ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށާއި، ހުނަރުވެރި ޒުވާން ޖީލެއް އުފެއްދުމަށް ކައުންސިލްއިން މަސައްކަތް ފަށައިފި

ފ. ނިލަންދޫ ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށާއި، ހުނަރުވެރި ޒުވާން ޖީލެއް އުފެއްދުމަށްޓަކައި ފ. ނިލަންދޫ ކައުންސިލުން އިސްނަގައިގެން ، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް ޕޮލިޓެކްނިކްސް އާއިއެކު 12 ސެޕްޓެންބަރު 2024 (ބުރާސްފަތި) ވަނަ ދުވަހު މެންދުރުފަހު 12:30 ގައި އޮންލައިން ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ފ. ނިލަންދޫ ކައުންސިލްގެ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، އިދާރީ އިސްވެރިންގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ އާއި ޑިރެކްޓަރ ޖެނެރަލް އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ އެވެ.

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޒުވާނުންނަށް ހުރި ފުރުޞަތުތައް ދެނެގަތުމާއި، އެ ފުރުޞުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންނެވެ. މީގެ އިތުރުން، ޒުވާނުންގެ ހުނަރު ތަރައްޤީކޮށް، ވަޒީފާގެ ބާޒާރަށް ބޭނުންވާ ޤާބިލު މީހުން ބިނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.

ފ. ނިލަންދޫ ކައުންސިލް އިދާރާއަކީ، ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް ވަރަށް އިސްކަންދޭ ކައުންސިލެކެވެ. “ ފުދުންތެރި ޒުވާން ޖީލެއް ބިނާކުރުމާއި ވަޒިފާގެ ފަހި ފުރުޞަތުތަށް ތަނަވަސްކޮށްދިނުމަކީ ކައުންސިލްގެ އަމާޒެވެ. އެގޮތުން މިކަން ޙާސިލްކުރުމަށްޓަކައި ކައުންސިލުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ފަސްޖެހުމެއްނެތި ކުރަމުންގެންދާނެކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމަކީ ކުރިއަށް އޮތް ތަނުގައި ޒުވާނުންގެ ތަރައްޤީއަށް ރޭވިފައިވާ ގިނަ ޙަރަކާތްތަކުގެ ފެށުން ކަމުގައި ކައުންސިލުން ބުނެއެވެ. ކައުންސިލުން މި މަސައްކަތް ފެށުމާއެކު، ރަށުގެ ޒުވާނުންނަށް އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

އެމް.ޓީ.ސީ.ސީގެ ޑީ.އެމް.ޑީ ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ފ. ނިލަންދޫއަށް ޒިޔާރަތްކުރައްވައިފި

އެމް.ޓީޓީ.ސީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އަދި ސެކްރެޓަރީ  2024 ސެޕްޓެންބަރ 14 ވަނަ ދުވަހު  ފ. ނިލަންދޫއަށް ޒިޔާރަތްކުރައްވައި، ނިލަންދޫގައި ކުރިއަށްދާ އެމް.ޓީޓީ.ސީ.ސީއާއި ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލައްވާއިފިއެވެ.

މި ދަތުރުގައި ޖުމްލަކޮށް މުޅި ރަށުގައި ކުރިއަށްދާ ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކެއް ބައްލަވާލެއްވިއެވެ. ޚާއްޞަކޮށް ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތުގެ އިތުރުން ހޮސްޕިޓަލްއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން ފޯރުކޮށްދީފައިވާ އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވިއެވެ.

އެމް.ޓީ.ސީ.ސީގެ އެމް.ޑީ ވިދާޅުވީ، “ މި ދަތުރަކީ ނިލަންދޫގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް ކުރި ދަރުރެއްކަމާއި، މިރަށުގައި ހިނގާ މައިގަނޑު 02 ޕްރޮޖެކްޓް ކަމުގައިވާ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި އެއަރޕޯޓްގެ މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިއަށްދާކަން އުފަލާއެކު ފާހަގަކުރިއެވެ. އަދި ހޮސްޕިޓަލަށް ދޮމާވެފައިވާ ކަރަންޓްގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތްވެސް އަވަހަށް ނިންމުމަށް މަސައްކަތްކުރަމުންދާކަންވެސް ފާހަގަކުރިއެވެ“.

ނިލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ”އެމް.ޓީ.ސީ.ސީގެ އިސްވެރިން ރަށަށް ޒިޔާރަތްކޮށް މަޝްރޫޢުތައް ބައްލަވާލެއްވުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށާއި . މި މަޝްރޫޢުތަކުން ރަށުގެ ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އުންމީދުކުރަށްވާކަމަށެވެ“.

މި ދަތުރުގައި އެމް.ޓީ.ސީ.ސީގެ އިސްވެރިން ރަށުގެ ބައެއް  ރައްޔިތުންނާ ބައްދަލުކޮށް، މަޝްރޫޢުތަކާ ގުޅޭގޮތުން  އެބޭފުޅުންގެ ޚިޔާލު ހޯއްދެވިއެވެ. އަދި މަޝްރޫޢުތައް އަވަހަށް ނިންމުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ފ. ނިލަންދޫ ކައުންސިލުން އިސްނަގައިގެން ސަހަރާ ސާފުކޮށްފި

2024 ސެޕްޓެމްބަރު 14 ވަނަ ދުވަހު ފ ނިލަންދޫ ކައުންސިލުން އިސްނަގައިގެން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން އަދި ފ. އަތޮޅު ހޮސްޕިޓަލާއި ގުޅިގެން ސަހަރާ ސާފުކުުރުމުގެ މަސައްކަތެއްވަނީ ކުރިޔަށް ގެންދެވިފައެވެ. މިމަސައްކަތުގެ ތެރެއިން ސަހަރާ އެތެރޭގައި ހެދިފައިވާ ބޮޑެތި ގަސްތައް ކަނޑައި ވިނަތަށް ނޮޅާވަނީ ސާފުކުރެވިފައެވެ. މި މަސައްކަތް ކުރިޔަށްދިޔައިރު މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ނިލަންދޫ ކައުންސިލްގެ އަންހެން މުވައްޒަފުންގެ ފަރާތުން ހެދުނުގެ ސައި ވަނީ ތައްޔާރުކޮށްދީފައެވެ.

 

 

އިމާމުންނާއި ޚަޠީބުން އަދި މުދިމުންގެ ތަމްރީން ޕްރޮގުރާމް 2024

ފ. އަތޮޅުގެ ރަށްރަށުގެ ޚަޠީބުންނާއި އިމާމުންނާއި އަދި މުދިމުންނަށް އަމާޒުކޮށްގެން މިމަހުގެ 11 ން 14 އަށް އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގުރާމު މިއަދު ފަށައިފިއެވެ. 4 ދުވަހަށް ބާއްވާ މި ތަމްރީން ޕްރޮގުރާމުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މާއްދާތަކުގެ ތެރޭގައި ފިޤްހު 5،4،3،2،1, އަޚްލާޤް 2،1, ޚުޠުބާ 3،2،1, ބަންގި 3،2،1, ޤުރުއާން 5،4،3،2،1 އަދި ޤަވާއިދު 1 ހިމެނެއެވެ. މި ޕްރޮގުރާމުގައި މިރަށުން އިމާމުންނާއި، ޚަޠީބުންގެ ތެރެއިން 23 މީހުންވަނީ ބައިވެރިވެފައެވެ.

ފ. ނިލަންދޫ ޑޭލައިޓް ކުލަބަށް ކޮމްޕިއުޓަރ ސިސްޓަމެއް ހަދިޔާކޮށްފި.

ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތައް ބާރުވެރިކޮށް ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ފ. ނިލަންދޫ ޑޭލައިޓް ކުލަބަށް ކޮމްޕިއުޓަރ ސިސްޓަމެއް ހަދިޔާކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ 2024 ސެޕްޓެންބަރު 08 ވަނަ ދުވަހުގެ 13:00 ގައި ނިލަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވީ ނިލަންދޫގައި އުފެދިފައިވާ ކުލަބު ޖަމްޢިއްޔާތަކުގެ ތެރެއިން ޑޭލައިޓް ކުލަބަކީ އެންމެ ހިންގުންތެރި އެއްކުލަބުކަމަށާއި، ނިލަންދޫގެ ތަރައްޤީއަށް ކުރާ ކޮންމެ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވަމުންދާ ކުލަބެއްކަމަށެވެ. ޑޭލައިޓް ކުލަބުގެ ފަރާތުން މިރަސްމިއްޔާތުގައި ބައިވެރިވި އެކުލަބުގެ ރައީސް ޢަބްދުއްރައްޒާޤް ޙުސައިން ވިދާޅުވީ ނިލަންދޫ ކައުންސިލް އިދާރާގެ ފަރާތުން މިއަދު ކުލަބަށް ހަދިޔާކުރާ ކޮމްޕިއުޓަރ ސިސްޓަމަކީ ކުލަބުގެ އިދާރީ ކަންކަން ރާވާ އިންތިޒާމުކުރުމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށާއި މިކަމަށްޓަކައި ކައުންސިލް އިދާރާގެ ވެރީންނާ މުވައްޒަފުންނަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ކުލަބު ދެމިއޮތްހާ ހިނދެއްގައި ނިލަންދޫގެ ތަރައްޤީއަށް ކުރާ ކޮންމެ ކަމެއްގައި ކުލަބުގެ ބައިވެރިވުން ފެނިގެންދާނެކަމުގައެވެ. މިރަސްމިއްޔާތުގައި ނިލަންދޫ ކައުންސިލްގެ ވެރީންގެ އިތުރުން ޑޭލައިޓް ކުލަބުގެ ސީނިއަރ މެނޭޖްމަންޓް ވަނީ ބައިވެރިވެފައެވެ.

ލިޔަންކިޔަން ދަތުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަތުލިޔުމުގެ މުބާރާތެއް ބާއްވާއިފި.

ފ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިސްނަގައިގެން ފ. ނިލަންދޫ ކައުންސިލާއި ގުޅިގެން ދުނިޔޭގެ ލިޔަންކިޔަން ދަތުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ތާނަ އަތުލިޔުން ރީތިކޮށް ލިޔުމަށް ބާރު އެޅުމުގެ ގޮތުން ފ. ނިލަންދޫ ކައުންސިލް މުވައްޒަފުންނަށް އަމާޒުކޮށްގެން އަތުލިޔުމުގެ މުބާރާތެއް ބާއްވާފިއެވެ. މި މުބާރާތަކީ ދިވެހިބަހަށާއި ތާނަ އަކުރަށް ކައުންސިލް އިދާރާގެ މުވައްޒަފުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުޤުވެރިކަން އިތުރުކުރުމާށާއި، ތާނަ ރީތިކޮށް ލިޔާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަޤުޞަދުގައި ބޭއްވި މުބާރާތެކެވެ. މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ދީފައިވާ ލިޔުމެއް ނަކަލު ކުރުމާއި، ޢަރަބި/ތާނަ ލަފުޒުތަކެއް ކިޔުމުން އެލަފުޒުތައް ނޯޓުކުރުމާއި އަދި ދިވެހިބަހުން ވާހަކަދައްކާ އޯޑިއޯ ވާހަކަކޮޅެއް އިއްވުމުން އިވެމުންދާވަރަކަށް ލިޔުން މިތިން ބައިގެ ހިމަނައިގެންނެވެ. ތަފާތު 3 ބައެއް ހިމަނައިގެން ކުރިޔަށް ގެންދިޔަ މިމުބާރާތުގައި ކައުންސިލް މެމްބަރުން ހިމެނޭގޮތަށް ޖުމުލަ 10 މީހުން ވަނީ ބައިވެރިވެފައެވެ.

ފ. ނިލަންދޫގައި ލޮނު ފެކްޓްރީއެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ފ. ނިލަންދޫގައި ލޮނު ފެކްޓްރީއެއް އެޅުމަށް ފ. ނިލަންދޫ އުރަހަ ޢަބްދުﷲ ޢަބްދުއްރަޙީމް އާއި ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެގޮތުން މިއެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދުއެވެ. ޓީވީ މޯލްޑިވްސް އަށް ދޫކޮށްފައިވާ ބިމުގެ އުތުރުން އޮތް ހުސްބިމުގެ ތެރެއިން ”ސިއްތިފަންނު“ ސަރަޙައްދުން 10,000 (ދިހަހާސް) އަކަފޫޓޫގެ ބިމެއް 15 އަހަރު ދުވަހުގެ މުއްދަތަށް ކުލީގެ ގޮތުގައި ބިމުގެ އަކަފޫޓަކަށް 0.75 ލާރީގެ ރޭޓުން 10,000 (ދިހަހާސް) އަކަފޫޓަށް މަހަކު -/7,500 (ހަތްހާސް ފައްސަތޭކަ) ދައްކާގޮތަށް ވަނީ ދޫކޮށްފައެވެ. ފ. ނިލަންދޫގައި ލޮނު ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ފެށިގެންދާއިރު މަސް ފެކްޓްރީއެއް އެޅުމަށް އެޓޯލްޕާލް އަށް ރަށުގެ އިރުމަތީ ފަރާތު ހިއްކި ބިމުން ބިމެއް ކުއްޔަށް ދޫކުރެވި މަސްފެކްޓްރީ އަޅައި މަސްބަންދުކޮށް ބޭރުމުގެ މަސައްކަތް ކުރިޔަށްދާކަން ފާހަގަކޮށްލަމެވެ.

ކުންޏާއި ވަޞީލަތްތައް މެނޭޖްކުރުމާއި ގުޅޭ ތަމްރީނު ޕްރޮގްރާމެއްގައި މިކައުންސިލުން ބައިވެރިވެއްޖެ.

“ މޯލްޑިވްސް ކްލީން އެންވަރމެންޓް “ މި ޕްރޮޖެކްޓުގެ ދަށުން މިނިސްޓްރީ އޮފް އެންވަރމެންޓް އެންޑް ކަލައިމެޓް ޗޭންޖްގެ ފަރާތުން  ޒޯން 4،5 ގެ ކުންޏާއި ވަޞީލަތްތައް މެނޭޖްކުރުމުގެ މަސައްކަތްތަކަށް، އެކަމާއި ގުޅޭ މުވައްޒަފުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް 2024 އޯގަސްޓު 27 ފެށިގެން 30 ގެ ނިޔަލަށް އިންޑިޔާގެ ނިއު ޑެއްލީގައިވަނީ ކުރިޔަށްގެންދެވިފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ނިލަންދޫ ކައުންސިލްގެ 02 ޑްރައިވަރުން ކަމުގައިވާ އަޙްމަދު މައުސޫމް އަދި އަލީ ޞަބާޙުއެވެ. މި ޕްރޮގްރާމުގެ ދަށުން ކުނިނައްތާލުމާއި، ކުނިވަކިކުރުމާއި އެހެން ރައްޔިތުން ހޭލުންތެރިކުރުން ފަދަ މުހިންމު ތަމްރީންތަކެއްވަނީ ދަސްވެފައެވެ. ހަމައެއާއެކު މަސައްކަތްތެރި، ޤާބިލް، ހުނަރުވެރި މުވައްޒަފުންތަކެއް އުފެއްދުމައްޓަކައި މިފަދަ ފުރުޞަތުތައް އެފަދަ މުވައްޒަފުންނަށް ހޯދައިދިނުމަކީ މިކައުންސިލުން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރިޔަށްގެންދާ ކަމެއްކަން ފާހަގަކޮއްލަމެވެ.

1446ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަކޮށްފި.

1446 ވަނަ އަހަރުގެ ޤައުމީ ދުވަސް ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ފ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ނިލަންދޫގައި ހުރި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންވަނީ ބައިވެރިވެފައެވެ. މިރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވައި ދުވަހާ ގުޅޭގޮތުން ވާހަކަ ދެއްކެވީ ފ. އަތޮޅު ކައުންސިލްގެ ރައީސާ އަލްފާޟިލާ ޙައްވާ ޢަބްދުލްޢަޒީޒެވެ. މިއިދާރާގެ މުވައްޒަފުން މިރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ ދިވެހި ޤައުމިއްޔަތު ރަމްޒްކޮށްދޭ ފަދަ ޤައުމީ ހެދުންތަކުގައެވެ.

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ މުވައްޒަފުންގެ ތަޖްރިބާ ދަތުރުގައި ނިލަންދޫއަށް ވަޑައިގެންފި.

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ މުވައްޒަފުންގެ ތަޖްރިބާ ދަތުރުގައި 2024 ސެޕްޓެންބަރު 04 ގައި ނިލަންދޫއަށް ވަޑައިގެންފިއެވެ. އެބޭފުޅުންގެ މިދަތުރުގައި ނިލަންދޫ ކައުންސިލުން ދެމުންގެންދާ އާއްމު ޚިދުމަތްތަކާބެހޭ މަޢުލޫމާތު ހޯދުމާއި، ނިލަންދޫގައި ހިނގަމުންގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ހޯދުމުގެ އިތުރުން ނިލަންދޫގެ މުހިންމު ތަންތަން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މީގެ އިތުރުން 02 ކައުންސިލްގެ މަޢުލޫމާތު ބަދަލުކުރުމުގެ ބައްދަލުވުމެއް ބާއްވާފައިވެއެވެ. 14 ބޭފުޅުންގެ މައްޗަށް އެކުލެވޭ ގޮތަށް ނިލަންދޫގައަށް ކުރި މި ދަތުރުގެ އިސްބޭފުޅެއްގެ ގޮތުން ވަޑައިގެންނެވީ އެކައުންސިލްގެ ނައިބުރައީސް ޢަލީ އާދަމެވެ. ތޮއްޑޫ ކައުންސިލުން ނިލަންދޫއަށް ކުރި މިދަތުރުގައި ނިލަންދޫ ކައުންސިލްގެ ފަރާތުންވަނީ ހޫނު މަރުޙަބާއެއް ދަންނަވައި ރަގަޅު މެހުމާންދާރީއެއް ވެދެއްވާފައެވެ. އެގޮތުން ހަވީރު ސައިފޮދު ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ދެއްވިއިރު ރޭގަނޑުގެ ފަރިއްކޮޅު ދެއްވާފައިވަނީ ނިލަންދޫ ކައުންސިލްގެ ފަރާތުންނެވެ. މިދަތުރު ނިންމަވައި ތޮއްޑޫ ކައުންސިލްގެ ޓީމުން ނިލަންދޫން ފުރާފައިވަނީ 2024 ސެޕްޓެންބަރު 05 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016