުމަށް ބާރު އެޅުމުގެ ގޮތުން ފ. ނިލަންދޫ ކައުންސިލް މުވައްޒަފުންނަށް އަމާޒުކޮށްގެން 2024 ސެޕްޓެންބަރު 10 ވަނަ ދުވަހު ބޭއްވި އަތުލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

މި މުބާރާތަކީ ދިވެހިބަހަށާއި ތާނަ އަކުރަށް ކައުންސިލް އިދާރާގެ މުވައްޒަފުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުޤުވެރިކަން އިތުރުކުރުމާށާއި، ތާނަ ރީތިކޮށް ލިޔާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަޤުޞަދުގައި ބޭއްވި މުބާރާތެކެވެ. މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ދީފައިވާ ލިޔުމެއް ނަކަލު ކުރުމާއި، ޢަރަބި/ތާނަ ލަފުޒުތަކެއް ކިޔުމުން އެލަފުޒުތައް ނޯޓުކުރުމާއި އަދި ދިވެހިބަހުން ވާހަކަދައްކާ އޯޑިއޯ ވާހަކަކޮޅެއް އިއްވުމުން އިވެމުންދާވަރަކަށް ލިޔުން މިތިން ބައިގެ ހިމަނައިގެންނެވެ. ތަފާތު 3 ބައެއް ހިމަނައިގެން ކުރިޔަށް ގެންދިޔަ މިމުބާރާތުގައި ކައުންސިލް މެމްބަރުން ހިމެނޭގޮތަށް ޖުމުލަ 10 މީހުން ވަނީ ބައިވެރިވެފައެވެ. 2024 ސެޕްޓެންބަރު 20 ވަނަ ދުވަހު ކައުންސިލުން ކުރިޔަށްގެންދިޔަ ފާންކުރި މަދަޙަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި އަތުލިޔުމުގެ މުބާރާތުގެ އެކިއެކި ވަނަ ވަނަ އަށް އައި ފަރާތްތަކާއި އިނާމު ޙަވާލުކޮށްފައިވަނީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު އަދި ކައުންސިލްގެ ނައިބްރައީސް އިބްރާހީމް މުޙައްމަދުއެވެ. މުބާރާތުގެ 3 ވަނަ ހޮވިފައިވަނީ ފ. މަގޫދޫ ފެންފިޔާޒުގޭ ޚަދީޖާ ފާއިޤާއެވެ. މުބާރާތުގެ 2 އަށް ހޮވިފައިވަނީ ފ. ނިލަންދޫ ދޫގަސް ސަމީރާ އިބްރާހީމްއެވެ. އަދި މުބާރާތުގެ 1 ވަނަ ޙާޞިލްކޮށްފައިވަނީ ފ. ނިލަންދޫ ރަތްފުސްގެ ޢަބްދުއްލަޠީފް އިބްރާހީމްއެވެ. މުޅި މުބާރާތުން އެންމެ ރީތި ލިޔުމެއް ހުށަހަޅާދިން ފަރާތަކަށް ހޮވިފައިވަނީ ފ. ނިލަންދޫ ދޫގަސް ސަމީރާ އިބްރާހީމްއެވެ.

ފ. ނިލަންދޫގައި އެންމެ ހަގު އުމުރުގެ ޚަތީބު ހުކުރު ކުރުން

ފ. ނިލަންދޫގެ ތާރީޚުގައި ޢުމުރުން އެންމެ ހަގު ޚަތީބެއްގެ ގޮތުގައި، 2024 ސެޕްޓެންބަރު 20 ވީ ހުކުރު ދުވަހު އެރަށު މަސްޖިދުލް ތަހާލުފީގައި އިމާމުވެ ހުކުރު ނަމާދު ކޮށްފައިވަނީ ފ. ނިލަންދޫ /  މިނާ، އަޝްކާން އަޙްމަދެވެ.

ސަރުކާރުން ޒުވާން ޚަތީބުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމްގެ ދަށުން ތަމްރީނު ލިބިގެން ސަނަދު ޙާޞިލްކޮށްފައިވާ އަޝްކާން އަޙްމަދަކީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 7 ގައި ތަޢުލީމު ޙާޞިލްކުރަމުން ގެންދާ ދަރިވަރެކެވެ. އަޝްކާން އިމާމުވެ ހުކުރު ނަމާދު ކުރެއްވިއިރު އުމުރަކީ 13 އަހަރެވެ.

“ މިއީ ނިލަންދޫގެ ތާރީޚުގައިވެސް ވަރަށް މުހިންމު ދުވަހެއް. ޒުވާނުން ދީނީ ކަންކަމާއި މެދު އޮންނަ ލޯބި ފެނުނު ދުވަހެއް. އަޅުގަނޑުމެންގެ އަމާޒަކީ ޒުވާނުންނަށް ދީނީ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން. “ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙްމަދު ވިދާޅުވިއެވެ.

 

އަޝްކާން އަޙްމަދު ހުކުރު ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބުނީ މިއީ އޭނާގެ ހަޔާތުގައި ވަރަށް މުހިންމު ދުވަހެއް ކަމަށާއި، މިކަން ކާމިޔާބު ކުރުމަށް އަޅުގަނޑު ހިތްވަރާއެކު ވަރަށް ބުރަކޮށް މަސައްކަތް ކުރިކަމާ  އަދި މި ފުރުޞަތުގައި  މިކަމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.

ފ.ނިލަންދޫ ކައުންސިލް މުވައްޒަފުންގެ މެދުގައި އެކުވެރިކަމުގެ ވޮލީ މެޗެއް ބާއްވައިފި

ފ. ނިލަންދޫ ކައުންސިލްގެ އިދާރީ އަންހެން މުވައްޒަފުން އަދި މިސްކިތު އަނެހެން މުވައްޒަފުންގެ ( ކައުންސިލްގެ ބެލުމުގެ ދަށުގައި ހިމެނޭ އެހެނިހެން އަންހެން މުވައްޒަފުން ހިމެނޭ ގޮތައް) މެދުގައި އެކުވެރިކަމުގެ މެޗެއް ބާއްވައިފިއެވެ. މި މެޗް ބާއްވައިފައިވަނީ 2024 ސެޕްޓެމްބަރު 16 ވީ ހޯމަ ދުވަހުގެ ހަވީރު ފ. ނިލަންދޫ ވޮލީ ކޯޓުގައެވެ. މި މެޗަކީ މިސްކިތު މުވައްޒަފުން އިސްނަގައިގެން  ކައުންސިލަށް އެދިފައިވާތީ މި މުވައްޒަފުންގެ އެދުމުގެ މަތިން ބޭއްވުނު އެކުވެރިކަމުގެ މެޗެކެވެ . މިފަދަ މެޗެއް ރޭވުމުގެ އެންމެ މުހިންމު އެއް ސަބަބަކީ މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކުރުމަށެވެ.

 

މި މުބާރާތުގެ ޖާރސީ ހަވާލު ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙްމަދު މުވައްޒަފުންނަށް މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ މިފަދަ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ކައުންސިލްގެ ފާރާތުން މުވައްޒަފުންނަށް ފުރިހަމަ އެބާރުލުން ލިބިގެންދާނެކަމާއި މިސްކިތު މުވައްޒަފުން ދެއްކި ނަމޫނާއަށް ތައުރީފު ކުރައްވާފައެވެ. މީގެ އިތުރުން އެހެން ސެކްޝަނަތަކުން މި ނަމޫނާ ބަލައިގަންނާނެކަމަށް އުއްމީދުކުރާކަމަށެެވެ.

ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށާއި، ހުނަރުވެރި ޒުވާން ޖީލެއް އުފެއްދުމަށް ކައުންސިލްއިން މަސައްކަތް ފަށައިފި

ފ. ނިލަންދޫ ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށާއި، ހުނަރުވެރި ޒުވާން ޖީލެއް އުފެއްދުމަށްޓަކައި ފ. ނިލަންދޫ ކައުންސިލުން އިސްނަގައިގެން ، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް ޕޮލިޓެކްނިކްސް އާއިއެކު 12 ސެޕްޓެންބަރު 2024 (ބުރާސްފަތި) ވަނަ ދުވަހު މެންދުރުފަހު 12:30 ގައި އޮންލައިން ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ފ. ނިލަންދޫ ކައުންސިލްގެ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، އިދާރީ އިސްވެރިންގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ އާއި ޑިރެކްޓަރ ޖެނެރަލް އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ އެވެ.

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޒުވާނުންނަށް ހުރި ފުރުޞަތުތައް ދެނެގަތުމާއި، އެ ފުރުޞުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންނެވެ. މީގެ އިތުރުން، ޒުވާނުންގެ ހުނަރު ތަރައްޤީކޮށް، ވަޒީފާގެ ބާޒާރަށް ބޭނުންވާ ޤާބިލު މީހުން ބިނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.

ފ. ނިލަންދޫ ކައުންސިލް އިދާރާއަކީ، ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް ވަރަށް އިސްކަންދޭ ކައުންސިލެކެވެ. “ ފުދުންތެރި ޒުވާން ޖީލެއް ބިނާކުރުމާއި ވަޒިފާގެ ފަހި ފުރުޞަތުތަށް ތަނަވަސްކޮށްދިނުމަކީ ކައުންސިލްގެ އަމާޒެވެ. އެގޮތުން މިކަން ޙާސިލްކުރުމަށްޓަކައި ކައުންސިލުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ފަސްޖެހުމެއްނެތި ކުރަމުންގެންދާނެކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމަކީ ކުރިއަށް އޮތް ތަނުގައި ޒުވާނުންގެ ތަރައްޤީއަށް ރޭވިފައިވާ ގިނަ ޙަރަކާތްތަކުގެ ފެށުން ކަމުގައި ކައުންސިލުން ބުނެއެވެ. ކައުންސިލުން މި މަސައްކަތް ފެށުމާއެކު، ރަށުގެ ޒުވާނުންނަށް އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

އެމް.ޓީ.ސީ.ސީގެ ޑީ.އެމް.ޑީ ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ފ. ނިލަންދޫއަށް ޒިޔާރަތްކުރައްވައިފި

އެމް.ޓީޓީ.ސީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އަދި ސެކްރެޓަރީ  2024 ސެޕްޓެންބަރ 14 ވަނަ ދުވަހު  ފ. ނިލަންދޫއަށް ޒިޔާރަތްކުރައްވައި، ނިލަންދޫގައި ކުރިއަށްދާ އެމް.ޓީޓީ.ސީ.ސީއާއި ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލައްވާއިފިއެވެ.

މި ދަތުރުގައި ޖުމްލަކޮށް މުޅި ރަށުގައި ކުރިއަށްދާ ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކެއް ބައްލަވާލެއްވިއެވެ. ޚާއްޞަކޮށް ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތުގެ އިތުރުން ހޮސްޕިޓަލްއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން ފޯރުކޮށްދީފައިވާ އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވިއެވެ.

އެމް.ޓީ.ސީ.ސީގެ އެމް.ޑީ ވިދާޅުވީ، “ މި ދަތުރަކީ ނިލަންދޫގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް ކުރި ދަރުރެއްކަމާއި، މިރަށުގައި ހިނގާ މައިގަނޑު 02 ޕްރޮޖެކްޓް ކަމުގައިވާ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި އެއަރޕޯޓްގެ މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިއަށްދާކަން އުފަލާއެކު ފާހަގަކުރިއެވެ. އަދި ހޮސްޕިޓަލަށް ދޮމާވެފައިވާ ކަރަންޓްގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތްވެސް އަވަހަށް ނިންމުމަށް މަސައްކަތްކުރަމުންދާކަންވެސް ފާހަގަކުރިއެވެ“.

ނިލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ”އެމް.ޓީ.ސީ.ސީގެ އިސްވެރިން ރަށަށް ޒިޔާރަތްކޮށް މަޝްރޫޢުތައް ބައްލަވާލެއްވުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށާއި . މި މަޝްރޫޢުތަކުން ރަށުގެ ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އުންމީދުކުރަށްވާކަމަށެވެ“.

މި ދަތުރުގައި އެމް.ޓީ.ސީ.ސީގެ އިސްވެރިން ރަށުގެ ބައެއް  ރައްޔިތުންނާ ބައްދަލުކޮށް، މަޝްރޫޢުތަކާ ގުޅޭގޮތުން  އެބޭފުޅުންގެ ޚިޔާލު ހޯއްދެވިއެވެ. އަދި މަޝްރޫޢުތައް އަވަހަށް ނިންމުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ފ. ނިލަންދޫ ކައުންސިލުން އިސްނަގައިގެން ސަހަރާ ސާފުކޮށްފި

2024 ސެޕްޓެމްބަރު 14 ވަނަ ދުވަހު ފ ނިލަންދޫ ކައުންސިލުން އިސްނަގައިގެން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން އަދި ފ. އަތޮޅު ހޮސްޕިޓަލާއި ގުޅިގެން ސަހަރާ ސާފުކުުރުމުގެ މަސައްކަތެއްވަނީ ކުރިޔަށް ގެންދެވިފައެވެ. މިމަސައްކަތުގެ ތެރެއިން ސަހަރާ އެތެރޭގައި ހެދިފައިވާ ބޮޑެތި ގަސްތައް ކަނޑައި ވިނަތަށް ނޮޅާވަނީ ސާފުކުރެވިފައެވެ. މި މަސައްކަތް ކުރިޔަށްދިޔައިރު މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ނިލަންދޫ ކައުންސިލްގެ އަންހެން މުވައްޒަފުންގެ ފަރާތުން ހެދުނުގެ ސައި ވަނީ ތައްޔާރުކޮށްދީފައެވެ.

 

 

އިމާމުންނާއި ޚަޠީބުން އަދި މުދިމުންގެ ތަމްރީން ޕްރޮގުރާމް 2024

ފ. އަތޮޅުގެ ރަށްރަށުގެ ޚަޠީބުންނާއި އިމާމުންނާއި އަދި މުދިމުންނަށް އަމާޒުކޮށްގެން މިމަހުގެ 11 ން 14 އަށް އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގުރާމު މިއަދު ފަށައިފިއެވެ. 4 ދުވަހަށް ބާއްވާ މި ތަމްރީން ޕްރޮގުރާމުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މާއްދާތަކުގެ ތެރޭގައި ފިޤްހު 5،4،3،2،1, އަޚްލާޤް 2،1, ޚުޠުބާ 3،2،1, ބަންގި 3،2،1, ޤުރުއާން 5،4،3،2،1 އަދި ޤަވާއިދު 1 ހިމެނެއެވެ. މި ޕްރޮގުރާމުގައި މިރަށުން އިމާމުންނާއި، ޚަޠީބުންގެ ތެރެއިން 23 މީހުންވަނީ ބައިވެރިވެފައެވެ.

ފ. ނިލަންދޫ ޑޭލައިޓް ކުލަބަށް ކޮމްޕިއުޓަރ ސިސްޓަމެއް ހަދިޔާކޮށްފި.

ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތައް ބާރުވެރިކޮށް ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ފ. ނިލަންދޫ ޑޭލައިޓް ކުލަބަށް ކޮމްޕިއުޓަރ ސިސްޓަމެއް ހަދިޔާކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ 2024 ސެޕްޓެންބަރު 08 ވަނަ ދުވަހުގެ 13:00 ގައި ނިލަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވީ ނިލަންދޫގައި އުފެދިފައިވާ ކުލަބު ޖަމްޢިއްޔާތަކުގެ ތެރެއިން ޑޭލައިޓް ކުލަބަކީ އެންމެ ހިންގުންތެރި އެއްކުލަބުކަމަށާއި، ނިލަންދޫގެ ތަރައްޤީއަށް ކުރާ ކޮންމެ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވަމުންދާ ކުލަބެއްކަމަށެވެ. ޑޭލައިޓް ކުލަބުގެ ފަރާތުން މިރަސްމިއްޔާތުގައި ބައިވެރިވި އެކުލަބުގެ ރައީސް ޢަބްދުއްރައްޒާޤް ޙުސައިން ވިދާޅުވީ ނިލަންދޫ ކައުންސިލް އިދާރާގެ ފަރާތުން މިއަދު ކުލަބަށް ހަދިޔާކުރާ ކޮމްޕިއުޓަރ ސިސްޓަމަކީ ކުލަބުގެ އިދާރީ ކަންކަން ރާވާ އިންތިޒާމުކުރުމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށާއި މިކަމަށްޓަކައި ކައުންސިލް އިދާރާގެ ވެރީންނާ މުވައްޒަފުންނަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ކުލަބު ދެމިއޮތްހާ ހިނދެއްގައި ނިލަންދޫގެ ތަރައްޤީއަށް ކުރާ ކޮންމެ ކަމެއްގައި ކުލަބުގެ ބައިވެރިވުން ފެނިގެންދާނެކަމުގައެވެ. މިރަސްމިއްޔާތުގައި ނިލަންދޫ ކައުންސިލްގެ ވެރީންގެ އިތުރުން ޑޭލައިޓް ކުލަބުގެ ސީނިއަރ މެނޭޖްމަންޓް ވަނީ ބައިވެރިވެފައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016