ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ފ. ނިލަންދޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ފެނަކައިގެ އިސްވެރިންނާއެކު މަޝްވަރާކޮށްފި

ފ. ނިލަންދޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ފެނަކައިގެ  އިސްވެރިންނާއި، 2024 އޮކްޓޯބަރ 20 ވަނަ ދުވަހު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުން އޮތީ ފެނަކައިގެ މެއިން ބްރާންޗް ގައެވެ.

މިބައްދަލުވުމުގައި ނިލަންދޫގެ ކަރަންޓްގެ މިހާރުގެ ޙާލަތާއި، މިކަމުގެ ސަބަބުން ދިމާވަމުންދާ ދަތި ތަކަށް އަލިއަޅުވާލާ، މިމައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދިވަޑައިގަނެފައިވެއެވެ. އަދި ނިލަންދޫގެ ކަރަންޓްގެ ޙާލަތު އެއްދުވަހުން އަނެއް ދުވަހަށް ދަށަށްގޮސް އާއްމު ރައްޔިތުންނަށް އެކަމުގެ ސަބަބުން އެތަކެއް ތަކުލީފްތަކެއް އުފުލަންޖެހިފައިވާތީ، މިކަމަށް އިތުރަށް ވިސްނުމަށް ނިލަންދޫ ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ކައުންސިލްގެ ކަންބޮޑުވުންތަކަށް ރިޔާޢަތްކޮށް ކަރަންޓްގެ މައްސަލަ ޙައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ފެނަކައިން ވިދާޅުވެފައިވެއެވެ.އެގޮތުން ތިރީގައި މިދަންނަވާކަންތަށް އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ޙައްލުކޮށްދެއްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

 

1.އަންނައަހަރުގެ ރަމަޟާން މަހުގެ ކުރިން 1 މެގަވޯލްޓުގެ ޖެން ސެޓެއް ފޮނުވާދެއްވުން.

  1. ޓްރާންސްފޯރމާތަކުގެ މަސައްކަތް ބަޔަކާއި އަންނަ ނޮވެންބަރ މަސްތެރޭގައި ހަވާލުކުރުން.
  2. ކޭބަލް ޓްރާންސްފޯމާއެކު ހޮސްޕިޓަލްގެ ކަރަންޓަށް ބޭނުންވާ ކަންކަމަށް ޙައްލެއްހޯދުން.
  3. ޑީސަލް ކެޕޭސިޓީ ކެޕޭސިޓީ އިތުރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 40،000 ލިޓަރގެ ޓޭންކެއް ބަނުމަށް ބަޖެޓްކުރުން.
  4. ޖެން ސެޓްތަކަށް ބޭނުންވާ ފިލްޓަރ އަންނަ ހަފްތާ ތެރޭގައި ރަށަށް ފޮނުވާދިނުން.
  5. ފެނަކައިގެ މުވައްޒަފުންގެ ކަންކަން އެޗް އާރުގެ ސަމާލުކަމަށް ގެނައުން.

މިބައްދަލުވުމުގައި ފެނަކައިގެ ބައެއް އިސްވެރީން ވަނީ ބައިވެރިވެލައްވާފައެވެ.  މިކައުންސިލްގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެރިވެ ލެއްވީ ކައުންސިލް މެމްބަރ އަޙްމަދު ސިޔާމްގެ އިތުރުން ކައުންސިލް އަންހެން މެމްބަރ ނަޝީދާ ޢަބްދުއްރަޙީމެވެ. މީގެއިތުރުން އާސަންދަ ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ނާޡިމް، ޓްރާސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ މުޙައްމަދު، ހެލްތު މިނިސްޓްރީގެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިސްމާއިލް ޒާހިރު އަދި މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހިމް ވެސް ވަނީ މިބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެފައެވެ.

ރީޖަނަލް ޑިރެކްޓަރ ސައިމާ ވާޒިދް ފ. ނިލަންދޫއަށް ވަޑައިގެންފި

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ސައިމާ ވާޒިދް، 18 ސެޕްޓެންބަރު 2024 ގައި މިރަށަށް ވަޑައިގެންފިއެވެ. އެކަމަނާ މިރަށަށް ކުރި ޒިޔާރަތުގައި ވަނީ ރަތްދޫލައިގައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

އެކަމަނާ ރީޖަނަލް ޑިރެކްޓަރގެ މަޤާމަށް ހޮވިފައިވަނީ 2023 ވަނަ އަހަރު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވުނު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 76 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައި ކުރިއަށް ގެންދެވުނު އިންތިހާބުންނެވެ. މިމަޤާމަށް އެކަމަނާ އައްޔަނުކޮށްފައިވަނީ 01 ފެބުރުވަރީ 2024 ވަނަ ދުވަހުއެވެ.

މިޒިޔާރަތަކީ އެކަމަނާ ރީޖަނަލް ޑިރެކްޓަރގެ މަޤާމަށް އައްޔަނުކުރުމަށްފަހު ދިވެހިރާއްޖެއަށްވެސް ކުރާ ފުރަތަމަ ރަސްމީ ދަތުރަށްވުމާއެކު، މި ޒިޔާރަތަކީ ވަރަށް ޙާއްސަ ޒިޔާރަތެއް ކަމުގައި ވެގެންދާނެއެވެ. އެގޮތުން، މި ޒިޔާރަތުގައި، ދިވެހިރާއްޖޭގައި އިބްތިދާއީ ޞިއްޙީ ފަރުވާ ހިދުމަތް ހަރުދަނާކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ލިބިފައިވާ ތަޖުރިބާ އަދި ކާމިޔާބީ ޙިއްސާ ކުރުމަށް ފ. ނިލަންދޫގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީވެސް އެކަމަނާއެވެ. މި ދަތުރުފުޅުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އިސްބޭފުޅުންނާއި، މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ މިނިސްޓަރ އިސްމާޢިލް ޒާހިރު، އާސަންދަ ކޮންޕެނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނާޠިމް، ދަރުމަވަންތަ ހޮސްޕިޓަލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤުގެ އިތުރުން ހެލްތު މިނިސްޓްރީގެ އިސްބޭފުޅުން ވަނީ ބައިވެވަޑައިގެންފައެވެ.

ފ.ނިލަންދޫ ކައުންސިލުން އިސްރަށްވެހިންގެ ދުވަސް ފާހަގަކޮށްފި

ފ.ނިލަންދޫ ކައުންސިލުން އިސްނަގައިގެން، ރަށުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެން އިސްރަށްވެހިންގެ ދުވަސް ފާހަގަކޮށްފިއެވެ. މިގޮތުން 2024 އޮކްޓޯބަރު 13 ވަނަ ދުވަހުގެ ހަވީރު، އިސްރަށްވެހިންގެ ޝަރަފުގައި ޚާއްޞަ ހަވީރެއް ބޭއްވުނެވެ.

ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މި ހަވީރަކީ އިސްރަށްވެހިންގެ ބުރަ މަސައްކަތް އަގުވަޒަންކޮށް، އެ ބޭފުޅުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ބޭއްވުނު ހަވީރެކެވެ. މި ހަވީރުގައި އިހުގެ މަސައްކަތްތައް ދައްކުވައިދިނުމުގެ ގޮތުން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދެވުނެވެ. މީގެ ތެރޭގައި ރައިވަރު، ފަރިހި އަދި އަންބާ ފަދަ ދިވެހި އާދަކާދަތައް ދައްކުވައިދިނުން ހިމެނެއެވެ.

ހަވީރުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، ”އަޅުގަނޑުމެންގެ މުޖުތަމަޢުގައި އިސްރަށްވެހިންގެ ދައުރު ވަރަށް މުހިންމު. އެ ބޭފުޅުންގެ ތަޖުރިބާއާއި ޙިކުމަތްތެރިކަމަކީ އަޅުގަނޑުމެންގެ ރަށަށް ލިބިފައިވާ އަގުހުރި ވަސީލަތެއް. މި ހަވީރަކީ އެ ބޭފުޅުންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ބޭއްވުނު ކުޑަކުޑަ ހަފްލާއެއް“. އަދި މިފަދަ ހަރަކާތްތައް ކުރިއަށް އޮތް ތަނުގައިވެސް އިންތިޒާމުކުރާނެ ކަމަށާއި، އިސްރަށްވެހިންގެ ދުވަހަކީ ކޮންމެ އަހަރަކުވެސް ފާހަގަކުރާނެ ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.

މި ހަވީރުގައި ރަށުގެ ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވެ ވަޑައިގަތެވެ. އަދި ޒުވާނުންނާއި ކުޑަކުދިންވެސް ބައިވެރިވެ، ޖީލުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ލިބުނެވެ.

ފ.ނިލަންދޫ ރައްޔިތުންގެ އެންމެ ބޮޑު އުންމީދު – ނިލަންދޫ އެއާރޕޯޓް

ނިލަންދޫ އެއާރޕޯޓަކީ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ބަލަމުން އައި ހުވަފެނެކެވެ. ކުރަހަމުން އައި މަންޒަރެކެވެ. ބޭނުންވެފައިވާ ބޭނުމެކެވެ. އާދެ އެއާރޕޯޓަކާމެދު ރައްޔިތުން ގެ އުންމީދުގެ ހުޅުކޮޅުގައި ރޯވެއްޖެއެވެ. ހުވަފެން ތެދަށްވާ އުފާވެރި  މަންޒަރު ފެންނަންފަށައިފިއެވެ.

ހެނދުނުގެ ވައިބުރާއި، ހަވީރު ފިނިބުރަށް ރައްޔިތުން މަޑުކޮށްލާނެ މަންޒިލަކަށް އެއާރޕޯޓް ހިއްކިސަރަޙައްދު ވެއްޖެއެވެ.

އާދޭހެވެ! ވަރަށްވެސް ހިއްޤައިމު މަންޒަރެކެވެ. ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމާއި ފިނި ތަސައްލީ އެއް ގެނުވާ މަންޒަރެކެވެ. ރައްޔިތުން އެދޭ ތަރައްޤީގެ ޗޭނަށް ގެތުނު އިތުރު ބޮޅެކެވެ. ތަރައްޤީގެ ޖައްވުގައި ފިޔަޖަހާލަން ލިބުނު ފަހި ފުރުޞަތެކެވެ.

މިމަޝްރޫޢަކީ ރަށް ދެކެން ބޭނުންވާ ތަރއްޤީގައި ކުލަޖައްސުވައިދޭނެ  މަޝްރޫޢެއްކަމުގައި ރައްޔިތުން ދެކެއެވެ. ތަމައްދުންއާއި ތަހުޒީބުގެ ރޭހުގައި ފައިހަމަކޮށްލަން ލިބިފައިވާ ރަނުގެ ފުރުޞަތެއްކަމުގައި ރައްޔިތުން ޤަބޫލުކުރެއެވެ.ދަތުރުފަތުރަށް ލުއިފަސޭހަކަން ލިބި، ވަޒީފާގެ ފުރުޞަތުތަށް އިތުރުވެ، އިޤްތިޞާދު ހަރުދަނާވެ،ވިޔަފާރިތަށް ކުރިއަރައި، އިޖުތިމާޢީ، އުމްރާނީ އަދި ފަރުދުންގެ ތަރައްޤީ އަށް ހެއު ބަދަލުތަށް ގެނުވާނެ ކަމަކަށް ނިލަންދޫ އެއާރޕޯޓް ވެގެންދާނެއެވެ.

ހަމައެހެންމެ، އެއާރޕޯޓްގެ މަޝްރޫޢާއި އެކު ރަށުގައި ހެދިގެންދާ ބީޗަކީވެސް ރައްޔިތުންގެ ހިތްތަކުގައި ވަރަށް ބޮޑު އުންމީދެއް އޮތް ކަމެކެވެ. ކައުންސިލުން މިހާރު ވަނީ ބީޗް ހެދުމުގެ ޕްލޭނެއް އެކުލަވާލާފައެވެ. މި ޕްލޭނުގައިވާ ގޮތުން، ކުރީގެ ތުނޑީގެ ދެކުނުން ހިތްގައިމު ބީޗެއް ތަރައްޤީކޮށް ހެދުމަށް ވަނީ ރޭވިފައެވެ. މިހިތްގައިމު ކިރުކުލައިގެ އޮމާން، ހިމުން ދޮންވެލިގަނޑާއި، ގުޅިގެންވާ ތިލަ ފަޅާއި ބިއްލޫރި ކޮޅެއްފަދަ ސާފު ޤުދުރަތީ ނޫ ވިލަކީ މި ބީޗްގެ ފުރިހަމަކަން އިޙްސާސްކުރުވާ އަޖައިބުކުރުވަނިވި މަންޒަރަކަށް ވާނެކަމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. ރަށުގެ ޢާންމު ރައްޔިތުންނާއި، ރަށަށް އަންނަ މެހުމާނުންނަށް އަދި ފަތުރުވެރިންނަށް ބޭނުންކުރެވޭ ގޮތަށް ތަރައްޤީކުރާ މި ބީޗްގައި ޒަމާނީ ވޯޓަރ ސްޕޯޓސް ގެ އާލަތްތަށް ބަހައްޓާ އާއިލާއާއި އެއްކޮށް ވަގުތު ހޭދަކޮށްލުމަށް އެކަށޭނެ ތަނަކަށް ހެދުމަކީ ކައުންސިލްގެ އުންމީދީ ވިސްނުމެކެވެ.

ނިލަންދޫ ކައުންސިލުން ވަނީ މި ދެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށްގެންދިޔުމަށް ވަރަށް ބޮޑު އިސްކަމެއްދީ މެކުހަށް ޖަހާފައެވެ. ރައްޔިތުންގެ ކަންބޮޑުވުންތަށް އަޑުއަހައި، އެކަންކަން ހައްލުކުރުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ދެ މަޝްރޫޢު ނިމުމުން، ނިލަންދޫއަށް ތަރައްޤީގެ ފޮނިމީރުކަން ލިބި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެކަމީ ޝައްކެއްވެސް ނެތް ކަމެއްކަމުގައި ކައުންސިލުން ދެކެއެވެ.

ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ މުވައްޒަފުންގެ ތަޖުރިބާ ދަތުރުގައި ނިލަންދޫއަށް ވަޑައިގެންފި

ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ މުވައްޒަފުންގެ ތަޖުިރިބާ ދަތުރެއްގައި 2024 އޮކްޓޫބަރު 03 ގައި ނިލަންދޫއަށް ވަޑައިގެންފިއެވެ. މިދަތުރުގައި ނިލަންދޫ ކައުންސިލުން ދެމުންގެންދާ އާއްމު ޚިދުމަތްތަކާބެހޭ މަޢުލޫމާތު ހޯދުމާއި، ނިލަންދޫގައި ހިނގަމުންގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ހޯދުމުގެ އިތުރުން ނިލަންދޫގެ މުހިންމު ތަންތަން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މީގެ އިތުރުން ދެކައުންސިލްގެ މަޢުލޫމާތު ބަދަލުކުރުމުގެ ގޮތުން ރޭގަނޑު 20:30 ގައި ގޮމަވަތީގައި ބައްދަލުވުމެއް ވަނީ ބާއްވާފައިވެއެވެ. 12 ބޭފުޅުންގެ މައްޗަށް އެކުލެވޭ ގޮތަށް ނިލަންދޫގައަށް ކުރި މި ދަތުރުގެ އިސްބޭފުޅެއްގެ ގޮތުން ވަޑައިގެންނެވީ ފެލިދޫ ކައުންސިލްގެ ރައީސް ޙުސައިން ވިޝާމްއެވެ. ފެލިދޫ ކައުންސިލުން ނިލަންދޫއަށް ކުރި މިދަތުރުގައި ނިލަންދޫ ކައުންސިލްގެ ފަރާތުންވަނީ ހޫނު މަރުޙަބާއެއް ދަންނަވައި ރަގަޅު މެހުމާންދާރީއެއް ވެދެއްވާފައެވެ. އެގޮތުން ރޭގަނޑުގެ ފަރިއްކޮޅު ނިލަންދޫ ކައުންސިލްގެ ފަރާތުން ދެއްވާފައިވާއިރު 2024 އޮކްޓޫބަރު 04 ވަނަ ދުވަހުގެ ހެނދުނު ސައިފޮދު ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ދެއްވާފައެވެ. މިދަތުރު ނިންމަވައި ފެލިދޫ ކައުންސިލްގެ ޓީމުން ނިލަންދޫން ފުރާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެއަރޕޯޓް ބިން ހިއްކުމަށް ބޭނުންވާ ވެލި ނަގާނެ ސަރަޙައްދަކާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދައިފި

ސަރުކާރުގެ ފަރާތުން ފ.ނިލަންދޫގައި ތަރައްޤީކުރާ އެއަރޕޯޓްގެ ބިންހިއްކުމަށް ބޭނުންވާ ވެލި ނެގުމަށް ފުރަތަމަ ކަނޑައެޅިފައިވާ ސަރަޙައްދު ބަދަލުވުމާއި ގުޅިގެން، ވެލި ނެގުމަށް ހުށަހަޅާފައިވާ އައު ސަރަޙައްދާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް 2024 އޮކްޓޫބަރު 02 ވީ ބުދަ ދުވަހުގެރޭ ފ. ނިލަންދޫ ގޮމަވަތީގައި ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން 91 މީހުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުން ތަޢާރަފްކުރަމުން ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ”ވިދާޅުވީ ދިވެހި ސަރުކާރުގެ ފަރާތުން ފ. ނިލަންދޫގައި ތަރައްޤީކުރާ އެއަރޕޯޓްގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށްޓަކައި މިހާރު ވެލި ނަގަމުންގެންދާ ނިލަންދޫ ވިލު ދުނީގެ އަށްދަށު ގުންޑޮޅިން އެކަށިގެންވާ ޖާގައެއް އެއްގަމަށް ދޫކޮށް، ކަމާއިގުޅުންހުރި އިދާރާތަކުން އަލަށް ވެލި ނަގަން ބޭނުންވާ ސަރަޙައްދު 2 ފަހަރު ސަރވޭކޮށް ކުރެހުން ފޮނުވާފައިވާތީ، ފޮނުވާފައިވާ ކުރެހުމާއި އެއްގޮތަށް އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކަމާގުޅުންހުރި އިދާރާތަކަށް ލިޔެކިޔުން ހުށަހަޅައި ހުއްދަ ހޯދުމުގެ ކުރިން މިކަމަކީ ރައްޔިތުންގެ ޚިޔާލު އޮންނަންޖެހޭ ކަމެއްކަމުން މިބައްދަލުވުމަކީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް“ ކަމަށެވެ.

މިބައްދަލުވުމުގައި ރައްޔިތުންގެ ޚިޔާލު ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ފ. ނިލަންދޫ އައްސޭރި ޢަލީ އަޙްމަދު ވިދާޅުވީ ”ރިޔާސަތުން ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ދިވެހި ސަރުކާރުގެ ފަރާތުން ފ. ނިލަންދޫގައި ތަރައްޤީކުރާ އެއަރޕޯޓްގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށްޓަކައި މިހާރު ވެލި ނަގަމުންގެންދާ ނިލަންދޫ ވިލު ދުނީގެ އަށްދަށު ގުންޑޮޅިން އެކަށިގެންވާ ޖާގައެއް އެއްގަމަށް ދޫކޮށް، ކަމާއިގުޅުންހުރި އިދާރާތަކުން އަލަށް ވެލި ނަގަން ބޭނުންވާ ސަރަޙައްދު 2 ފަހަރު ސަރވޭކޮށް ކުރެހުން ފޮނުވާފައިވާތީ، ފޮނުވާފައިވާ ކުރެހުމާއި އެއްގޮތަށް އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކަމާގުޅުންހުރި އިދާރާތަކަށް ލިޔެކިޔުން ހުށަހަޅައި ހުއްދަ ހޯދުމުގެ މަސައްކަތް ވީހާވެސް އަވަސްކޮށް ކުރިއަށް ގެންދަން ބޭނުންވާ“ ކަމަށެވެ. އަދި މި ހުށަހެޅުން ބައްދަލުވުމުގައި ބައިވެރިވި މީހުން އަޤްލަބިއްޔަތުން ވަނީ ފާސްވެފައެވެ.

އެއަރޕޯޓް ބިން ހިއްކުމަށް ބޭނުންވާ ވެލި ނަގާނެ ސަރަޙައްދަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ސަރުކާރުގެ ފަރާތުން ފ.ނިލަންދޫގައި ތަރައްޤީކުރާ އެއަރޕޯޓްގެ ބިންހިއްކުމަށް ބޭނުންވާ ވެލި ނެގުމަށް ފުރަތަމަ ކަނޑައެޅިފައިވާ ސަރަޙައްދު ބަދަލުވުމާއި ގުޅިގެން، ވެލި ނެގުމަށް ހުށަހަޅާފައިވާ އައު ސަރަޙައްދާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކައުންސިލަށް މަޝްވަރާދޭ ކޮމެޓީގެ ބޭފުޅުންނާއެކު 2024 އޮކްޓޫބަރު 02 ވީ ބުދަ ދުވަހު ކައުންސިލްގައި ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ތަޢާރަފްކުރަމުން ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވީ ”ދިވެހި ސަރުކާރުގެ ފަރާތުން ފ. ނިލަންދޫގައި ތަރައްޤީކުރާ އެއަރޕޯޓްގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށްޓަކައި މިހާރު ވެލި ނަގަމުންގެންދާ ނިލަންދޫ ވިލު ދުނީގެ އަށްދަށު ގުންޑޮޅިން އެކަށިގެންވާ ޖާގައެއް އެއްގަމަށް ދޫކޮށް، ކަމާއިގުޅުންހުރި އިދާރާތަކުން އަލަށް ވެލި ނަގަން ބޭނުންވާ ސަރަޙައްދު 2 ފަހަރު ސަރވޭކޮށް ކުރެހުން ފޮނުވާފައިވާތީ، ފޮނުވާފައިވާ ކުރެހުމާއި އެއްގޮތަށް އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކަމާގުޅުންހުރި އިދާރާތަކަށް ލިޔެކިޔުން ހުށަހަޅައި ހުއްދަ ހޯދުމުގެ ކުރިން މިކަމަކީ މަޝްވަރާކޮމެޓީގެ ޚިޔާލު އޮންނަންޖެހޭ ކަމެއްކަމުން މިބައްދަލުވުމަކީ މަޝްވަރާކޮމެޓީގެ ޚިޔާލު ހޯދުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް“ ކަމަށެވެ.

މިބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހު ނިމިފައިވަނީ، މިމައްސަލައަކީ މަޝްވަރާކޮމެޓީގެ 8 ވަނަ ޖަލްސާއިން ކަމާގުޅުންހުރި އިދާރާތަކުން ފޮނުވާފައިވާ ކުރެހުމާއި އެއްގޮތަށް ކުރިޔަށް ގެންދިޔުމަށް އެންމެ ރަނގަޅުކަމަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، މިއަދުގެ މި ބައްދަލުވުމުގައިވެސް ރިޔާސަތުން ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ދިވެހި ސަރުކާރުގެ ފަރާތުން ފ. ނިލަންދޫގައި ތަރައްޤީކުރާ އެއަރޕޯޓްގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށްޓަކައި މިހާރު ވެލި ނަގަމުންގެންދާ ނިލަންދޫ ވިލު ދުނީގެ އަށްދަށު ގުންޑޮޅިން އެކަށިގެންވާ ޖާގައެއް އެއްގަމަށް ދޫކޮށް، ކަމާއިގުޅުންހުރި އިދާރާތަކުން އަލަށް ވެލި ނަގަން ބޭނުންވާ ސަރަޙައްދު 2 ފަހަރު ސަރވޭކޮށް ކުރެހުން ފޮނުވާފައިވާތީ، ފޮނުވާފައިވާ ކުރެހުމާއި އެއްގޮތަށް އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކަމާގުޅުންހުރި އިދާރާތަކަށް ލިޔެކިޔުން ހުށަހަޅައި ހުއްދަ ހޯދުމުގެ މަސައްކަތް ވީހާވެސް އަވަސްކޮށް ކުރިއަށް ގެންދަން ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައިވެފައެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ދަށުން ބަބުކެޔޮ ގަސް އިންދުން

ރައީސް ޑރ. މުހައްމަދު މުއިއްޒު އިޢުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމަށް ޕްރޮގްރާމް ދަށުން 2024 ސެޕްޓެންބަރު 28 ވީ ހޮނިހިރު ދުވަހު ފ. ނިލަންދޫ ޗާންދަނީ މަގުގައި 32 ބަބުކެޔޮ ގަސް އިންދައިފިއެވެ. ޖަމްޢިއްޔަތުއް ޝަބާބުން ހަދިޔާކޮށްފައިވާ ބަބުކެޔޮ ގަސްތައް އިންދުމުގެ މި ޙަރަކާތް ފައްޓަވައިދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ އަޙްމަދެވެ.

ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ފަސް އަހަރުގެ ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ އަދުގެ ރައީސްގެ ރިޔާސީ ވައުދެކެވެ.

އަދި ކުރިއަށް އޮތްތަނުގައި ރަށުގެ އެކި ސަރަހައްދުތަކުގައި މޭވާ އަޅާ ގަހާއި ހިޔާ ލިބޭ ގަހާއި ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ އެކި ބާވަތުގެ ގަސް އިންދުމަށް ވަނީ ނިންމާފައެވެ.

ދުނިޔޭ އޯޒޯން ދުވަހާއި، ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުން

ދުނިޔޭގެ އޯޒޯން ދުވަހާއި ، ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކައުންސިލުން އިސްނަގައިގެން ރަށުގައި ހުރި ސަރުކާރުގެ ބައެއް އިދާރާތަކާއ ގުޅިގެން ރަށުގެ ވަށައިގެން ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް 2024 ސެޕްޓެންބަރު 28 ވީ ހޮނިހިރު ދުވަހު ކުރިޔަށް ގެންގޮސްފިއެވެ. މިޙަރަކާތުގައި ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންނާއި، ފ. އަތޮޅު ކައުންސިލްގެ މުވައްޒަފުންގެ އިތުރުން ބެންކް އޮފް މޯލްޑިވްސް ނިލަންދޫ ބްރާންޗު މުވައްޒަފުންގެ އެހީތެރިކަން ވަނީ ލިބިފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި އިމާމުންެގެ މަހާސިންތާގައި ނިލަންދޫގެ އިމާމުން ބައިވެރިވެެއްޖެ.

ދިވެހިރާއްޖޭގެ އިމާމުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށާއި، އިމާމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށާއި އިމާމުންނަށް މުހިއްމު ފިލާވަޅުތަކެއް ނަގައިދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ އިމާމުންގެ މަހާސިންތާގައި ނިލަންދޫގެ ހަތަރު މިސްކިތުގެ އިމާމުންވެސްވަނީ ބައިވެރިވެފައެވެ. އިސްލާމިކް މިނިސްޓްރީގެ ފާރަތުން މާލޭގައި އަދި ހަމައެހެންމެ އޮންލައިންކޮށް ކުރިޔަށް ގެންދެވުނު ސެޝަންތަކުގައިވެސް ނިލަންދޫގެ އިމާމުން/މުދިމުން ވަނީ ބައިވެރިވެފައެވެ. އެހެންކަމުން ރާއްޖޭގައި ބޭއްްވުނު ފުރަތަމަ މަހާސިންތާގައި ބައިވެރިވި ނިލަންދޫގެ ހަތަރު މިސްކިތުގެ އިމާމުންނަކީ އަބްދުﷲ އަލީ (ހުކުރު މިސްކިތް)، އިބްރާހީމް އަބްދުއްރައްޒާގު( މަސްޖިދުއް ތަޙާލުފި)، އަޙްމަދު މުޖުތަބާ(މަސްޖިދުއް ސަލާމް) އަދި އަބްދުﷲ އަޙްމަދު (މަސްޖިދުލްވަޙްދާ) އެވެ.

ޖުމްލަކޮށް ފަސް ދަންފަޅިޔަކަށް ބަހާލެވިގެން ކުރިޔަށް ގެންދެވުނު މި މަހާސިންތާގައި އިސްލާމީ ކަންތައްތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ނަންގަވައިދެއްވި ހާއްސަ ދަންފަޅިއަކާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ހާއްސަ ދަންފަޅިއެއްގެ އިތުރުން، އިމާމުންނަށް ސިވިލް ސާވިސްގެ ޤަވާއިދުތައް ކިޔަވައިދިނުމަށްވެސް ހާއްސަ ދަންފަޅިއެއް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން އިމާމުންނަށް ފިޤުހީ ގޮތުންނާއި އިދާރީ ގޮތުން މުހިއްމު މަޢުލޫމާތުތައް ދިނުމަށް ޕެނަލް ޑިސްކަޝަނެއްގެ އިތުރުން އިމާމުންގެ ޚިޔާލާއި ލަފާ ހޯދުމަށްވެސް ހާއްސަ ދަންފަޅިއެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މި މަހާސިންތާ ބޭއްވުނު އެންމެ މުހިންމު އެއް މަޤްސަދަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރަމުންދާ އިމާމުން އެއް ޕްލެޓްފޯމަކުން ބައްދަލުވެ އެކަކު އަނެކަކަށް ތަޢާރަފްވެ، އިމާމުންނަށް ހުރި ގޮންޖެހުންތަކާއި ދަތިތަކާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމާއި އިމާމުންނަށް ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ މަޢުލޫމާތުތައް ހިއްސާކުރުމާއި މިސްކިތްތައް ބެލެހެއްޓުމުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި އެ މަސްއޫލިއްޔަތުތައް އާދަކުރުމުގައި ހުރި ގޮންޖެހުންތަކާއި އަދި އިމާމުން އިތުރަށް ތާޒާކުރުމާއި އިމާމުންގެ ކަންބޮޑުވުންތައް އަޑުއަހާއި މަޝްވަރާކުރުމަށްޓަކައި ބޭއްވުނު މަޙާސިންތާއެކެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016