މަސްބާނަން ތަރައްޤީކޮށްފައިވާ ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ނިންމާލައިފި

ފ. ނިލަންދޫގައި އިރުމަތީ ފަރާތުން އަލަށް ތަރައްޤީކުރަމުންދާ ބަނދަރުގެ ބޭރުތޮށީގައި މަސްބާނަން ތަރައްޤީކޮށްފައިވާ ޖެޓީ މަރާމާތުކުރުމުގެ މުހިންމު މަސައްކަތެއް ފ. ނިލަންދޫ ކައުންސިލާއި، އެމް.ޓީ.ސީ.ސީ އަދި ފެނަކަ ކޯޕަރޭޝަން ގުޅިގެން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. 2026 ސެޕްޓެމްބަރު 29 އިން 30 އަށް ކުރިއަށްދިޔަ މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ޖެޓީގެ އިރުމަތީ ފަރާތަށް އަރިވެ ތިރިވެފައިވާ ބައި މައްޗަށް އުފުލައި، ލެވެލް ކުރުމެވެ.
މި މަސައްކަތުގައި ނިލަންދޫ ކައުންސިލް އިދާރާގެ މުވައްޒަފުންގެ އިތުރުން، އެމް.ޓީ.ސީ.ސީ (MTCC) ގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ނިލަންދޫ ބްރާންޗުގެ މުވައްޒަފުން ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ. އެކި މުއައްސަސާތަކުގެ މުވައްޒަފުން ގުޅިގެން ކުރި މި ގުޅުންހުރި މަސައްކަތުން ދައްކުވައިދެނީ ރަށުގެ ތަރައްޤީއާއި އާންމު ލާބައަށްޓަކައި މުއައްސަސާތަކުގެ މެދުގައި އޮތް ބަދަހި އެއްބާރުލުމެވެ.
ފ. ނިލަންދޫ ކައުންސިލްގެ ރައީސް ވަނީ މި ކުރު މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލުމަށް އެމް.ޓީ.ސީ.ސީ އާއި ފެނަކައިގެ މުވައްޒަފުން ދެއްވި ފުރިހަމަ އެހީތެރިކަމަށާއި އެއްބާރުލުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ރަށުގެ އާންމު ވަސީލަތްތައް ހެޔޮގޮތުގައި ބެލެހެއްޓުމަށާއި، ރައްޔިތުންނަށް ބޭނުންވާ ލުއިފަސޭހަތައް ހޯދައިދިނުމަށް ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.



