ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

2025 ވަނަ އަހަރަށް ލަފާކުރާ ނިލަންދޫ ކައުންސިލްގެ ބަޖެޓާއި މަސައްކަތު ތާވަލަށް ރައްޔިތުންގެ ޚިޔާލު ހޯދައިފި.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ ޖުލައި މަހު ބާއްވަންޖެހޭ ބައްދަލުވުން 2024 ޖުލައި 26 ވީ ހުކުރު ދުވަހުގެ ރޭ 08:30ގައި ގޮމަވަތި ހޯލުގައި ބާއްވައިފިއެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން ފ. ނިލަންދޫ ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ  ޔާޝާ ޢަބްދުއްރައްޒާޤް ފައްޓަވައި ދެއްވި މިބައްދަލުވުން ހުށަހަޅައިދެއްވީ ފ. ނިލަންދޫ ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ޢަލީ އަޙްމަދެވެ. މިބައްދަލުވުމުގައި 2024 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހު ކައުންސިލް ހިނގާދިޔަގޮތުގެ ތަފްޞީލް ރިޕޯޓް ހުށަހަޅައި ދެއްވީ ކައުންސިލް އޮފިސަރ ޢަބްދުއްލަޠީފް އިބްރާހީމެވެ. 2025 ވަނަ އަހަރަށް އެކުލަވާލާފައިވާ މަސައްކަތު ތާވަލް ރައްޔިތުންނަށް ހުށަހަޅައި ދެއްވީ ކައުންސިލް އޮފިސަރ ވަޖީޙާ ޢަބްދުއްނާޞިރެވެ. 2025 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓް ހުށަހަޅައި ދެއްވީ ކައުންސިލް އޮފިސަރ މުޙައްމަދު މައުޞޫމެވެ. ބަޖެޓާއި މަސައްކަތު ތާވަލް ހުށަހެޅުމަށްފަހު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ރައްޔިތުންގެ ތެރެއިން 03 ފަރާތަކުންވަނީ ޚިޔާލު ހުށަހަޅާފައެވެ. މިބައްދަލުވުމުގައި ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ރައްޔިތުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކައިގައި ކައުންސިލުން ލަފާކުރާ ބަޖެޓާއި މަސައްކަތު ތާވަލަކީ ރައްޔިތުންގެ ޚިޔާލާއެކު އެކުލަވާލާ ތަކެތި ކަމަށްވުމާއެކު، ރައްޔިތުންގެ ޚިޔާލު އަބަދުވެސް ވަރަށް މުހިންމުކަމަށް ދެކޭކަމުގައި ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުގެ ސިޔާސަތު ކަނޑައަޅާފައި އޮތްގޮތުން އެ ޒޯނެއްގައި އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުގެ އަހަރީފީ އަކީ އެރަށެއްގެ އާމްދަނީއަށް ލިބޭ އެއްޗެއްކަމަށްވުމާއެކު، ކައުންސިލްގެ ވިސްނުންހުރީ ނިލަންދޫގައި ދުއްވާ ހުރިހާ އުޅަނދުތަކަކީ ޒޯން ސީއަށް ރަޖިސްޓްރީކޮށްގެން ދުއްވާ އުޅަނދުތަކަށް ހެދުންކަމަށާއި އެހެން ޒޯންއެއްގެ އުޅަނދެއް ނިލަންދޫގައި ދުއްވޭނެ އެންމެ ދިގު މުއްދަތަކީ 03 މަސްދުވަސް ކަމަށްހެދުންކަމަށާއި އެއަށްފަހު އެފަދަ އުޅަނދުތައް ދުއްވާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ ވިސްނުން ގެންގުޅޭކަމަށެވެ. ރައީސްގެ ވާހަކައިގާ އިތުރަށް ވިދާޅުވީ ނިލަންދޫ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ޤާނޫނީ އިމުގެ ތެރެއިން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށާއި އެގޮތުން މިހާރުވެސް ފ. އަތޮޅު ސްޓޭޓްހައުސް ހިމެނޭ ގޯތިން ގެސްޓްހައުސް ހިންގުމަށް އަމިއްލަ ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިން ނިލަންދޫ ރައްޔިތުންނަށް ލިބޭގޮތް ހެދުމަށްޓަކައި ކުރަންހުރި މަސައްކަތްތައް ކުރަމުންގެންދާކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ދެއްވިއެވެ.

ނިލަންދޫގައި ކުރިޔަށް ގެންދަމުންދާ ޕްރޮޖެކްޓުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ނިލަންދޫ ކައުންސިލުން އެމް ޓީ ސީ ސީއާއި ބައްދަލުކުރައްވައިފި.

ފ. ނިލަންދޫގައި ކުރިޔަށްދާ ޕްރޮޖެކްޓުތައް މިހާރަށްވުރެ އަވަސްކުރުމާއި ގުޅޭ ގޮތުން އެމް ޓީ ސީ ސީ އާއެކު މަޝްވަރާ ބައްދަލުވުމެއް 2024 ޖުލައި 19 ވަނަ ދުވަހު ވަނީ  ކުރިޔަށް ގެންދެވިފައެވެ. މި ބައްދަލުވުމުގައި ފ.ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙްމަދު އަދި ނިލަންދޫ ދާއިރާގެ ޢިތްޒަޔްތެރި މެންބަރު ފާތުމަތު ސައުދާ ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ބައްބަލުވުމުގެ ތެރެއިން

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ނިލަންދޫއަށް ކުރި ރަސްމީ ދަތުރުފުޅުގައި ފ.ނިލަންދޫގައި އެއާޕޯޓެއް ތަރައްޤީކުރުމަށްވަނީ ވައުދުވެވަޑައިގެންފައެވެ. އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ ނިލަންދޫގެ ރައްޔިތުންނާއި ގުޅިފައިވާ މުހިންމު ކަމެއް ކަމެއްކަމުގައިވާތީ އެމަސައްކަތް ހަލުވި ދުވެލީގައި ނިންމާ ދެއްވުމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އެދިލައްވާފައިވެއެވެ. އެގޮތުން އެއާޕޯޓު ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް އެމް ޓީ ސީ ސީ އާއި ހަވާލު ކުރެވި އެމަސައްކަތް ބާރު ދުވެލީގައި މިއަދާއި ހަމައަށް ކުރިޔަށްދާކަން އެބައްދަލުވުމުގައި ވަނީ ފާހަގަ ކޮއްފަވެއެވެ. އަދި ހަމަ އެހެންމެ މިބައްދަލުވުމުގައި ފާފު އަތޮޅުގައި އެންމެ ފުރަތަމަ ހުޅުވޭނެ އެއާޕޯޓަކީ ފ. ނިލަންދޫ އެއާޕޯޓުކަމަށް އެމް ޓީ ސީ ސީގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ޔަޤީންކަން ދެއްވާފައެވެ.

އެއާޕޯޓު އެޅުމަށް ބިން ހިއްކާ ސަަރަަހައްދު

 

މީގެ އިތުރުން ޓީ-ޖެޓީ ހެދުމުގެ މަސައްކަތްވެސް އެމް ޓީ ސީ ސީއާއި ހަވާލު ކުރެވި މި މަސައްކަތްވެސް ބާރު ދުވެލީގައި ކުރިޔަށްދާކަން ފާހަގަ ކުރެއްވިއެވެ. ބައްދަލުވުން ނިންމާލަމުން، އެމް ޓީ ސީ ސީގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، މުސްތަގުބަލުގައި ނިލަންދޫއަކީ ތަރައްޤީގެ ރޮނގުން ކުރިއަރައިދާނެ ރަށެއްކަމުގައި ނިލަންދޫ ކައުންސިލްގެ ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

”ނާރެސް“ ޕޯޓަލް އިފްތިތާހުކުރުމުގެ ރަސްމިއްޔާތާއި، ތަމްރީން ޕްރޮގުރާމުގައި މިކައުންސިލުން ބައިވެރިވެއްޖެ

ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ ”ނާރެސް“ ޕޯޓަލް އިފްތިތާހުކޮށްފިއެވެ.

 

މިޕޯޓަލް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދުމުޢިއްޒެވެ. ނާރެސްޕޯޓަލަކީ އެޕޯޓަލް މެދުވެރިކޮށް އައިޑީކާޑް ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެ އެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުންވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ޕޯޓަލެކެވެ. މިރަސްމިއްޔާތުގައި ”އޮޕަރޭޝަން ކުރަނގި“ ފޭސް2 ވެސް ތަޢާރުފުކުރެވިގެން ދިޔައެވެ.“އޮޕަރޭޝަން ކުރަނގި“ ފޭސް 2 އެއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ޙައްލުކުރުމަށް ފެށުނު މަސައްކަތެކެވެ.

 

މިހާރުއައިޑީ ކާޑު ހެދުމަށް އެދި ހުށަހެޅެނީ އޮންލައިން ކޮށެވެ. އެހެންނަމަވެސް އެބަދަލާ އެކު އުމުރުން ދުވަސްވީ ފަރާތްތަކަށް ކާޑު ހެއްދުމުގައި ވަނީއުދަނގޫތަކާ ކުރިމަތިވެފައެވެ. އެފަރާތްތަކަށް ދިމާވެފައިވާ ދަތިކަންފިލުވުމުގެ ގޮތުން މިނިސްޓްރީން ކައުންސިލްތަކާ އެކު ފެށި މަސައްކަތަކީ ނާރެސް ޕޯޓަލް ތައާރަފު ކުރުމެވެ.

 

ނާރެސް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީކާޑުތަކުގެ ސްޓޭޓަސް ބަލާލެވޭނެއެވެ. މާލެ އެކޭ އެއްފަދައިން އައިޑީކާޑު ދޫކުރުމާއި އެޕްލިކޭޝަންތައް ބަލައިގަތުމުގެ ހިދުމަތް ޕޯޓަލްގެ ތެރެއިން ލިބޭނެއެވެ. މީގެ އިތުރުން ކޮންމެ ކައުންސިލަކަށް ދިހަ އިނގިލީގެ ނިޝާން ނަގައި ފިންގަ ޕްރިންޓް ޑިވައިސްތަކެއް ހަވާލު ކުރުމަށް ވަނީ ނިންމާފައެވެ.

 

މީގެއިތުރުން މިނިސްޓްރީން ވަނީ ގާނޫނުތައް ތަންފީޒު ކުރުމަށާއި ކުށްކުރުން މަދުކުރުމުގެ ގޮތުން ރަށްރަށުގައި ހާއްސަ ހަރަކާތްތަކެއް ކައުންސިލުތަކާ ގުޅިގެން ރާވާ ހިންގުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގެ ގޮތުން ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މިނިސްޓްރީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރު އަލީއިހުސާނެވެ. ލޯކަލް ގަވަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީމިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

އާބަން ޕްލޭނިންގް އެންޑް ލޭންޑް ޔޫސް ޕްލޭނިންގެ ތަމްރީނު ޕްރޮގްރާމެއްގައި ކައުންސިލުން ބައިވެރިވެއްޖެ

ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ރޫރަލް ޑިވެލޮޕްމަންޓް އެންޑް ޕަންޗަޔާތީ ރާޖްއާ ގުޅިގެން އިންތިޒާމްކޮށްފައިވާ އާބަން ޕްލޭނިންގް އެންޑް ލޭންޑް ޔޫސް ޕްލޭނިންގ ތަމްރީނު ޕްރޮގްރާމެއްގައި މި ކައުންސިލުން ބައިވެރިވެއްޖެއެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ 21 ޖުލައި 2024 އިން 3 އޮގަސްޓް 2024 އަށް އިންޑިއާގެ ހައިދަރއާބާދުގައެވެ. މި ތަމްރީނު ޕްރޮގްރާމުގައި މި ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ސީނިއަރ ކައުންސިލް އޮފިސަރ އަޙްމަދު ޝަރީފެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ކައުންސިލްތަކުގެ މުވައްޒަފުންނަށް އާބަން ޕްލޭނިންގ އަދި ބިން ބޭނުންކުރުމުގެ ރޭވުންތެރިކަމާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ބޭއްވޭ ޕްރޮގްރާމެކެވެ. މި ތަމްރީނުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންނަށް އެ ދާއިރާއިން އިތުރު ހުނަރާއި ތަޖުރިބާ ލިބި، ރަށްރަށުގެ ތަރައްޤީއަށް މުހިންމު ބިންގަލެއް އެޅިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ކުނިކޮށި ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ނިންމާލައިފި

2024 ޖުލައި 16 ވީ އަންގާރަ ދުވަހު، އަލަށް ހަދައިފައިވާ ކުނިކޮށި ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންގޮސް، ވަނީ ނިންމާލައިފައެވެ. މި މަސައްކަތްކުރުމުގައި އެމް.ޓީ.ސީ.ސީގެ ވަރަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވެއެވެ.

ކުނިކޮށީގައި ބޭނުންކުރާ މެޝިނަރީތައް ސަރުކާރުން ވަނީ  ފޯރުކޮށްދީފައެވެ. މިއީ ސަރުކާރުން ރަށްރަށުގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އަލަށް ހަދައިފައިވާ ކުނިކޮށި އަވަސް މުސްތަޤުބަލެއްގައި ބޭނުންކުރެވިގެންދާނެ ކަމަށް ލަފާކުރެވެއެވެ. ކައުންސިލުން މި މަސައްކަތް ނިންމާލުމަކީ ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކުނިކޮށި ސާފުކޮށް، މީގެ އިތުރުން ކުރަންހުރި ބައެއް ކުދި ކުދި މަސަކަތް ނިމުމާއިއެކު، ރައްޔިތުންނަށް އެ ތަން ބޭނުންކުރެވޭނެ ގޮތް ހަމަޖެހި، ރަށުގެ ކުނި ނައްތާލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ. މި މަސައްކަތުގެ ސަބަބުން ރަށުގެ ވެށި ސާފުތާހިރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ބާއްވައިފި.

މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް އެކަމަށް ހޭލުންތެރިކުރުވުމަށް ޚާއްޞަ ޕްރޮގްރާމެއް 2024 ޖުލައި 18 ގައި ނިލަންދޫގައި ކުރިއަށް ގެންގޮސްފިއެވެ. ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނާއި ފ. އަތޮޅު ހޮސްޕިޓަލާއި ފ. އަތޮޅު ކައުންސިލް އިދާރާއާ އަދި މިއިދާރާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހެލްތް އެންޑް ވެލްބީން ޑިޕާޓްމަންޓުގެ 03 ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓީމަކުން ކުރިއަށް ގެންދިޔަ މިޕޮރޮގްރާމްގައި މަޢުލޫމާތު ދެއްވީ ސައިކޮލޮޖީ ދާއިރާއިން މާސްޓަރސް ޙާޞިލް ކޮށްގެންހުންނެވި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީނިއަރ ސަރޖަންޓް ސާނިގާ ރަޝީދެވެ.

ބައްދަލުވުމުގެ ބައިވެރިން

 

މިރޭގެ ބައްދަލުވުމުގައި ނިލަންދޫކައުންސިލާއި ނިލަންދޫ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން ވަނީ ބައިވެރިވެލައްފާއެވެ. މިރޭގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ  އޮފީސް މާހައުލުގައި ދިމާވާ ކަންބޮޑުވުންތަކާއި ހާސްވާ ހާސްވުންތަކާއި އެކަންކަމުން އަރައިގަތުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.

މިއިދާރާގައި ބާވެފައިވާ ތަކެތީގެ ނީލަންކިޔުން ކުރިއަށް ގެންގޮސްފި.

މިއިދާރާއިން ބާވެގެން ނަގާފައިވާ ތަކެތީގެ ނީލަންކިޔުން 2024 ޖުލައި 13 ވީ ހޮނިހިރު ދުވަހުގެ ހަވީރު 04:30 ގައި ފ. ނިލަންދޫ ވެޔޮދޮށު މައިޒާނާ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ނިލަންދޫ ގޮފީގެ ގޯތި ތެރޭގައި ބާއްވައިފިއެވެ.  އާއްމުންގެ ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ މިނީލަމަކީ މާލިއްޔަތު ޤަވާޢިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްގެން ކުރިއަށް ގެންގޮސްފައިވާ ނީލަމެއްކަން ފާހަގަކުރެވެއެވެ. 112 ބައި ހިމެނޭގޮތަށް އަޅާފައިވާ ބައިތަކުގެ ތެރެއިން 74 ބައެއް ވަނީ ނީލަމުގައި ވިކިފައެވެ. ނީލަމުގައި ހުރި މައިގަނޑު ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކް ސާމާނާއި ފަރުނީޗަރާއި ހިފާ ގެންގުޅޭ ތަކެއްޗާއި ގެދޮރު ޢިމާރާތް ކުރުމަށް ބޭނުންވާ ތަކެތީގެ އިތުރުން މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓް ފަދަ ތަކެތި ހިމެނެއެވެ. ނީލަންކިޔުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންނެވެ. މިމަސައްކަތުގައި ކައުންސިލްގެ ވެރީންނާއި ވޭސްޓް މެނޭޖްމަންޓް ޔުނިޓްގެ މުވައްޒަފުންގެ ފުރިހަމަ އެހީތެރިކަން ލިބިފައިވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. މިދުވަހުގެ ނީލަމުން -/14555 ރުފިޔާ ވަނީ ލިބިފައެވެ. މިއަދުގައި ބޭއްވި ނީލަމުގައި ވިކިފައިނުވާތަކެތި 02 ވަނަ ބުރަށް ނީލަން ކިޔުން 2024 ޖުލައި 23 ވަނަ ދުވަހު ކުރިއަށް ގެންދިޔުމަށް ވަނީ އިޢުލާނުކޮށްފައެވެ.

2024 ޖުލައި 08 ވަނަ ދުވަހު ނިލަންދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރައްވައިފި

މުހިންމު މައުލޫމާތުތަކެއް ރައްޔިތުންނާއި ހިއްސާކޮއްލުމުގެ ބޭނުމުގައި 2024 ޖުުލައި 08 ވަނަދުވަހު ނިލަންދޫ ކައުންސިލުންވަނީ ނިލަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވާފައިވަނީ ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙުމަދު އަދި ކައުންސިލްގެ މެންބަރު އަޙްމަދު ޝިޔާމެވެ. ބައްދަލުވުމުގައި މުހިންމު 5 ކަމެއްގެ މައްޗައް އަލި އަޅުވާލެވިފައިވެއެވެ. އެގޮތުން އެއާޕޯޓު ސަރަހައްދުގައި މަސައްކަތަށް ދަތިވާގޮތަށް މީހުން ގޮސް އުޅޭ ކަމަށް މަސައްކަތް ކުރަމުންދާ ފަރާތުން މައުލޫމާތު ދެއްވާފައިވާތީ އެކަން އެގޮތައް ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރެވުނެވެ. އަދި ހަމައެހެންމެ ރަށުގައި ދަތުރުދާ ސަރަހައްދުގައި އެއާޕޯޓު ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާތީ އެސަރަހައްދުގެ ބަދަލުގައި ރަށުގެ އިރުދެކުނުން 02 ސަރަހައްދެއް ތަރައްގީކުރެވިފައިވާކަމަށް ރައްޔިތުންނަށް މައުލޫމާތު ދެވިފައިވެއެވެ.

މީގެ އިތުުރުން މެންބަރު ޝީޔާމްގެ ވާހަކައިގައި ގޭގޭގައި ކުނި ވަކިނުކޮށް ހުރުމާއި މަގުމަތީގައި ކުނި ބަހައްޓާ މައްސަލައާއި އަދި ބައެއް ގޭބިސީތަކުންނާއި، މިނޫންވެސް ކުންޏަށް ރަޖިސްޓްރީ ކޮއްފައިވާ ބައެއް ތަންތަނުން ކުނީފީ ނުދައްކާކަމަށް މައުލޫމާތުދީ މަހުން މަހަށް ކުނީފީ ދެއްކުމަށް ހަނދާންކޮއްދެވިފައިވެއެވެ. އަދި ހަމައެހެންމެ ގޯތި ކޮމެޓީއަށް އާންމުންގެ ތެރެއިން ނަގަންޖެހޭ 02 މީހުން ނެގުމަށް (15 އޭޕްރީލް 2024) (IUL) 374-C/374/2024/24 ކޮއްވާފައިވާ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތެއް ކުރިމަތިލާފައި ނުވާތީ  އެ  އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރެވިފައިވާކަމަށް މައުލޫމާތު ދެވުނެެވެ. އަދި ރައްޔިތުންގެ ތެރެއިން ކޮމެޓީގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތެއް ހުރިތޯ ބަލައި މިކަމުގައި ރައްޔިތުންގެ އެއްބާރުލުމަށް އެދުނެވެ. ބައްދަލުވުން ނިންމާލަމުން، ކައުންސިލްގެ ފަރާތުން ކުރިޔަށް ގެންދާ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފާރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެގޮތުގައި ދެމިތިބުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ފ. ނިލަންދޫގައި ދަތުރުދިޔުމަށް 2 ސަރަޙައްދެއް ތަރައްޤީކޮށްފި

ފ. ނިލަންދޫ ކައުންސިލްގެ އިސްނެގުމާއި މުވައްޒަފުންގެ ބައިވެރިވުމާއިއެކު، ރައްޔިތުންނަށް ދަތުރުދިޔުމަށް ބޭނުންކުރެވޭނެ ދެ ސަރަޙައްދެއް ތަރައްޤީކޮށް ނިންމާލައިފިއެވެ. މި މަސައްކަތް ނިންމާލާފައިވަނީ 09 ޖުލައި 2024 ވީ އަންގާރަ ދުވަހުއެވެ.

ނިލަންދޫ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މި ދެ ސަރަޙައްދު ތަރައްޤީކުރުމުގެ މަޤްޞަދަކީ ރަށުގެ ރައްޔިތުންނަށް އާއިލާއާއެކު ހިތްހަމަޖެހޭ، އަމާން އަދި އޮމާން މާޙައުލެއްގައި ވަގުތު ހޭދަކުރެވޭނެ ތަނެއް ހެދުމެވެ. އަދި މިއީ ކުރިން ދަތުރުދިޔުމަށް ބޭނުންކުރަމުން އައި ސަރަޙައްދު އެއާޕޯޓް މަޝްރޫޢުގެ ބިން ހިއްކުމަށް މަޝްރޫޢު ކުރިއަށްދާތީ، އެ ސަރަޙައްދު ބޭނުން ނުކުރުމަށް ކައުންސިލުން އަންގާފައިވުމާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ.

ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ދެ ސަރަޙައްދުގައި ރައްޔިތުންނަށް އަރާމުކޮށް އިށީނދެ އުޅެވޭނެ ގޮތަށް ބެންޗުތަކާއި ޖޯލި ބަހައްޓާފައިވާ އިރު، ކުޑަކުދިންނަށް ކުޅެން އެކަށޭގޮތަށް ޖާގަވަނީ ތަރައްޤީ ކުރެވިފައެވެ. އަދި ދަތުރުގޮސް އުޅޭއިރު ބޭނުންކުރުމަށް ފެނަވަޅެއްވެސް ބެހެއްޓިފައިވެއެވެ. އަދި ކުރިއަށް އޮތް މުސަތަޤުބަލުގައި ރޭގަނޑު ވަގުތުތަކުގައިވެސް މި ސަރަޙައްދުތައް ބޭނުންކުރެވޭނެ ގޮތަށް އެކަށީގެންވާ އަލިކަން ލިބޭނެހެން ބައްތިތައް ހަރުކޮށްއަލިކުރުމަށް ކައުންސިލްގެ ވިސްނުންހުރި ކަމަށް، ކައުންސިލް ރައީސް މަޢުލޫމާތު ދެއްވިއެވެ.

މި ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމަށާއި، ތަނަށް އެއްވެސް ގެއްލުމެއް ނުދިނުމަށް ކައުންސިލްގެ ރައީސް ވަނީ އިލްތިމާސް ކުރައްވާފައިވެއެ. އަދި މިއީ  ހުރުހައި ރައްޔިތުންގެ ބޭނުމަށް ތަރައްޤީކޮށްފައިވާ ތަނަކަށްވާތީ، މިތަންތަން ބެލެހެއްޓުމަކީ އެންމެންގެ ޒިންމާއެއްގެ ކަމުގައި ހެދުމަށް ރައީސް ގޮވާލެއްވިއެވެ.

މި ދެ ސަރަޙައްދު ތަރައްޤީކުރުމާ ގުޅިގެން ރަށުގެ ގިނަ ރައްޔިތުން ވަނީ މިސަރަޙައްދުތަށް ބޭނުންކުރަން ފަށައި  ، ކައުންސިލްގެ މި މަސައްކަތަށް ތަޢުރީފުކޮށްފައެވެ. އަދި މިފަދަ ތަންތަން ހެދުމަކީ ރަށުގެ އިޖްތިމާޢީ ގުޅުން ބަދަހިވެ، ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމެއް ކަމުގައި ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ.

 

މުވައްޒަފުންގެ ރީޓްރީޓް ދަތުރު މިފަހަރު ފ. ހިމިތިއަށް

މަސައްކަތު މާޙައުލުން އެކަހެރިވެ މުވައްޒަފުންގެ ގުޅުން ބަދަހިކުރުމަށް މިއަހަރު ކުރި ޕިކުނިކު ދަތުރު ކުރެވިފައިވަނީކުރެވިފައިވަނީ ފ. ހިމިއްޗަށެވެ. ކައުންސިލް މެމްބަރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ މެމްބަރުންނާއި އަދި ކައުންސިލް މުވައްޒަފުން ހިމެނޭހެން ޖުމުލަ 39 މީހުން މިފަހަރުގެ ޕިކުނިކް ދަތުރުގައި ބައިވެރިވެފައިވެއެވެ. އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މުވައްޒަފުންގެ ޕިކުނިކު ދަތުރުގައި އިދާރީ މުވައްޒަފުންނަށް ޚާއްޞަކޮށް ޝެޝަނެއްވެސް ވަނީ ބާއްވާފައެވެ.

ކައުންސިލްގެ 4 ވަނަ ދައުރުގެ މެމްބަރުން ކައުންސިލާއި ޙަވާލުވެ އިދާރީ ހިންގުން ހަރުދަނާކުރުމަށާއި، މުވައްޒަފުންގެ ގުޅުން ބަދަހިކުރުމަށް ކޮންމެ އަހަރުވެސް އިދާރީ މުވައްޒަފުންގެ ތަޖުރިބާ ހޯދުމަށް ތަޖުރިބާ ދަތުރަކު ދިޔުމާއި، ހުރިހާ މުވައްޒަފުން ހިމެނޭހެން ޕިކުނިކް ދަތުރަކު ދިޔުމާއި އަދި މުވައްޒަފުންގެ ޢާއިލާތަކާއެކު ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް މުވައްޒަފުންގެ ޑިނަރ ނައިޓެއް ކޮންމެ އަހަރަކުވެސް ބާއްވައެވެ. އެގޮތުން  މިއަހަރު ކުރި ތަޖުރިބާ ދަތުރު މޭ 15 ން 18 ގެ ނިޔަލަށް ކުރެވުނީ ބޮޑުތިލަދުންމައްޗަށެވެ. އަދި މިއަހަރުގެވެސް ޑިސެންބަރުމަހު މުވައްޒަފުންގެ ޑިނަރ ނައިޓް އެހެން އަހަރުތަކަށްވުރެވެސް ފުރިހަމަކޮށް ގެންދިޔުމަށް މިހާރު ވަނީ މަޝްވަރާތަށް ކުރަން ފަށާފައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016