ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ފ. ނިލަންދޫ – ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް.

2025 ޖަނަވަރީ 03 ވަނަ ދުވަހުގެ  ހެނދުނުން ފެށިގެން ވެހުނު ބޯ ވާރޭގައި ރަށުތެރެ ފެންބޮޑުވެ، 83 ގޯއްޗަކަށް ފެންވަދެ، އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާގައި 63 ގެއަކަށް ފެންވަދެ، 31 ގެއެއްގެ މުދަލަށް ގެއްލުން ވެފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. މީގެ ތެރެއިން 23 ގެއަކުން ވަނީ ވިއްސާރާއިގެ ގެއްލުން ބަޔާންކޮށް ނޭޝަނަލް ޑީޒާޒްސްޓަރ މެނޭޖްމަންޓަށް ފޯމު ހުށަހަޅާފައެވެ.

 

ފެންބޮޑުވުމުގެ ސަބަބުން ނަރުދަމާ ނިޒާމަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. މިގޮތުން 12 ގެއެއްގައި ނަރުދަމާ ފުރި މަތިން އަރާފައިވާއިރު،

ކައުންސިލުން ވަނީ މި ހާދިސާއާ ގުޅިގެން ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިކުމެ މަސައްކަތްކޮށްފައެވެ. އަދި ގެއްލުން ލިބުނު ގެތަކަށް ވެލި ގޯނުޖެހުމާއި ފެންހިއްކުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ކައުންސިލްގެ މުވައްޒަފުން މިރަށުގެ ފަޔާރ ސްޓޭޝަންއާއި ގުޅިގެން ހަރާކާތްތެރިވެފައިވެއެވެ.

މި ހާދިސާއަކީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ރަށަށް ދިމާވި އެންމެ ބޮޑު ފެންބޮޑުވުމުގެ ހާދިސާކަމަށް ކައުންސިލުން ފާހަގަކުރެއެވެ. އަދި މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

ގެއްލުން ލިބުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.

ފ. ނިލަންދޫ މަސްމާރުކޭޓް ސަރަޙައްދު ސާފުކޮށްފި.

ފ. ނިލަންދޫ މަސްމާރުކޭޓް ސަރަޙައްދު އާންމު ސާފުތާހިރުކަމުގެ މިންގަނޑާ ޚިލާފަށް ވަރަށް ބޮޑަށް ހަޑިވެފައިވާތީ، 2025 ޖަނަވަރީ 25 ވީ ހޮނިހިރު ދުވަހު، ކައުންސިލް މުވައްޒަފުން ނިކުމެ އެ ސަރަޙައްދު ސާފުކޮށްފިއެވެ.

ނިލަންދޫ ކައުންސިލުން  މަޢުލޫމާތު ދެއްވިގޮތުގައި، މި މަސައްކަތް ކުރެވިފައިވަނީ މަސްމާރުކޭޓް ސަރަޙައްދު ދުވަހެއް ދުވަހަކަށް ހަޑިވަމުން ދިއުމާއި، ނުބައިވަސް ދުވުމާއި، ގުޅިގެންނެވެ. މި މަސައްކަތުގައި ކައުންސިލްގެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.

”މަސްމާރުކޭޓް ސަރަޙައްދަކީ ރަށުގެ އެންމެ މުހިންމު އެއް ސަރަޙައްދު. އެހެންކަމުން މި ސަރަޙައްދު ސާފުތާހިރުކޮށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް,“ ކައުންސިލްގެ އިސް މުވައްޒަފެއް ވިދާޅުވިއެވެ.

މީގެ އިތުރުން، މަސްމާރުކޭޓް އާންމުކޮށް ބޭނުންކުރާ ފަރާތްތަކާ ބައްދަލުކޮށް، ތަން ސާފުކޮށް ބޭއްވުމުގައި ފުރިހަމަ އެއްބާރުލުން ދިނުމަށް ކައުންސިލުން އެދިފައިވެއެވެ. މިބައްދަލުވުމުގައި ކައުންސިލުން އިސްނަގައިގެން މާރުކޭޓު ސާފުކޮށްފައިވާތީ އިފާކުރާކަމާއި އަދި ކުރިއަށް އޮތްތަނުގައި މި ސަރަޙައްދު ސާފުތާހިރުކޮށް ބެހެއްޓުމަށް އެއްބާރުލުން ދޭނެކަމަށް ބައްދަލުވުމުގައި ބައިވެރިިން ބުނެފައެވެ. އަދި އާންމުންނަށް ދަތިވާތީ، މަސްމާރުކޭޓް ސަރަޙައްދުގެ ކަރަންޓު ރަނގަޅުކޮށް، އިތުރު ލައިޓްތަކެއް ވެސް ހަރުކޮށްފައިވާކަން ކައުންސިލުން ހާމަކޮށްފައިވެއެވެ.

”މިއީ ހަމައެކަނި އެއްފަހަރު ކުރާ ކަމަކަށް ވެގެން ނުވާނެ. މަސްމާރުކޭޓް ސަރަޙައްދު ސާފުތާހިރުކޮށް ބެހެއްޓުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް,“ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.  އަދި އަބަދުވެސް މިސަރަޙައްދު ސާފުތާހިރުކޮށް ބޭއްވުމާއި މިނޫންވެސް ރަށުގެ އިޖްތިމާޢީ ސަރަޙައްދުތަށް ސާފުކޮށް ބޭއުވުމަށް ކައުންސިލުން ކުރަމުންދާ މަަސައްކަތަށް އެންމެންގެވެސް ބައިވެރިވުމާ އެއްބާރުލުން ބޭނުންވާކަމުގައި ނިލަންދޫ ކައުނސިލްގެ ރައީސް ވިދާޅުވެފައިވެއެވެ.

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ހުކުރު މިސްކިތުގެ މަރާމާތު މަސައްކަތް ފަށައިފި.

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ހުކުރު މިސްކިތުގެ މަރާމާތު މަސައްކަތް މިއަދު ފަށައިފިއެވެ. ކައުންސިލުން އިސްނަގައިގެން ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު 2025 ޖަނަވަރީ 30 ވަނަ ދުވަހުގެ ފަތިހު 5:45 މި މަސައްކަތް .ވަނީ ފަށައިފައެވެ

ހުކުރު މިސްކިތް އާބާތުރަ ފިލުވުމަށް ކުރަންހުރި މަސައްކަތް ތަކުގެ ތެރޭގައި މިސްކިތުގެ އެތެރޭގައި ތަނބެއް ޖެހުމާއި، ބެރިއެއް އެޅުމުގެ އިތުރުން މިސްކިތުގެ އެތެރޭގައި ނޭވިލޯނު އެޅުމާއި، ވަށައިގެންވާ ފެންޑާ ސީލިންގ ކުރުމުގެ މަސައްކަތް އަދި މިސްކިތަށް ވަންނަ ސިޑިބަރި މަރާމާތުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަސައްކަތް ނިންމުމަށް 7 ދުވަހުގެ މުއްދަތެއް ނަގާނެކަމަށް ލަފާކުރެވޭތީ، މިހާރު ވަނީ މިސްކިތް ބަންދުކޮށްފައެވެ. މި މަސައްކަތް ކުރިއަށްދާނީ ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށް ވުމާއެކު، މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމައި މިސްކިތް އަލުން ހުޅުވާލެވޭނެ ކަމަށް ބެލެވެއެވެ.

ކޮންމެ އަހަރަކުވެސް ރޯދައަށް ތައްޔާރުވުމުގެ ގޮތުން މިސްކިތްތަށް މަރާމާތުކުރާ ކަމާއި، މިކަމަކީ ކައުންސިލުން ވަރަށް އިސްކަމެއްދީގެން ކުރާ ކަމެއް ކަމުގައި ފާހަގަކޮށް އަދި މިފަދަ ކޮންމެ ކަމެއްވެސް ކުރިއަށް ގެންދިއުމުގައި ކައުންސިލްއާއި އެކު ޢާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހާގަކޮށް ކައުންސިލުގެ ނަމުގައި ޝުކުރު އަދާކޮށްފައިވެއެވެ.

ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި.

ފ.ނިލަންދޫ ހުޅަނގު އުތުރު ފަރާތުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު ފަށައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްދަނީ ބެކް ފައިލްކޮށް ޖިއޯ ބޭގްސް ޖަހައިގެން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީ އާއެވެ. މި ކުންފުންޏާ މަސައްކަތް ހަވާލުކުރެވުނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 23 ވަނަ ދުވަހުއެވެ.

މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު މިހާރު ވަނީ މަސައްކަތުގެ ގާތްގަނޑަކަށް 30 އިންސައްތަ ނިންމާލެވިފައެވެ. މި މަސައްކަތުގެ ސަބަބުން ރަށުގެ ހުޅަނގު އުތުރު ފަރާތުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫޢަކީ ރަށްރަށުގެ ގޮނޑުދޮށްތައް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

ފ. ނިލަންދޫ ފުޓްސަލް ދަނޑު މަރާމާތުކުރުމަށް މާލެއިން ފޮނުވާފައިވާ ތަކެތި ގުދަންކުރުމުގެ މަސައްކަތް ކޮށްފި

ފ. ނިލަންދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމަށްޓަކައި މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ފޮނުވާފައިވާ ރަބަރާއި ހިލަވެލި ފ. ނިލަންދޫ އިޖްތިމާޢީ މަރުކަޒަށް ގެނެސް ގުދަންކުރުމުގެ މަސައްކަތް 2025 ޖަނަވަރީ 09 ވަނަ ދުވަހު ހަވީރު ފ. ނިލަންދޫ ކައުންސިލްގެ މުވައްޒަފުން ކޮށްފިއެވެ. މިދުވަހު ކުރި މަސައްކަތުން 700 ބަސްތާ ރަބަރާއި ހިލަވެލި ވަނީ އިޖްތިމާޢީ މަރުކަޒަށް ޖަމާކޮށްފައެވެ. މިމަސައްކަތުގައި ނިލަންދޫ ކައުންސިލްގެ މުވައްޒަފުންގެ އިތުރުން އިޖްތިމާޢީ މަރުކަޒުގެ މުވައްޒަފުންގެ ބައިވެރިވެފައިވެއެވެ. ނިލަންދޫ ފުޓްސަލް ދަނޑުގައި އަޅަން ބޭނުންވާ ޓަރފް 2025 ޖަނަވަރީ 02 ވަނަ ދުވަހުގައި ވަނީ އިޖްތިމާޢީ މަރުކަޒަށް ގެނެސްފައެވެ.

މިލިއަން ގަސްއިންދުމުގެ މަޝްރޫޢުގެ ދަށުން ރަށުގެ ދެ ސަރަހައްދެއްގައި ގަސްއިންދައިފި.

ރައީސް ޑރ މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ 5 މިލިއަން ގަސްއިންދުމުގެ މަޝްްރޫޢުގެ ދަށުން ނިލަންދޫ ކައުންސިލުން އިސްނަގައިގެން ރަށުގެ ދެ ސަރަހައްދެއްގައި ގަސް އިންދުމުގެ ހަރަކާތެއްވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ދުވަހު މިކުރެވުނު މަސައްކަތުގައި ނިލަންދޫ ކައުންސިލް އަންހެން މުވައްޒަފުންވަނީ އަލަށް ހަދާ ފަންނަ މައިޒާނުގައި ބަގީޗާ ގަސްއިންދާފައެވެ. އަދި ނިލަންދޫ ކައުންސިލް ފިރިހެން މުވައްޒަފުންވަނީ ބެންކު ކުރިމަތީ އޮތް ސަރަހައްދުގައި ރުއް އިންދާފައެވެ.

ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ފަސް އަހަރުގެ ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ އަދުގެ ރައީސްގެ ރިޔާސީ ވައުދެކެވެ.

އަދި ކުރިއަށް އޮތްތަނުގައި ރަށުގެ އެކި ސަރަހައްދުތަކުގައި މޭވާ އަޅާ ގަހާއި ހިޔާ ލިބޭ ގަހާއި ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ އެކި ބާވަތުގެ ގަސް އިންދުމަށް ވަނީ ނިންމާފައެވެ.

ސްޕޯޓްސް ފިޝިންގ ކަނދުފަތީގެ ބޮއިފައްޗާއި ދާގަނޑު އެޅުމުގެ މަސައްކަތް ކޮށްފި.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން ފ. ނިލަންދޫގެ 07 މޭލު ބޭރުގައި އަޅާފައިވާ ސްޕޯޓްސް ފިޝިންގ ކަނދުފަތީގެ ދާގަނޑު ކަނޑައިގެން ގޮސްފައިވާތީ ކަނދުފަތީގެ ބޮއިފައްޗާއި ދާގަނޑު އަލުން ހަރުކުރުމުގެ މަސައްކަތް ފ. ނިލަންދޫ ކައުންސިލް އިދާރާއިން ކޮށްފިއެވެ. ފ. ނިލަންދޫ މިޔަވާލި ދޯނީގެ އެހީތެރިކަމާއެކު 2024 ޑިސެންބަރު 24 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި  ފެއްޓި މިމަސައްކަތުގައި އިސްވެ ޙަރަކާތެރިވީ ފ. ނިލަންދޫ ކައުންސިލްގެ ނައިބުރައީސާއި ކައުންސިލް މެމްބަރު އަޙްމަދު ސިޔާމެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016