ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ފ. ނިލަންދޫ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި.

ފ. ނިލަންދޫ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގް އެންޑް އިންފްރާސްޓަރަކްޗާރ އިން މޯލްޑްވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީއާއިއެކު ސޮއިކުރައްވައިފިއެވެ. އާބަންސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވާ ފ.ނިލަންދޫ ގެ މަގުތަށް ހެދުމުގެ މަޝްރޫޢު ފެށިގެންދާނެ ދުވަހަކަށް ނިލަންދޫގެ ކުދިބޮޑު ހުރިހައި ރައްޔިތުން ބޭނުންވެފައި ވީ ވަގުތެއްގައި ، މިއެއްބަސްވުމުގެ ސަބަބުން ރައްޔިތުން ދެކެމުންއައި ހުވަފެނުގައި ކުލަޖެހި މޫނުތަކަށް އުފާވެރިކަން ގެނުވައިފިއެވެ.

ފ. ނިލަންދޫގައި 50 އެނދުގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމަވައިފި.

ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުން ގާތަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މި ހިނގާ ސެޕްޓެންބަރ މަހު 20 ވަނަ ދުވަހު ފ.ނިލަންދޫ އަށް ޒިޔާރަތްކޮށް، ރަށުގެ ރައްޔިތުންނަށް ދެއްވި އެންމެ އުފާވެރި އެއް ޚަބަރަކީ ފ. ނިލަންދޫގައި 50 އެނދުގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ ބަޖެޓް ހަމަޖެހިފައިވާކަމުގެ ޚަބަރެވެ. 2025 ސެޕްޓެންބަރ 20 ވަނަ ދުވަހުގެ ރޭ ފ. ނިލަންދޫ ރައްޔިތުންނާއި މުޚާތަބުކުރައްވާ އެމަނިކުފާނު ގިނަ ޕްރޮޖެކްޓް ތަކެއް ފަށާނެކަމުގެ ފެހި ސިގްނަލް ވަނީ ދެއްވާފައެވެ. އޮގޮތުން ސިއްޚީ ދާއިރާ އިތުރު ހަރުފަތަކަށް ކަޑައްތުކުރުމަށް، ސައުދީ ފަންޑްގެ ތެރެއިން 50 އެނދުގެ ފުރިހަމަ ފުލްފްލެޖް ހޮސްޕިޓަލެއް އެޅުމަށް ބަޖެޓް ހަމަޖެހިފައިވާ ކަން ފާހަގަކޮށް މިމަޝްރޫޢު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ލިޔިކިޔުން އަދި ސްޓަޑީޒްތަށް ކުރިއަށް ދާކަންވެސް އެމަނިކުފާނުވަނީ ފާހަގަކުރަށްވާފައެވެ. އަދި މިމަޝްރޫޢު އަވަސް މުއްދަތެއްގެ ތެރޭގައި ނިންމޭނެކަމުގެ ޔަގީންވެސް އެމަނިކުފާނު ދެއްވިއެވެ.

ފ.ނިލަންދޫގައި ފިއުލް ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތް އިޝާން އިންވެސްޓްމަންޓާއި ހަވާލުކޮށްފި.

ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމު ހަމަޖެއްސުމަށް ރައީސް ވެލައްވާފައިވާ ވަޢުދުފުޅުގެ ދަށުން، ފ. ނިލަންދޫގައި ފިއުލް ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތް، ކުރުމަށް ފިއުލް ސަޕްލައި މޯލްޑްވިސް އިން އިޝާން އިންވެސްޓްމަންޓާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް އިޝާން އިންވެސްޓްމަންޓާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ނިލަންދޫގައި ބޭއްވި ޖަލްސާއެއްގައެވެ. މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ. އަދި އިޝާން އިންވެސްޓްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު އުއްމުކުލްސޫމެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިންނަށް ހާއްސަކޮށް، ރައްޔިތުންނަށް ވެސް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުންކަމަށް އެމނިކުފާނު ވިދާޅުވިއެވެ.

ފ.ނިލަންދޫގައި ޤާއިމްކުރާ ދަޅުބަންދުކުރާ ކާރުޚާނާގެ ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި.

ރާއްޖޭގޭ ރަޢީސުލްޖުމްޙޫރިއްޔާ ފ.ނިލަންދޫ އަށް ކުރެއްވި ދަތުރުފުޅުގައި ފ.ނިލަންދޫގައި ޤާއިމްކުރާ ދަޅުބަންދުކުރާ ކާރުޚާނާގެ ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާއާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީއާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2025 ސެޕްޓެންބަރ 20 ވަނަދުވަހުގެ ރޭގައި ފ.ނިލަންދޫ ރައްޔިތުންނާއި މުޚާތަބުކުރުމަށް ރައީސްލުޖުމްޙޫރިއްޔާ ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

މިމަޝްރޫޢު ސޮއިކުރުންވެގެންދާނީ ނިލަންދޫއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމަވާފައިވާ ނިންމުމުގެ އަމާޒަށް ވާޞިލްވުމަށް އެޅުނު މުޙިއްމު ބިންގާއަކަށެވެ.

ފ. ނިލަންދޫގައި ތަރައްޤީކުރި ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު ހުޅުވައިފި.

ސަރުކާރުން ފ. ނިލަންދޫގައި ތަރައްޤީކުރި ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2025 ސެޕްޓެމްބަރ 21 ވަނަ ދުވަހު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ނިލަންދޫގައި ޤާއިމުކުރި ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު ހިންގުމަށް ވަނީ ވެމްކޯއާއި ނިލަންދޫ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ސެންޓަރގައި ރަނގަޅު ފެންވަރުގައި ރައްކާތެރިކަމާއެކު ކުނިމެނޭޖެ ކުރެވޭނެ ވަޞީލަތްތަށް ޤާއިމްކުރެވިފައި ވެއެވެ.

ރަށްރަށުގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ ނިޒާމް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅަކަށް ވީހިނދު މި ސެންޓަރ ހުޅުވުން ވެގެންދާނީ މިރަށުގައިވެސް ރައްކާތެރިކަމާއިއެކު ކުނިމެނޭޖްކުރުމަށް ކުރެވުނު މުޙިއްމު މަސައްކަތެއްކަމުގައެވެ.

ފ.ނިލަންދޫގައި ޤާއިމްކުރާ އައު ނަރުދަމާނިޒާމުގެ ޢަމަލީ މަސައްކަތް ފަށްޓަވައި ދެއްވައިފި.

2025  ސެޕްޓެމްބަރ 20 ގައި ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިލަންދުއަށް ކުރެއްވި ދަތުރު ފުޅުގައި ނިލަންދޫގެ ނަރުދަމާގެ ޙާލަތު ގޮސްފައިވާ މިންވަރު ވަޒަން ކޮށް ނިލަންދޫ ގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެ ލައްވާ 01 ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ނިލަންދޫގެ ނަރުދަމާ ނިޒާމް ޙާލަތު ރަގަޅުކުރުމެވެ. މިގޮތުން  މުޅިން އާ ނަރުދަމާ ނިޒާމެއްގެ މަސައްކަތް MWSC އާއެކު ޢަމަލީ މަސައްކަތް 2025 ސެޕްޓެމްބަރ 21 ގައި ފައްޓަވައި ދެއްވި އެވެ. މިގޮތުން މި މަޝްރޫޢު ފައްޓަވައި ދެއްވީ ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑޮކްޓަރ ޢަބުދުﷲ މުއްޠަލިބެވެ. އަރިހުގައި ވަޑައިގެންނެވީ MWSC  ގެ މެނޭޖިންގ ޑިރެކްޓަރ ޢަބުދުލް މަތީނު މުޙައްމަދާއި، ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ފާތިމަތު ސަޢުދާގެ އިތުރުން ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދެވެ.

ފ.ނިލަންދޫ ކައުންސިލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށްޓަވައި ދެއްވައިފި.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ރާއްޖޭގެ ރަށްތަކުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން، ފ.ނިލަންދޫ ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫއު ފަށްޓަވާދެއްވައި، އިމާރާތުގެ ޢަމަލީ މަސައްކަތްފައްޓަވައިފިއެވެ. މިއިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވާދެއްވައިފައިވަނީ ސިޓީތަކާއި އިދާރީދާއިރާތަށް ހިންގުމާއި، ޢާންމުމަސައްކަތްތަކާއި ބެހޭ ވުޒާރާގެ ވަޒީރު، އޮނަރަބަލް އާދަމް ޝަރީފް އުމަރުއެވެ. 2025 ސެޕްޓެންބަރ 21 ވަނަދުވަހު މިހަރަކާތް ކުރިއަށްގޮސްފައިވަނީ ރައީސުލްޖުމްޙޫރިއްޔާ ފ.ނިލަންދޫއަށް ކުރިދަތުރުގެ ތެރެއިންނެވެ.

 

ކައުންސިލްގެ އައު އިމާރާތުގެ މަޝްރޫޢުވެގެންދާނީ ، ކައުންސިލް އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއްލިބި، ރައްޔިތުންނަށް ގާތުން ޚިދުމަތްދިނުމަށް މިކައުންސިލުން ކުރަމުންދާ މަސައްކަތަށް އިތުރު އާރޯކަމެއްލިބުނު ކަމެއްގެ ގޮތުގައެވެ.

ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާބެހޭ ވަޒީރާ ބައްދަލުކޮށްފި.

ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާބެހޭ  ވަޒީރު އާދަމް ޝަރީފް ޢުމަރާ ބައްދަލުކޮށްފިއެވެ. މިބައްދަލުކުރެއްވުން އޮތީ 2025 އެޕްރީލް 16 ވަނަ ދުވަހު އެމިނިސްޓްރީގައެވެ. މިއަދުގެ ބައްދަލުވުމުގައި ފ.ނިލަންދޫ ކައުންސިލްގެ އައު އިމާރާތުގެ އަމަލީ މަސައްކަތް އަވަސް މުއްދަތެއްގައި ފަށާނެ ކަމާއި އިމަރާތުގެ މަސައްކަތް އެމަކުފާނު ވ ގާތުން ބަލަމުން ގެންދާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. މީގެއިތުރުން  ނިލަންދޫގެ ފެނާއި ނަރުދަމާ އަދި ކަރަންޓަށް ދިމާވެފައިވާ މަސއްލަތަށް ޙައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކޮށް އަވަސް ހައްލެއްލިބޭތޯ މަސައްކަތް ކުރާނެކަމާއި، ނިލަންދޫގެ މަގުތަށް މަރާމާތުކޮށް ޒަމާނީ ފެނަވަރަށް ހެދުމާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ. މިބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފް ޢުމަރުގެ އިތުރުން އެމިނިސްޓްރީގެ ބައެއް އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިކައުންސިލްގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެރިވެ ލެއްވީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި ކައުންސިލް އެގްޒެކްޓިވް މުނީރާ އިބްރާހީމެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ރައްޔިތުން ބާރުވެރިކުރުމަށް ބޭއްވި “ ރަށްވެހިންގެ ސައްލާ “ ފޯރަމްގައި މިކައުންސިލުން ބައިވެރިވެއްޖެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވާނަންސާއި، ޔޫކޭ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓާއި އަދި ޔޫއެންޑީޕީ ގުޅިގެން ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމުގެ ސަގާފަތެއް އުފެއްދުމަށް ޓަކައި، ’ރަށްވެހީންގެ ސައްލާ‘ ފޯރަމް ފަށައިފިއެވެ.

3 ދުވަހުގެ މުއްދަތަށް އއ. އުކުޅަހުގައި ކުރިއަށް ގެންދާ މި މަޝްވަރާ ބައްދަލުވުމުގައި ކައުންސިލްތަކުގެ ބައެއް ރައީސުންނާއި، މެންބަރުންނާއި އަދި އެސްޖީންނާއެކު ޖުމްލަ 55 ބޭފުޅަކު ބައިވެރިވެލައްވައެވެ. މި ބައްދަލުވުމުގައި މިކައުންސިލްގެ ރައީސް އަލީ އަޙްމަދާއި އެސްޖީ އަލީ ޙައިތަމްގެ އިތުރުން ކައުންސިލް އެގްޒެކްޓިވް މުނީރާ އިބްރާހިމް ވެސް ވަނީ ބައިވެރި ވެފައެވެ.

ރަށްވެހީންގެ ސައްލާގެ ނަމުގައި ކުރިއަށް ގެންދާ މަޝަވަރާ ބައްދަލުވުމުގައި، ބައިވެރިންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ، ޕަބްލިކް ޕާޓިސިޕޭޝަން، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތައް، ކައުންސިލްތަކުން ހިންގާ ޙަރަކާތްތަކުގައި މުޖުތަމަޢުގައި އެކަހެރިކުރެވިފައިވާ ފަރާތްތައް ބައިވެރިކުރުވުން، އިފެކްޓިވް ކޮމިޔުނިކޭޝަން، ރައިޓް ޓު އިންފޮމޭޝަން، އޯޕަން ގަވަރމަންޓް، ލާމަރުކަޒީ ނިޒާމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން، އަދި ރައްޔިތުން ބައިވެރިކުރުމަށް ކައުންސިލްތަކަށް މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުއެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމުގެ ތަމްރީނު ޕްރޮގްރާމެއްގައި މިކައުންސިލުން ބައިވެރިވެއްޖެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ޔޫ. އެން. ޑީ. ޕީ މޯލްޑްވިސް އާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވާރކްސް ގުޅިގެން ލާމަރިކަޒީ ނިޒާމު ހިންގުމުގައި ހުރި ދަތިތަކާއި، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެ، ދުނިޔޭގެ އެހެން ގައުމުތަކުން މިނިޒާމާގުޅޭ ތަޖުރިބާ ހޯދައި، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް، ލާމަރިކަޒީ ނިޒާމު ހަރުދަނާގޮތެއްގައި ހިންގަމުންދާ ޕިލިޕީންސްގައި ބާއްވާ  ތަމްރީނު ޕްރޮގްރާމެއްގައި މި ކައުންސިލުން ބައިވެރިވެއްޖެއެވެ. މިޕްރޮގްރާމްގައި މިކައުންސިލް ތަމްސީލު ކޮށްދީފައިވަނީ ކައުންސިލް އެގްޒެކްޓިވް މުނީރާ އިބްރާހިމް އެވެ.

މި ޕޮރޮގްރާމްގައި ، ކައުންސިލްގެ ނިންމުންތަށް ނިންމުމުގައި ޕިލިޕީންސްގައި ގެންގުޅޭ އުޞޫލުތަކާއި، ކަންކަން ނިންމުމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ގެންގުޅޭ ބެސްޓް ޕްރެކްޓިސްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައިވެއެވެ.

 

މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޭއްވުނު ޕްރޮގްރާމެކެވެ. މި ތަމްރީނުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންނަށް އެ ދާއިރާއިން އިތުރު ހުނަރާއި ތަޖުރިބާ ލިބި، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވުމަށް މުހިންމު ބިންގަލެއް އެޅިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016