ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ފ. ނިލަންދޫ ކައުންސިލުން އިސްނަގައިގެން ސަހަރާ ސާފުކޮށްފި

2024 ސެޕްޓެމްބަރު 14 ވަނަ ދުވަހު ފ ނިލަންދޫ ކައުންސިލުން އިސްނަގައިގެން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން އަދި ފ. އަތޮޅު ހޮސްޕިޓަލާއި ގުޅިގެން ސަހަރާ ސާފުކުުރުމުގެ މަސައްކަތެއްވަނީ ކުރިޔަށް ގެންދެވިފައެވެ. މިމަސައްކަތުގެ ތެރެއިން ސަހަރާ އެތެރޭގައި ހެދިފައިވާ ބޮޑެތި ގަސްތައް ކަނޑައި ވިނަތަށް ނޮޅާވަނީ ސާފުކުރެވިފައެވެ. މި މަސައްކަތް ކުރިޔަށްދިޔައިރު މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ނިލަންދޫ ކައުންސިލްގެ އަންހެން މުވައްޒަފުންގެ ފަރާތުން ހެދުނުގެ ސައި ވަނީ ތައްޔާރުކޮށްދީފައެވެ.

 

 

އިމާމުންނާއި ޚަޠީބުން އަދި މުދިމުންގެ ތަމްރީން ޕްރޮގުރާމް 2024

ފ. އަތޮޅުގެ ރަށްރަށުގެ ޚަޠީބުންނާއި އިމާމުންނާއި އަދި މުދިމުންނަށް އަމާޒުކޮށްގެން މިމަހުގެ 11 ން 14 އަށް އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގުރާމު މިއަދު ފަށައިފިއެވެ. 4 ދުވަހަށް ބާއްވާ މި ތަމްރީން ޕްރޮގުރާމުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މާއްދާތަކުގެ ތެރޭގައި ފިޤްހު 5،4،3،2،1, އަޚްލާޤް 2،1, ޚުޠުބާ 3،2،1, ބަންގި 3،2،1, ޤުރުއާން 5،4،3،2،1 އަދި ޤަވާއިދު 1 ހިމެނެއެވެ. މި ޕްރޮގުރާމުގައި މިރަށުން އިމާމުންނާއި، ޚަޠީބުންގެ ތެރެއިން 23 މީހުންވަނީ ބައިވެރިވެފައެވެ.

ފ. ނިލަންދޫ ޑޭލައިޓް ކުލަބަށް ކޮމްޕިއުޓަރ ސިސްޓަމެއް ހަދިޔާކޮށްފި.

ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތައް ބާރުވެރިކޮށް ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ފ. ނިލަންދޫ ޑޭލައިޓް ކުލަބަށް ކޮމްޕިއުޓަރ ސިސްޓަމެއް ހަދިޔާކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ 2024 ސެޕްޓެންބަރު 08 ވަނަ ދުވަހުގެ 13:00 ގައި ނިލަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވީ ނިލަންދޫގައި އުފެދިފައިވާ ކުލަބު ޖަމްޢިއްޔާތަކުގެ ތެރެއިން ޑޭލައިޓް ކުލަބަކީ އެންމެ ހިންގުންތެރި އެއްކުލަބުކަމަށާއި، ނިލަންދޫގެ ތަރައްޤީއަށް ކުރާ ކޮންމެ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވަމުންދާ ކުލަބެއްކަމަށެވެ. ޑޭލައިޓް ކުލަބުގެ ފަރާތުން މިރަސްމިއްޔާތުގައި ބައިވެރިވި އެކުލަބުގެ ރައީސް ޢަބްދުއްރައްޒާޤް ޙުސައިން ވިދާޅުވީ ނިލަންދޫ ކައުންސިލް އިދާރާގެ ފަރާތުން މިއަދު ކުލަބަށް ހަދިޔާކުރާ ކޮމްޕިއުޓަރ ސިސްޓަމަކީ ކުލަބުގެ އިދާރީ ކަންކަން ރާވާ އިންތިޒާމުކުރުމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށާއި މިކަމަށްޓަކައި ކައުންސިލް އިދާރާގެ ވެރީންނާ މުވައްޒަފުންނަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ކުލަބު ދެމިއޮތްހާ ހިނދެއްގައި ނިލަންދޫގެ ތަރައްޤީއަށް ކުރާ ކޮންމެ ކަމެއްގައި ކުލަބުގެ ބައިވެރިވުން ފެނިގެންދާނެކަމުގައެވެ. މިރަސްމިއްޔާތުގައި ނިލަންދޫ ކައުންސިލްގެ ވެރީންގެ އިތުރުން ޑޭލައިޓް ކުލަބުގެ ސީނިއަރ މެނޭޖްމަންޓް ވަނީ ބައިވެރިވެފައެވެ.

ލިޔަންކިޔަން ދަތުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަތުލިޔުމުގެ މުބާރާތެއް ބާއްވާއިފި.

ފ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިސްނަގައިގެން ފ. ނިލަންދޫ ކައުންސިލާއި ގުޅިގެން ދުނިޔޭގެ ލިޔަންކިޔަން ދަތުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ތާނަ އަތުލިޔުން ރީތިކޮށް ލިޔުމަށް ބާރު އެޅުމުގެ ގޮތުން ފ. ނިލަންދޫ ކައުންސިލް މުވައްޒަފުންނަށް އަމާޒުކޮށްގެން އަތުލިޔުމުގެ މުބާރާތެއް ބާއްވާފިއެވެ. މި މުބާރާތަކީ ދިވެހިބަހަށާއި ތާނަ އަކުރަށް ކައުންސިލް އިދާރާގެ މުވައްޒަފުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުޤުވެރިކަން އިތުރުކުރުމާށާއި، ތާނަ ރީތިކޮށް ލިޔާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަޤުޞަދުގައި ބޭއްވި މުބާރާތެކެވެ. މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ދީފައިވާ ލިޔުމެއް ނަކަލު ކުރުމާއި، ޢަރަބި/ތާނަ ލަފުޒުތަކެއް ކިޔުމުން އެލަފުޒުތައް ނޯޓުކުރުމާއި އަދި ދިވެހިބަހުން ވާހަކަދައްކާ އޯޑިއޯ ވާހަކަކޮޅެއް އިއްވުމުން އިވެމުންދާވަރަކަށް ލިޔުން މިތިން ބައިގެ ހިމަނައިގެންނެވެ. ތަފާތު 3 ބައެއް ހިމަނައިގެން ކުރިޔަށް ގެންދިޔަ މިމުބާރާތުގައި ކައުންސިލް މެމްބަރުން ހިމެނޭގޮތަށް ޖުމުލަ 10 މީހުން ވަނީ ބައިވެރިވެފައެވެ.

ފ. ނިލަންދޫގައި ލޮނު ފެކްޓްރީއެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ފ. ނިލަންދޫގައި ލޮނު ފެކްޓްރީއެއް އެޅުމަށް ފ. ނިލަންދޫ އުރަހަ ޢަބްދުﷲ ޢަބްދުއްރަޙީމް އާއި ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެގޮތުން މިއެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދުއެވެ. ޓީވީ މޯލްޑިވްސް އަށް ދޫކޮށްފައިވާ ބިމުގެ އުތުރުން އޮތް ހުސްބިމުގެ ތެރެއިން ”ސިއްތިފަންނު“ ސަރަޙައްދުން 10,000 (ދިހަހާސް) އަކަފޫޓޫގެ ބިމެއް 15 އަހަރު ދުވަހުގެ މުއްދަތަށް ކުލީގެ ގޮތުގައި ބިމުގެ އަކަފޫޓަކަށް 0.75 ލާރީގެ ރޭޓުން 10,000 (ދިހަހާސް) އަކަފޫޓަށް މަހަކު -/7,500 (ހަތްހާސް ފައްސަތޭކަ) ދައްކާގޮތަށް ވަނީ ދޫކޮށްފައެވެ. ފ. ނިލަންދޫގައި ލޮނު ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ފެށިގެންދާއިރު މަސް ފެކްޓްރީއެއް އެޅުމަށް އެޓޯލްޕާލް އަށް ރަށުގެ އިރުމަތީ ފަރާތު ހިއްކި ބިމުން ބިމެއް ކުއްޔަށް ދޫކުރެވި މަސްފެކްޓްރީ އަޅައި މަސްބަންދުކޮށް ބޭރުމުގެ މަސައްކަތް ކުރިޔަށްދާކަން ފާހަގަކޮށްލަމެވެ.

ކުންޏާއި ވަޞީލަތްތައް މެނޭޖްކުރުމާއި ގުޅޭ ތަމްރީނު ޕްރޮގްރާމެއްގައި މިކައުންސިލުން ބައިވެރިވެއްޖެ.

“ މޯލްޑިވްސް ކްލީން އެންވަރމެންޓް “ މި ޕްރޮޖެކްޓުގެ ދަށުން މިނިސްޓްރީ އޮފް އެންވަރމެންޓް އެންޑް ކަލައިމެޓް ޗޭންޖްގެ ފަރާތުން  ޒޯން 4،5 ގެ ކުންޏާއި ވަޞީލަތްތައް މެނޭޖްކުރުމުގެ މަސައްކަތްތަކަށް، އެކަމާއި ގުޅޭ މުވައްޒަފުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް 2024 އޯގަސްޓު 27 ފެށިގެން 30 ގެ ނިޔަލަށް އިންޑިޔާގެ ނިއު ޑެއްލީގައިވަނީ ކުރިޔަށްގެންދެވިފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ނިލަންދޫ ކައުންސިލްގެ 02 ޑްރައިވަރުން ކަމުގައިވާ އަޙްމަދު މައުސޫމް އަދި އަލީ ޞަބާޙުއެވެ. މި ޕްރޮގްރާމުގެ ދަށުން ކުނިނައްތާލުމާއި، ކުނިވަކިކުރުމާއި އެހެން ރައްޔިތުން ހޭލުންތެރިކުރުން ފަދަ މުހިންމު ތަމްރީންތަކެއްވަނީ ދަސްވެފައެވެ. ހަމައެއާއެކު މަސައްކަތްތެރި، ޤާބިލް، ހުނަރުވެރި މުވައްޒަފުންތަކެއް އުފެއްދުމައްޓަކައި މިފަދަ ފުރުޞަތުތައް އެފަދަ މުވައްޒަފުންނަށް ހޯދައިދިނުމަކީ މިކައުންސިލުން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރިޔަށްގެންދާ ކަމެއްކަން ފާހަގަކޮއްލަމެވެ.

1446ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަކޮށްފި.

1446 ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ފ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ނިލަންދޫގައި ހުރި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންވަނީ ބައިވެރިވެފައެވެ. މިރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވައި ދުވަހާ ގުޅޭގޮތުން ވާހަކަ ދެއްކެވީ ފ. އަތޮޅު ކައުންސިލްގެ ރައީސާ އަލްފާޟިލާ ޙައްވާ ޢަބްދުލްޢަޒީޒެވެ. މިއިދާރާގެ މުވައްޒަފުން މިރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ ދިވެހި ޤައުމިއްޔަތު ރަމްޒްކޮށްދޭ ފަދަ ޤައުމީ ހެދުންތަކުގައެވެ.

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ މުވައްޒަފުންގެ ތަޖްރިބާ ދަތުރުގައި ނިލަންދޫއަށް ވަޑައިގެންފި.

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ މުވައްޒަފުންގެ ތަޖްރިބާ ދަތުރުގައި 2024 ސެޕްޓެންބަރު 04 ގައި ނިލަންދޫއަށް ވަޑައިގެންފިއެވެ. އެބޭފުޅުންގެ މިދަތުރުގައި ނިލަންދޫ ކައުންސިލުން ދެމުންގެންދާ އާއްމު ޚިދުމަތްތަކާބެހޭ މަޢުލޫމާތު ހޯދުމާއި، ނިލަންދޫގައި ހިނގަމުންގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ހޯދުމުގެ އިތުރުން ނިލަންދޫގެ މުހިންމު ތަންތަން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މީގެ އިތުރުން 02 ކައުންސިލްގެ މަޢުލޫމާތު ބަދަލުކުރުމުގެ ބައްދަލުވުމެއް ބާއްވާފައިވެއެވެ. 14 ބޭފުޅުންގެ މައްޗަށް އެކުލެވޭ ގޮތަށް ނިލަންދޫގައަށް ކުރި މި ދަތުރުގެ އިސްބޭފުޅެއްގެ ގޮތުން ވަޑައިގެންނެވީ އެކައުންސިލްގެ ނައިބުރައީސް ޢަލީ އާދަމެވެ. ތޮއްޑޫ ކައުންސިލުން ނިލަންދޫއަށް ކުރި މިދަތުރުގައި ނިލަންދޫ ކައުންސިލްގެ ފަރާތުންވަނީ ހޫނު މަރުޙަބާއެއް ދަންނަވައި ރަގަޅު މެހުމާންދާރީއެއް ވެދެއްވާފައެވެ. އެގޮތުން ހަވީރު ސައިފޮދު ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ދެއްވިއިރު ރޭގަނޑުގެ ފަރިއްކޮޅު ދެއްވާފައިވަނީ ނިލަންދޫ ކައުންސިލްގެ ފަރާތުންނެވެ. މިދަތުރު ނިންމަވައި ތޮއްޑޫ ކައުންސިލްގެ ޓީމުން ނިލަންދޫން ފުރާފައިވަނީ 2024 ސެޕްޓެންބަރު 05 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މޫދަށް އެރުމަށް ޚާއްޞަކޮށްފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކޮށްފި.

ފ. ނިލަންދޫގައި މޫދަށް އެރުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ސަރަހައްދުގެ ގޮނޑުދޮށާއި މޫދެތެރެ ސާފުކުރުމުގެ މަސައްކަތް ކޮށްފިއެވެ. 2024 ސެޕްޓެންބަރު 03 ވަނަ ދުވަހުގައި ކުރިއަށް ގެންދިޔަ ސާފުކުރުމުގެ މިޙަރަކާތުގައި  ފ. ނިލަންދޫ ކައުންސިލްގެ އިދާރާގެ މުވައްޒަފުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ އިތުރުން ފ. އަތޮޅު ހޮސްޕިޓަލާއި، ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނާއި، ފ.ނިލަންދޫ ފެނަކަ ބްރާންޗްގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މިއަދުގެ މަސައްކަތް ފެށުމުގެ ކުރިން ފ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުންވަނީ ހެނދުނުގެ ކަސްރަތު ޕްރޮގްރާމް މުވައްޒަފުންނަށް ޖައްސާދީފައެވެ. މިއަދު ކުރިއަށް ގެންދިޔަ މަސައްކަތުން މޫދަށް އެރޭ ސަރަހައްދުގެ ގޮނޑުދޮށް ހިމެނޭ ސަރަހައްދަށް ޖަމާވެފައިވާ ކުންޏާއި ގަލާއި އަކިރިތައް ނަގައި ސާފުކުރުމާއި މޫދުތެރެއިން ގާތައް ނެގުމުގެ މަސައްކަތްވަނީ ކޮށްފައެވެ. މިމަސައްކަތް ކުރަމުންދިޔައިރު މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން އެސަރަހައްދަށް އެކިއެކި ފަރުވާ ހޯދުމަށް ހެނދުނުގަޑީގައި މޫދަށް އެރޭ ފަރާތްތަކުންވަނީ މަސައްކަތުގައި ބައިވެރިވި ފަރާތްތަކަށް ހެނދުނުގެ ސައި ތައްޔާރުކޮށްދީފައެވެ. މޫދަށް އެރޭ ފަރާތްތަކުގެ އިސްނެންގެވުމަށް ސައިގެ ކަންތައް އިންތިޒާމްކޮށްދެއްވައި އަރަމުން އަންނަ ޅަޒުވާންޖީލަށް ދުވަސްވީ މީހުންގެ ފަރާތުން ދެއްކެވި ނަމޫނާއަށްޓަކައި ނިލަންދޫ ކައުންސިލާ އަދި  ނިލަންދޫ ރައްޔިތުންގެ ނަމުގައި ކައުންސިލްގެ ރައީސް އެފަރާތްތަކަށް ޝުކުރު ދެންނެވިއެވެ.

2022-2023 ވަނަ އަހަރު އޯލެވެލްއާއި އޭލެވެލްއިން ދިވެހިރާއްޖޭގެ ޤައުމީ ގަދަ 10 ގައި ހިމެނުނު ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 11 ދަރިވަރުންނަށްދޭ އިނާމްތައް އެމަރުކަޒާ ޙަވާލުކޮށްފި.

2022-2023ވަނަ އަހަރު އޯލެވެލްއާއި އޭލެވެލްއިން ދިވެހިރާއްޖޭގެ ޤައުމީ ގަދަ 10 ގައި ހިމެނުނު ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 11 ދަރިވަރުންނަށްދޭ އިނާމްތައް 2024 އޮގަސްޓް 29 ވަނަ ދުވަހު އެމަރުކަޒާ ޙަވާލުކޮށްފިއެވެ. މިއިނާމުތައް ނިލަންދޫ ކައުންސިލްގެ ފަރާތުން އެމަރުކަޒާ ޙަވާލުކޮށްދެއްވީ ނިލަންދޫ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ޢަލީ އަޙްމަދެވެ. ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަރާތުން އިނާމްތަކާ ޙަވާލުވެލެއްވީ އެމަރުކަޒުގެ ޕްރިންސިޕަލް ޢަބްދުﷲ އަޙްމަދެވެ. އޯލެވެލްއާއި އޭލެވެލްއިން ދިވެހިރާއްޖޭގެ ޤައުމީ ގަދަ 10 ގައި ހިމެނުނު 11 ދަރިވަރުންގެ ތެރެއިން ކޮންމެ ދަރިވަރަކަށް -/1000 ރުފިޔާގެ އިނާމް ވައުޗަރއަކާއި ހަނދާނީ ފިލައެއްވަނީ ޙަވާލުކޮށްފައެވެ. މިއީ ނިލަންދޫ ކައުންސިލްގެ ފަރާތުން މިހިނގާ 2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައިވެސް ދިނުމަށް ކައުންސިލުން ނިންމާފައިވާ އިނާމެކެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016