ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

2024 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް އަތޮޅު ކައުންސިލަށް ފޮނުވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 105 ވަނަ މާއްދާގެ (ހ)ގެ ދަށުން ރަށުކައުންސިލްތަކުން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެއަހަރެއްގެ ފާއިތުވި 6 (ހައެއް) މަސްދުވަހު ކައުންސިލް ހިންގި ޙަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް އެކުލަވާލުމަށްފަހު އަތޮޅު ކައުންސިލަށް ފޮނުވަން ޖެހޭތީ، މިހިނގާ 2024 ވަނަ އަހަރު މިކައުންސިލްގެ ފުރަތަމަ 06 މަސްދުވަހުގެ ރިޕޯޓް 2024 ޖުލައި 08 ވަނަ ދުވަހު ފ. އަތޮޅު ކައުންސިލަށް ފޮނުވައިފިއެވެ. މިރިޕޯޓްގައި މައިގަނޑު ގޮތެއްގައި ބަލާލާފައިވަނީ ކައުންސިލްގެ ތަޢާރަފާއި، ތަޞައްވުރާއި، މިޝަންއާއި ރަށުގެ ވަނަވަރުގެ އިތުރުން ކައުންސިލްގެ އިޚްތިޞާޞް ހިނގާ ސަރަހައްދާއި 2024 ވަނަ އަހަރުގެ ފުރަތަމަ 06 މަސް ދުވަހު ހިންގާފައިވާ ޙަރަކާތްތަކާއި، ހިންގުމަށް ރާވައި އެކިއެކި ސަބަބުތައް މެދުވެރިވެގެން ހިންގިފައި ނުވާ ޙަރަކާތްތައް ހިމެނިފައިވާނެއެވެ.  އަދި ހަމައެއާއެކު ކައުންސިލުން ޢާމްދަނީ ހޯދުމަށް ހިންގާފައިވާ ޙަރަކާތްތަކާއި 2024 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހުގެ މާލީ ހިސާބުތަކާއި 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލްގައި ކުރިއަށް އޮތް 06 މަސް ދުވަހު ކުރުމަށް ރާވާފައިވާ ޙަރަކާތްތަކާއި، ފުރަތަމަ 06 މަސްދުވަހު ކައުންސިލުން ނިންމާފައިވާ ނިންމުންތައްވެސް މިރިޕޯޓްގައި އެކުލެވިގެންވާނެއެވެ. މީގެ އިތުރުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނަށް އައިސްފައިވާ ބަދަލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ 2024 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހު ބާއްވާފައިވާ ބައްދަލުވުންތަކުން ނިންމާފައިވާ ނިންމުންތަކާއި ކޮމެޓީއަށް ލިބޭ ޢާމްދަނީއާއި ޚަރަދުގެ މަޢުލޫމާތާއި ހަރު މުދަލުގެ މަޢުލޫމާތުވެސް ހިމަނާފައިވާނެއެވެ.

 

 

ބޭނުންވަނީ ނިލަންދޫ އަކީ ކުށްމަދު އަމާން ވެއްޓަކަށް ހަދަން – ރައީސް

ފ.ނިލަންދޫއަކީ އެންމެންނަށްވެސް އަމާން، ރައްކާތެރިތަނެއްގެ ގޮތުގައި އޮންނަން ބޭނުންވާކަމާއި ފުލުހުންގެ ކުރިއަށް އޮތް ހަ މަސްދުވަހުގެ މަސައްކަތްތައް ރާވާލާއިރު ވެސް އެކަމަށް އަބަދުވެސް ވިސްނުން ގެންގުޅުއްވުމަށް ކައުންސިލްގެ ރައީސް އަލީ އަޙްމަދު އެދިލައްވައިފިއެވެ. ކައުންސިލްގެ ރައީސް މިގޮތަށް އެދިލެއްވީ، ނިމިދިޔަ 6 މަސްދުވަހު ފާފު ފުލުހުންގެ ފަރާތުން ކުރިއަށްގެނގޮސްފައިފާ ހަރަކާތްތަކާއި ހާސިލްކުރެވިފައިވާ ލަނޑުދަނޑިތައް ހިއްސާކުރެއްވުމަށް މިކައުންސިލާއެކު ކުރިއަށް ގެންދިޔަ ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ފާފު އަތޮޅު ޕޮލިސް ސްޓޭޝަނުން ނިމިދިޔަ 6 މަސްދުވަހު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ޚުލާސާއެއް ހުށައަޅާދިނުމާއެކު ހާސިލްކުރެވިފައިވާ މުހިންމުކަންކަން ހުށައަޅާ ދެއްވާފައިވެއެވެ. އަދި ހަމައެހެންމެ ކުރިއަށްއޮތް 6 މަސްދުވަހުގެ އެކްޝަން ޕްލޭންގައި ކައުންސިލްގެ ފަރާތުން ހިމަނާލަން ބޭނުންވާ ކަންކަމާއި ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމަށް އެއްވެސް ޚިޔާލެއް އޮތްނަމަ އެކަން ފުލުހުންނާ ހިއްސާކުރެއްވުމަށް ފާފު އަތޮޅު ޕޮލިސް ކޮމާންޑަރ އަޙްމަދު ޔައުޤޫބު އެދިލެއްވިއެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރަށުގެ އިޖްތިމާޢީ މައްސަލަތައް ޙައްލުކުރެއްވުމުގައި އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާތައް ކުރެވިފައެވެ. ވަކީން ޚާއްޞަކޮށް މަސްތުވާތަކެތިފަދަ ބޮޑެތި މައްސަލަތަކުގައި މިހާރަކަށްއައިސް ކުޑަކުދިން ބޭނުންކުރަމުންދާތީ އެކަމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް ކައުންސިލްގެ ރައީސް އެދިލެއްވިއެވެ. އަދި ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިންގެ އިޖްތިމާޢި ދުޅަހެޔޮކަން އިތުރުކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ.

ބައްދަލުވުން ނިންމަވާލައްވަމުން، ފުލުހުންގެ މަސައްކަތްތަކަށް ތައުރީފު ކުރައްވައި ކައުންސިލްގެ ރައީސް ވިދާޅުވީ ފުލުހުންނަކީ މުޅި މުޖުތަމައުގެ އަމަން އަމާންކަން ކަށަވަރު ކުރެއްވުމުގައި އެންމެ އިސްދައުރެއް އަދާ ކުރައްވާ ފަރާތްކަމަށާއި އެގޮތުގައި ދެމިތިއްބެވުމަށް އެދޭ ކަމަށެވެ. އަދި މުޅި މުޖުތަމައުގެ ފަރާތުންވެސް ފުލުހުންގެ މަސައްކަތަށް ހުރަސް އެޅޭފަދަ އެއްވެސް ކަމައް ކޮށްގެންނުވާނެ ކަމަށާއި ފުލުހުންނާ ދިމާއަށް އެއްޗިހި ގޮވާ ހަނގާ ކުރެވިގެން ނުވާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު، ނިލަންދޫއަށް ވަޑައިގަންނަވައިފި

ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު، ފާތިމަތު ސައުދާ މިއަދު ދާއިރާގެ ދެ ރަށަށް ވަޑައިގަންނަވައިފިއެވެ. މިގޮތުން މިއަދުގެ ހެނދުނު ނިލަންދޫއަށް ވަޑައިގެން ސިޔާސީ އިސް ފަރާތްތަކާއެކުވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ ފަރާތުން ހުރި ކަންބޮޑުވުންތައް އޮޅުންފިލުންވައި މިވަގުތު ރައްޔިތުންނަށް އެންމެ ދަތިވާ ކަންކަމާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވިއެވެ. މީގެ އިތުރުން މިހާރު ރަށުގައި ކުރިއަށްދާ އެކިއެކި މަޝްރޫއުތަކާގުޅޭ މައުލޫމާތުތައް އޮޅުންފިލުއްވައި، މަޑުޖެހިފައިވާ ބައެއް މަސައްކަތްތަކުގެ މައުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރެއްވިއެވެ.

ފ.އަތޮޅު ސްޓޭޓް ހައުސްގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، މިއަދުވެސް ނިލަންދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށުގެ ނަރުދަމާ ނިޒާމްގެ މައްސަލަކަން ކައުންސިލްގެ ރައީސް އަލީ އަހުމަދު ފާހަގަކުރެއްވިއެވެ. މިގޮތުން ނިމިދިޔަ ވިއްސާރައިގެތެރޭގައި އެއުނދަގޫ އިތުރުވެގެންދިޔަ ކަމަށާއި، ނަރުދަމާ ނިޒާމްގެ ހާލަތު ރަނގަޅުވެ، އޭގެ ލުއިފަސޭހަކަން ރައްޔިތުންނަށް ލިބޭނެ ދުވަހަކަށް މުޅި ރައްޔިތުންވެސް އިންތިޒާރު ކުރައްވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި، ރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރަންޖެހިފައިވާކަމަށާއި، މަގުތައް ހެދުމުގެ މަޝްރޫވެސް ވީހާވެސް އަވަހަކަށް ފައްޓަވައިދެއްވުމަށް އެދޭކަމުގައި ވިދާޅުވިއެވެ. އަދި މީގެ އިތުރުން ރަށުގައި މިހާރު ކުރިއަށްދާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ވީހާވެސް އަވަހަށް ނިމި، އެކަމުގެ ފޮނިމީރުކަން ދެކެން ރައްޔިތުން ބޭނުންވާކަމުގައި ވިދާޅުވިއެވެ.

މެމްބަރު ސައުދާގެ މިދަތުރުފުޅުގައި، ނިލަންދޫގައި ގާއިމްކުރުމަށް ނިންމާފައިވާ މަސްފެކްޓްރީ އާއި ނިލަންދޫ އެއަރޕޯޓުގެ މަޝްރޫއާ ގުޅޭ ފަހުގެ މައުލޫމާތުތައްވެސް އޮޅުންފިލުއްވިއެވެ. އަދި ސަރުކާރުގައި ދަންނަވައިގެން ރަށުގައި ކުރިއަށްދާ ހުރިހައި މަޝްރޫތަކެއްވެސް މަޑުނުޖެހި ކުރިއަށްގެންގޮސް ނިންމަވާދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މަސްފެކްޓަރީގެ ޢަމަލީ މަސައްތަކް ވަރަށް އަވަހަށް ފެށިގެންދާނެ – ވަޒީރު

ސަރުކާރުގެ ފަރާތުން ނިލަންދޫގައި އެޅުމަށް ނިންމާފައިވާ މަސްފެކްޓަރީގެ ޢަމަލީ މަސައްތަކް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރުގެ އެދިލެއްވުމަކަށް މިނިސްޓަރާއެކު އެމިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި، މަސްފެކްޓަރީ އެޅުމަށް މިހާރު ނިންމާފައިވާ ސަރަހައްދުތަކުގައިހުރި އާންމު ރައްޔިތުންގެ މަސްކައްކާ ބަދިގެ ތަކާއި އެހެނިހެން ބައެއް ވިޔަފާރިތައް، ރަށުގެ އެހެން ސަރަހައްދުތަކަށް ބަދަލުކުރުމާ ގުޅޭގޮތުންނާއި ބަދަލު ދިނުމުގައި ދެވެން އޮތް އެހީތެރިކަމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މަސް ފެކްޓަރީ އެޅުމަށް ނިންމާފައިވާ ސަރަހައްދު

މިބައްދަލުކުރެއްވުމުގައި މަސްފެކްޓަރީގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުންދާ ކަމަށާއި އެގޮތުން މި މަހުގެ ފަހުކޮޅު ޗައިނާ ކުންފުނީގެ ވަފުދަކާއެކު ވުޒާރާގެ ފަންނީ ބޭފުޅުން ނިލަންދޫއަށް ދާ ގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިދަތުރުގެ މައިގަނޑު ބޭނުނަމީ ފ.ނިލަންދޫގައި މަސް ޕްރޮސެސިންގެ ފެސިލިޓީއާއި ކޯލްޑް ސްތޯރޭޖް ފެސިލިޓީ ޤާއިމްކުރުމަށް ސައިޓް މޮނިޓަރިން ކުރުން ކަމަށް މިނިސްޓަރ މައުލޫމާތު ދެއްވިއެވެ.

ތަރައްޤީއާ ގުޅޭ ކަންކަމުގައިވެސް ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ – ރައީސް އަލީ އަޙްމަދު

ފެނިގެންމިދިޔައީ ގުޅިގެން ކުރާ މަސައްކަތްތަކުގެ ނަތީޖާ ކާމިޔާބުވާނެކަމުގެ ކުޑަ މިސާލެއްކަމަށް ކައުންސިލްގެ ރައީސް އަލީ އަޙްމަދު ވިދާޅުވެއްޖެއެވެ. ނިމިގެންދިޔަ އަޟްޙާ ޢީދުގެ ކާމިޔާބީ ފާހަގަކުރުމާއި، އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމަށް، ރޭ ގޮމަވަތީގައި ބޭއްވި ކުޑަ ޙަފްލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ”މަގޭރިންގެ ބޮޑު ޢީދު 1445“ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނީ ވަރަށް ގިނަ ފަރާތްތަކެއްގެ މިންނެތް މަސައްކަތްތަކުން ކަމަށާއި އެކަމަށްޓަކައި އަދާކުރަންޖެހޭ ހައްގު ޝުކުރު އެފަދަ ކުޑަ ރަސްމިއްޔާތަކުން އަދާ ނުކުރެވޭނެކަމަށެވެ. މިގޮތުން އިދާރާތަކުގެ އިސްވެރިންނާއި ކުލަބު ޖަމްއިއްޔާތަކުގެ ވެރިންނާއި ޒުވާނުންގެ އިތުރުން ރަށުގެ އާންމުންގެ ފަރާތުންވެސް މިފަހަރުގެ ޢީދު ކާމިޔާބު ކުރުމަށް ގިނަ ގުނަ އެއްބާރުލުން ލިބުނުކަން ރައީސް ފާހަގަކުރެއްވިއެވެ. ”މި ނިމިދިޔަ ޢީދަކީ އިޖްތިމާޢީ ގޮތުން، މިހައި ބޮޑަށް އިދާރާތަކާއި އާންމުން ގުޅިގެން މިފަހުން ކުރެވުނު އެންމެ ރަނގަޅު މަސައްކަތް. އެހެންވީމާ އެކަން އެހައި ރަނޅަށް ދިޔައީ“ ރައީސް އަލީ އަހުމަދު ވިދަޅުވިއެވެ.

މިމޭރުމުން ވާހަކައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމުގައިވެސް ހުރިހައި އެންމެން އެކައްޗެއް ކިޔަންޖެހޭ ކަމަށާއި ރައީސްގެ ދައުރުގައި ބާކީ މިއޮތް މަދު ދުވަސްކޮޅުގައި ހުރިހައި ފަރާތްތަކަކުންވެސް ރައީސްއަށް އެއްބާރުލުން ދެއްވުމަށް އެދޭކަމަށެވެ. ”ރަށުގެ ނަރުދަމާގެ ކަންކަން މިއޮތީ ވަރަށް ގޯސްކޮށް، މިކަންވެސް ހަމައަކަށް އެޅުވުމުގައި އަޅުގަނޑު ބޭނުން ތިޔަ ހުރިހައި ފަރާތްތަކެއްގެ އެއްބާރުލުން. ދައުރުގައި ބާކީ މިއޮތް ދުވަސްކޮޅުވެސް ތަރައްޤީއާ ގުޅޭ މިފަދަ ކަންކަމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުން“ ރައީސް ވިދާޅުވިއެވެ. ނިލަންދޫގެ ތަރައްޤީއާ ގުޅޭ ކަންކަމުގައި ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި ވަރުބަލި ވެގެން ފަހަތަށް ނުޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މަގޭރިންގެ ބޮޑު ޢީދު 1445، މިފަހަރު ކުލަގަދަ ޢީދަކަށް

1445ވަނަ އަހަރުގެ އަޟްހާ ޢީދު މިފަހަރު ތަފާތު ގިނަ ހަރަކާތްތަކަކާއެކު ވަރަށް ކުލަގަދަކޮށް ނިލަންދޫގައި ފާހަގަކޮށްފިއެވެ. ނިލަންދޫ ކައުންސިލްގެ ފަރާތުން ”މަގޭރިންގެ ބޮޑު ޢީދު 1445″ގެ ނަމުގައި މިއަހަރުގެ ޢީދު ފާޙަގަކޮށްފައިވަނީ ވަރަށްގިނަ ބައެއްގެ އެހީތެރިކަމާއެކުގައެވެ. އެގޮތުން ޒުވާނުންގެ ޓީމަކުން އިސްނަންގަވައި މިޢީދު ކުލަގަދަކޮށް، ރައްޔިތުންނަށް އުފާފާގަތި ޢީދެއްގެ ގޮތުގައި ގެނެސްދިނުމަށް ބޭނުންވެގެން ކައުންސިލްގައި އެދިފައިވާތީ މިފަހަރުގެ ޢީދުގެ ގިނަ ހަރަކާތްތަކެއްގައި ޒުވާންޓީމް އިސްދައުރެއް އަދާކުރާއްވާފައިވެއެވެ. މީގެ އިތުރުން ރަށުގައި ހުރި އިދާރާތަކުގެ ތެރެއިން، ފ.އަތޮޅު ކައުންސިލްގެ އިދާރާ، ފ.އަތޮޅު ހޮސްޕިޓަލް، ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓު، ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން، ފ.ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރ، ފެނަކަ ކޯޕަރޭޝަން، ނިލަންދޫ ޔޫތު ސެންޓަރ، އަދި ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން އެމް.ޓީ.ސީ.ސީ ގެ ފަރާތުން އެހީތެރިކަން ލިބިފައިވެއެވެ. މީގެ އިތުރުން ބައެއް ކުލަބު ޖަމްއިއްޔާތަކުންވެސް މިއީދު ކުރިއަށް ގެންދިޔުމުގައި ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިންވެސް ޑޭލައިޓް ކުލަބުންވަނީ ޚާއްސަ ދައުރެއް އަދާކުރައްވާފައެވެ.

ޢީދުބޮލަށް ގޮންޖެހުމުގެ ހަރަކާތުގެ ތެރެއިން

މިއަހަރުގެ އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފައިވާއިރު ނަމާދަށްފަހު ރައްޔިތުންނަށް ޢީދު ސައި ވަނީ ތައްޔާރުކޮށްފައެވެ. މި ހަރަކާތަކީ އާންމު ރައްޔިތުންގެ ވަރަށްބޮޑު އެއްބާރުލުމަކާއެކު ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. ޢީދު ސަޔަށްފަހު ޢީދު ސަލާމްކުރުން ކުރިއަށް ގެންގޮސްފައިވެއެވެ. މި ޢީދު ސަލާމުގައި ރަށު ކައުންސިލްގެ ފަރާތުން ކޮންމެ ގެއަކަށްވަނީ ޢީދު ހަދިޔާއެއް ދެއްވާފައެވެ. މީގެ އިތުރުން، ޒުވާން ޓީމްގެ ފަރާތުން ދާނުގައި ތިއްބެވި ފަރާތްތަކަށް ޢީދު ތަހުނިޔާ ކިޔުމާއެކު ޢީދު ހަދިޔާއެއް ދެއްވާފައިވެއެވެ.

ޢީދު ހަދިޔާ ދިނުން ޢިދު ސައި ދާނުގައި ތިބި ފަރާތްތަކަށް ޢިދު ތަހުނިޔާކިޔުން

ޢީދާގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ދިވެހިންގެ ޘަގާފީ ހަރަކާތްތަކާއި މިޒަމާނުގެ ކުޅިވަރުތައް ހިމެނިފައިވެއެވެ. މިގޮތުން ޢީދު ބޮލަށް ގޮންޖެހުމާއި، ގޮންޖެހިފަރިވަޅު ދިނުމާއި، ފެންކުޅީގެ ހަރަކާތްތަކާއި ކޯޑި ކެނޑުމާއި، ބޮނޑި ކުޅުމާއި އީދު މާލޫދުކިޔުންފަދަ ދިވެހިންގެ ޘަގާފަތާ އާދަކާދަ ދައްކުވައިދޭ ހަރަކާތްތައް ހިމެނިފައިހުއްޓެވެ. އެހެން އަރަތުކާ ޚިލާފަށް މިއަހަރުގެ ޢިދުގައި ރަށުން ބޭރުން ތިން ޓީމެއް ގެނެސްފައިވެއެވެ، އެއީ ދަންމާނު ބޮޑުބެރު ގުރޫޕު، ފަތްމިނި ބޮޑުބެރި ގުރޫޕު އަދި ޔާރާ ޓީމްއެވެ.

މިފަހަރުގެ ޢީދުން ފެނިގެންދިޔަ ބައެއް ޚާއްޞަކަންކަމުގެ ތެރޭގައި ޢީދަށް ރަށަށް ޒިޔާތްތަކުރި މެހެމާނުންނަށް ރަތްދޫލައިގެ މަރުޙަބާއެއް ކިޔާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުން ބިދޭސީންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވުނު ކުރިކެޓު މެޗާއި، ވެޓަރެންސް ފުޓްބޯޅަ މެޗާއި، ކޯޑި ކެޑުންވެސް ވެގެންދިޔައީ ތަފާތު ކަމަކަށެވެ.

ޢިދުގައި ކުރިއަށް ގެންދިޔަ ހަރާކަތްތަކުގެ ތެރެއިން ގިނަބަޔަކަށް އެންމެ ކަމުދިޔަ ބައެއް ހަރަކާތްތަކުގެ ތެރޭގައި، ކުޑަކުދިންގެ ޕާކުގައި ކުރިއަށްދިޔަ ފެންކުޅީގެ ހަރަކާތާއި، ކުޑަކުދިންގެ ހަވީރާއި، މާލި ޕެރޭޑު ހިމެނެއެވެ. އަދި އީދުގެ ފަހުރޭގައި ޔާރާ ޓީމުން  ދީފައިވާ ޝޯއާއި، ޑޭލައިޓް، ހޮސްޕިޓަލް އަދި ރަށު ކައުންސިލް ގުޅިގެން ދިން ޝޯވެސް ވެގެން ގޮސްފައިވަނީ އާންމުންނަށް ވަރަށް ކަމުދިޔަ ހަރަކާތަކަށެވެ.

ފާއިތުވެދިޔަ ދެތިން އަހަރާ ޚިލާފަށް މިއަހަރުގެ ޢިދުގައި ދިވެހި ކުޅިވަރުގެ ގޮތުގައި ކުޅެވުނު، ބޮޑި އަދި ވާދެމުން ކުރިއަށް ދިޔައީ އިދާރާތަކުގެ މެދުގައި ކުރިއަށް ގެންދެވުނު މުބާރާތްތަކެއްގެ ގޮތުގައެވެ. މި ދެ ކުޅިވަރަށްވެސް އާންމުންގެ ވަރަށްބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

މިއަހަރުގެ ޢިދަށް ރަށަށް ވަރަށް ގިނަ ފަރާތްތަކަކުން ޒިޔާރަތްކޮށްފައިވާއިރު ނިލަންދޫއިން ދިން މެހެމާންދާރީ ވަރަށް ފުރިހަމަކަމަށް އެންމެންވެސް ފާހަގަ ކުރެއްވިއެވެ. އަދި ނިލަންދޫގެ ރައްޔިތުންނަކީ ވަރަށް ހިތްހެޔޮ، އެކުވެރި ބައެއްކަން ފާހަގަވި ކަމަށް މި ޢީދަށް ރަށަށް ޒިޔާރަތްކުރި މެހެމާނުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ނިލަންދޫގައި ފަށައިފި.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމަށް ޕްރޮގްރާމް ނިލަންދޫގައި ފަށައިފިއެވެ. މިކަމަށްޓަކައި އާސާރީ ބިމުގައި ކުރިއަށްދިޔަ ހަރަކާތުގައި ރަސްމިއްޔާތު ފައްޓަވައިދެއްވީ ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސާ ހައްވާ އަބްދުލް ޢަޒީޒެވެ.

ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ފަސް އަހަރުގެ ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ އަދުގެ ރައީސްގެ ރިޔާސީ ވައުދެކެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ފެށީ އާސާރީ ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި ޖުމްލަ 117 ރުއް އިންދާފައިވާއިރު ގިނަ އަދަދަކަށް މެލޭޝިޔާ ރުއްވެސް އިންދާފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ރަށުގެ އެކި ސަރަހައްދުތަކުގައި މޭވާ އަޅާ ގަހާއި ހިޔާ ލިބޭ ގަހާއި ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ އެކި ބާވަތުގެ ގަސް އިންދުމަށް ވަނީ ނިންމާފައެވެ.

އެ ރަސްމިއްޔާތުގައި ނިލަންދޫ ކައުންސިލްގެ ރައީސާއި، މެމްބަރުންގެ އިތުރުން ކައުންސިލް މުވައްޒަފުންނާއި، ރަށުގެ ބައެއް އިދާރާތަކާއި ކުލަބު ޖަމްއިއްޔާތަކާއި ބައެއް އާންމު ރައްޔިތުންވެސް ބައިވެރިވެފައިވެއެވެ.

އާސާރީ ބިމުގައި އިންދާފައިވާ ރުއްތައް ރަނގަޅަށް ހެދެންދެން އެސަރަހައްދުގައި ކޮށިގަނޑު ޖަހައި ވަކިކޮށް، ރުއްތަކަށް ފެންދެވޭނެ އިންތިޒާމެއް ހަމަޖައްސަވާނެކަމަށް ކައުންސިލްގެ ރައީސް އަލީ އަޙްމަދު ވިދާޅުވިއެވެ.

މަގުތަކަށް ވެލިއަޅައި ފެތުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށް ދިޔަ!

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރަށުގެ ގިނަ މަގުތަކެއްގައި ބޯކޮށް ފެންހެދި އެކަމުގެ ދަތި އުނދަގޫ ރައްޔިތުންނަށް ފޯރަމުންދާތީ، އެކަން ކުޑަކުރުމަށް ރަށުގެ މަގުތަކުގައި ވެލި ފެތުރުމުގެ މަސައްކަތް ފަށިފިއެވެ. ރައްޔިތުން ދިރިއުޅޭ ހިސާބުތަކުގައި ހުރި މަގުތަކުގެ ތެރެއިން، އެންމެ ފުރަތަމަ ވެލި ފަތުރާފައިވަނީ މަގުތަކުގައި ފެންހެދި އެކަމުގެ ސަބަބުން ޗަކަ ހެދި، ފެހި ޖަހާފައި ހުރި ސަރަހައްދުތަކުގައި ކަމަށް ކައުންސިލް މެމްބަރު އަޙްމަދު ސިޔާމް ވިދާޅުވިއެވެ. ވެލި ފެތުރުމުގައި ބޮޑަށް ސަމާލުކަން ދެނީ އާންމުންނަށް އެންމެ ދަތިވާގޮތަށް ހުރި ސަރަހައްދުތަކަށް ކަމަށާއި، މަގުތަކުގައި ފެންހެދުމުގެ ސަބަބުން އެކަމުގެ ދަތި އުނދަގޫ ފޯރާގޮތަށް ހުރި ހުރިހައި ސަރަހައްދެއްގައި ވެލި ފެތުރުމަށް މަސައްކަތް ކުރައްވާނެކަމަށް މެމްބަރު ސިޔާމް ވިދާޅުވިއެވެ.

”މިހާރުވެސް އާންމުންގެ ބައެއް ފަރާތްތަކުން އެބަ ޝަކުވާ ކުރޭ ދަތިވާތީ. ކައުންސިލުން މި މަސައްކަތް ކުރަނީ ރައްޔިތުންނަށް ހިނގާބިނގާވެ އުޅެލެވޭވަރަށް ނަމަވެސް މަގުތަކުގައި ވެލި ފަތުރާލެވޭތޯ.“ މެމްބަރު ސިޔާމް ވިދާޅުވިއެވެ.

ދިރާސީ އާއަހަރު ފެށުމާއެކު ސްކޫލު ސަރަހައްދަށް ގިނަ ބަޔަކު އެއްވެ މަޑުކުރާނެތީ، އިއްޔެ އެސަރަހައްދުގެ ބައެއް މަގުތަކުގައި ވެލި ފަތުރާފައިވާއިރު، މިއަދުވެސް ސްކޫލް ސަރަހައްދުގެ ބައެއް އެހެން މަގުތަކުގައި ވަލިފަތުރާފައިވެއެވެ.

މަގުތަކުގައި ވެލި ފެތުރުމުގެ މަސައްކަތްތަކުގެ ތެރެއިން މި ހަފްތާގެ އަންގާރަ ދުވަހު ކައުންސިލްގެ ގިނަ އިދާރީ މުވައްޒަފުންވެސް  މި މަސައްކަތުގައި ބައިވެރިވެގެން މަސައްކަތް ކުރިއަށްދާގޮތަށް މިހާރުވަނީ ނިންމާފައެވެ.

މޫސުން ގޮސްވުމުގެ ސަބަބުން ރަށުގެ ބޮޑު ބަނދަރު ސަރަހައްދުން އުދަ އަރައި އާންމުން ދިރިއުޅޭ ސަރަހައްދާ ހަމައަށް ލޮނުގެ އަސަރުކޮށް، ފެންބޮޑު ވުމުގެ ސަބަބުން ކޯރު ކަނޑައިގެން އެސަހަރައްދުގައި ފެންބޮޑުވުން ހުއްޓުވުމަށްވެސް މީގެ ދެދުވަހެއްކުރިން ވަނީ މަސައްކަތް ކޮށްފައެވެ.

ރަށުގައި ހައުސިންގ މަޝްރޫއެއް ކުރިއަށް ގެންގޮސްދެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި.

މިހާރު ރަށުގައި ކުރިއަށްދާ ތަރައްޤީގެ އެކިއެކި މަޝްރޫތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކައުންސިލްގެ ފަރާތުން ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ނިލަންދޫގެ އާބާދީއަށް އަންނަމުންދާ ބަދަލާއި، އެކަމުގެ ސަބަބުން ހައުސިން މަޝްރޫޢެއް ނިލަންދޫގައި ކުރިއަށް ގެންދިޔުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައިވައި ކައުންސިލްގެ ރައީސް ވާހަކަދައްކަވާފައިއެވެ. އަދި ނިލަންދޫއަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރައްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާތީ، އެކަމުގެ ސަބަބުންވެސް އެކި ސަބަބުތަކާހުރެ ރަށަށް ހިޖުރަކުރަންބޭނުންވާ ފަރާތްތައް ގިނަވާނެކަން ފާހަގަކުރެއްވިއެވެ.

ނިލަންދޫއަކީ ފ.އަތޮޅުގެ ރަށްތަކުގެ އިތުރުން ދ.އަތޮޅުގެ ގިނަ ރަށްތަކަކާއި ދ.އަތޮޅުގައި ހުރި ގިނަ ރިސޯޓު ތަކަކުން ގިނަ ޚިދުމަތްތަކެއް ހޯދުމަށް އަންނަ ރަށެއްކަން ފާހަގަކުރައްވަމުން ކައުްނސިލްގެ ރައީސް ވިދާޅުވީ، މިހާރު ކުރިއަށްދާ އެއަރޕޯޓުގެ މަޝްރޫ ނިމުމާއެކު ގިނަބަޔަކު އިތުރު ޚިދުމަތްތައް ހޯދުމަށް ނިލަންދޫއަށް އަންނާނެކަމަށެވެ.

”މިހާރުވެސް ތައުލީމު ހޯދުމަށާއި، ރަށުގައި ވަޒީފާ އަދާކުރުމަށް އެކި ރަށްރަށުން މީހުން އައިސް ނިލަންދޫގައި ދިރިއުޅޭ“ ކައުންސިލްގެ ރައީސް އަލީ އަޙްމަދު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އާބަން ސެންޓަރެއްގެ ގޮތުގައި ނިލަންދޫ ތަރައްޤީ ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމާފައިވާތީ، ހައުސިން މިނިސްޓްރީން ވެސް، އެކި މަޝްރޫތައް ކުރިއަށް ގެންދިޔުގައި އެމަގުން މަސައްކަތްތައް ރާވަމުންދާނެކަން ހާމަކުރެއްވިއެވެ. އަދި ނިލަންދޫގައި ހައުސިން މަޝްރޫއެއް ކުރިއަށް ގެންގޮސްދެއްވާނެކަމަށާއި ކައިރި މުސްތަޤުބަލެއްގައި އެކަމުގެ އަމަލީ މަސައްތައް ފެށިގެންދާނެ ކަމުގެ ފެހި ސިގްނަލެއް މިނިސްޓަރ ވަނީ ދެއްވާފައެވެ.

ނިލަންދޫއިން ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމަށްޓަކައި އިޢުލާނު ކޮށްފައިވާއިރު، ހައުސިންގ މަޝްރޫއެއްގެ ދަށުން، ރޯ ހައުސް ނުވަތަ ފްލެއްޓެއް ލިބުމަކީ ޒުވާނުންގެ ތެރެއިން ގިނަ ފަރާތްތަކެއްގެ އުއްމީދެކެވެ.

މިފަހަރުގެ ތަޖުރިބާ ދަތުރު ބޮޑުތިލަދުންމައްޗަށް

އިދާރީ ހިންގުން ހަރުދަނާ ކުރުމަށާއި މުވައްޒަފުންގެ ގުޅުން ބަދަހިކުރުމަށް މިއަހަރު ކުރި ތަޖުރިބާ ދަތުރު ކުރެވުނީ ބޮޑުތިލަދުންމައްޗަށެވެ. މިގޮތުން ހއ ، ހދ ގެ 05 ރަށެއްގެ ކައުންސިލާ ބައްދަލުކޮށް ތަޖުރިބާ ހިއްސާކުރެވިފައިވާއިރު މީގެތެރޭގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް ވެސް ހިމެނެއެވެ.

ފ.ނިލަންދޫ ކައުންސިލްގެ 19 މުވައްޒަފުން ހިމެނޭހެން ކުރި މިދަތުރުގައި އެންމެ ފުރަތަމަ ދިޔައީ ހދ.ހަނިމާދޫއަށެވެ. ހަނިމާދޫކައުންސިލާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި ކައުންސިލުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުންނާއި އާމްދަނީ އިތުރުކުރުމަށް ކައުންސިލުން ރާވާ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ބަދަލުކުރެވުނެވެ. އަދި ހަމައެހެންމެ ދިރިއުޅުމަށްޓައި ބަންޑާރަ ގޯތި ދޫކުރުމުގައި ހަނިމާދޫ ކައުންސިލުން އަމަލު ކޮށްފައިވާ ގޮތްތަކާއި ދިމާވި ކަންކަމުގައި ހައްލަކާހަމައަށް އާދެވުނު ގޮތާ ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

ހއ.ބާރަށު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

 

ހަނިމާދޫއަށްފަހު މި ދަތުރުގައި ހއ.އުތީމާއި، ބާރަށާއި ދިއްދޫއަށް ގޮސްފައިވެއެވެ. މިއިން ކޮންމެ ރަށެއްގެ ކައުންސިލާއެކުވެސް ބައްދަލުކޮށް، އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރިއަށް ގެންދާ ކަންކަމާއި، ކުނި މެނޭޖްކުރުމާ ގުޅޭގޮތުންނާއި، އާމްދަނީ އިތުރުކުރުމަށް ކައުންސިލުން ކުރިއަށްގެންދާ ކަންކަމާ ގުޅޭގޮތުންނާއި، ވަލުރުއްގަހަށް ބަދަލުދިނުމުގައި އަމަލުކުރާ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދެވުނެވެ. އުތީމަށް ކުރި ދަތުރުގައި، އުތީމުގައި ހުންނަ މުހައްމަދު ތަކުރުފާނުގެ ގަނޑުވަރުކޮޅު ބަލާލަން ދެވުނެވެ. ގައުމައްޓަކައި ބަޔަކު ވެފައިވާ މި މަތިވެރި ގުރުބާނީއަކީ އަގު ނުކުރެވޭނެ ގުރުބާނީއެއްކަމަށާއި، އެކަން މިއަދުވެސް ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް ކައުންސިލްގެ ރައީސް އަލީ އަޙްމަދު ވިދާޅުވިއެވެ. ގައުމަށް ޚިދުމަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، ކައުންސިލްގެ މުވައްޒަފުންނަކީވެސް ރައްޔިތުންނަށް ޚިދުމަތްތަކެއް ފޯރުކޮށްދޭ ބަޔަކަށްވީހިނދު، އެކަމުގައި ވަރަށް ޒިންމާދާރު ވާނެޖެހޭނެކަމަށާއި، ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުން ވަރަށް މުހިއްމުކަމަށެވެ.

މި ތަޖުރިބާދަތުރުގެ އެންމެ ފަހު މަންޒިލަކަށްވީ، ހދ.ކުޅުދުއްފުއްޓެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި ވެސް ގިނަ ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވުނެވެ. އަދި ނިލަންދޫ ކައުންސިލަށް އެންމެ ފުރަތަމަ ބައްދަލުވީ ސިޓީ ކައުންސިލަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްކަން ފާހަގަކުރައްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ކުޅުދުއްފުއްޓާ އަޅާބަލާއިރު ނިލަންދޫގެ އާބާދީ ކުޑަ ނަމަވެސް، ސިޓީ ކައުންސިލާ ބައްދަލުވެ ހިއްސާކުރެވުނު މައުލޫމާތުތަކުން، ނިލަންދޫގެ ތަރައްޤީއާއި ކުރިމަގު ބައްޓަން ކުރުމުގައި ގިނަ ތަޖުރިބާތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

މިދަތުރު ނިންމަވާލެއްވުމަށްފަހު މުވައްޒަފުން އެނބުރި މާލެއައިސްފައިވަނީ މޭ 18ވީ ހޮނިހިރު ދުވަހުއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016