ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

”ނިލަންދޫ ކައުންސިލް އޯޕަން ޕެރަ ބެޑްމިންޓަން ޗެމްޕިއަންޝިޕް“ގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ބާއްވަނީ

މޯލްޑިވްސް ޕެރަ އޮލިމްޕިކް ކޮމިޓީގެ ފަރާތުން ފ.ނިލަންދޫ ކައުންސިލާއި ބައްދަލުކޮށް 2026 ވަނަ އަހަރު ނިލަންދޫގައި ”ނިލަންދޫ ކައުންސިލް އޯޕަން ޕެރަ ބެޑްމިންޓަން ޗެމްޕިއަންޝިޕް“ ގެ ނަމުގައި މުބާރާތެއް ކުރިއަށް ގެންދިޔުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މިބައްދަލުވުމުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން އެކިއެކި ފިޒިކަލް ޑިސްއެބިލިޓީސްތައް ހުންނަ ފަރާތަކަށް ބައިވެރިވެވޭގޮތަށް ޔުނިފައިޑް ޑަބަލްސް ބެޑްމިންޓަން މުބާރާތެއް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރެވުނެވެ. މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޕެރަ އޮލިމްޕިކް ކޮމިޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު މުޙައްމަދު ބައިވެރިވިއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅޭ އިންޓަނޭޝަލަން ލެވެލްގެ ޕެރަ ބެޑްމިންޓަން މުބާރާތްތަކުގައި ވާދަކުރާ ކުޅުންތެރިން މި މުބާރާތުގައިވެސް ވާދަކުރާނެކަމުގެ މަޢުލޫމާތު ދެއްވިއެވެ.
މިފަދަ މުބާރާތެއް މިރަށުގައި ކުރިއަށް ގެންދަން ހަމަޖައްސާފައިވާއިރު، މިހާރުވެސް މިރަށުގެ ދަރިއެއް ކަމަށްވާ ފ. ނިލަންދޫ ވައިލެޓްމާގެ، ޢަބްދުއްލަޠީފް މުޙައްމަދަކީ އިންޓަނޭޝަނަލް ލެވެލްގައި ރާއްޖެ ތަމްސީލުކޮށް ކާމިޔާބީތައް ހޯދަމުން އަންނަ ފަރާތެކެވެ. އެގޮތުން 2019 ވަނަ އަހަރު ތައިލޭންޑުގެ ބެންކޮކުގައި ކުރިއަށްދިޔަ ސްޕެޝިއަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކްގެ، ޔުނިފައިޑް ބެޑްމިންޓަން ޗެމްޕިއަންޝިޕުގައި ވާދަކޮށް ދިވެހިރާއްޖެއަށް ލޯ މެޑަލް އެއް ހާސިލްކޮށް ދީފައިވާކަން ފާހަގަ ކުރެވެއެވެ. އަދި މީގެ އިތުރުން ޕެރަ އޮލިމްޕިކްސްގައިވެސް ލަޠީފްވަނީ ވާދަކޮށްފައެވެ.

ރަށުގެ 04 ސަރަހައްދެއްގައި ހައިވަކަރު ގަސް އިންދުން

ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ އަމާޒު ހާސިލްކުރުމަށް މިކައުންސިލުން މިދަނީ ގަސްއިންދުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.

އެގޮތުން ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ހައިވަކަރު ގަސްތަކުގެ ތެރެއިން މި ރަށަށް ފޮނުވި 04 ގަސް އިންދުމުގެ މަސައްކަތް 24 ނޮވެމްބަރ 2025 ވަނަ ދުވަހުގެ ހަވީރު މިކައުންސިލުންވަނީ ކުރިއަށް ގެންގޮއްސައެވެ. މި ގަސްތައް ރަށުގެ 04 ސަރަހައްދެއްގައިވަނީ އިންދާފައެވެ. މި ސަރަހައްދުތަކަކީ

  1. ސަލާމް މިސްކިތުގެ ގޯތި
  2. ތަޙާލުފި މިސްކިތުގެ ގޯތި
  3. ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތި
  4. ފ. ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރގެ ގޯތި

ހައިވަކަރު ގަހަކީ ދިވެހި ސަގާފަތުގެ މުހިންމު ބައެއްގެ ގޮތުގައި ތާރީހުން ހެކި ފެންނަން ހުރި ގަހެކެވެ. ދިވެހިންގެ އަތްތެރި މަސައްކަތުގެ އެންމެ ފުރިހަމަ ނިޝާން ފެންނަން އޮތީ މި ހައިވަކަރު ގަހުގެ ލަކުޑީގަ އެވެ. އަދި މިގަހަކީ ހިޔާ ބޮޑުކޮށް ލިބޭ ބިޔަކޮށް ހެދޭ ގަހެކެވެ.

ފުޓްްބޯޅަ އަދި ފުޓްސަލް ރެފްރީ ތަމްރީނުކުރުމުގެ ކޯހެއް ކުރިއަށް ގެންދިއުން

ފ. ނިލަންދޫ ކައުންސިލް، މޯލްޑިވްސް ނެޝަނަލް އިންސްޓިއުޓް އޮފް ސްޕޯޓްސް އަދި ފުޓުބޯޅަ އެޝޯސިއޭޝަން އޮފް މޯލްޑިވްސް  ގުޅިގެން ފ. ނިލަންދޫގައި ފުޓުބޯޅަ އަދި ފުޓްސަލް ރެފްރީން ތަމްރީނުކުރުމުގެ ކޯހެއް ކުރިއަށް ގެންގޮއްސިއެވެ. 10 ދުވަހުގެ މުއްދަތައް ކުރިއަށް ދިޔަ މި ކޯސް ކުރިއަށް ދިޔައީ 2025ވަނަ އަހަރުގެ ނޮވެމްބަރ 10 އަކުން 19އަށް ފ. ނިލަންދޫ ގޮމަވަތި ހޯލުގައެވެ.

24 ބައިވެރިންނާއިއެކު ކުރިއަށް ދިޔަ މިކޯހުގައި ފ.ނިލަންދޫގެ އިތުރުން ފ.ދަރަބޫދޫ، ފ.ފީއަލީ، ތ.ދިޔަމިގިލި،  ގދ.ތިނަދޫ، ދ.މީދޫ އަދި މީގެ އިތުރުން ތ.ގުރައިދޫއިން ވެސް ބައިވެރިން ބައިވެރިވިކަން ފާހަގަ ކުރެވެއެވެ. މިކޯހުގައި ކިޔަވާދެއްވީ އިންސްޓްރަކްޓަރ މުޙައްމަދު އަނީލް އަދި އިސްމާއީލް އިޒްހާން އެވެ.

ފ.ނިލަންދޫ ކައުންސިލުން ރަށުގައި ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދިނުމަށް މިކަހަލަ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ރަށުގައި ކުރިއަށްގެންދިޔުމަށް ވަރަށް ބޮޑު އިސްކަމެއެދެއެވެ. އެގޮތުން މިދިޔަ އޮކްޓޯބަރ މަހުތެރޭގައިވެސް ވަނީ ހޭންޑްބޯލް ކޯޗިން ކޭމްޕެއް ކުރިއަށް ގެންގޮއްސައެވެ.

“ މާކެޓިންގް އަދި ބްރޭންޑިންގް “ ތަމްރީނު ޕްރޮގްރާމް ނިލަންދޫގައި ކުރިއަށް ގެންގޮސްފި.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި، މޯލްޑްވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގް އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ގުޅިގެން ރާއްޖޭގެ ބައެއް މަސްވެރި ރަށްރަށުގައި ހިންގުމަށް ރޭވިފައިވާ “ މާކެޓިންގް އަދި ބްރޭންޑިންގް “ 2025 ނޮވެންބަރު 14 ން 15 ގެ ނިޔަލަށް ފ.ނިލަންދޫގައި ކުރިއަށް ގެންގޮސްފިއެވެ.

މަހުން އެކި ބާވަތްތަށް ތައްޔާރުކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މިތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އުފެއްދުންތެރިންނަށް މާކެޓިންގް އާއި ވިޔަފާރީގެ ރޮނގުން މިހާރު އެފަރާތްތަކަށް މަދުވެފައިވާ ހުނަރުތަށް ދަސްކޮށްދިނުމާއި، އެފަރާތްތަކުގެ އުފެއްދުންތަށް މާކެޓަށް ނެރުމުގައި ބްރޭންޑްކޮށް، އެންމެ ފައިދާ ހުރި ގޮތުގައި ބޭނުންކުރާނެގޮތް ދަސްކޮށް ދިނުމެވެ.

”މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025“ ގައި މިކައުންސިލުން ބައިވެރިވެއްޖެ.

ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީ ކުރުމަށްޓަކައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ދަނީ

ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރަނގަޅު ގޮތުގައި ކުނި މެނޭޖުކުރުމާއި އެމަސައްކަތް ކުރާނެ ގޮތާއި އަދި އެހެނިހެން ކުނި މެނޭޖުކުރުމާއި ގުޅޭ މައްސަލަތަކާއި ގުޅޭގޮތުން ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައި ވަރލްޑް ބޭންކްގެ ހިލޭ އެހީގައި މިނިސްޓްރީން

ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް ގެ ދަށުން ލ.ގަމުގައި 2025 ގެ ނޮވެމްބަރު 24 އިން 26 އަށް ބޭއްވުނު ”މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025“  ގައި މިކައުންސިލްގެ ކައުންސިލް އޮފިސަރ ސީމާ އިބްރާހިމް ބައިވެރި ވެއްޖެއެވެ.

މި މަހާސިންތާގައި ކުނިމެނޭޖްކުރުމުގެ ޤާނޫނީ އޮނިގަނޑަށް ބައިވެރިން އަހުލުވެރިކުރުމާއި، ކުންޏާއި ވަޞީލަތްތަށް މެނޭޖްކުރުމުގެ މާސްޓަރ ޕަލޭން ބައިވެރިންނާއި ޙިއްސާކުރުމާއި، ކުންޏާއި ވަޞީލަތްތަށް މެނޭޖްކުރުމުގައި ދިމާވާ ގޮންޖެހުންތަށް ދެނެގަނެ ގެނެވިދާނެ ޙައްލުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވެއެވެ.

ކުނިމެނޭޖު ކުރުމުގެ މަސައްކަތަކީ މިކައުންސިލުން ވަރަށް އިސްކަމެއްދީގެން، މީގައި ގިން މުވައްޒަފުންތަކެއް ޝާމިލް ކުރުވައިގެން ކުރުވާ މުޙިއްމު ބުރަ މަސައްކަތެކެވެ.

ޚާއްސަ އެހީއަށް ބޭނުންވާ، ވަޒީފާ އަދާކުރަން ޝައުގުވެރިވާ ފަރާތްތަކަށް، ދައުލަތުގެ ތެރެއިން ވަޒީފާ ޔަގީންކޮށް ދިނުން

ޚާއްސަ އެހީއަށް ބޭނުންވާ، ވަޒީފާ އަދާކުރަން ޝައުގުވެރިވާ ފަރާތްތަކަށް، ދައުލަތުގެ ތެރެއިން ވަޒީފާ ޔަގީންކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަރަށް މުޙިއްމު ވަޢުދުފުޅެކެވެ.

މިގޮތުން ފ. ނިލަންދޫ ކައުންސިލް އިދާރާގެ ކައުންސިލް އެސިސްޓެންޓަކަށް ފ.ނިލަންދޫ ބުލްބުލާގޭ ޙަލީމާ ޢަބްދުއްރަޙްމާނު މި ކައުންސިލުންވަނީ 26 ނޮވެންބަރު 2025ވަނަ ދުވަހު ހަމަޖައްސާފައެވެ.

މުޖްތަމައުގެ ހަވާސާވެފައިވާ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާއްތަކަށް މުޖްތަމައުގައި އެހެން މީހުންނެކޭ އެއްފަދައިން އުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އަދުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ.

މި ކައުންސިލްއަކީ ކުރިންވެސް ރަށުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށް ވަޒީފާތައް އުފައްދައި ވަޒީފާ ދީފައިވާ ކައުންސިލެކެވެ. މި ގޮތުން މިހާރުވެސް ޚާއްސަ އެހީއަށް ބޭނުންވާ 03 ފަރާތެއް މި ކައުންސިލްގެ ވޭސްޓް ޑިޕާޓްމެންޓްގައި މަސައްކަތް ކުރަމުންދެއެވެ.

ފ.ނިލަންދޫ ވެވު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށް ފ.ނިލަންދޫ ޑޭލައިޓް ކުލަބާއި ޙަވާލުކޮށްފި.

ގިނަދުވަސްވީ އާސާރީ ތަނެއްގެގޮތުގައި މިހާރުވެސް ހިމާޔަތްކޮށްފައި އޮންނަ ފ.ނިލަންދޫ ވެވު އިތުރަށް ތަރައްޤީ ކުރުމަށް ފ.ނިލަންދޫ ކައުންސިލުން، ފ.ނިލަންދޫ ޑޭލައިޓްކުލަބާއި ޙަވާލުކޮށްފިއެވެ. މިމަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2025 ނޮވެންބަރު 26 ވަނަ ދުވަހު ފ.ނިލަންދު ކައުންސިލް އިދާރާގައެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ޑޭލައިޓް ކުލަބުގެ ރައީސް ޢަބްދުއްރައްޒާޤު ޙުސައިން

މިމަޝްރޫޢުގެ މަޤްޞަދަކީ މޫސުމީ ރައްކާތެރިކަން ލިބޭ، އަދި މިސްކިތުގެ ތާރީޚީ ސިފަ ދަމަހައްޓާ ޒާމާނީ ފުރާޅެއް ލައި ވެވު ހިޔާކުރުމެވެ.

2025 ވަނައަހަރު ނިމުމުކުރިން ނިންމުމަށް ޙަވާލުކޮށްފައިވާ މިމަސައްކަތަކީ ޘަޤާފީ ތަރިކަ ދިރުވާ ޢާލާކުރުމަށް ކައުންސިލުން އިސްކަންދޭ މިނަވަރު ފެނިގެންދާ މަސައްކަތެކެވެ. އަދި މިކުމގެ ސަބަބުން މުޅިރަށަށް އެތަކެއް މަންފާއެއް ލިބޭދޭނެކަމެއް ވެސްމެއެވެ.

“ އަޕްސްކިލިންގް ހިއުމަން ރިސޯސަސް: އެޗް.އާރު ޕްރޮފެޝަނަލްސް އެންޑް އިންޑަކްޝަން މެންޓަރ “ ޓްރެއިނިންގް ގައި މިކައުންސިލުން ބައިވެރިވެއްޖެ

2025 ވަނައަހަރު ސިވިލް ސާރވިސް ޓްރެއިނިނގް އިންސްޓިޓިއުޓް އިން 2025 ސެޕްޓެންބަރ 28 ން 2025 އޮކްޓޫބަރު 02 ވަނަދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ކަނޑައަޅައިފައިވާ “ އަޕްސްކިލިންގް ހިއުމަން ރިސޯސަސް: އެޗް.އާރު ޕްރޮފެޝަނަލްސް އެންޑް އިންޑަކްޝަން މެންޓަރ “ ޓްރެއިނިންގް ގައި މިކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ ވަޖީޙާ ޢަބްދުއްނާޞިރު ބައިވެރިވެއްޖެއެވެ.

މި ޓްރެއިނިންގް ގައި ސިވިލް ސާރވިސް މުވައްޒަފުންގެ ޤާނޫނާއި ، ޤަވައިދުތަކަށް އަހުލުވެރި ކުރުމާއި، މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިސަލް ފުރުމުގެ މުޙިންމުކަމާއި ގުޅޭ ގޮތުން އަދި 2025 ނޮވެންބަރ 01 ވަނަ ދުވަހުން ފެށިގެން އަމަލި ކުރުމަށް ހަމަޖެހިފައިވާ “ ދައުލަތުގެ ޕޭ ފްރޭމް ވާރކް “ އާއި ބެހޭ މަޢުލޫމާތު ވަނީ ދެއްވާފައެވެ.

މިޓްރެއިނިނގް ގައި ފިނޭންސް މިނިސްޓްރީގެ ޕޭކޮމިޝަން އަދި އެލް.ޖީ.އޭގެ ގެ ފަރާތުންވެސް ވަނީ ސެޝަންތަކެއް ނަގާދީފައެވެ.

1447 ވަނައަހަރުގެ ނިލަންދޫތަރިއަށް ހިލޭ އުމްރާ ދަތުރެއް!

ޠަވައްކަލްތު ޙައްޖު އެންޑް އުމްރަ ގްރޫޕްގެ ފަރާތުން 2025 އޮކްޓޫބަރު 10 ގައި ނިލަންދޫއަށް ވަޑައިގެން، ނިލަންދޫ ކައުންސިލާ ބައްދަލުކޮށްފިއެވެ. މިބައްދަލުކުރެއްވުން އޮތީ 2025 އޮކްޓޫބަރު 10 ވަނަ ދުވަހުގެ ހެނދުނު 09:00 ގައި ނިލަންދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމްގައެވެ. މިބައްދަލުވުމުގައި، މި ގްރޫޕުގެ ފަރާތުން ދޭ ޚިދުމަތް ތަކާބޭހޭ މަޢުލޫމާތު ނިލަންދޫ ކައުންސިލާވަނީ ޙިއްސާ ކޮށްފައެވެ. އަދި ކުރިއަށްއޮތް ތާނގައި ދީނީ އެކި އެކި ޕްރޮގްރާމްތަށް ހިންގުމަށް ކައުންސިލަށް އެކި ގޮތްގޮތުން އެހީ ތެރިވެދެއްވާނެކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް ޠަވައްކަލްތު ޙައްޖު އެންޑް އުމްރަ ގްރޫޕްގެ ފަރާތުން ވަނީ ދެއްވާފައެވެ. ވަކިން ޚާއްސަކޮށް ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ނިލަންދޫ ތަރި ޤްރުޢާން މުބާރާތުގެ 01 ވަނަ އަށް އުމްރާ ދަތުރެއް ދެއްވާނެކަމަށް މި ގުރޫޕުގެ ފަރާތުން އައްޝައިޚް އަޙްމަދު ޢަބްދުލް ކަރީމް ވަނީ ވިދާޅުވެފައެވެ. ނިލަންދޫ ތަރި ޤްރުޢާން މުބާރާތަކީ ނިލަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ ކައުންސިލުން އެންމެ އިސްކަމެއް އަދި މުޙިންމުކަމެއް ދީގެން ކުރިއަށް ގެންދާ ހަރަކާތެވެ. އަހަރަކަށްވެރެ އަހަރެއް ފެންވަރު ރަނގަޅަށް ކުރިއަށް ގެންދާ މި މުބާރަތުގެ ފަޚްރުވެރި ނިލަންދޫ ތަރިއަށް މިފަދަ އަގުހުރި އިނާމެއް ހުށަހެޅުމަކީ މުބާރާތުގެ ފެންވަރު އިތުރަށް ފުރިހަމަވާނެ ކަމެއް ކަމުގައި ކައުންސިލުން ފާހަގަ ކުރިއެވެ. މީގެ އިތުރުން މި ގްރޫޕުގެ ފަރާތުން ނިލަންދޫއިން އުމްރާގެ އަޅުކަމަށް ދާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓް ރޭޓުތަކެއް ހެދުމުގެ ވިސްނުން ގްރޫޕުގެ ފަރާތުން ގެންގުޅޭކަމީ، މިކަމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ލުއިތަކެއް ލިބިގެންދާނެ އަދި މިކައުންސިލުން މަރުޙަބާ ކިޔާ ކަމެއްކަމުގައި ކައުންސިލްގެ ރައީސް އަލީ އަޙްމަދު ފާހަގަކުރެއްވިއެވެ.

ދީނީ ދަރުސް – ”މަރުގެ ހަޤީގަތް ”

2025 އޮކްޓޫބަރު 09 ވަނަ ދުވަހުގެ އިޝާ ނަމާދަށްފަހުގައި ފ.ނިލަންދޫ ތަހާލުފި މިސްކިތުގައި ދީނީ ދަރުސް ޕްރޮގްރަމެއްވަނީ ކުރިޔަށް ގެންދެވިފައެވެ. މި ދަރުސް ދެއްވާފައިވަނީ އައްޝައިޚް އަޙްމަދު ޢަބްދުލްކަރީމެވެ. އަދި  ދަރުސް ދެއްވާފައިވަނީ ”މަރުގެ ހަޤީގަތް“ މި މައުޟޫއަށެވެ.

މިފަދަ ޕްރޮގަރާމްތަށް ކުރިޔަށް ގެންދިޔުމަކީ ނިލަންދޫ ކައުންސިލުން ވަރަށް އިސްކަމެއް ދީގެން ކުރަމުންގެންދާ ކަމެކެވެ. އެގޮތުން މިފަދަ ޕްރޮގްރާމްތަށް ހިންގުމުގެ މައިގަނޑު މަޤަސަދަކީ އާއްމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދިނާއި މެދު ރައްޔިތުންގެ ހިތްތަކުގައި ލޯބި އުފެއްދުމާއި އަދި ހަމަ އެހެންމެ ދީނީ ސައްޙަ މައުލޫމަތު ފޯރުކޮއްދިނުމެވެ.  ކުރިޔަށް އޮތްތާގައިވެސް މިފަދަ ޕްރޮގްރާމްތަށް ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016