ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

މަސްފެކްޓަރީ އެޅުމަށް ނިންމި ބިމުގައިހުރި މަސްކައްކާ ބިންތައް އެހެން ސަރަހައްދަކަށް

ފ.ނިލަންދޫގައި އެޅުމަށް ސަރުކާރުން ނިންމާފައިވާ މަސް ފެކްޓަރީއާ ގުޅިގެން މިނިސްޓްރީގެ ޓީމަކުން ނިލަންދޫއަށް ވަޑައިގެން އެމަޝްރޫޢު ކުރިއަށް ގެންދާނެ ސަރަހައްދެއް ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ”ކުޑަރަށް“ ހިމެނޭހެން މަސްކައްކާ ސަރަހައްދުން 7 ހެކްޓަރުގެ ބިނ، މަސްފެކްޓަރީ އެޅުމަށްވަނީ ފާހަގަކުރައްވާފައެވެ. އަދި އެސަރަހައްދުގައި ހުރި އާންމު ފަރާތްތަކުގެ ގުދަންތަކާއި މަސްކައްކާ ބިންތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމަށް މިނިސްޓްރީއިން ވަނީ އެދިލައްވާފައެވެ.

މި މަސައްކަތުގެ ތެރެއިން ރަށުގައި މަސްކެއްކުމުގެ މަސައްކަތް ކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވައި މި މައުލޫމާތު ވަނީ ހިއްސާ ކުރެވިފައެވެ. މި ބައްދަލުކުރެއްވުމުގައި މަސްކެއްކުމުގެ މަސައްކަތުގައި އުޅުއްވާ 05 ފަރާތުންވެސް ވަނީ ބައިވެރިވެލައްވާފައެވެ. ބައިވެރިންނާ ވާހަކަދައްކަވަމުން މަސް ފެކްޓްރީގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަށް ފެށޭނެހެން ކަންކަން ތަރުތީބު ކުރެއްވުމުގެ ވިސްނުން ހުރި ކަމަށާއި އެމަސައްކަތް ފަށާނީ މަސްކެއްކުމުގައި މަސައްކަތް މިހާރު ކުރައްވަމުންދާ ފަރާތްތަކަށް އަދުލުވެރި ބަދަލެއް ދެއްވާފައިކަމަށް ކައުންސިލް މެމްބަރ އަޙްމަދު ސިޔާމް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި މެމްބަރު އިތުރަށް ވިދާޅުވީ، ބަދަލު ދިނުމުގައި ދެވިސްނުމެއް ގެންގުޅުއްވާ ކަމަށާއި، އެއްގޮތަކީ މިހާރު މަސްކެއްކުމަށް ބޭނުންކުރަމުންދާ ތަންތަން އަގުމަގު ކުރުމަށްފަހު ފައިސާއިން ބަދަލުދިނުން ކަމަށެވެ. އަނެއް ގޮތަކީ، އަލަށް މަސްކެއްކުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ބިމުގައި އެމަސައްކަތް ކުރެވޭނެ ފެންވަރަށް، ރަނގަޅު ބަދިގެއާއި، ދަރު ރައްކާކުރާނެ ތަނަކާއެކު  ވަށާ އިންފާރު ލެވިގެން މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރާނެ ތަނެއް ކައުންސިލުން ތައްޔާރު ކުރުމަށްފަހު މަސްކައްކާ ފަރާތްތަކާ ހާވާލުކުރުން ކަމަށެވެ. މިދެގޮތުން، މަސައްކަތް އަވަސްވެފައި، ދައުލަތަށާއި މަސްކައްކާ ފަރާތްތަކަށްވެސް އެންމެ ރަނގަޅު ގޮތަކީ ދެވަނަ ގޮތްކަން ފާހަގަކުރައްވައި ސިޔާމް އިތުރަށް ވިދާޅުވީ އެންމެ ރަނގަޅު ގޮތުގައި މިކަން ކުރިއަށް ގެންދެވޭނީ ދެފަރާތްވެސް ގުޅިގެން ކަމަށެވެ.

ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން ވާހަކަ ދައްކަވަމުން، ކައުންސިލްގެ ފަރާތުން މިހާތަނަށްވެސް މަސްކެއްކުމުގެ މަސައްކަތް ކުރައްވާ ފަރާތްތަކާމެދު ކަންކަން ކުރައްވާފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ކައުންސިލުން ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި ދެރަގޮތެއް ނަހައްދާވާނެކަމުގެ ޔަގީންކަން އޮތްކަމަށް އެބޭފުޅުން ވިދާޅުވިއެވެ. މަސްކައްކާ ސަރަހައްދު ބަދަލު ކުރުމާގުޅޭގޮތުން ހުށައެޅުނު ދެ ޚިޔާލުގެ ތެރެއިން ތާޢީދު ކުރައްވަނީ ކޮންގޮތަކަށްތޯ ސުވާލުކުރެއްވުމުން 02 ގޮތުން ކުރެއް ކޮންމެ ގޮތެއްވެސް ރަނގަޅު ކަމަށާއި ކައުންސިލުން ނިންމާ ގޮތަކަށް އެބޭފުޅުން ތާޢީދު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މަސްފެކްޓަރީގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަށް ފެށޭނެ ދުވަހެއް ދެކެން ބޭނުންވާކަމަށް އެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

ފ.ނިލަންދޫގެ ޓީމެއް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރާ ބައްދަލުކުރައްވައިފި

 

ފ.ނިލަންދޫ ކައުންސިލްގެ ރައީސާއި އެރަށުގެ ބޭފުޅުންނާ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އެ ރަށުގައި ޤާއިމުކުރުމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ މަސްފެކްޓަރީގެ އެންމެ ފަހުގެ މަޢުލޫމާތު މިނިސްޓްރީގެ ފަރާތުންވަނީ ޙިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މި މަޝްރޫއުގެ ސަބަބުން މި ސަަރަޙައްދަށް އިޤްތިޞާދީ ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ކައުންސިލްގެ ރައީސް އަލީ އަޙްމަދު ވިދާޅުވިއެވެ. އަދި މި މަޝްރޫޢަކީ ރަށާއި ދާއިރާއާއި މުޅި ސަރަޙައްދުގެ ތަރައްޤީއަށް ވަރަށް މުހިންމު މަޝްރޫއެއްކަމަށާއި މިކަމަށް ނިލަންދޫ ކައުންސިލާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފ. ނިލަންދޫގައި މަސް ޕްރޮސެސްކުރާ ފެކްޓަރީ އާއި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމަށް ނިންމައި، ސަރުކާރުން އެކަން ނިލަންދޫ ކައުންސިލަށް ރަސްމީކޮށް އަންގާފައިވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދާނެ ސަރަޙައްދަކާ ގުޅޭގޮތުންނާއި މަޝްރޫޢާ ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ހިއްސާކުރެއްވުމަށް ނިމިދިޔަ ހަފްތާގައި މިނިސްޓްރީގެ ޓީމެއް ނިލަންދޫއަށް ވަޑައިގަންނަވާފައިވެއެވެ. އަދި މަސްފެކްޓަރީ ގާއިމްކުރުުމަށް ގާތްގަނޑަކަށް 7 ހެކްޓަރުގެ ސަރަހައްދެއްވަނީ ފާހަގަކުރައްވާފައެވެ.

މިހާރުވެސް މި ސަރަހައްދުގައި މަސް ކިރާ ނިސްބަތަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް މަސް ކިރަމުންދަނީ ފ.ނިލަންދޫއަށްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

 

އާބާތުރަފިލުވުމުގެ ތެރެއިން ކުލަލުމާއެކު ތަހާލުފި މިސްކިތުގައި ނެވިލިއޯން އަޅަނީ – ކައުންސިލްގެ ރައީސް

ރަށުގައި ހުރި މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މަސްޖިދުއް ތަޙާލުފީގެ ސީލިންގުގައި ކުލަލުމާއި، މިސްކިތުގެ ނެވިލިއޯން ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި، ނިމިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު މިސްކިތް ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ. އަންނަމަހުގެ 02ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާއިރު މިހާރު ކުލަލުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ މިސްކިތުގައި ނެވިލިއޯން އެޅުމުގެ މަސައްކަތެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ ފ.އަތޮޅު ހޮސްޕިޓަލާއި ފ. އަތޮޅު ކައުންސިލްގެ އިތުރުން ނިލަންދޫ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންގެ އިތުރުން އާންމު ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ.

ރަށުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން، މިސްކިތްތަކުގެ ބޭރު އިންފާރާއެކު ކުލަ ބަދަލުކޮށްފައިވާއިރު، ހަލާކުވުމާއި ބާވުމުގެ ސަބަބުން ބަދަލު ކުރަންހުރި ބައެއް ފަންކާއާއި ލައިޓުތައް ވަނީ ބަދަލުކޮށްފައެވެ.

ރަށުގެ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި ހުރިހައި އިދާރާއަކުންވެސް ބައިވެރިވެ އެއްބާރުލުން ދެއްވާފައިވެއެވެ. އަދި ޒުވާނުންގެ ތެރެއިން ހެޔޮއެދޭ ފަރާތްތަކަކުން އިސްނަންގަވައި، މަސްޖިދުއްސަލާމުގެ ގޯތިތެރޭގައި ވަނީ ގާ ޖަހައި ވޯކްވޭ ހަދާފައެވެ.

މި ހަފްތާ ހުކުރު ކުރީ ޒުވާން ޚަތީބު، އަބްސަމް.

އޯލެވަލް އަދި އޭލެވަލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން ނިންމާ ތަމްރީން ކުރި ޒުވާނުންގެ ތެރެއިން ފ.ނިލަންދޫއިން މި ޕްރޮގްރާމް ފުރިހަމަކުރި، ފ.ނިލަންދޫ ސީނިޔާ ވިލާ އަބްސަމް އަބްދުލްޤާދިރު އިމާމުވެ ހުކުރު ނަމާދު ކޮށްފި އެވެ. އަބްސަމް އިމާމުވެ ހުކުރު ނަމާދު ކުރީ ނިމިދިޔަ ހުކުރު ދުވަހު، މަސްޖިދުއް ތަޙާލުފީގައެވެ.

އޯލެވަލް އަދި އޭލެވަލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން ނިންމާ އެކަމަށް ކުރިމަތިލުމަށް އިސްލާމިކް މިނިސްޓްރީން މިދިޔަ ޑިސެމްބަރު 10 ވަނަ ދުވަހު ހުޅުވާލި ފުރުސަތު ހަމަވިއިރު 160 ޒުވާނުން ކުރިމަތިލި އެވެ. އެގޮތުން ކުރިމަތިލި ޒުވާނުންނާ އިންޓަވިއު ކުރުމަށްފަހު ހޮވާލެވުނު ބައެއް ކުދިން ތަމްރީންކޮށްފައިވެ އެވެ. އަދި މިއަދު ހުކުރު ކުރި އަބްސަމްއަށް މިހާރު ވަނީ ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމުގެ ހުއްދަ ވެސް ދީފަ އެވެ.

ޒުވާން ޚަތީބުން ތަމްރީނުކުރުމަށް އިސްލާމިކް މިނިސްޓްރީ ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ފ.ނިލަންދޫއިން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކުރި ހަމައެކަނި ފަރާތަކީވެސް އަބްސަމްއެވެ. އަބްސަމް އަކީ މިވަގުތު ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10ގައި ތަޢުލީމު ހާސިލު ކުރަމުންދާ ކުއްޖެކެވެ.

ރޭމްޕަކާއެކު ބަނދަރުގެ ބޭރު ތޮށި 50 ފޫޓު ބޭރަށް.

ނިލަންދޫގައި މިހާރު ބޭނުންކުރަމުންދާ އިރުމަތީ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ނިމިދިޔަ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއެއް ވަނީ ފަށާފައެވެ. ވެރިކަން ބަދަލުވުމާއެކު ބަނދަރުގެ މަސައްކަތް ކުޑަދުވަސްކޮޅަކު މަޑުޖެހިފައި އޮތުމަށްފަހު އަނެއްކާވެސް ބާރު ސްޕީޑުގައި ބަނދަރުގެ މަސައްކަތް މިހާރު ކުރިއަށް ދެއެވެ. މިގޮތުން ބަނދަރަށް އަލަށް އިތުރުކުރެވޭ ބައިގެ ޓީ-ޖެޓީއާއި އެއްގަމު ތޮށީގެ ޝީޓް ޕައިލްކުރުން ނިންމާލެވިފައިވާއިރު މި މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އަލަށް ހަދާ ރޭމްޕްގެ މަސައްކަތްތަކެވެ.

ބަދަރަށް އިތުރުކުރެވޭ ބައިގައި ހެދުމަށް ނިންމާފައިވާ ރޭމްޕު، މިހާރުވަނީ ބޭނުންކުރާ ބަނދަރުގެ، މަސްމާރުކޭޓާދިމާގައި ހެދުމަށް ނިންމާފައެވެ. އެގޮތުން މިހާރު ބޭނުންކުރަމުންދާ ބަނދަރުގެ ބޭރު ތޮށި 50 ފޫޓަށް ބޭރަށް ޖެއްސުމަށްފަހު މަސްމާރުކޭޓާ ވީ ފަރާތުގައި އަޅާ މި ރޭމްޕްގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ،

މި މަސައްކަތް ނިމުމުން ބަނދަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ހައްލުވެގެންދާނެއެވެ.

ސީ.ޓީ.އެމްއާއި ނިލަންދޫ ކައުންސިލް ގުޅިގެން މެޑިކަލް ކޭމްޕެއް ފަށައިފި.

ސެންޓަރ ފޮރ ޓެރެޑިޝަނަލް މެޑިސިންއާއި ނިލަންދޫ ކައުންސިލް ގުޅިގެން މި ރަށުގައި މެޑިކަލް ކޭމްޕެއް ފަށައިފިއެވެ. މި ކޭމްޕު ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ 23 އޭޕްރީލުން 02 މެއި ގެ ނިޔަލަށެވެ. މިކޭޕްމުގައި ފަރުވާ ދެވޭ ބަލިތަކުގެ ތެރޭގައި ނާރުގެ ބަލިތަކާއި، ރާއްޖެބައްޔާއި، ކަށިގެ ބަލިތަކާއި، ގޭސްޓްރިކް މައްސަލަތަކާއި ނޭވާލާ ނިޒާމުގެ މައްސަލަތަކާއި ހަމުގެ ބަލީގެ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުންވެސް ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި އަންހެނުންގެ ޚާއްޞަ ބަލިތަކާއި ލޮލާއި، ކަރުތެރޭގެ ބަލިތައް ހިމެނެއެވެ. މި ޓިމުގައި އިސްކޮށް ހަރަކާތްތެރިވެލައްވަނީ ސީނިއާރ ޓްރެޑިޝަނަލް އެންޑް ކޮމްޕްލިމެންޓަރީ މެޑިސިން ޕްރެކްޓިޝަނަރ މުޙައްމަދު އަހްމަދެވެ. ރަށުގައި ތިއްބަވައިގެން ގިނަ ބަލިތަކަކަށް ދިވެހި ބޭހުގެ ފަރުވާ ހޯދުމަށް ހުޅުވާލެވިފައިވާ މި ފުރުޞަތުގައި %10 އާއި %15 އާ ދެމެދުގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.

ޑޭލައިޓް ގެސްޓްހައުސް، ރިލެކްސް އިންގައި ކުރިއަށް ގެންދާ މި މެޑިކަލް ކޭޕްގައި ދިވެހި ބޭހުގެ ފަރުވާ ހޯއްދެވުމަށް އެޕޮއިންޓްމެންޓު ހެއްދެވުމަށް ގުޅުއްވާނީ، 7571170 ، 9751170 އަދި 3321170 މި ނަންބަރުތަކަށެވެ.

މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކުރުމަށް ޙަފްލާއެއް ބާއްވައިފި.

ނިމިގެންދިޔަ ރޯދަމަހަށް ތައްޔާރުވުމުން ފެށިގެންގޮސް، ފިތުރުޢީދާއި، ރައީސުލް ޖުމްހޫރިއްޔާގެ ދަތުރުފުޅާ ގުޅިގެން ވާންޖެހުނު ތައްޔާރީތަކުގައި ނިލަންދޫ ކައުންސިލްގެ މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޙަފްލާއެއް ބާއްވައިފިއެވެ.

ރޭގަނޑުގެ ފަރިއްކޮޅަކާއެކު، ގޮމަވަތީގައި ކުރިއަށްދިޔަ މި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދެވެ. ރައީސްގެ ވާހަކަފުޅުގައި، ކައުންސިލުން ކުރިއަށް ގެންދާ ކޮންމެ ހަރަކާތެއްވެސް ކާޟިޔާބު ކަމާއެކު ކުރިއަށް ގެންގޮސްދެއްވުމުގައި ކައުންސިލްގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް ކޮށްދެއްވާކަން ފާހަގަކުރެއްވިއެވެ. ވަކީން ޚާއްޞަކޮށް ރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމުގައި ކައުންސިލްގެ މުވައްޒަފުންގެ ފަރާތުން ނަމޫނާ މަސައްކަތްތަކެއް ފެނިގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކައުންސިލްގެ ހުރިހައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ކައުންސިލްގެ މުވައްޒަފުންނަކީ ނަމޫނާ ބައެއްގެ ގޮތުގައި ފެނިގެންދާނެކަމާމެދު ޝައްކު ނުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މުވައްޒަފުން ގޮވައިގެން، އެއްވެސް ވަރުބަލިކަމެއް ނެތި ކަންކަން ތަރުތީބުކުރެއްވުމުގައި އިދާރީ ވެރިން ކުރައްވާ ބުރަ މަސައްކަތަށްވެސް ކައުންސިލްގެ ރައީސް އަލީ އަޙުމަދު ޝުކުރު އަދާކުރެއްވިއެވެ.

ފ. ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ދެން ނުހުއްޓޭނެ – ރައީސް

ފ. ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ދެން ނުހުއްޓޭނެ ކަަމަށާއި މަސައްކަތް ނިމޭއިރު އޮންނާނީ ރައްޔިތުން ބޭނުންވާ ވަރަށްވުރެ ފުރިަހަމ އެއަރޕޯޓެއްކަމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފ.ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރެވުމަށް ފ.އަތޮޅު ތައޫލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާޙަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، ނިލަންދޫ އެއަރޕޯޓު ތަރައްޤީ ކުރަނީ ޖެޓް ޖެއްސޭ ފެންވަރަށްކަމަށެވެ.

ފ. ނިލަންދޫ އެއަރޕޯޓު އެޅުމަށް ކުރަންޖެހޭ މަސައްކަތުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް 390 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީ އާ ވަނީ ހަަވާލުކޮށްފައެވެ.

 

ފ. ނިލަންދޫ އެއަރޕޯޓް ހެދުމަށް ބިން ހިއްކުމަށް ބޭނުންވާ ސަރވޭއާއި އީއައިއޭ ހެދުމުގެ މަސައްކަތް ވެސް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަސައްކަތް 120 ދުވަހުން ނިންމާ ގޮތަށް ހަވާލުކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

މިއަހަރުގެ ބަޖެޓުގައި ނިލަންދޫ އެއަރޕޯޓްގެ މަޝްރޫޢޫ ހިމަނާފައިވާއިރު، މަސައްކަތުގެ އަގަކީ 378000 ރުފިޔާއެވެ. މި މަޝްރޫޢުގެ ތެރެއިން މިއަހަރު ކުރުމަށް ކަނޑައަޅާފައިވަނީ ބިން ހިއްކުމާއި އެބިން ރައްކާތެރިކުރުމަށް ބޭނުންވާ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތެވެ.

ނިލަންދޫ އެއަރޕޯޓަކީ ޑޮމެސްޓިކް އެއާރޕޯޓް ވިއުގަ ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫޢެކެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016